މާލޭގެ މަސް މާރުކޭޓް: އެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަން ސިޓީ ކައުންސިލުން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 އޯގަސްޓް 2025 - 12:22
މާލޭ މަސް މާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ތަންތަނުގެ ތެރެއިން، ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން އެ އިއުލާނުގައި ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފި ނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެެވެ. ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު އެ ތަނެއްގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި އެ ތަކެތި ނައްތާލާނެ ކަމަށް ވެސް ބުންޏެވެ.
މަސް މާރުކޭޓުގައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަން ސިޓީ ކައުންސިލުން ނިންމިއިރު، އެ މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެފައިވެ އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު، އެ މަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރެވެ. ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެކު އެވެ.
ފުރަތަމަ ކޮންޓްރެކްޓުގައި މާ ބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށާއި އޭގައި ސޮއިކޮށްފައި ވަނީ ކައުންސިލުގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ކަމަށް ވިޔަސް ފަހުގެ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށް ކަމަށެވެ. އެކަމަކު ދެވަނަ އެއްބަސްވުން ހަދަން ޖެހުނީ ކީއްވެކަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
22 August 2025
ލޯކަލް މާރުކޭޓް ގޮޅިތަކުގައި ބޭރުމީހުން ތިބޭ ތިބުން ނުހުއްޓުވޭއިރުގަ ތިޔަކަމެއްވެސް ދެމެހެއްޓެނިވި ގޮތެއްގައެއް ނުހިންގޭނެއެވެ!
މުސާފިރުހާން
21 August 2025
ބަންގްލާދޭސް މީހުން ދިވެހިންނަށް ޗަންދާދީގެން ހިންގާ ބަނގުލާދޭސް މީހުންގެ ކަންމަތީ ފިހާރަތަކާހެދި ދިވެހި ކުދިވިޔަފާރިވެރިން ފުނޑެނީ. އެމިޙުން ހުއްޓުވަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހޭ. ވިޔފާރިއެއް ނުކުރެވޭނެ މިތާ އުޅޭ ބަންގލާ މީހުންނަކަށް. ތިންހަތަރު ފިހާރައާއި ކެފޭ ގެންގުޅޭ ބަނގްލާ މީހުން އެބައުޅެ ދިވެއްސެއްގެ މައްޗަށް ރަޖިސްޓްރީކޮށްލައިގެން އެމީހައަށް މަހަކު 5000ރ ދީގެން.
ކޮރަލް
21 August 2025
ރަނގަޅޫ ވާހަކަ އެއް ފެންނަން އެންމެ ދިވެއްސަކު ނަމަ ވެސް ނުހުންނަ ނަމަ ވިަޔފާރި ތައް ބަންދު ކުރަން ވީ އެވެ. ނޫނީ އަދަބެއް ދޭން ވީ އެވެ.
ރަދީފްއޮފިޝަލް / ދަށުން
21 August 2025
"ފުރަތަމަ ކޮންޓްރެކްޓުގައި މާ ބޮޑު މައްސަލަތަކެއް ނެތް ނަމަވެސް" ތަރުޖަމާ: ފުރަތަމަ ކޮންޓްރެކްޓުން ދަށުން ދަމާ،ކުޅެވޭކަމަށް.ނަމަވެސް ދެވަނަ ކޮންޓްްރެކްޓުން އެއްޗެއް ލިބެން ނެތޭ.)ވ.ވެދުން
ކޮރަލް
21 August 2025
ތިޔަ ހޮޓާ ހިންގަން އެހެން ބަޔަކަށް ނުލިބެ އެވެ.
މިއުނިކް
21 August 2025
ބަލަ މިތިބަ މޭޔަރުންނާއި ވެރިންނޭ! ގޮޑީގައި ތިއްބާ ކިތައް ދުވަހުތޯ އެތަނުން މަސްތުވާތަކެތި ބޮއެ ވިއްކާ އެނަގަނީ! އެވަރު ބަލާނުލެވޭ ބަޔަކަށް ސިޓީކައުންސިލް ހިންގޭނެތޯ! މަސްމާރުކޭޓު މަތީގައި ހުރި ހުސް ގޮޅިތަކަކީ ޑްރަގް ސަޕްލައިކުރާ ތަންތަން.
ހޮޓްކިންގ
21 August 2025
ކޮންމެ ކޮންޓްރެޗްޓަކާއެކު ވަރުގަދަ އެފަރާތަކަށް ލާރިގަނޑެއް ލިބޭނެ ޑީލެއްހަދާފަ ވާނެކަމަށް ބެލޭ. އަދި އެވެސް ޑޮލަރުން.
ރަގަޅު ކަމެއް
21 August 2025
އަނެއްކަ މިވެރިންގެ ޖީބައް . ބޮޑިކުރާނެ ބޮޑިވަރެއް ލިބުނީ.
މރ.ކާޕެޓް
21 August 2025
ދެވަނަ ކޮންޓްރެކް ހެދި ދުވަސްވަރު ބުނި އިރު ފުރަތަމަ ކޮންޓްރެކްޓް ހަދާފަ އޮތް ތާރީޚެއް ނުބުނީ ކީއްވެގެންނޯ؟؟؟؟؟