އީއާރްއޭގެ އިސްވެރިޔަކަށް އައްޔަންކުރި ހައްސާން މުހައްމަދު
19 އޯގަސްޓް 2025 - 20:54
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އެންމެ އިސްވެރިއަކަށް މިހާތަނަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހައްސާން މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
އީއާރުއޭ އިން މިއަދު ބުނިގޮތުގައި އެ ތަނުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން މިއަދު ވަނީ އައްޔަންކޮށްފަ އެވެ. އެއީ ސިޔާސީ މަގާމެއް ކަމަށް ވާއިރު، އީއާރުއޭ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ހައްސާން އެވެ.
ނަމަވެސް އީޕީއޭގެ ނަން އީއާރުއޭ އަށް ބަދަލުކުރުމާ އެކު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް އޮފީހުން ކުރިން އަންގާފައި ވެ އެވެ. އެކަމަކު، އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން އެންމެ އިސްވެރިޔާއަކީ ހައްސާން ކަމަށް ވެ އެވެ.
ޗީފް އެގްޒެކެޓިވްގެ ދަށުން އެ އިދާރާ ހިންގަވާނީ ސިވިލް ސާވިސް މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ ފުރުސަތު އާންމުކޮށް އިއްޔެ ހުޅުވާލައިފަ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓަރު ކިޔާ މަގާމެއް އުފައްދަން ރައީސް ނިންމެވި އެވެ.
ސީއެސްސީގެ އިއުލާނުގައި ބުނި ގޮތުގައި، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ އެވެ.
ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
އީޕީއޭގެ އެންމެ އިސްމަގާމަކީ ކުރިން ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމެވެ.
ރައީސް އިއުލާންކުރެއްވި ބަދަލާއެކު، ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާގެ ހައިސިއްޔަތު ބަދަލުވެ، މިހާރު އެ އިދާރާ ހިންގަނީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
20 August 2025
ތިމާވެށީގެ ދާއިރާގެ ކިހާ ތަޖުރިބާއެއް ހުރި މީހެއްތޯމީ؟؟ހުރިހާ ސަރުކާރެއް ހިންގީ އީޕީއޭ އޮށްވާ. މިސަރުކާރަށް އެނގެނީ ރަގަޅު ހިންގާ ކަންކަން ގޯސްކުރަން. އެގޮތުން ބެލުމެއް ނެތި ދިުރާސީ އަހަރު ބަދަލު ކުރަން ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮށްޅަށް ބަދަލުކުރަން މިދިޔަ 2 އަހަރުގެ ދިރާސީ އަަހަރި ކުރުގަޅުވާލީމަ ސިލަބަސް ކަވަެއް ނުވޭ ކުދިންގެ ނަތީޖާ ދައްވު 2 ޖެނެރޭޝަނގެ ކިޔެވުން އެހަލާކުވީ. މަޑު މަޑުން 5 އަހަރު ތެރޭ ކުރެވެން އޮތް ކަމެއް.
ލުބްލާ2025
20 August 2025
ކޮބައިތަ މިބޭފުޅާގެ ވަނަވަރު އަދި ހިސްޓްރީ؟
ދާރާސިންގު
20 August 2025
ބުނާނެ ވާހަކައެއްނެތް. ކަނޑައެޅިގެން މިނާޒުކް ތިމާވެއްޓަށް ގެއްލުން ލިބޭނެކަން އެނގޭ ޕްރޮޖެކްޓްތަކުގައި ސޮއިކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ. މިއީ އަހަރެމެންގެ ދަރިންނާ ދަރިންގެ ދަރިން އުޅެންއޮތްތަން.. މިނޫން ދުވަހެެއް އޮތްކަން ދަންނާތި. އެއްވެސް ދިވެއްސަކު އެދުވަހަކުން ތިބާއަށް މައާފެއް ނުކުރާނެ. ހަމަގައިމުވެސް އަހަރެންނެއް މައާފެއް ނުކުރާނަމެވެ.
ރަނގަޅު ބަދަލެއް
20 August 2025
"ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާގެ ހައިސިއްޔަތު ބަދަލުވެ، މިހާރު އެ އިދާރާ ހިންގަނީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ".. މީ ރަނގަޅު ވަހަކައެއްނޫން. އީ.ޕީ.އޭ އަބަދުވެސް ހިނގީ މިނިސްޓްރީ ދަށުގައި. ތިޔަ ބޯޑަކުން އީ.އައި.އޭ ހަދަން ލައިސަންސް ދިނުން ފިޔަވައި އެއްވެސް ކަމަކާ ނުބެހޭނެ. ގަވައިދުވެސް ހަދައިދެނީ މިނިސްޓްރީއިން. ގަވައިދު ތަންފީޒު ކުރަނީ އީޕީއޭ އިން. އެހެންވީމަ މި ގެނައި ބަދަލު ވަރަށް ރަނގަޅު
ފަރަންޖީ
19 August 2025
ތިމާވެށީގެ މިނިސްޓްރީގެ ނަން ނާށިގަނޑު މިނިސްޓްރީއަށް ބަދަލުކޮށް ފޮރިން މިނިސްޓްރީގެ ދަށަށްބަދަލު ކުރަންފެނޭ. އެއީ އެމިނިސްޓްރީން މިހާތަނަށްވެސް ކުރިކަމަކީ ތިމާވެށީގެ "ވިކްޓިމް" ވެގެން ނާށިގަނޑުހިފައިގެން އެހެން ގައުމުތަކުން އެހީ ހޯދަން ދުވުން ކަމަށްވާތީ އެމަސައްކަތާ އެންމެ ގުޅޭނަމެއް ހަމަޖެއްސުމަށްޓަކައި. މިގައުމުގެ ތިމާވެށި ހިމާޔަތް ކުރުމަށް ޕީއާރް ކެމްޕެއިން ހެއްސުބް ފިޔަވައި އެމިނިސްޓްރީއަށް ކުރެވުނުކަމެއް ނެތް.
އިސްމާލި
20 August 2025
ރަނގަޅު ވާހަކައެއް. ދެން އެ ލިބޭ ފައިސާތައް ކޮންސަލްޓަންސީ އަށާ ރާއްޖޭން ބޭރުގައި އޮންނަ ބައްދަލުވުންތަކަށް ބޮޑެތި ފައުޖުތައް ދިއުން އޮންނަނީ. ކޮންސަލްޓަންސީ ނަގާނީ ކޮންމެސް ދޮން މީހެއް ނޫނީ މިނިސްޓްރީ ތެރޭ ހޭކިފައި ހުރި ކޮންމެސް ނުފޫޒު ގަދަ މީހެއް ނޫނީ ކުރިން ކޮންމެސް މިނިސްޓަރު ކަމެއް ކޮއްފައި ހުރި މީހެއް.
ޑިއުޓީ ފްރީ
19 August 2025
އަހަރުމެންނަށް އިނގޭ ކުރިންވެސް ވާން އުޅެނީ ތިހެންކަން... ސިޔާސީ ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭހެން ހީވަނީ...
ޢިބޫ
19 August 2025
މިސަރުކާރުން ކުރި އެެއްވެސްކަމެއް ހަރުދަަނާވެއްޖެބާ؟