ދުނިޔެ

އިންޑިއާ މީހަކު ބުނަނީ ރޭޕްކޮށް މަރާފައިވާ އެތައް ބަޔަކު އޭނާގެ އަތުން ވަޅުލާފައި ވެއްޖެ ކަމަށް

ރޭޕްކޮށް މަރާފައިވާ އެތައް ސަތޭކަ އަންހެނުންނެއް ވަޅުލި ކަމަށް ބުނާ މީހާ (ކަޅު ހެދުމުގައި، މޫނު ނިވާކޮށްފައި) ފުލުހުންނާ އެކު ކޯޓަށް ގެންދަނީ.

25 އޯގަސްޓް 2025 - 06:29

2 comments

އިންޑިއާގެ ހިންދޫންގެ ދީނީ އަވަށެއްގައި، ރޭޕްކުރުމަށްފަހު މަރާފައިވާ އެތައް ސަތޭކަ އަންހެނުންނެއް ވަޅުލަން މަޖުބޫރުކުރި ކަމަށް ބުނި މީހަކު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގައި ދީނީ ކަންކަމަށް ހާއްސަ، ކުޑަ އަވަށެއް ކަމަށްވާ ދަރުމަސްތަލާގައި ވަނީ މި މީހާގެ ވާހަކަތަކާ އެކު ނުތަނަވަސްކަން އުފެދިފަ އެވެ.

އެތައް ސަތޭކަ އަހަރެއްވީ ފައްޅިއެއް ހުންނަ މި އަވަށަކީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ހިންދޫންގެ ދީނީ އަޅުކަންތަކަށް ގޮސް އުޅޭ އަވަށެކެވެ.

އެ ފައްޅީގެ ވެރިންނާއި މުވައްޒަފުންގެ ޖިންސީ ޝިކާރައަށްވާ ޒުވާން އަންހެނުންނާއި ކުދިންގެ ހަށިތައް ވަޅުލި ކަމަށް ބުނާ ވާހަކަ ބެލުމަށް ސަރުކާރުން ވަނީ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް (އެސްއައިޓީ) އެއް އުފައްދައިފަ އެވެ. އެ ޓީމްގެ އޮފިޝަލަކު ވަނީ، މި ބޮޑު ތުހުމަތުކުރި މީހާ ހައްޔަރުކުރިކަން ބީބީސީއަށް ކަށަވަރުކޮށްދީފަ އެވެ.

މި ވާހަަކަތައް ފެންމަތިވީ މިދިޔަ ޖުލައި މަހު، މެދުއުމުރުގެ މީހަކު ޕޮލިހަށް ހުށަހެޅި މައްސަލައާ އެކުގަ އެވެ. އެ މައްސަލަ ހުށަހަޅައި އެކަމާ ގުޅޭ ގޮތުން ބަޔާން ދިނުމަށް ކޯޓަށް ހާޒިރުވެ އޭނާ ވަނީ ފައްޅީގެ މީހުން ބިރު ދައްކައިގެން އޭނާ ލައްވާ އެތައް އަންހެނުންނެއްގެ ހަށިތައް ވަޅުލާފައިވާ ކަމަށެވެ. މި ވާހަކަ ދެއްކި މީހާ އަކީ ކާކުކަން ސިއްރުކޮށްފައި ވާއިރު އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ވެސް ކާކުކަން ނޭނގޭ ގޮތަށް، ހުސް ކަޅު ހެދުން ލައްވައި މޫނުގައި މާސްކެއް ވެސް އަޅުވައިގެންނެވެ.

އެ މީހާ ޕޮލިހަށް ހުށަހެޅި މައްސަލައިގެ ލިޔުންތަކާ ހަވާލާދީ ބީބީސީން ބުނެފައިވަނީ އޭނާ އަކީ 1995 އިން 2014 އަށް ފައްޅީގައި ސާފުކުރާ މީހަކަށް އުޅުނު މީހެއް ކަމަށެވެ. މި މުއްދަތުގައި، ރޭޕްކޮށް މަރާފައިވާ އެތައް އަންހެނުންނެއް ވަޅުލާފައިވާނެ ކަމަށް ބުނެ އޭނާ ވަނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތަފްސީލުތައް ވެސް ދީފަ އެވެ. އޭނާ ބުނީ ވަރަށް އަނިޔާވެރިކޮށް ރޭޕްކޮށް މަރާފައިވާ މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އޭނާ ބުނީ 2014 ގެ ފަހުން އޭނާ އުޅެނީ ފިލައިގެން ކަމަށާއި މިހާރު އެ ވާހަކަތައް ކިޔައިދޭން ބޭނުންވަނީ އެ ކަންކަމުގެ ސަބަބުން ލިބެމުންދާ ނަފްސާނީ އުނދަގުލަށް ލުޔެއް ހޯދަން ކަމަށެވެ.

މީހުން ރޭޕްކޮށް މެރުމުގެ ތުހުމަތު ވަކި މީހަކަށް ނުކޮށް އޭނާ ބުނެފައިވަނީ އެއީ ފައްޅީގެ އިސް މީހުންނާއި މުވައްޒަފުން ކަމަށެވެ.

މި މީހާ ކޯޓަށް ގެންދިއުމުން ވަނީ އޭނާގެ ދަބަހުން މީހެއްގެ ބޮލުގެ ނާށިގަނޑު ނަގައި ހެއްކެއްގެ ގޮތުގައި ހުށަހަަޅައިފަ އެވެ. އެއީ ރޭޕްކޮށް މަރާލި މީހަކު ވަޅުލާފައިވާ ތަނެއް ކޮނެ ނަގައިގެން ގެންދިޔަ ނާށިގަނޑެއް ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ނަމަވެސް އެސްޓީއައިގެ އޮފިޝަލް ވިދާޅުވީ އޭނާގެ އެ ވާހަކަ ދިމާނުވާ ކަމަށެވެ.

"އެ ނާށިގަނޑާއި ކަށިތަކަކީ އޭނާ އެ ބުނާ ހަށިތައް ވަޅުލި ކަމަށް ބުނާ ތަނަކުން ނަގައިގެން ގެނެސްފައިވާ އެއްޗެއް ނޫން،" އެސްއައިޓީގެ އޮފިޝަލް ވިދާޅުވި އެވެ.

ފާއިތުވި ހަފުތާތަކުގައި އެ ޓީމުން ދަނީ ދަރުމަސްތަލާ އާއި ވަށައިގެންވާ ތަންތަން ކޮނެ، އެ މީހާގެ ވާހަކަތަކުގެ ހަގީގަތް ހޯދަން މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ފާހަގަކުރީ 13 ތަނެއް ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަނަކީ ބޯކޮށް ގަސް ހެދިފައިވާ، ވަންނަން އުނދަގޫ އަދި ވިހަ ހަރުފަތައް އުޅޭ ކަމަށް ބުނާ ތަންތަން ކަމަށްވެ އެވެ.

އެކަމަކު ޓީމުގެ ބައެއް އޮފިޝަލުން ބީބީސީއަށް ކަށަވަރުކޮށްދިން ގޮތުގައި ދެ ތަނަކުން ވަނީ އިންސާނުންގެ ހަށިގަނޑުގެ އެކި ބައިތައް ފެނިފަ އެވެ. އޭގެ ތެރޭގައި ބޮލުގެ ނާށިގަނޑަކާއި 100 އަށް ވުރެ ގިނަ ކަށި ހިމެނެ އެވެ.

ފައްޅީގެ މީހުން ބުނަމުންދަނީ އެ މީހާ ދައްކާ ވާހަކަ ހަގީގަތަކަށް ވާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އެކަމަކު ބޭނުންވަނީ ފުރިހަމަ ތަހުގީގެއްކޮށް، ހަގީގަތް ހާމަވާން ކަމަށެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 71%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޓް މެގް

25 August 2025

ހިންދޫން ވެސް ވަޅުލަނީތަ؟ ނޫނީ އަންދަނީތަ؟؟

The name is already taken The name is available. Register?

ގަމާރު ނަންބަރު 2

25 August 2025

އޭ ނަޓް ބްރޯ. ރޭޕްކޮށްފަ މަރާފަ ދެން ރަސްމިއްޔާތު ބާއްވާފަ އަންދާނީކީނޫން. ކޮންމެވެސް ގޮތަކުން ފޮރުވާނީ. އެއްމެ އާއްމު އެއްގޮތަކީ ވަޅުލުން، ނުވަތަ ކޯރަކަށް ނުވަތަ ކަނޑަށް ދޫކޮށްލުން. ސީއައިޑީ ބަލާ މީހަކަށް މިވަރު އެނގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454