ވިޔަފާރި / ރިޕޯޓް

ސިންގަޕޫރާއި ދުބާއީގެ ތަޖުރިބާއިން ދިވެހި އިގުތިސާދު ޑައިވާސިފައި ކުރެވޭނެ މަގެއް؟

ސިންގަޕޫރުގައި އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ ސަރަަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް

ޕްރޮޕަޓީ ނުވަތަ ގެދޮރާއި މުދާ މިލްކުކުރުމުގެ އޮނިގަނޑަކީ ރިއަލް އެސްޓޭޓު މާކެޓުތަކާއި ބޭރުގެ އިންވެސްޓުމެންޓުތައް ގެނައުމާއި އިގުތިސާދީ ތަރައްގީ އަށް މުހިއްމު އޮނިގަނޑެކެވެ. މިފަދަ އޮނިގަނޑުތަކުގެ ތެރެއިން ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ތަރައްގީ އަށް ބޭނުންކުރި އެއް ސިޔާސަތަކީ ނުވަތަ އޮނިގަނޑަކީ "ފްރީ ހޯލްޑް" އުސޫލުން ބިމާއި ޕްރޮޕަޓީ މިލްކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ހަރުދަނާ ގާނޫނީ ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓު ބާޒާރުން މަންފާ ހޯދޭނެ އޮނިގަނޑެވެ.

ފްރީ ހޯލްޑް ކަމުގައި ކިޔަނީ އިމާރާތާއި އެ އިމާރާތް ހުންނަ ބިން ދާއިމަށް މިލްކުވުމެވެ. އެއީ ވަކި މުއްދަތެއް ނުވަތަ މުހުލަތެއް ނެތް ގޮތަށެވެ. އޭގެ ސަބަބުން އެ ޕްރޮޕަޓީގެ މިލްކުވެރިކަން އޮންނަ ފަރާތަށް އެ ތަން ކުއްޔަަށް ދިނުމާއި އެހެން ފަރާތަކަށް ވިއްކައިލުމާ ބަދަލުކުރުމުގެ ހައްގު ލިބެ އެވެ. އެހެންކަމުން މިއީ ގިނަ ފަހަރަށް "ލީސް ހޯލްޑް" ނުވަތަ ކަނޑައެޅޭ ވަކި މުއްދަތަކަށް އިންވެސްޓަރެއްގެ އަތުގައި މުދަލެއް އޮންނަ ގޮތަށް ހިންގާ މުދަލުގެ މުއާމަލާތަށް ވުރެ އިންވެސްޓަރުންނަށް ޝައުގުވެރި، ފައިދާ ބޮޑު ނިޒާމެކެވެ.

މި ފަހުގެ ތާރީހުގައި އެންމެ ކާމިޔާބުކަމާ އެކު، ފްރީހޯލްޑް އުސޫލެއް ތަންފީޒުކޮށް، އެ އުސޫލުގެ މަންފާ ލިބުނު ދެ ގައުމުގެ ގޮތުގައި ސިންގަޕޫރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި އެމިރޭޓްސްގެ ދުބާއީ އަށް ވާނެ އެވެ. ކާމިޔާބުކަމާ އެކު، ފްރީ ހޯލްޑް ޕޮލިސީ ތަންފީޒު ކުރެވުމުގެ ސަބަބުން އެ ސިޔާސަތު ވެފައި ވަނީ އެ ދެ ގައުމުގެ އިގުތިސާދު ފުޅާވެ، ބޭރުން އިންވެސްޓުމެންޓު ގެނައުމަށް މަގުކޮށައިދީ، އިސްތިރާޖީ ގޮތެއްގައި ގައުމުގެ އިގުތިސާދު ތަރައްގީ ކުރުމަށް މަގުކޮށައިދިން ސިޔާސަތެއް ކަމުގައެވެ.

ސިންގަޕޫރު:

މިއީ 718 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮންނަ ހަ މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. ބިމަކީ ސިންގަޕޫރުގައި ތަދު އަދި މަދު ވަސީލަތެކެވެ. ނަމަވެސް ސިންގަޕޫރުގެ އިގުތިސާދު އިސްތިރާޖީ ގޮތެއްގައި ބައްޓަން ކުރުމުގައި ބިމާ ބެހޭ ސިޔާސަތުގެ ދައުރު ބޮޑެވެ. އެގޮތުން 2024 ވަނަ އަހަރު އެ ގައުމުގެ ގައުމީ އުފެއްދުންތެރިކަމުގެ 12 ޕަސެންޓަކީ ސީދާ ރިއަލް އެސްޓޭޓްގެ ދާއިރާގެ ހިއްސާ އެވެ.

ސިންގަޕޫރުގެ އާބާދީގެ 40 ޕަސެންޓު މީހުންނަކީ އެ ގައުމުގެ ރައްޔިތުންނެއް ނޫނެވެ. އޭގެ ތެރެއިން 23 ޕަސެންޓު މީހުންނަކީ ސިންގަޕޫރުގެ ދާއިމީ ރަށްވެހިންނެވެ. ރަށްވެހިކަން ނުވަތަ ރެޒިޑެންސީ އަށް މަގުފަހިވާ އެއްގޮތަކީ ޕްރޮޕަޓީއެއް ގަތުމަށް ވަކި ވަރަކަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އިންވެސްޓު ކުރުމެވެ. އެ ގައުމުގެ ރައްޔިތުންނާއި ރަށްވެހިން ހިމެނޭ ގޮތަށް އާބާދީގެ 90.8 ޕަސެންޓު މީހުންނަކީ އަމިއްލަ ގެދޮރު ލިބިފައިވާ މީހުންނެވެ.

އިގުތިސާދުގެ ބޮޑުމިނަށް ބަލާއިރު 561.9 ބިލިއަން ޑޮލަރުގެ ޖީޑީޕީއެއް އޮތް ސިންގަޕޫރުގެ ޖީޑީޕީގެ ތެރެއިން 69.1 ބިލިއަން އެމެރިކާ ޑޮލަރު ހިއްސާ ކުރަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ.

ސިންގަޕޫރުގައި ފްރީ ހޯލްޑް ސިޔާސަތު ހިންގަން ފެށީ 1973 ވަނަ އަހަރު އެވެ. އެއިރު ރަށްވެހިންނަށް ޕްރޮޕަޓީ ގަނެވޭ ގޮތަށް ތައާރަފުކުރި ނަމަވެސް ބޭރުގެ ކުންފުނިތަކާއި ފަރުދުންނަށް ޕްރޮޕަޓީ ގަނެ ވިއްކެނީ ވަރަށް ބޮޑެތި ހިފަހެއްޓުންތަކެއްގެ ތެރެއިންނެވެ.

ސިންގަޕޫރުގެ ފްރީ ހޯލްޑް މޮޑެލް ބިނާކޮށްފައިވަނީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވެގެން ނޫނީ ސިންގަޕޫރުން ޕްރޮޕަޓީ މިލްކު ނުކުރެވޭ ގޮތަށެވެ. ނަމަވެސް ސިންގަޕޫރުގައި ޕްރޮޕަޓީ މިލްކު ކުރުމާއި އެ ގައުމުގައި އިންވެސްޓުކުރުމާ ސީދާ ގުޅުވާފައި ނޯވެ އެވެ. އެކަމަކު، އިންވެސްޓުކުރުމާއި އެ ގައުމުގެ ދާއިމީ ރަށްވެހިކަން ލިބުމާ އޮންނަނީ ލާމެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިންގަޕޫރުން ލިބޭ އިގުތިސާދީ ފުރުސަތުތަކާއި، ރަށްވެހިކަމާ އެކު ރިއަލް އެސްޓޭޓު މާކެޓުން ލިބޭ ފުރުސަތުތަކާ ގުޅިގެން ގިނަ ބަޔަކު އެ ގައުމުގައި އިންވެސްޓު ކުރެ އެވެ.

ސިންގަޕޫރުގެ ރަށްވެހިކަމަށް ޝަރުތު ފުރިހަމަވާ ގޮތްތަކަށް ބަލާއިރު، އެ ގައުމުގައި އައު ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިނގަމުން އަންނަ ވިޔަފާރިއެއް ފުޅާކުރުމަށް 10 މިލިއަން ޑޮލަރު އިންވެސްޓުކުރުން ނުވަތަ އެ ގައުމުގެ ކުންފުނިތަކަށް އިންވެސްޓުކުރުމަށް ފަންޑަކަށް 25 މިލިއަން ޑޮލަރު ހާއްސަ ކުރުން ނުވަތަ މަދުވެގެން 200 މިލިއަން ޑޮލަރުގެ ފެމިލީ އޮފީހެއް ސިންގަޕޫރުގައި ހުޅުވައި އެ އިން 50 މިލިއަން ޑޮލަރު ސިންގަޕޫރަށް ޓްރާންސްފާ ކުރުމަކީ ރަށްވެހިކަމަށް ޝަރުތު ފުރިހަމަވާނެ ކަމެކެވެ.

މި ދެންނެވި ގޮތަށް ރަށްވެހިކަމަށް ވާސިލުވެވުމުން ސިންގަޕޫރުން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ލިބެ އެވެ. އެ ހާލަތުގައި ވެސް "ބަޔާސް ސްޓޭމްޕް ޑިއުޓީ" ގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ނިސްބަތް ކުޑަވެ އެވެ. މިސާލަކަށް ސިންގަޕޫރުގައި ރަށްވެހިކަން ނެތް މީހަކު ގަންނަ ކޮންމެ ޕްރޮޕަޓީގެ "ބަޔާސް އެޑިޝަނަލް ސްޓޭމްޕު" ގެ ގޮތުގައި ތަނުގެ އަގުގެ 60 ޕަސެންޓު ދައްކަން ޖެހޭނެ އެވެ. ރަށްވެހިކަން ލިބިފައިވާ މީހަކު ނަމަ ފުރަތަމަ ގަންނަ ޕްރޮޕަޓީގެ އަގުން އެއްވެސް މިންވަރެއް "އެޑިޝަނަލް ބަޔާސް ސްޓޭމްޕް" ގެ ގޮތުގައި ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ގަންނަ ތަނެއްގެ އަގުގެ ފުރަތަމަ 180،000 ޑޮލަރުން އެއް ޕަސެންޓު އަދި ދެވަނަ 180،000 ޑޮލަރުން ދެ ޕަސެންޓު ދައްކަން ޖެހެ އެވެ. އެގޮތަށް އަގު އަދާކުރުމުގައި ހަދާ ކޮންމެ ޕޭމަންޓަކުން ދައްކަންޖެހޭ ވަކި ނިސްބަތްތަކެއް ހުންނަނީ ކަނޑައަޅައިފަ އެވެ.

އެ އަށް ފަހު މިގޮތަށް ގަންނަ ޕްރޮޕަޓީ މިލްކުވެރިވާ ފަރާތުން އެ ތަން ވިއްކައިލާ ކޮންމެ ފަހަރަކު "ސެލާސް ސްޓޭމްޕް ޑިއުޓީ" ގެ ގޮތުގައި ވަކި ނިސްބަތެއް ދޭން ޖެހޭނެ އެވެ. އެގޮތުން އެއް އަހަރު ތެރޭ ޕްރޮޕަޓީ ވިއްކާ ނަމަ އަގުގެ 12 ޕަސެންޓު އަދި ދެ އަރު ތެރޭ ވިއްކާ ނަމަ އަގުގެ 8 ޕަސެންޓު އަދި ތިން އަހަރު ތެރޭ ވިއްކާ ނަމަ އަގުގެ ހަތަރު ޕަސެންޓު ސަރުކާރަށް ދައްކަންޖެހެ އެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް އަކީ އެ ގައުމުގައި އެންމެ ގިނައިން ޓޫރިސްޓުން އުޅޭ ސަރަހައްދު.

ސިންގަޕޫރުގައި ފްރީ ހޯލްޑް ޕޮލިސީ ތަންފީޒު ކުރަނީ ފަސް އަހަރުން ފަސް އަހަރުން މުރާޖައާކޮށް އަލަށް އެކުލަވައިލާ މާސްޓާ ޕްލޭނަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ބޭނުން ކުރާނެ ގޮތް ކަނޑައަޅައިގެންނެވެ. މި ޕްލޭނުގެ ދަށުން ފްރީ ހޯލްޑުގެ ގޮތުގައި ބިން ވިއްކާނެ ސަރަހައްދުތައް ނުވަތަ ފްރީ ހޯލްޑް ޒޯނުތައް ކަނޑައެޅެ އެވެ. އެ އަށް ފަހު، އެ ތަންތަން ތަރައްގީކުރާ ފަރާތްތަކަށް އެ ތަންތަން ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ތަރައްގީކޮށް ބޭނުންކުރަން ދޫކުރެވެ އެވެ.

މިސާލަކަށް ބަލާއިރު 2010 ވަނަ އަހަރު 5.6 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކޮށްގެން ތަރައްގީކުރި މެރީނާ ބޭ ސޭންޑް ބައި ލަސް ވެގާސް ސޭންޑް ކޯ ފާހަގަކުރެވެ އެވެ. ޖުމުލަ 616،000 އަކަ ފޫޓުގެ އެ ސަރަހައްދުގައި ވިއްކައިލެވޭ ޕްރޮޕަޓީތައް ތަރައްގީ ކޮށްފައިވާއިރު، އެ ޕްރޮޕަޓީތަކުގެ ތެރެއިން މެރިނާ ބޭ ސުއިޓްސްގެ ޕްރޮޕަޓީއެއްގެ އެވެރެޖު އަގަކީ އަކަފޫޓަކަށް 18،392 ޑޮލަރެވެ. ހަމައެކަނި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ތަނުން 16.6 މިލިއަން ޑޮލަރުގެ ސޭލްސް ހަދާފައިވެ އެވެ.

އެ ތަނުގައި ހުންނަ މެރީނާ ވަން ރެޒިޑެންސަސްގެ ޕްރޮޕަޓީއެއްގެ އެވެރެޖު އަގަކީ އަކަފޫޓަކަށް 16،389 ޑޮލަރެވެ. އެ ތަނުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 23.6 މިލިއަން ޑޮލަރުގެ ސޭލްސް ހަދާފައިވެ އެވެ.

ސިންގަޕޫރުން ލިބޭ މައިގަނޑު ފިލާވަޅުތައް:

● ފްރީ ހޯލްޑު އުސޫލުން ޕްރޮޕަޓީ މިލްކު ކުރެވުމަކީ އިންވެސްޓަރުން އެ ގައުމެއްގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ކަމެއް ކަމެވެ.

● އެ ސިޔާސަތު ހިންގުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުމާ އެކު، ރަނގަޅު އިދާރީ އިންތިޒާމުތަކެއް ތަރުތީބު ކުރެވިފައި އޮތުމުގެ ބޭނުންތެރިކަމެވެ.

● ފްރީ ހޯލްޑް އުސޫލު ތަންފީޒުކުރަން ފެށުމުން ރިއަލް އެސްޓޭޓް ދާއިރާއިން އިގުތިސާދަށް ހިއްސާކުރާ މިންވަރު އިތުރުވެ، ދާއިމަށް އެ ދާއިރާ އިން ސަރުކާރަށް އާމްދަނީ ލިބޭނެ މަގުތައް ފަހިވާނެ ކަމެވެ.

ދުބާއީ:

ބޭރު ފަރާތްތަކަށް ފްރީ ހޯލްޑް އުސޫލުން ބިން މިލްކު ކުރެވޭ ގޮތަށް ދުބާއީގެ ސިޔާސަތު އަނބުރައިލީ 2002 ވަނަ އަހަރު އެވެ. މިގޮތަށް ސިޔާސަތު ބަދަލުކުރި މައިގަނޑު އެއް ސަބަބަކީ ދުބާއީގެ ރިއަލް އެސްޓޭޓު ދާއިރާ ފުޅާކުރުމުގައި ލީސް ހޯލްޑް އުސޫލުން ޕްރޮޕަޓީ ދޫކުރާ ސިޔާސަތުގެ ސަބަބުން ކުރިމަތިވި ހުރަސްތަކެވެ. ތެލަށް އެކަނި ބަރޯސާވުން ކުޑަކޮށް އެކި ދާއިރާތަކަށް ބޭރުގެ އިންވެސްޓުމެންޓު ގެނެސް އިގުތިސާދު ޑައިވާސިފައި ކުރަން ދުބާ އިން ފެށި މަސައްކަތުގައި ފްރީ ހޯލްޑް ސިޔާސަތުވީ އެޅި މުހިއްމު ފިޔަވަޅަކަށެވެ.

އެގޮތުން ދުބާއީގައި ފްރީ ހޯލްޑް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކުން ޕްރޮޕަޓީ މިލްކުކޮށް އެ ތަންތަން ވިއްކައި، ކުއްޔަށް ދިނުމުގެ ބާރު ބޭރު މީހުންނަށާއި ކުންފުނިތަކަށް ހުޅުވައިލި އެވެ. އެއީ ޕާމް ޖުމެއިރާ، ދުބާއީ މެރީނާ އަދި ޑައުންޓަން ދުބާއީ ފަދަ ސަރަހައްދުތަކެވެ. މިއަދު އެ ސަރަހައްދުތަކަކީ ރިއަލް އެސްޓޭޓު ހަބުތަކެކެވެ. އެ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކެޕިޓަލް ނުވަތަ ރައުސުލް މާލު ދުބާއީ އަށް ވަނެވެ.

ދުބާއީގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 2023 ވަނަ އަހަރު 117 ބިލިއަން ޑޮލަރަށް އެރިއިރު އެއިން 8 ޕަސެންޓަކީ ރިއަލް އެސްޓޭޓު ދާއިރާގެ ހިއްސާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދުބާއީގެ ރިއަލް އެސްޓޭޓު ދާއިރާ ވަނީ ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 25 ޕަސެންޓު ބޮޑުވެފަ އެވެ. އެ މުއްދަތުގައި އެ ގައުމުގައި ހިނގި ރިއަލް އެސްޓޭޓު މުއާމަލާތްތަކުގެ 52 ޕަސެންޓު ނުވަތަ 62 ބިލިއަން ޑޮލަރުގެ މުއާމަލާތަކީ ބޭރު އިންވެސްޓަރުން ހިންގި މުއާމަލާތްތަކެވެ.

އެ މުއާމަލާތްތަކުގެ ތެރެއިން ދުބާއީ ސަރުކާރަށް ފުރަތަމަ ކުއާޓާގައި ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ދުބާއީގައި 2006 ވަނަ އަހަރު ވުޖޫދުކުރި ޕްރޮޕަޓީ އޯނާޝިޕްގެ ގާނޫނާ އެކު، ހާއްސަ ސަރަހައްދުތަކެއް ފްރީ ހޯލްޑް ޒޯންތަކުގެ ގޮތުގައި ތައާރަފުކުރި އެވެ. ދެހާސް އެގާރަ ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު އިތުރު ސަރަހައްދުތައް އެ ގާނޫނުގެ ދަށުން ފްރީ ހޯލްޑް ސަރަހައްދުގެ ގޮތުގައި ހަމަޖެއްސި އެވެ. މި އަހަރުގެ ޖެނުއަރީ މަހު ދުބާއީގެ ލޭންޑް ޑިޕާޓުމެންޓުން ވަނީ ޝައިހު ޒާއިދު ރޯޑާއި އަލްޖައްދަފް ސަރަހައްދަކީ ފްރީ ހޯލްޑް ސަރަހައްދުތައް ކަމުގައި ހަމަޖައްސައިފަ އެވެ.

ސިންގަޕޫރެކޭ އެއްފަދައިން ދުބާއީގައި ވެސް ފްރީ ހޯލްޑް ސިޔާސަތު ހިންގަނީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ. ނަމަވެސް ދުބާއީން ޕްރޮޕަޓީ ގަތުމާއި ވިއްކުން ސިންގަޕޫރުން ޕްރޮޕަޓީ ގަތުމާއި ވިއްކުމަށް ވުރެ ފަސޭހަ އެވެ. ސިންގަޕޫރާ ހިލާފަށް ރަށްވެހިކަމުގެ ސިޔާސަތަކީ ދުބާއީގެ ރިއަލް އެސްޓޭޓު ސިނާއަތް ތަރައްގީ ކުރުމާ ސީދާ ލާމެހިފައިވާ ސިޔާސަތެއްގެ ގޮތުގައި ބައްޓަން ކޮށްފައިވެ އެވެ.

އެގޮތުން 750،000 ޔޫއޭއީ ދިރުހަމް އިންވެސްޓު ކުރުމުން އިންވެސްޓާ ރަށްވެހިކަން ނުވަތަ ތަސްކީން ލިބެ އެވެ. އެއީ ދެ އަހަރު ދުވަހުގެ ރެޒިޑެންސީއެކެވެ. އޭގެ އިތުރަށް ދެ މިލިއަން ދިރުހަމާ އެއްވަރުގެ އަދަދެއް އިންވެސްޓު ކޮށްފި ނަމަ ގޯލްޑެން ވިސާއެއް ލިބެ އެވެ. އެއީ 10 އަހަރުގެ ރަށްވެހިކަމެކެވެ. އެއް މިލިއަން ދިރުހަމުގެ އަގު ހުރި އެސެޓެއް ގަންނަ މީހުންނަށް ފަސް އަހަރުގެ ރަށްވެހިކަމުގެ ވިސާއެއް ދެ އެވެ. މިއީ ރިޓަޔާ ކޮށްފައި ތިބޭ މީހުންނަށް ހާއްސަކޮށް ތައާރަފު ކޮށްފައިވާ ރަށްވެހިކަމުގެ ޕްރޮގުރާމެކެވެ.

ދުބާއީގައި ފްރީ ހޯލްޑް ސިޔާސަތާ އެކު، ދެން ތައާރަފުކުރި އެންމެ މުހިއްމު އެއް ސިޔާސަތަކީ ހާއްސަ އިގުތިސާދީ ސަރަހައްދުތަކުގެ ސިޔާސަތެވެ. އެގޮތުން ދުބާއީ ފްރީ ޒޯން ކައުންސިލުގެ ބެލުމުގެ ދަށުން ތަރައްގީކުރާ މި ޒޯންތަކުގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓުމެންޓު މިލްކު ކުރެވެ އެވެ. އަދި ކޯޕަރޭޓު ޓެކުހާއި އިމްޕޯޓު ޑިއުޓީން އިސްތިސްނާވެ އެވެ.

އެހެންކަމުން ރާއްޖޭގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން، ސިންގަޕޫރުގައި ކަނޑައަޅާފައިވާ ފަދަ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅައިގެން ފްރީ ހޯލްޑް ޒޯނުތައް ތައާރަފު ނުކުރެވެންވީ ސަބަބެއް ނެތެވެ. ފްރީ ހޯލްޑްކޮށް ޕްރޮޕަޓީއެއް މިލްކުވުމުން އެ ތަން އެ ވަނީ އިންވެސްޓަރުގެ އެސެޓަކަށެވެ. އެ އެސެޓު ބޭނުންކޮށްގެން ފައިސާ ހޯދުމަށް އޭނާ އެ ތަން ކުއްޔަށް ދީ، އަދި ވިއްކައި ހަދާނެ އެވެ.

ދުބާއީގައި ފްރީ ހޯލްޑް ޒޯންތަކުން ޕްރޮޕަޓީ ގަތުމަށް އޮންނަ ޑިމާންޑު އިތުރުވި އެއް ސަބަބަކީ އިންވެސްޓުމެންޓު ފުރުސަތުތަކަށް އޮތް ފަހި މާހައުލެވެ. ނަތީޖާއެއްގެ ގޮތުން ދުބާއީގައި އިންވެސްޓުކުރާ ގިނަ ބަޔަކު ދުބާއީ އިން ޕްރޮޕަޓީ ގަނެ ދުބާއީގެ ރަށްވެހިކަން ހޯދަ އެވެ. އެއީ ވިޔަފާރި ކުރުމަށް ލިބިފައި އޮތް ފަހި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތް ކަމަށް އިންވެސްޓަރުން ގަބޫލުކުރާތީ އެވެ.

ނަތީޖާއެއްގެ ގޮތުން ދުބާއީގެ ޕްރޮޕަޓީތަކަށް އޮންނަ ޑިމާންޑު އިތުރުވެ، ޕްރޮޕަޓީތަކުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. އެޕާޓުމެންޓުތަކުގެ އަގު 51 ޕަސެންޓު އިތުރުވިއިރު، ވިލާތަކުގެ އަގު 68 ޕަސެންޓު އިތުރުވި އެވެ. އެއީ ދުބާއީގައި ބޭރުގެ އިންވެސްޓަރުންނަށް ޕްރޮޕަޓީ މިލްކު ކުރެވޭ ގޮތަށް ހާއްސަ ކޮށްފައިވާ ފްރީ ހޯލްޑް ޒޯންތަކުގަ އެވެ. އެ ތަންތަން އާއްމު ރިއަލް އެސްޓޭޓު މާކެޓާ ވަކިކޮށްފައި އޮތުމުން އަގަށް އައި ބޮޑު ބަދަލު އެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ޕްރޮޕަޓީ ގަންނަ މާކެޓަށް ނާދެ އެވެ.

ދުބާއީގައި ވެސް ފްރީ ހޯލްޑް ޒޯނުތަކުން ޕްރޮޕަޓީ ގަންނައިރު ދައުލަތަށް ފައިސާ ދައްކަންޖެހެ އެވެ. އެ ޕްރޮޕަޓީތައް ވިއްކާ ނަމަ ނުވަތަ ކުއްޔަށް ދޫކުރާ ނަމަ އެފަދަ މުއާމަލާތްތައް ހިންގާއިރު ވެސް ސަރުކާރަށް ފީތަކެއް ދައްކަން ޖެހެ އެވެ. އެހެންކަމުން އެ ޕްރޮޕަޓީއެއް ވިއްކައިލުމުން ފެށިގެން ދެން އެ ޕްރޮޕަޓީއަކާ ގުޅޭ ގޮތުން ހިންގާ ހުރިހާ މުއާމަލާތްތަކުން ސަރުކާރަށް އާމްދަނީއެއް ލިބެމުންދެ އެވެ.

ދުބާއީގެ ޕާމް ޖުމައިރާ ސިޓީ

އިމާރު އަދި ނަޚީލް ފަދަ މާސްޓާ ޑިވެލޮޕަރުން ވަނީ ދުބާއީގެ ފްރީ ހޯލްޑު ޒޯނުތައް ތަރައްގީ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އިމާރުން ތަރައްގީ ކޮށްފައިވާ ދުބާއީ މެރީނާ އާއި ނަޚީލުން ތަރައްގީ ކޮށްފައިވާ ޕާމް ޖުމެއިރާއަކީ މިހާރު އެ ސިޓީގެ ރިއަލް އެސްޓޭޓު ބާޒާރުގެ ނާރެހެވެ. އެ ތަންތަނުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ކުރެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދުބާއީ މެރީނާ އިން 14.9 ބިލިއަން ދިރުހަމުގެ މުއާމަލާތް ކޮށްފައިވެ އެވެ. ޕާމް ޖުމައިރާ އިން 41.5 ބިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވެ އެވެ. މި ސަރަހައްދުތައް ތަރައްގީ ކޮށްފައި ވަނީ ދުބާއީގެ ރިއަލް އެސްޓޭޓު ބާޒާރާއި ޖުމްލަ އިގުތިސާދު ކުރިމަގުގައި ބައްޓަން ކުރަން ސަރުކާރުން ބޭނުންވާ ގޮތަށް ވަރަށް ބޮޑަށް ރިއާޔަތް ކޮށްގެންނެވެ.

ދުބާއީން ލިބޭ މުހިއްމު ފިލާވަޅުތައް:

● އިގުތިސާދު ޑައިވާސިފައި ރިއަލް އެސްޓޭޓު ވިޔަފާރި ފުޅާކުރުން މުހިއްމު ކަމާއި އެ ދާއިރާ ފުޅާކުރެވޭނީ ފްރީ ހޯލްޑް ސިޔާސަތެއް ތައާރަފުކޮށްގެން ކަމެވެ.

● ފްރީ ހޯލްޑް ސިޔާސަތެއް ތައާރަފުކުރާއިރު ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުމުގެ މުހިއްމުކަމާއި އިންވެސްޓަރުންނަށް ފަހި އިގުތިސާދީ މާހައުލެއް އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމެވެ.

● ރަށްވެހިކަން ބޭނުންކޮށްގެން ފްރީ ހޯލްޑް ސިޔާސަތުގެ ދަށުން ހިންގާ ރިއަލް އެސްޓޭޓު މާކެޓަށް އިންވެސްޓަރުން ހޯދުމަށް ފަސޭހަވާ ކަމެވެ.

● ފްރީ ހޯލްޑް ސިޔާސަތުގެ ދަށުން ޕްރޮޕަޓީ ވިއްކަން ޖެހޭނީ ވަކި ސަރަހައްދުތަކަކުން ކަމާއި އެ ސަރަހައްދުތައް ތަރައްގީ ކުރުމުގައި މާސްޓާ ޑިވެލޮޕަރުންގެ ދައުރުގެ މުހިއްމު ކަމެވެ.

ރާއްޖެ އަށް ފްރީ ހޯލްޑު ސިޔާސަތު ގެނެވިދާނެ؟

ރާއްޖެއަކީ ޓޫރިޒަމްގެ އެންމެ މުހިއްމު އެއް މަންޒިލްކަން ޔަގީނެވެ. ރާއްޖޭގައި އިންވެސްޓު ކޮށްފައި ތިބި ކުންފުނިތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިންތަކުން ރާއްޖޭގައި އިންވެސްޓުކޮށްފައި އެބަހުއްޓެވެ. އެހެންކަމުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއަކީ އައު މަންޒިލަކަށް ނުވާނެ އެވެ.

ރާއްޖޭގެ ތަބީއީ ރީތިކަމާއި ގުދުރަތީ ވެއްޓަކީ އެހެން އެއްވެސް ތަނަކުން އެއްވެސް ބަޔަކަށް ލިބެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ބައިނަލްއަގުވާމީ ޓޫރިޒަމްގެ ސިނާއަތުގެ ވަރަށް "ނީޝް މާކެޓެއް" ނުވަތަ ހަނި ބާޒާރެއް ކަމުގައި ލަގްޒަރީ ޓޫރިޒަމަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އިގުތިސާދު ޑައިވާސިފައި ކުރުމަށް ބަލާއިރު ރާއްޖޭގެ މިވެށިން ޕްރޮޕަޓީ މިލްކު ކުރެވޭނެ ގޮތެއް ހުޅުވިއްޖެ ނަމަ އެ ކަމަށް އެންމެ އެކަށޭނެ މަގަކީ ރިއަލް އެސްޓޭޓު ދާއިރާ ކަމުގައި ވާނެ އެވެ.

ސިންގަޕޫރާއި ދުބާއީގެ ތަޖުރިބާ އިން އެނގޭ ކަމަކީ ރިއަލް އެސްޓޭޓު ބާޒާރުގައި އިންވެސްޓުކުރަން ހުޅުވައިލުމަކީ ބޭރު އިންވެސްޓުމެންޓުތައް ގައުމަށް އެތެރެވާ މަގެއް ކަމެވެ. އަދި ފްރީ ހޯލްޑު އުސޫލުން ޕްރޮޕަޓީ މިލްކު ކުރެވުމާ އެކު، ޕްރޮޕަޓީ ގަތުމަށް އިންވެސްޓު ކުރުމުން ރަށްވެހިކަން ލިބުން ނުވަތަ ރަށްވެހިކަން ލިބުމުން ޕްރޮޕަޓީ ގަތުމަށް އިންވެސްޓު ކުރުމުގައި ލުއިތަކެއް ލިބުމަކީ އިންވެސްޓަރުން އިތުރުވާ ކަންކަން ކަމެވެ.

ރާއްޖޭގެ ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ފްރީ ހޯލްޑް އުސޫލުން ޕްރޮޕަޓީ މިލްކު ނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ބޭރު ފަރާތްތަކަށް ހާއްސަކޮށް ހާއްސަ ޒޯންތަކެއް ކަނޑައަޅައިގެން ޕްރޮޕަޓީ ޑިވެލޮޕްކޮށް، ތަރައްގީ ކުރަން އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑައެވެ. ނަމަވެސް ރާއްޖެއަކީ ރަނގަޅު ރިއަލް އެސްޓޭޓު މާކެޓެއް ތަރައްގީ ކުރެވިދާނެ ގައުމެއްކަން އިންވެސްޓަރުން ގަބޫލުކުރެ އެވެ.

އެހެންކަމުން ރާއްޖޭގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން، ސިންގަޕޫރުގައި ކަނޑައަޅާފައިވާ ފަދަ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅައިގެން ފްރީ ހޯލްޑް ޒޯނުތައް ތައާރަފު ނުކުރެވެންވީ ސަބަބެއް ނެތެވެ. ފްރީ ހޯލްޑްކޮށް ޕްރޮޕަޓީއެއް މިލްކުވުމުން އެ ތަން އެ ވަނީ އިންވެސްޓަރުގެ އެސެޓަކަށެވެ. އެ އެސެޓު ބޭނުންކޮށްގެން ފައިސާ ހޯދުމަށް އޭނާ އެ ތަން ކުއްޔަށް ދީ، އަދި ވިއްކައި ހަދާނެ އެވެ. އެ އިން ކޮންމެ މުއާމަލާތަކީ ސަރުކާރަށް އެ އިން އާމްދަނީ މުއާމަލާތްތަކެވެ. ފްރީ ހޯލްޑް ޒޯނުތައް ތަރައްގީ ކުރުމާއި ހަމައިން އެ ތަންތަނުގައި ތަރައްގީ ކުރާ ޕްރޮޕަޓީތައް ގަނެ ވިއްކުމުގެ މުއާމަލާތްތަކާ އެކު، ރާއްޖޭގެ އިގުތިސާދަށް އެތައް ބިލިއަން ޑޮލަރެއްގެ ބޭރު ފައިސާ އެތެރެކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

މިއަދު ރާއްޖޭގެ އިގުތިސާދު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ އިގުތިސާދުގައި ބޭރު ފައިސާ ދައުރުކުރެވޭނެ ގޮތެއް ނެތުމެވެ. ސިންގަޕޫރާއި ދުބާއީގެ ތަޖުރިބާއިން ފެންނަ ހަގީގަތަކީ ފްރީ ހޯލްޑް އުސޫލުން ޕްރޮޕަޓީ ވިއްކޭނެ މަގުފަހި ކުރުމުން ގައުމަށް ބޭރު ފައިސާ އެތެރެވާ ކަމެވެ. އަދި އެތެރެވާ ފައިސާ ގައުމުގެ އިގުތިސާދުގައި ދައުރުކުރާ ކަމެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު މިހާރު ހުރި ދުސްތޫރީ ގާނޫނީ ހުރަސްތައް ނައްތައިލައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ ފްރީ ހޯލްޑް އުސޫލުން ޕްރޮޕަޓީ މިލްކު ކުރެވޭ ނިޒާމެއް ނުވަތަ އޮނިގަނޑެއް ގާއިމުކުރެވިއްޖެ ނަމަ އެ އޮނިގަނޑަކީ ރާއްޖެ އަށް އިންވެސްޓަރުން ގެނެސް، އިގުތިސާދު ޑައިވާސިފައިކޮށް، ބޭރު ފައިސާ ލިބޭ މިންވަރު އިތުރު ކުރުމަށް އެޅޭނެ ފިޔަވަޅަކަށް ވާނެ އެވެ

49 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޭމެން މިކަމަށް ލިއެބަލަ

03 September 2025

ސަރުކާރަށް ދަރަނި ދައްކަން އޮތީ 2 ގޮތެއް. ރާއްޖޭން ވިއްކައިގެން ހޯދާ، ނުވައްދާ 4 ބިލިއަން ޑޮލަރު ވެއްދުން. 2. ރާއްޖެ ވިއްކާލުން. ފުރަަތަމަ ގޮތް ހަދަން އުޅުނު. ދެން ރައްޔިތުން ކައިރީ ވީގޮތް ނުބުނެ މިގައުމު ވިއްކަން އުޅެނީ ކީއްކުރަން އެހާއަވަހަށް ދޫކުރަންވީ ކީއްކުރަން. މިއީ ސަރުކާރުން ރައްޔިތުންނަށް ސާފު މައުލުމާތު ދީ މީޑިއާއަތުގައިވެސް ހިފަން ވީ ވަގުތު. ސިއްރުން ބިރުން އުޅެންވީ ވަގުތެއް ނޫން. މީޑިއާގައި ތަޅު އަޅުވަންވީ ވަގުތެއްވެސް ނޫން.

The name is already taken The name is available. Register?

ޓެސްޓްޒޒ

03 September 2025

ފްރީހޯލްޑް” ކަމަށް ބުނެފައި އެވަނީ، ބިމުގެ (އަދި އެ ބިމުގައި ހުރި އެއްވެސް އިމާރާތެއްގެ) ފުރިހަމަ އަދި ދާއިމީ މިލްކުވެރިކަމެވެ. • ފްރީހޯލްޑެއް އޮތްނަމަ، އެއްވެސް މުއްދަތެއް ނެތި، މުޅިން މުދަލުގެ މިލްކުވެރިކަމުގައި ތިބޭށެވެ. • ވިއްކައި، ވާރުތަވެރިކަމުގެ ތެރެއިން ފޯރުކޮށްދެވޭނެ، ނުވަތަ ތަރައްޤީ ކުރެވިދާނެ (ޤާނޫނުތަކަށް/ގަވާއިދުތަކަށް ރިޢާޔަތްކޮށްގެން) އެވެ.

The name is already taken The name is available. Register?

ކޮސް

02 September 2025

ރާއްޖޭގެ "ގަދަ 30 އަހަރުގެ" ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްވެފައެއްނެތް މިއަދާ ހަމައަށް. މި 30 އަހަރުގެ ސަބަބުން, ނަމުން ޑިމޮކުރަސީ ގެނެވުނަސް , ކަމުން އެކަމެއް ނުފެނޭ. އެހެންވީމަ ނަޞީމް ތިޔަ ހާމަކުރެއްވި ނިޒާމް ދިވެހިންނަކަށް ނުގެނެވޭނެ . ރައްޔިތުންގެ ސިކުނޑިއެއްނެތް ވޯޓުލުންފަދަ ކަންކަމުގަ. ދޮގުހެދުމާއި ހީލަތްތެރި ވިސްނުމުގެ މީހުން ހޮވީމަ ,ސަރުކާރު ދވލނ ރައްޔިތުންނަށް އޮޅުވާލާފަ.

The name is already taken The name is available. Register?

ހަލީމްބާއި

02 September 2025

ރާއްޖެއަކީ ކޮންމެ ފަސް އަހަރަކުން ހުރިހާ ދާއިރާއެއްގެ ސިޔާސަތު ބަދަލުވާ ގައުމެއް. ވެރިން ވިސްނަނީ ނޭފަތުކުރިން (5 އަހަރަށް). މިފަދަ ގައުމެއްގެ އިންވެސްޓްކުރަން ބޭރުގެ ކުުންފުނިތަކުން ޖެހިލުންވޭ. އަނެއްކާ ޒަމާނީ، އެކަށޭނެ ޤަވާއިދުތަކެއް ހެދިފައި ނެތީމާ، މިހާރު ތިބި އިންވެސްޓަރުންވެސް ހަދަނީ ހަމަ ހިތުހުރި އެއްޗެއް. ޑޮލަރުން ވާރޭ ވެހޭ މި ގައުމުގެ ހަފޮޅުން އެތެރެނުވެ، އެ ޑޮލަރުން ބޮޑުބައެއް ގެންދަނީ ރާއްޖެއިން ބޭރުގެ އެކައުންޓްތަކަށް.

The name is already taken The name is available. Register?

އަމިއްތަ

02 September 2025

އިޤްތިޞާދު "ޑައިވާސިފައި" ކުރުމުގެ މާނައަކީ އެއް އިންޑަސްޓްރީއަކަށް މުޅި އިޤްތިޞާދު ބަރޯސާވުމުގެ ބަދަލުގައި ގިނަ އިންޑަސްޓްރީތަކެއް ކުރިއަރުވާ ޕްރޮޑަކްޓްތަކާއި ސާރވިސްތައް ގިނަކުރުން. މި ލިއުމުގައި މިއޮތީ ހަމައެކަނި އެންމެ ކަމެއްގެ ވާހަކަ. ލިއުންތެރިޔާ ފާޅުކޮށްފައިވާ ޚިޔާލު ބަރާބަރު. އެކަމަކު ހެޑިންގ ރަގަޅުކޮށްލަންފެނޭ.

The name is already taken The name is available. Register?

ބޮއުހަލާކު

03 September 2025

ޔައުނީ މަގޭ ހިތް ވިއްކާފައި ލިބޭ ލާރީގައި މަށަށް އުޅެވޭނޭ. ބަލަގަ މަ ދާނީ ކަށްވަރަޅަށް ނު. އެއީ މަގޭ ނިމުން. މަގޭ އަކީ ރާއްޖެ. ދިވެހިރާއްޖެ

The name is already taken The name is available. Register?

ފޭކު

02 September 2025

ސިންގަޕޫރުގެ މައިގަނޑަކީ ކޮރަޕްޝަން ނައްތާލުން. ވެރިކަން ކުރާޕާޓީ މީހާއަށްވެސް ގާނޫނު ހިންގުން. މިރާއްޖޭގަ ނުވާކަމަކީ މީ. އެންމެނަށްވެސް އެގޭ އެކަން

The name is already taken The name is available. Register?

އަބްސި

02 September 2025

މިއުޅެނީ ޔަގީން ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިބައިން ދޭން. ގައުމިއްޔަތޭ ކިޔައިފަ އައި މީހުން ދިވެހިންގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ހެދުން އޯކޭތޯ. އެރުން މި ރާއްޖޭގަ އޮތް 100 ޕަސެންޓް އިސްލާމްކަން ގެއްލިގެން އެ ދިޔައީ ކާފަރުން އައިސް ބިން ގަތީމަ.

The name is already taken The name is available. Register?

އާފް

02 September 2025

ހަރާމްޖާދާއިން ނޭ މިގައުމުގަ ތިބީ ތިބުނާގައުމުތަކުގަތިބީ ގައުމައް ހެޔޮއެދޭ ރައްޔިތުން

The name is already taken The name is available. Register?

ޕިކެޓީ

02 September 2025

ސަރުކާރުން ބަހާނެ ލާރި ހުސްވީމަ ދުރުނުވިސްނާ މިހާރު ބިންކޮޅު ވިއްކާލަން ތައްޔާރުވަނީ… ސިންގަޕޫރު، ދުބާއީ ތަންތަނުގައި ބޭރު ފައިސާވެރިންގެ ސަބަބުން އާނމު ރައްޔިތުންނަށް ބިން ނުގަނެވޭހޭ އަގު ބޮޑު، ދިރިއުޅުމުގެ އެހެން ހަރަދުތައްވެސް އެހާ ބޮޑު.

The name is already taken The name is available. Register?

މިވާގޮތެއްނޭނގޭ

02 September 2025

ދިވެހިންގޮސް މީހުންނާ އިނދެގެންނާ ނީދެ އުމުރުދުވަހު ލަންކާ އިންޑިއާ ނުވަތަ ސިންގަޕޫރު ދުބާއީގަ ވަޒަންބެރިވާން އޯކޭ އެކަމަކު މިގައުމުގަ އެހެންދަިނެއްގެ ބަޔަކު ވަޒަންވެރިވެއްޖިއްޔާ ވަރަށް ގޯސްވީ މިވަނީ ކިހިނެއްތަ؟

The name is already taken The name is available. Register?

ޤައުމޭވާ

03 September 2025

މިވާގޮތަކީ ތިބުނާހެން އުޅޭ ދިވެހިންނެއްނޫން މިތަނުގަ މިއުޅެނީ. އަނެއްކާ އެހެން ޤައުމުތަކުގާ އެބައެއްގެ ޤާނޫނާ ޤަވާއިދު ތަންފީޒު ކުރެވޭ. މިތާނގަ އެހެންތަ؟!! އޮޅުވާލާފަ ތިކުރަން އުޅޭކަންކަމަށް ފާރަވެރި! ޚަބަރުދާރު!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454