ސްކައުޓް ހަރަކާތެއްގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަން
12 ސެޕްޓެމްބަރ 2025 - 19:14
ކުރީގެ އަރަބިއްޔާ ސްކޫލުގައި ހިންގަމުން އައި ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް އިމާރާތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ވަނީ އެ އިމާރާތުގައި ކިޔަވައިދިނުން ހުއްޓާލައިފަ އެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމަށް މިހާރު އިމާރާތުގައި ހުރި މުދާތައް ހުސްކުރަން ފަށައިފަ އެވެ.
އެހެންވެ ސްކައުޓްގެ އިދާރާ ބަންދުކޮށް، ހުސްކުރަން ވެސް ވަނީ އަންގައިފަ އެވެ. އަދި އެ އިމާރާތުގައި ގުދަން ކޮށްފައިހުރި މިނިސްޓްރީގެ ސާމާނުތަކާއި އިލެކްޝަން ކޮމިޝަންގެ ސާމާނުތަކުގެ އިތުރުން ކެޑޭޓް އޮފީސް ވެސް ހުސްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަނީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިން ކަމަށް ވެފައި އެތަން ބަންދު ކުރުމަކީ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ "މިހާރު" އަށް ވިދާޅުވީ ސްކައުޓާއި ކެޑޭޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ދެ ތަން ކަމުން އެ ދެތަނަށް ވެސް އޮފީސް އިމާރާތެއް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.
އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން އަންގާފައިވާއިރު އެ މުއްދަތާ ހަމައަށް އޮފީސް އިމާރާތެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
އެ ތަން ހުސްކުރުމަށް ސްކައުޓް އިދާރާ އާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް އޮންލައިންކޮށް ތަކެތި ލިބޭނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ގަތުމަށްފަހު އެތަކެއްޗާ ހަވާލުވާން އަންނަންވީ ވަގުތު އެ ތަކެތި ގަންނަ ފަރާތްތަަކަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުބްލާ2025
13 September 2025
ސްކައުޓް ހަރަކާތަކީ މިހާރު އޭގެ ޒާތުގައި އައުޓްޑޭޓް ވެފައިވާ ކަމެއް.
ކިންގ އޮފް ދި ޖަންގަލް
13 September 2025
ސްކައުޓަށް ތަނެއް ދީފި. ﷲ ގަންދީ ހުވައޭ ތަނެއް ދިނީމޭ ބުނަންވެގެން ކުރިކަމެއް ގޮތަށް، ފިލާ ބިލްޑިންގ 6 ވަނަ ފަންގިފިލާއިން ދެ ކޮޓަރި. ކިހިނެއް އަހަރެމެން ގެންގުޅޭ ކޭމްޕިން ސާމާނުތަކާ ސްކައުޓް ފިހާރަ ހިންގާނީ އެތަނުގަ! ޖެއްސުން ކުރާ ހެން ހީވަނީ...
އަހުމިއްޓަެ
13 September 2025
ތިޔަ ސްކައުޓް ފިހާރައަކީ ދުވަހަކުވެސް ކުދިންނަށް ބޭނުންވާވަރަށް އެއްޗެހި ގެންނަބައެއް ނޫން. އެންމެ ކުޑަމިނުން ސްކާފްއަށް ލައްވާ ވޮގުލްކޮޅުވެސް ނުލިބޭ.
ސައިބޯނި
13 September 2025
ކޮންމެ ކަމެއް ސުރުހީއަށް އެރީމަ ކުރަން ތިޔަ މަޑުކުރަނީ ސިޔާސީ ބޭނުމުގަ, ރަތްރިބަން ކަނޑާ އުސޫލު ދޫކޮށް ރޭވުންތެރިކަމާ ހިކުމަތާ ތެދުވެރި ނިޔަތުގައި ކަންކަން ކުރުން ވަރަށް މުހިންމު, ސްކައުޓް ހަރަކާތަކީ މިގައުމުގައި 1956 ކުން ކުރިއަށްދާ ހަރަކާތެއް،, މިހާރުގެ ރައީސްއަކީވެސް ސްކައުޓެއް
ސްކައުޓް
12 September 2025
ސްކައުޓްއަށް އެހާ ޑިމާންޑެއް ނެތް ސަބަބަކީ ގިނައިން ދަސްކޮށްދެނީ ބޭކާރު ކަންތައް. ރާއްޖޭގެ މާހައުލާއި ގުޅުންހުރި އަދި ބޭނުންތެރި ހުނަރުތައް. މިސާލަކަށް ބޯޓު ގެންގުޅުމާ، ފެތުމާ، ފަޅު ރައްކާތެރިކުރުމާ، ސްނޯކްލިންގ، މަސްވެރިކަން ފަދަ ކަންކަން ދަސްކޮށްދިނުން ކިހިނެއް ވާނެ.
ވަރަށް އެނގޭ
13 September 2025
ބުރޯ! ފެތުމާއި މަސްވެރިކަންފަދަ ކަންްތައްތައް ދަސްކޮށްދެޔޭ އެމީހުން. އެނގޭތަ ސޭޝް އާއި ކޮނޑުގަ ބެޖް ގިނަވަނީ ކިހިނެތްކަން؟