ރައީސް މުއިއްޒު މި ހަފުތާގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މާޅޮހުގެ ކައުންސިލާ އިއްޔެ ބައްދަލުކުރައްވަނީ: ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ކޮންމެ މާއްދާއަކުން ރައްޔިތުން ބާރުވެރި ވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
15 އޯގަސްޓް 2025 - 06:59
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލް ރައީސް މި ތަސްދީގު ކުރެއްވިއިރު، އެ ބިލް ތަސްދީގު ނުކުރައްވަން އެމްޑީޕީ އަދި 60 އަށް ވުރެ ގިނަ ކައުންސިލްތަކުން އެދި ބަޔާން ނެރެފައި ވެ އެވެ.
ނަމަވެސް މި ހަފުތާގައި ބ. އަތޮށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ރޭ ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރައްޔިތުން އިތުރަށް މުއްސަނދިވެ، ބާރުވެރި ވާނީ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް. ބައެއް ބޭފުޅުން ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ ލާމަރުކަޒީ ނިޒާމަށް މި ގެންނަ އިސްލާހުތައް އެބަ ލޭބަލް ކުރޭ އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެ އިސްލާހުތަކުގެ ކޮންމެ މާއްދާއެއް ވަކިވަކިން ވިދާޅުވެ، އެ މަނިކުފާނު ވިދާޅުވީ އެ އިން ކޮންމެ އިސްލާހަކުން ބާރުވެރިވެ، މުއްސަނދިކަން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.
ގާނޫނަށް މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން ނަމަ ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ވުރެ ދަށުގެ ވިޔަފާރި ނުކުރެވޭނެ އެވެ. އަދި ރޭ ތަސްދީގު ކުރެއްވި ބިލްގެ މާއްދާއާ ތައާރަޒުވާ ނަމަ އެ މާއްދާ އަށް ނުވަތަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ރަށްރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ގެނައި އިސްލާހެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ހިންގައިގެން ލިބޭ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމް ކުރުމެވެ.
ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭ އިސްލާހެއް ވެސް މި ބިލްގައި ވެ އެވެ. އެ ކަމަކު އެ ހުއްދަ ނަގަން ޖެހޭނީ ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރު ގުނަން ފަށާ ހިސާބުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް މުއިއްޒު ދަރަވަންދޫގައި އިއްޔެ ރޭ ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.
މި އިސްލާހުތަކާ ގުޅިގެން ހދ. ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކުގެ ބިލް ތަސްދީގުކުރާ ވަގުތުން ފެށިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު 3.9 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށެވެ. އެއީ އަސާސީ ބޭނުންތަކަށް އެ ސިޓީން ދޫކޮށްފައިވާ ތަންތަނުން ކައުންސިލަށް ކުލި ނެގުނެއް ހުއްޓާލުމުންނެވެ.
ރައީސް ވިދާޅުވީ، އަސާސީ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނެގުން ހުއްޓާލުމުން ހިދުމަތްތަކުގެ އަގު ހެޔޮވެ، އޭގެ ފައިދާ ވެސް ލިބޭނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަޒަންބެ
17 August 2025
މިހާރު ކައުންސިލްތަކުން ދަތުރު ނުކުރަންވީ. ދަތުރު ކުރަންވީ ހަމައެކަނި ދައުލަތުގެ ބޮޑުން. ކައުންސިލްތަކުން ކުރަން ހުރި ކަންކަން ހުއްޓުވާލީމަ ބޮޑުން ދަތުރުތައް ކުރަން ލައްކަ ފައިސާ އޮންނާނެ. ބަލާތި ދެން ދެފައި އެއްތާކު ނުޖަހައި މުޅި ދުނިޔޭގައި ލޫދޭތަން. މިހިރީ ވާ ބޭކަލެއް.
އމވއޑ
15 August 2025
އަހަރެމެން މިތިބީ ބަލަން، ރަށްރަށުގަ ކަރަންޓު ކުޑަވޭތޯ؟ އިންތިޚާބު ދުވަސްވަރު ކިޔާނެ އެއްޗިސް ފިސާރި ގިނަ
ކޮންފަޅިއެއް؟
15 August 2025
ރައީސް ތިކިޔަނީ ކޮން ރައްޔިތުންގެ ފަޅިއެކޭތަ؟ ހީވާ ކަހަލަ މަނިކުފާނާއި ހިޔާލު ތަފާތުވާ އެއްމެނަކީ އެހެން ޤައުމެއްގެ ބަޔެއްހެން. ނިކަން ސާފުކޮށް މިކަން ތިލަކޮށްލަދީބަލަ. މަދެނަހުރިގޮތުން މިތާގައިއުޅެނީ ހުސް ދިވެހިން. ދިވެހިންނަކީ އެއްބައެއްވަންތަ ބައެއް، ފަޅިފަޅިއެއް މިތާކުނޯވޭ، މަނިކުފާނު ތިޔައުޅެނީ ފަޅިފަޅިކޮށްގެން މިޤައުމު ހިންގަވަންތޯ. ދާހިލީ ހަމަނުޖެހުން އޮންނަ ތަނަކަށް ބަދަލުކުރަންތޯ ތިޔަ އަތުކުރި އޮޅާލަނީ. ނޫސްވެރިން ސާފުކޮށްދީބަލަ
ގުދުގުދާބެއްޔާ
15 August 2025
އެޓޯލްސް އެޑްމިނިސްޓްރޭޝަން ހަދާ ނިމިއްޖެ!
ށަލި
15 August 2025
ކައުންސިލްތަކުގެ ވައްކަން އެހެން ގޮތަކަށް ބައްޓަންވާނެ. ވަގުތީ ހައްލެއް.
ބިންދާސް
15 August 2025
ލޯކަލް ކައުންސިލް ކުންފުނިތަކުން 10 މިލިއަން ރުފިޔާއަށްވުރެ ކުޑަ ވިޔަފާރިކުރުން ހުއްޓުޥާއިރު ދައުލަތުގެ 100 % ހިއްސާވާ ބޮޑެތި ކުންފުނިތަކުން ކަންމަތީ ފިހާރައާއި ކިއްލި ވިއްކުން ހުއްދަވާންޖެހޭ ސަބަބަކީ ކޮބައިތޯ،
ރުސްދާން
15 August 2025
މި ކައުންސިލް ތަކުން ކުރަމުން ދިޔަ ވައްކަން ހުއްޓުވަން ފާސްކުރި ބިލެއް އެހެންވީމާ މިކަމަށް ކައުންސިލަރުން ދެކޮޅު ވާނެ، އެމީހުން ކުރަމުން ދިޔަ ވައްކަން ހުއްޓާނެތީ އެމީހުން ރުޅިއަންނާނެ
ސިރާޖު ސިރޭ
15 August 2025
އެއްވެސް ހައްދެއް އުސޫލެއްނެތި ކައުންސިލް ތަކުން ދިޔައީ ބޭކާރު ހަރަދުތައް ކުރަމުން މި ބިލުގެ ސަބަބުން ކައުންސިލްތައް ޒިއްމާދާރު ވާނެ.
ލާމަސީލު
15 August 2025
ބެންކޮކާއި ފިލިޕިންސަށް ތަޖުރިބާ ހޯދަންށޭ ކިޔާފަ ނާޗަރަންގީ ކުޅެން ތިކަހަލަ ބައެއް ކައުންސިލް ތަކުގެ ލާރިގަނޑު ތަޅާބުރުވާލުމުގެ ސަބަބުން ދިމާވާ ކަންކަން. މިލިއަނުން ބެންކޮކަށް ތަޅާނުލާ ފަގީރު ނިކަމެތި މީހެއްގެ ގެދޮރު އަޅައިދިންނަމަވެސް ކިހާރަނގަޅު.
ޖައްސާށޭ
15 August 2025
މީ ސަރުކާރުން ވަރަށް ރަނގަޅަށް ކުރި ކަމެއް އަދި މާލޭގައި ސަރުކާރުގެ އޮފީސް ތައް އަމިއްލަ މީސްމީހުންގެ ގެދޮރު ބޮޑު އަގުގައި ކުއްޔަށް ނަގައިގެން އޮފީސް ތައް ނުހިންގޭނެ ކަމަށް ވެސް ގާނޫނަކުން ކަނޑައަޅާށޭ އަދި ރާއްޖެތެރެއަށް ކުރާ ޚަރަދު އަނބުރާ ނުލިބޭ ރަށްތަކަށް އެޚަރަދު ނުކުރާށޭ 200 ރަށުގައި މީހުން ނުބައިތިއްބާ އެއަދަދު 10 އަށް ތިރިކުރާށޭ މާލެ ސަރަހައްދުން މަހަކު 10 ހާސް ފްލެޓް ރާއްޖެތެރޭ މީހުންނަށް ކުޑަ ކުއަޔަކަށް ދޭށޭ ރާއްޖެތެރެ ފަޅުކުރާށޭ