އަތޮޅު ކައުންސިލްތަކުގެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި.
އއ. މަތިވެރި ކައުންސިލްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
19 އޯގަސްޓް 2025 - 23:58
ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކުރިން އަދި ރައްޔިތުންގެ މަޖިލިހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލިހުގެ ކުރިއަށް އޮތް ދައުރު ފަށާއިރަށް އެ އިސްލާހު ފޮނުއްވާނެ ކަަމަށެވެ.
އަތޮޅު ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމަނާފައިވާ ބޭކާރު ފަށަލައެއް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ "ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ" ކަމަށެވެ.
"އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނެ ކަަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އަތޮޅު ކައުންސިލްތައް އުވައިލެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ވާތީ އެކަން އޮތީ ކުރާ ގޮތަށެވެ.
އއ. ފެރިދޫގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ.
ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި ސަރުކާރުން ބޭނުންވާ ކަމަކީ ޒިންމާދާރު ކުރުވާ ނިޒާމެއް ގާއިމްކޮށް، ޗެކް އެންޑް ބެލެންސް ވަރުގަދަ ކުރަން ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ބާރު މިނުގައި ކައުންސިލްގެ އަތުގައި ހިފައިގެން މި ސަރުކާރުން ކުރިއަށް ދާނެ ކަމަށެވެ.
"ގުޑް ގަވަނަންސް އެކަނި އެޗީވް ކުރަން ބޭނުންވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަނީ ވަރަށް އިހުލާސްތެރިކަމާ އެކު، ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުން ބާރުވެރި ކުރުވާށެވެ.
"ހަމައެކަނި ޔަގީން ކުރަން ބޭނުންވަނީ ކުރިން މި ދެންނެވިހެން ޗެކް އެންޑް ބެލެންސް، ދެފުށް ފެންނަ ކަން، އެކައުންޓަބިލިޓީ، ކައުންސިލްތަކުން ކުރާ ކަންކަމަށް ޒިންމާދާރު ކުރުވުމާއި މި ކަންކަން. އެ ކަންކަން ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަކެއް ގެންނަނީ،" ކުރިއަށް އޮތް ތަނުގައި ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ސައިޒު ކުޑަކުރުން ވެސް ހިމެނެ އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން މިހާރު ނިންމާފައި ވަނީ 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިއްބަވާ ގޮތަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ގެންގުޅެނީ އެ ރޭޝިއޯ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އަންހެނުން ބާރުވެރި ކުރުވަން އަޅުގަނޑުމެން ކުރާ ކަމެއް. ވަރަށް ގިނަ ޑަބްލިއުޑީސީތަކަށް ދިމާވާ ވަރަށް ގިނަ މައްސަލަ ހައްލު ވާނެ މިކަން ކުރީމާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ސިޓީ ކައުންސިލްތަކަށް ގެންގުޅޭނީ ގާތްގަނޑަކަށް މިހާރު ވެސް އޮތް ނިޒާމު ކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް މި މަހުގެ ކުރީކޮޅު ވެސް އިސްލާހުތައް ގެނެސް މިދިޔަ ހަފުތާގައި ވަނީ އެ އިސްލާހުތަކަށް އަމަލުކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން ހަސީނާ
21 August 2025
އަތޮޅު ކައުންސިލް އެއީ މުހިއްމު އިދާރާއެއް. އަތޮޅު ކައުންސިލް ނެތުން ވާނީ ޕްރިނސިޕަލަކު ނެތި ސްކޫލެއް ހިންގުން ފަދަ ކަމަކަށް. ކޮންމެ ޓީޗަރަކުވެސް އެމީހަކު ބޭނުންވާ ގޮތެއް. ދަރިވަރުން ބާރުވެރިވެ ބޮއްސުންލާނެ.
ވޯލް
21 August 2025
200 ހާ ރަށުގައ މީހުން އަބާދު ވެގެން އެބައުޅޭ. ކޮންމެ ރަށެއްގައި ހުރިހާ ޚިދުމަތެއް ދިނުމަކީ ކުރެވޭނެކަމެއް ނޫން އެކަމަކު ކޮންމެ އަތޮޅެއް ތަރައްޤީ ކުރަން އަތޮޅު ކައުންސިލް މިހިންމުވޭ. އެހެނި އެއަތޮޅެއްގައި ކާއިމުކުރާ ވަސީލަތްތައް ލޮކޭޓް ކުރާނެތެ ރަށްތައް އެންމެ ރަގަޅަށް އެނގޭނީރައްޔިތުން ހޮވާ އަތޮޅު ކައުންސިލްއަށް. މައިސަރުކާރު ކަމަށް ވާންވަނީ އަތޮޅު ކައުންސިލްއާ ގުޅިގެން ޤައުމީ ތަރައްޤީގެ ޕްލޭން ހެދުން. ވައްކަން ކުރަން ސަރުކާރު ކޮންޓްރޯލް ނަގަނީ
އެޑްމުންޑޯ
20 August 2025
ތިއިސްލާހުގައި ހިމެނައްޗޭ ބައެއްމިނިސްޓްރީތަށް އުވާލުމާއި ، ބޭކާރު އެމްބަސީތަށް އުވާލާ މަދުކުރުމާއި ބޭކާރު ސިޔާސީ މުއައްޒަފުން މަގާމުން ވަކިކޮށް މިނިސްޓްރީ ތަކަށް 2 ސްޓޭޓް މިނިސްޓަރުންނާއި 2 ނާއިބުންނަށްވުރެ ގިނައިން ނުލެވޭގޮތަށާއި ޕޮލިޓިކަލް ޑައިރެކްޓަރ ކިޔާ ވަޒީފާ ، 1 އަކަކަށްވުރެ ގިނައިން ނުލެވޭނެކަމަށްވެސް ،
އަލީ07
20 August 2025
އުވާލާފަ ކޮންމެރަށަކައް ބޮޑު ކެމަރާއެއް ހޯދާ ރައީސް އޮފީހުން ބެލޭނެގޮތެއްހަދާ . ބެނުމިއްޔާމު އަތޮޅުވޮޗިން ޑިޕާޓް އެއް އުފައްދާ 2500 ސުޓާފުން އެޑިޕާޓްމެންޓައް މޭޔަރުންގެ ފެންވަރުން އައްޔަންކޮއްލާ . ބަލަބަލާ ތިއްބާ ރައްޔިތުން ބާރުވެރި ވާނެ . މަވާ ސަލާމް
މުހިއްމު
20 August 2025
އަތޮޅު ކައުންސިލުތައް، ރަށު ކައުންސިލުތަކުން ހޮވާލެވޭ މީހުންގެ މައްޗަށް އެކުލަވައިލެވިދާނެ. އަދި ޖަލްސާތައް އޮންލައިނުކޮށް ބޭއްވިދާނެ. ޖަލްސާއަށް ނުވަތަ މެމްބަރަށް އެލަވަންސެއް ކަނޑައެޅިދާނެ. ކޮންމެވެސް އެއްރަށެއްގެ ކައުންސިލު އޮފީހުގައި އަތޮޅު ކައުންސިލަށް ޖާގައެއް ބެހެއްޓުމުން ފުދޭނެ. މިފަންކްޝަނަކީ މުހިއްމުކަމެއް.
ރަށު ރައީސް އަތޮޅު މެންބަރު
20 August 2025
މިހާރު އޮންނަނީ ތިޔަ ގޮތަށް
އޮލީ
20 August 2025
މިނިސްޓްރީތައް އުވާލަންވީ އެއީ ބޭކާރު ހަރަދު ބޮޑު ތަންތަން. މިނިސްޓްރީ ތަކުންވެސް ކުރަނީ ރައީސް އޮފީހުގެ ކަންކަން. ކިތަންމެ ކުޑަ ކަމެއްވެސް އިއުލާން ކޮށްގެން ތާޑްޕާޓީ އަކާ ހަވާލު ކޮށްގެން މިނިސްޓްރީ ތަކުންވެސް ކުރަނީ. ރައީސް އޮފީހުންވެސް އެގޮތައް އެކަން ކުރެވޭނެ. ވީމާ މިނިސްޓްރީ ތަކަކީ ބޭކާރު ތަންތަން. އެކަން ކުރަން ކުޑަ ޑިޕާޓްމެންޓެއް ހުރުމުން ފުދޭނެ.
ރައޫފްް
20 August 2025
އުވާލާ އުވާލާ. މިހާރުން މިހާރަށް އުވާލާ
ވިޝާލް އަލީ
20 August 2025
ހުރިހާ އެއްޗެސް ވީ އުވާލަން. އަތޮޅު ކައުންސިލް އެކަންޏެއް ނޫން. ރަށު ކައުންސިލަކުންވެސް ވާ ކަމެއް ހަރާން. އަނބުރާ ކަތީބުން ގެންނަން ވީ. ބޮޑު ކަތީބަކާ ކުޑަ ކަތީބަކާ
މުރާޝިދް
20 August 2025
ރަށު ކައުންސިލުން ލާރި، އަތޮޅު ކައުންސިލުން ލާރި. ކުރާ މަސައްކަތަކީ މަސްވެރިކަން ދިއުން، ކޮފީ ބުއިން، ހަމަ މިހާރުން މިހާރަށް އުވާލަންވީ
ޓިނު
20 August 2025
ހެޔޮނިޔަތުގައި ތިކަންކުރާނަމަ ރައްޔިތުންގެ މަޖުލިސްވެސް އަތޮޅަކުން 2 މެމްބަރުންނަށް ކުޑަކުރާނެ