އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފިނޭންސް މިނިސްޓްރީއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ
08 ސެޕްޓެމްބަރ 2025 - 13:26
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މިއަދު އިހްތިޖާޖްކޮށް، އެ މިނިސްޓްރީގެ އިމާރާތަށް ވަންނަން އުޅެނިކޮށް އެކަމަށް ފުލުހުން ހުރަސްއެޅުމުން ހޫނުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިއަދު ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލު ކުރުމަށް އެ މިނިސްޓްރީ ހުންނަ އިމާރާތަށް ގޮސްފަ އެވެ. ނަމަވެސް، އެތަނުގެ ދޮރުކުރިމަތީ އެތުރިގެން ތިބެ ފުލުހުން ވަނީ މެންބަރުން އެތަނަށް ވަނުން ހުއްޓުވައިފަ އެވެ.
މެންބަރުންނާއެކު އެމްޑީޕީގެ ސަޕޯޓަރުން ވެސް އެ ސަރަހައްދަށް އެއްވިއިރު، ފުލުހުން ހުރަސްއަޅަމުން ދަނިކޮށް ބައެއް މެންބަރުން ވަނީ މިނިސްޓްރީގެ ތެރެއަށް ގަދަކަމުން ވަދެގެންފަ އެވެ. އޭރު ވެސް މިނިސްޓްރީ ބޭރުގައި ސަޕޯޓަރުން އިހުތިޖާޖު ކުރަމުންދިޔަ އެވެ.
މަޖިލިސް މެންބަރުން މިނިސްޓްރީއަށް ވަދެ މައުލޫމާތު ސާފުކުރުމުން، މިނިސްޓަރު ޒަމީރު މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަން އެނގުނެވެ. ނަމަވެސް، މެންބަރުން ވަނީ މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރަން ޑިމާންޑްކޮށްފަ އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި މިނިސްޓަރު ފެންވަރުގެ ބޭފުޅަކު ނުވަތަ އެޑްވައިޒަރަކު އެ މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި ނަމަވެސް، މިހާތަނަށް އެފަދަ ބޭފުޅަކާ ބައްދަލު ކުރެވިފައިނުވާ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި މިނިސްޓަރު ޒަމީރަށް 16 ވަރަކަށް ސުވާލު މިހާރު ވެސް މަޖިލިސް މެދުވެރިކޮށް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް، އެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރު މަޖިލީހަށް ހާޒިރުނުވާ ކަމަށެވެ. އަދި ކަންބޮޑުވުންތަކާ އެކު މިނިސްޓްރީއަށް ދާން ޖެހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުނިތައް ދަނީ ފުނޑެމުން ކަމަށާއި ރާއްޖެއަށް ބޭރުން ހިލޭ އެހީއެއް ނުލިބޭ ކަމަށެވެ. އޭގެ ބަދަލުގައި ތަކެތީގެ އަގު ބޮޑުވެ، ކަރަންޓު ބިލު މައްޗަށް ގޮސް، ރައްޔިތުންނަށް އެތައް ތަކުލީފެއް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލީ ސިޔާސަތަށް އިތުބާރެއް ނެތް، މި ގައުމަށް ވާން މި އުޅޭ ގޮތެއް ނޭނގޭ. އެހެންވެ އެމްޑީޕީން މި ނުކުންނަނީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ސާފުކޮށްދޭން ފިނޭންސް މިނިސްޓަރު ޖެހޭ ކަމަށާއި އެކަން ރައްޔިތުންނަށް ބުނެ ނުދެވޭ ނަމަ، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުން ވެސް ހޯދަން ޖެހޭ މައުލޫމާތެއް ކަމަށް މެންބަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަޅަ ދައްކާ
09 September 2025
ރައްޔިތުންނަށް މާ ހެޔޮއެދޭކަމަށް ހެދިގެން ތަންތަނަށް ގޮސް އަނގަ ފެތުރިޔަކަސް ކަމަކު ނުދާނެ ކޮތަޅުން އަނގުނަގައި ތަކެތި އަނގުބޮޑު ކުރީ މިހާރަކުނޫން
ޑރ ވާންޗޯ
09 September 2025
ތިޔަގްރޫޕްއަކީ އަބަދުވެސް ތިޖޫރީގެ ފަހަތުން ދުވާބައެއް، އެހެންވީމަ މިފަހަރު ފިނޭންސްގެ ތިޖުރީއަތުޖެހޭތޯ މަރުފަލިޖެހީ...
ސައިނީސް
09 September 2025
ބޭނުންވާ ފޮޓޯ ލިބިއްޖެ ދޯ!
އަންދަލޫސިޔާ
08 September 2025
މިހާރު މިއޮތީ ވައްކަންކުރާ ސަރުކާރެއްކަން ޔަޤީންވަނީ ހުރިހާ ކަމެއް ސިއްރުކުރާތީ. އާމްދަނީ އާއި ޚަރަދުގެ ރިޕޯރޓަކީ ހަފުތާ އަކު 1 ފަހަރު ނެރޭ އެއްޗެއް. އެކަން ރައީސް ނަޝީދު ފައްޓަވައިދެއްވީ. އެކަން މެދުކެނޑޭ ކޮންމެ ފަހަރަކު ބޮޑެތި ވައްކަންކުރޭ، 2015 ގައި އެކަން ސިއްރުވެފަ ދެން އެނގުނީ ދައުލަތުން 1،600 މިލިޔަން ރުފިޔާ ވަގަށް ނެގިކަން. 2020 ގައި ވެންޓިލޭޓަރު. 2025 ގައި މިހާރު އެ ހިނގަނީ ބޮޑެތި ވައްކަން. ޑޮލަރު ވަދޭ ބޯކޮށް. އެކަމަކު 20 ގަ.
ޖުޔާގު
08 September 2025
މިއަށް ކިޔާނީ ގޮތް ދެއްކުން
ހަސަދު
08 September 2025
މަޖްލިސް މެންބަރުގެ ޒިންމާ އެއްނޫން މިނިސްޓްރީ ތަކަށް ވަނުމަކީ. މަޖްލިސް ގެ ޒިންމާ ނޭގޭ މީހުން މްންބަރުންގެ ގޮތުގައި ތިބުމަކީ ގައުމު ލަދު ވާންވީ ކަމެއް
ކައުންސެލަރު....
08 September 2025
"...މެންބަރުން މިނިސްޓްރީއަށް ވަދެ މައުލޫމާތު ސާފުކުރުމުން، މިނިސްޓަރު ޒަމީރު މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަން އެނގުނެވެ." ގަޅީ ކަމަކަށްނޫން. މީމިބައެއްގެ ވައްތަރުހަމަ. މީހެއްގެ ޕާސްޕޯރޓް "ހިފެހެއްޓީމަ" ވެސް ބުނީ ބަލަ މަގޭ ޕާސްޕޯރޓް އެބައޮތޭ އަތުގެ. މިގްރޫޕަކަށް ނޭނގުނު ޕާސްޕޯރޓް ސިސްޓަމުން ބޭން ކުރަނީކަމެއް. އެހާވެސް ގަޅި. ދެންކީކޭބުނާނީ. ލަދުން ބޯހަލާކު
އަލީލު
08 September 2025
ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ، ގައުމުގެ ދަރަނި 49 ބިލިއަނުން 125 ބިލިއަނައް ގެންގޮސް 2026 ވަނަ އަހަރު 15 ބިލިއަން ދަރަނި ދައްކަން ޖެހޭގޮތައް ލޯނުނަގާފަދިޔައީ ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ދައުލަތައް ކެތްނުވާވަރައް މަސައްކަތް ފަށާ ، ފެނަކަވެސް 7 ބިލިއަނުން ދަރުވާފަ ގޮސް މިއަދު ލާރިނުދެއޭ ކިޔާ މިދަނީ ފިނޭސްމިނިސްޓްރީއަށް ، އެމްޑީޕީ ވެރިކަމުގަ ދިބެހިރާޖޭގެ ކުދި ކުންފުނިތަކުގެ ތެރެއިން 90 އިންސަތަ ކުންފުންޔަށް ލާރިނުދީ ކުންފުނިތައް ފުޑާލިކަންނޭގެ
ދަސަދދަަފދ
08 September 2025
ވެރިކަމުގައި ނެތިއްޖާ އެމްޑީޕީން އުޅޭނީ މުޅިން ވެސް މިގޮތަށް.
ގޯރުނުދޯރު
08 September 2025
އެއްވެސް ބަޔަކު ވެރިކަން ކުރަނީ އަދި ކުރީކީވެސް ރަނގަޅަށޭ ބުނާކަށް އަހަރެން ނެތިން. އެކަމަކު ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާލާއިރު ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީ 2018 ގަ ވެރިކަމަށް އައުމަށްފަހު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ރަނުގެ ފުރުސަތުތަކެއް ލިބި އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ތަނުގަ ވެރިކަން ނިމިގެން ދިޔައިރު ހުރިހާކަމެއް ހުރީ ގޯހުން ގޯހަށް ގޮސްފަ. އޭގެ ހިތި ނަތީޖާ މިއަދު މިފެންނަނީ..