މީޑިއާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްއެމްސީން ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެމްސީ
20 އޯގަސްޓް 2025 - 23:54
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ވާތީ، ހިޔާލު ހޯދުމުގެ ބަދަލުގައި އެ ބިލު ބަލައިނުގަނެ ބޭރުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ގޮވާލައިފި އެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލްގެ މެމްބަރުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ބިލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ބިލާ ގުޅިގެން މެމްބަރުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
"މުޅި ކައުންސިލުގެ ރޫހު ވެސް ހުރީ މި ބިލާ ދެކޮޅަށެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެމްއެމްސީގެ ބަޔާނުގައި ބުނީ އެ ކައުންސިލްގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ބިލު މިހާރު ފަރުމާކޮށްފައި އޮތީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭގޮތަށް ކަމަށެވެ.
އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭނެ ގިނަ މާއްދާތަކެއް ހިމަނާފައި ހުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބިލު އޮތީ އެމްއެމްސީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އޭގެ ސަބަބުން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، އަދި ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅޭނެ ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ އެ ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި އެ ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް އެއީ ރިއާޔަތްކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2025 ވަނަ އަހަރުގެ 08 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގެ ތެރެއިން pic.twitter.com/bgAKYzPia9
— Maldives Media Council (@mmc_mv) August 20, 2025
އެމްއެމްސީގެ 14 މެންބަރުން ބައިވެރިވަޑައިގެންނެވި އެ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައެއް މުހިންމު ނިންމުންތައް ނިންމާފައިވެ އެވެ. އެއީ؛
• އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާ ވެސް މަޝްވަރާ ނުކޮށް މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުން.
• އެ ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުން. އެ ވޯކިން ގުރޫޕުގައި ތިއްބަވާނީ ކައުންސިލްގެ މެމްބަރުން ކަމަށްވާ ހައްވާ ވަޖުދާ އާއި ފާތިމަތު ނަހުދާ ފާއިޒާއި ނަޖާހް މަސްއޫދާއި މުހައްމަދު މުޒައްޔިނު ނާޒިމާއި ލީވާން އަލީ ނާސިރު އަދި ފާތިމަތު ޝަނާ މުހައްމަދު.
• އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުން.
• އެ ބިލު ބަލައިނުގަތުމަށް ޕީޖީ ގުރޫޕްތަކަށް ލިޔުމުން އެންގުން.
އެމްއެމްސީން ބުނީ ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ގާއިމުކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ނެގެހެއްޓުމަށް އެ ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެ ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ވެސް ބުންޏެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަތްމަކުނު
21 August 2025
ތިޔަ ނޫސްވެރިންނޭ ކިޔައިގެން އުޅުނު މީހުން ޔުމްނު ކޭސް އެމީހަކު ބޭނުން ގޮތަކައް އެނބުރިތަން އަހަރެމެން ދުށީމު.
ޑރ ބުރާންޗޯ
21 August 2025
ނޫސްވެރިކަމުގެ ޒަމާން މާޒީވެ ގޮއްސި. މިއީ ސޯސަލް މީޑީޔާގެ އަދި އޭއައިގެ ޒަމާން ހުރިހާ މައުލޫމާތެއްގެ ހަގީގަތް އިނގިލި ކުރިން ލިބޭ ޒަމާން.
ފަންތޯ
21 August 2025
ތިޔަ ނޫސް ވެރިން ޗުއްޕުވެސް ބުނެނުލި. މިގައުމުން ބައެއް ގެއްލިގެން ދިޔައިރުވެސް.
ގޯބީ
21 August 2025
މިގައުމުގަ ނޫސްވެރިން އުޅޭތަނެއް ނުފެނެ. ނޫސްވެރިންގެ މާސްކުއަޅައިގެން މިއުޅެނީ ކޮންމެވެސް ޕާޓީއެއްގެ އެކްޓިވިސްޓެއް. ބުހުތާނު ދޮގުފެތުރުމާއި . ތިމާގެ ޕާޓީ ނުރަނގަޅު ކަމެއް ކޮއްފިނަމަ އެކަން ރަނގާލު ކަމެއްގެ ގޮތުގަ ދެއްކުމާ . މުޅިންވެސް ރައްޔިތު މީހާ ވާ ވެއްދުމުގަ.
ދޮހޮއްތުބެ
21 August 2025
ނޫސްވެރިން ކަންބޮޑުވެގެން ތިއުޅޭ ކަންތައްތައް އަހރެމެން ރައްޔިތުންނާ ހިއްސާކޮއްބަލަ. އެކަން ނުކުރެވިގެން ތިައުޅެނީ ކީއްވެ.
ހަސަންފުޅުބެ
21 August 2025
"ބިލުގައި ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ހިއްސާކުރުމަށް" ހިއްސާ ކުރާރަށް ވިދާޅުވާނެ ތިބޭފުޅުންގެ ހުރިހާ ކަންބޮޑުވުމެއް ހައްލުކޮށް ދޭނަން. ބިލް ފާސްވެގެން އަންނާ ނީ ދިމާ އިނދިކޮޅަށް
ލަޠީ
21 August 2025
އަސްލު މީޑީއާ ކައުންސިލުން މީޑީއާގެ ކަންކަން ރަނގަޅަށް ބަލަހައްޓާ މޮނީޓަރ ކުރަމުންދާނަމަ ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކުރާ ނޭންގާނި އެތައް ކަމެއް ހުއްޓުވުނީހެވެ. އަދި ޙަޤީޤީ ނޫސްވެރިން ނޫސްވެރިކަން ކުރާތަން ފެނިގެން ދާނެއެވެ. އެހެނަސް މީޑިއާ ކައުންސިލް ތަމްސީލު ކުރާ ގިނަ މީހުންނަކީ ހުސް އަނގައެއް އޮވެ އެ ދޭ އެލަވަންސްގެ ބޭނުމުގައި އުޅޭ ބައެކެވެ. މިހާރު މީޑިއާ ކައުންސިލް އުވާލާތީ ވާ ކަންބޮޑުވުމެއް ނޫން ކަމެއް އެމީހުންގެ ނޯންނާނެއެވެ.
އުވާލާ
21 August 2025
އަތޮޅު ކައުންސިލްތައް އުވާލާއިރު މި ކައުންސިލް އުވާލާ. ބޭކާރު ކައުންސިލެއް. މިހާތަނަށް އަބުރު ކަތިލި އެކަކަށްވެސް އިންސާފު ހޯދައިދޭން އުޅުނު ތަނެއް ނޫން. ރައްޔިތުން ހިމާޔަތް ނުކޮށްދޭ ތަންތަން ބެހެއްޓުމުގެ ބޭނުމެއް ނެތް.