އެކި މީހުންގެ އަތުން ކޭޝްކާޑު ކުއްޔަށް ނެގުމަށްފަހު އަދި ސްކޭމްކޮށްގެން ފައިސާ ހޯދުމަށްފަހު އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނަގާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގއ. ގެމަނަފުށީ، ރަންކޮކާގޭ ނަދީފް މުހައްމަދު އެވެ. އުމުރުން 36 އަހަރުގެ އެމީހާ ހައްޔަރުކުރީ ވަނީ މީހެއްގެ ބޭންކް އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގަ އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ކަސްޓަމަރަކަށް ވެގެން، ވިޔަފާރިކުރާ މީހަކަށް ގުޅުމަށްފަހު އޭނާގެ އޯޓީޕީ ހޯދި ފަހުން އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ މަދުވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި 29،600 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700ރ. އޭޓީއެމް މެދުވެރިކޮށް އޭނާ ވަނީ ނަގައިފަ އެވެ.
ފުލުހުން ބުނީ އޭގެ އިތުރަށް 4،900 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ވެސް އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ އެކި މީހުންގެ އަތުން ކޭޝްކާޑު ކުއްޔަށް ހޯދުމަށްފަހު ސްކޭމްތަކުގެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގާ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ދިން މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.