ސްކޭމްގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހާ.
24 އޯގަސްޓް 2025 - 21:05
ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ ޕޯސްޓުތައް ޖަހައި، ތަފާތު އެކި ސްކޭމް ހިންގައި، މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ މީދޫ ފުނޯސް، އަބްދުﷲ މިލްހާނެވެ.
ފުލުހުން މިއަދު ބުނީ އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މީދޫއިން ކަމަށެވެ.
އެ އޮޕަރޭޝަނަކީ، އެކި ދުވަސް މަތިން ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، އެ މީހާއަކީ ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ، އެކި ދުވަސްމަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ.
އެގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް، އެ މީހުންނަށް ވެސް ފައިދާއެއް ދީ، އެ ސްކޭމްތަކުގައި ބައިވެރި ކުރުވާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ތިން މައްސަލައެއްގައި 16،000ރ. މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. އެހެންވެ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެދެދެ
25 August 2025
ދެން ދޫކޮށްލާ.
ާއައްކި
25 August 2025
ހާދަ ވަރުގަދަ ނަމެކޭ. ނަމުން ވެސް ހީވަނީ ފެޝަންޑިޒައިނަރ ބްރޭންޑް އަކާ
މީސަން
25 August 2025
މި ސޮރުގެ ބައްޕަ ނިޔާވީ މިމަހުގެ ކުރީ ކޮޅުގައި. އެކަނި ވެރިކޮށް އުޅެނީ. އާއިލާ މީހުން ބާކީ ކޮށްލީމާ މަގު ގެއްލިފަ.
ޚަމޯދު
25 August 2025
މި ކުއްޖާ އަކީ ވެސް މައިންބަފައިން ވަރަށް ލޯބިން ބޮޑު ކުރި ކުއްޖެ.ކިޔަވަން މާލެ އައި ހިސާބުން މަގު ކައްސާލީ.
މުޖާ
24 August 2025
ތި ކަލޯއަކީ ތި ކަލޯގެ މަންމަ އަށް ވެސް ހުރި ބޮޑު ނުފޮރުއްޕާނެކެވެ. މީހުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން އެވަރަށް ފައިސާ ފޭރެމުންދާއިރު އަދި ވިހެއި މަންމައަށް ބިރު ދައްކައިގެން އެ މަންމަ ބުރަ މަސައްކަތްކޮށްފަ ހޯދާ ރުފިޔާކޮޅު ވެސް ދިރުވާލަނީ ތި ސޮރެވެ. މަންމަ އަށް ވެސް ނޯވޭ ނުދީ ސަލާމަތްވާނެ އެއް ގޮތެއް ވެސް. ނުދިނިއްޔާ ގޮވާ އައުގުރާނައިން ލޯ ހުޅުވޭވަރެއް ނުވާނެ އެ މަގުން ހިނގާ ބަޔަކަށް ވެސް. ދެރަ ކަމަކީ ދެންވެސް ތި ކަލޭގެ ދޫކޮށްލާނީ.
މިންނެތް
24 August 2025
ފޭސްބުކް މާކެޓްޕްލޭސްގައި ޖަހާ ޕޯސްޓް ސައްހަކަން ބަލަނީ ކޮންމިންގަޑަކުންތޯ،
ސަތޭ
25 August 2025
ހެއްދެވި ފަރާތުން ދެއްވާފަ އިން ބުއްދި ބޭނުންކޮށްގެން. ތަންދޮރު ނޭގެންޏާ ތަންދޮރު ބަލައި ދަސްކޮށްގެން
ވާންޗޯ
25 August 2025
މިހާރު ކުޔަތް ހިފަން ދާއިރު ފޮޓޯ ނެގުންވެސް ބައެއް ތަންތާގަ މަނާ، މިކަލަ މީހުންނާ ހެދި