ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: މެމްބަރުންގެ މާލީ ބަޔާން އާންމުކުރިއިރު ބައެއް މެމްބަރުންގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ވަނީ ބުނެފައި-- ފޮޓޯ: މަޖިލިސް
03 ސެޕްޓެމްބަރ 2025 - 12:17
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށާއި އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދުން ކަމަށް މަޖިލީހުން އާއްމުކުރި އެ ބޭފުޅުންގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.
މުއްދަތު ހަމަވި އިރު މަޖިލީހުގެ 93 މެމްބަރުންގެ ތެެރެއިން މިހާތަނަށް އާންމުކޮށްފައި ވަނީ ބައެއް މެމްބަރުންގެ މާލީ ބަޔާނެވެ.
Members - People's Majlis of Maldives
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފައިވާ ލިންކް.
އާންމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާން ހުށަހެޅި ދުވަހާ ހަމަޔަށް ބައެއް މެމްބަރުންގެ ސޭވިން އެކައުންޓުގައި ހުރީ މަދު ފައިސާކޮޅެކެވެ. އެއް މެމްބަރެއްގެ އެކައުންޓު މައިނަސް 200 ރުފިޔާ ކަމަށް ބަޔާނުގައި ލިއެފައިވެ އެވެ. ސޭވިން އެކައުންޓުގައި އެންމެ 500 ވަރަކަށް ރުފިޔާ ހުރި މެންބަރުންނާއި ދެތިން ހާސް ރުފިޔާ އާއި މަދު ޑޮލަރުކޮޅެއް ހުރި މެންބަރުން ވެސް ވަރަށް ގިނަ އެވެ.
ވަރަށް ގިނަ ބޭފުޅުންގެ ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑު ދަރަނިތައް ވެސް ހުރި ކަަމަށް މާލީ ބަޔާނުގައިވެ އެވެ.
އެކަމަކު ބައެއް މެމްބަރުންނަށް އެތައް މިލިއަނަކުން ލިބިފައި ވާއިރު އެއީ ހަދިޔާ ކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މާލީ ބަޔާނުގައި ވެސް އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން 958،982ރ. ލިބިވަޑައިގަތް ކަމަށް އެބަ އޮތެވެ. އެއީ ދަތުރުފުޅުތަކާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އެމަނިކުފާނަށް ދެއްވާފައިވާ ފައިސާ ކަމަށް މާލީ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް ވެސް 225،000ރ. ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާއިރު ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ހެޔޮ އެދޭ ފަރާތްތަކުން 43،000 ޑޮލަރާއި (663،000ރ.) އާއި 880،000ރ. ލިބިފައިވާ ކަމަށް އެ ބޭފުޅުންގެ މާލީ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ހުޅުމާލެއިން ލިބިވަޑައިގެންފައިވާ 3.5 މިލިއަން ރުފިޔާގެ ރޯހައުސް އަކީ ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ތަނެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
ހަދިޔާގެ ގޮތުގައި، ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ޖަހާފައި ވިޔަސް، ދެއްވި ފަރާތުގެ ތަފްސީލްތައް އެނގޭނެހެން ހާމަކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދުކޮށް، ގިނަ މެންބަރުން އޭރު ވަނީ އެއީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްދަގެ އާދަނު
04 September 2025
ތިޔަ ލިބޭ ހަދިޔާތަކާ މެދު އާދަނު ވަރަށް ކަންބޮޑުވޭ. ތިޔަ މެމްބަރުންނަކީ އާދަނުމެންގެ ހާދިމުން. އާދަނުމެން ތަމުސީލުކުރަން ތިޔަ ތަނަށް ފޮނުވާފަ ތިބި ބައެއް. އެހެންވީމާ އާދަނުމެންނަށް ނޭނގި އަދި ހިއްސާ ނުކޮށް އަމިއްލައަށް މީސްމީހުން އަތުން ހޯދައި ހަދިޔާ ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ވީމާ، އަވަހަށް ހުރިހާ ހަދިޔާތަކެއް ބަތުލްމާލާ ހަވާލު ކުރުމަށް ހަރުކަށި އިބާރާތުން ގޮވާލަން. ނޫނީ ތިޔަ އެންމެން މަގާމުން ވަކި ކޮށް ޖަލަށްލާ.
ރާއްޖެ
04 September 2025
އަސްލުވެސް
ރާވެރިބެ
04 September 2025
ބައެއް މަޖިލިސް މެމްބަރުން ޚާއްސަކޮށް ވެރިކަންކުރާ ޕާޓީގެ ބައެއް މެމްބަރުންނަށް މުސާރައާއި (ފެންނަން ހުންނަ އާއްމުދަނީ ލިބޭނެ ގޮތް ގޮތުގެ ބޭރުން) "ހަދިޔާ" ގެ ގޮތުގަ މިލިއަނުން ފައިސާ އާއި އަގު ބޮޑު މުދަލާ އަދި ގޯތި ގޯއްޗާ ފްލެޓް ލިބޭ ކަމަށް ބަޔާން ކުރީމަ މީ ނުހައްގު މުއްސަދި ކަމުގަ ބަލަންޖެހޭ. މަޖިލިސް ބޭރުގަ ޕާކުކޮށްފަ އެތިބި އަގުބޮޑު ބްރޭންޑަޑް ކާރުތަކަކީ ކިހިނެތް ގަންނަ އެއްޗެއްކަން ބަލަންޖެޭ. ވޯޓު ބޭނުމިއްޔާ މިކަން މަނާކޮށް އަދަބުދީ.
އޮޑިޓް ކުންފުނިތަކުގެ މައްސަލައެއް
04 September 2025
މީގަ އޮޑިޓް ކޮށްދޭ ކުންފުނިތަކުގެ މައްސަލައެއްވެސް އުޅޭ. އެމީހުނަށް ފިޔަވަޅުއަޅަންޖެހޭ
ލުޓޭރުންގެ ސަރުކާރު
04 September 2025
އެއްވެސް މެމްބަރަކަށް އެއްޗެހިކިޔާނެ ކަމެނެތް ރުޅިވެސް އަންނާނެކަމެނެތް ރައްޔިތުން..މާދަން ވޯޓެއް ހޯދަންއަޔަސް ފައިސާއަށް ހަދިޔާއަށް މަގާމަކަށް ވޯޓުދޭމީހުން ތިބޭނެ..ރައްޔިތުން އިސްލާހުނުވެ ވެރިން އިސްލާހެއް ނުކުރެވޭނެ...ރިޝްވަތާ ކޮރަޕްޝަނާ ދެކޮޅުކަމަށް ގިނަބަޔަކުބުނަނީ އެކަމަކު ކޮއްމެގޮތަކަށް ހޯދާފަދިނަސް ފައިސާއަށް ނޫނެކޭބުނަން ބޭނުމެވޭ އެކަކުވެސް..ވަގަށްވެސް ގޮވާނެ އެކަމަކު ވަގުންކަން އެގިތިބެ އެނީހުންގާތުން ކަންކަމަށްއެދެނީ ރައްޔިތުން
ގެދޮރޭ
04 September 2025
ދުނިޔެ އުޅެ މުސްކުޅިވީ މިހާރު މި. ތިޔަކަހަލަ "ހެޔޮ އެދޭ" ފަރާތަކާ ދިމާއެއް ނުވި. ކުޑަމިނުން ކަންމަތީ ހޮޓަލުން ސައިފޮދަކަށް ދައުވަތު ދޭ ވަރުގެ މީހަކާވެސް ދިމާއެއް ނުވި. މި ވާ ގޮތް ރައްޔިތުންނަށް އެނގޭނެ.
އަޖައިބެއްފަހެ ނުވާނެތަ
04 September 2025
އެހެން ޤަޢުމެއްގަނަމަ ހަދިޔާ ލިބުނު މީހުން ފުރަތަމަ ހައްޔަރުކޮށްފަ ތަހުޤީޤުވެސް ފަށާނީ... ބޮޑެތި މަޤާމުތަކުގަތިއްބަ ލިބޭ ހަދިޔާއަކީ "ކޮރަޕްޝަން". ކޮބާތަ މިޤަޢުމުގެ އެންޓި ކޮރަޕްޝަން؟؟؟؟؟؟
ފެއިލްޑް ސްޓޭޓް
04 September 2025
ކަރާމާތްތެރިކަން ގެއްލިފައި ތިބި ބައެއް، ޖޯކަކަށް ހަދާލައިގެން ދުނިޔޭގަ ތިބެވިދާނެ. ޤިޔާމަތައް ބިރުވެތިވޭ
އަބްޑޫޅް +
04 September 2025
ދުނިޔޭގެ ތަހުޒީބު ދިމިގަރާތީ ތަކުގައި، ހަދިޔާ ލިބޭ މިންބަރުގެ އިތުރުން ހަދިޔާކުރި މީހާގެ ނަން ހާމަކުރުމަކީ ލާޒިމުކަމެއް. މިއިން އެނގޭ އެއްޗަކީ، ކަލޭމެންނަކީ، ކަރަޕްޓު، ތިންވަނަ ދުނުޔޭގެ، ޓިނު ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތެއްކަން.
ޕްރަބޯވޯ ސުބިއާޓޯ
04 September 2025
އިންޑޮނޭޝިއާގަ މިހާރުހިގާ މުޒާހަރާގެ މަައުލޫމާލު ދިވެހި ރައްޔަތުންނަން އިނގެން ވަރަށް މުހިންމު.