މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 އޯގަސްޓް 2025 - 10:20
މީޑިއާ ކޮމިޝަނެއް އުފެއްދުމަށް މަޖިލީހަށް ހުށަހަޅެޅި ބިލް އޮތީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅި، ނޫސްވެރިންނަށް ނުރައްކާވާ ގޮތަށް ކަމަށް މޯލްޑިވިއަން މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
އެމްއެމްސީން ބުނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ ބިލުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެ ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.
އެމްއެމްސީ އިން ބުނި ގޮތައި އެ ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅެ އެވެ.
ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށް ބަޔާނުގައި ވެ އެވެ.
"މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ އެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްސީން ބުނީ، ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފަށް އޮތް މި ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ކޮމިޝަނުގެ ބިލުގައިވާ ގޮތުން ކޮމިޝަނުން މީޑިއާއަކަށް އިސްލާހުކުރަން އަންގާ ކަމެއް އިސްލާހު ނުކޮށްފި ނަމަ 5،000ރ. އާއި 25،000ރ. އިން އެ މީޑިއާއެއް ޖޫރިމަނާ ކުރުމުގެ ބާރު އެބަ އޮތެވެ. އަދި ސުލޫކީ މައްސަލަތަކުގައި މީޑިއާތައް 5،000ރ. އާއި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެބަ އޮތެވެ.
ހަތް މެންބަރުން ހިމެނޭ އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވަނީ ރައީސެވެ. އަދި ބާކީ ހަތަރު މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓުންނެވެ. ކޮމިޝަނުގައި ގިނަ މެންބަރުން މީޑިއާތަކުން ނެގި ނަމަވެސް، އެކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު ވެސް އޮތީ ރައީސަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލީބުލް އަސްމަރު
19 August 2025
ރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރާ ބައެއް ނޫސްތައް ހުއްޓަސް، އެފަދަ އެއްވެސް ޓީވީ ސްޓޭޝަނެއް ނެތެވެ. ހުރީ ސިޔާސީ ޕާޓީތަކުގެ މައުތުޕީސްތަކެވެ. ޕީއެސްއެމްއިން ފަތުރަނީ އޭރަކު އޮންނަ ސަރުކާރެއްގެ ޕްރޮފެގެންޑާއެވެ. ގާނޫނަކަށް ބަދަލެއް ގެނެސްގެންވެސް މިކަން ހައްލުވާން އެބަޖެހެއެވެ. ކަންކަމުގެ ދެފަޅި ގެނެސްދީ އެކެއްގެ ރައުޔާއެކު އަނެކާގެ ރައުޔު އަދި ނިއުޓްރަލްމީހެއްގެ ރައުޔު ގެނެސްދިނުމަކީ ޕްރޮފެޝަނަލް ކޮށް، ސީއެންއެން އަލްޖަޒީރާ ފަދަ އިންނެވެ.
މުލޭ
19 August 2025
ނޫސްވެރިކަމަކީ ކޮބާ. ހިތުހުރިހާ އެއްޗެއް ލިޔެ ވީޑިއޯއާއި ފޮޓޯ ފެތުރުމާއި މާތްﷲ ޙުރުމަތްތެރިކުރެއްވި އިންސާނާގެ އަބުރަަށް އަރައިގަތުމާއި ތޯތޯ ވާހަކައިގެ މައްޗަށް ބިނާކޮަށް އެއްވެސް އަސްްލެއްނެތް ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފެެެތުރުމާއި ހީވާހާ އެއްޗަކީ ޙަގީގަތެއްކަމަށް ހަދަައިގެން ލިޔުމަކީ ނޫސްވެރިކަން ކަމުގައި ދެކޭ މީހުންނަށް މި ބިލަކީ ބިރުވެރި އެއްޗަކަށް ވާނެ. ދޮގު ވިއްކާ މީހުންގެ ވިޔަފާރި ވެސް ދަށް ވާނެ.
އަންދަލޫސިޔާ
19 August 2025
ޕޮލިޓިކަލް މަޤާމެއް ދިނީމައި ޘަނާ ކިޔަސް، މިބިލް މިހެން ފާސްކުރުމުން އަސާސީ މިނިވަންކަން ވެރިމީހާ ޙަވާލުކުރެވުނީ. ދެން އަނިޔާވެރިކަން އިތުރުވާނެ. މިވަގުތު ތިބޭފުޅާ ސަރުކާރުގަ ހުއްޓަސް، 2028 ގަ ތިބޭފުޅާ މިކަމާ ދެކޮޅަށް ނުކުންނާނެ!
ނަލަ
19 August 2025
ތަޅެއް އަޅުވައިގެން ނަމަވެސް، އަދަގޮނޑިއެއްގައި ޖަހައިގެން ނަމަވެސް ބައެއް ނޫސްވެރިން ތެދެއް ދޮގެއް ނުބަލައި އަބުރުކަތިލަން ލިޔާ ލިޔުންތައް އަދި މުޖުތަމައު ފަސާދަކުރަން ލިޔާ ލިޔުންތައް ލިޔުން ހުއްޓުވަންވެއްޖެ،
އަހުމޭ
19 August 2025
އުފާވެރި ހަބަރެެއް. ދެން ހިތުހުރި އެއްޗެއް ނުލިޔެވޭނެ. މީހުންގެ އަބުރު ކަތި ނުލެވޭނެ
ތަޅު
19 August 2025
ކޮބައިތަ ނޫސްވެރިކަމަކީ؟ ދޮގާއި ފިތުނަ ފަތުރާ، މީހުންގެ އަބުރާ އިއްޒަތް ކަތިލުންތަ؟ މިއީތަ ތިބުނާ މަރުވާނެ ކަންކަމަކީ؟ މިނިވަންކަމޭ ޑިމޮކްރަސީއޭ ކިޔައިގެން އޭގެ ނިވަލަށްވަދެ ތިބެވެސް ނުކުރެވޭނެ ހަތްއުޑުމަތިން ބާވައިލެއްވި އިލާހީ އަމުރަކާ ހިލާފުކަމެއް. ދޮގާ ފަސާދަޔާ، އަބުރަށް އަރައިގަތުންފަދަ ބޮޑެތި ހަރާމް ކަންކަން ނޯމަލައިޒްކުރަން ވަކާލާތުކުރާނެ ކަމެއް ނެތް ކޮންމެހެނެއް.
މުހައްމަދު ސަނީހް
19 August 2025
މީ އެމްޑީޕީއިން ކުރާ ކަމެއް. އެމީހުން ސަރުކާރާ ޖައްސަން ކުރުވާ ކަމެއް. އަސްލު މިސަރުކާރުން ނޫޅޭ ނޫސްވެރިކަން ހަނިކުރަން
ތިހާމް ހުސައިން
19 August 2025
ނޫން ނޫން. ތީ ކަނޑައެޅިގެން ދޮގެއް
އިސްމާލި
19 August 2025
އޮފީހެއްގައި ރަނގަޅު ބޮސް އަކަށް ވަނީ ވީހާވެސް މަސައްކަތް ދެން ތިބޭ މީހުނަށް ޑެލެގޭޓް ކުރުމުން. ގައުމެއްގައި ރަނގަޅު ވެރިއަކަށް ވަނީ ކުދިކުދި ކަންކަން ނިންމުމުގެ ބާރު އެކި ފަރާތްތަކަށް ދިނުން. މިއާ އިދިކޮޅަށް ރައީސް އޮފީހުގެ ވަށާފާރުގައި ލާ ކުލަޔައް ދަންދެން ނިންމަން ވެއްޖެ ނަމަ އެއީ ހުދުމުހުތާރު ކަމުގެ ސިމްޕްޓަމް ތަކެއް.
އަފްރާސިޔާބު
19 August 2025
މީޑިޔާ ކައުންސިލުން އެހެން ބުނިއްޔާ އެކައުންސިލަށް އެހެންނުބުނެވޭ ގޮތަށް މީޑިއާ ކައުންސިލުގެ ގާނޫނު ބަދަލުކޮށްލާ. ކޮންފުއްޕުމެއް ފުއްޕާކަށް.
ކިހާދޫޝާފީ
19 August 2025
ނޫސްވެރިން ހައްޔަރުކޮށް އެމީހުން ސައިޒުކުރަންޖެހޭ