މޫނުމަތީ މާސްކު އަޅައިގެން ބަޔަކު އައިޖީއެމްއެޗް އެތެރޭގައި ހަރަކާތްތެރިވަނީ: ހާލު ސީރިއަސް އަންހެނަކާއި ކުޑަ ކުއްޖަކަށް އަންނަނީ ފަރުވާ ދެމުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
26 މާޗް 2017 - 15:04
އެޗް1އެން1 ޖެހުނު މާބަނޑު މީހާ އާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ހަ މަހުގެ ދަރިފުޅުގެ ހާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެނައީ މި މަހުގެ ތެރޭގަ އެވެ. އަދި ހާލު ސީރިއަސްވުމުން މި މަހުގެ 15 ވަނަ ދުވަހު ވަނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފަ އެެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެންއައިސީޔޫގައި ބާއްވައިގެން ކުޑަ ކުއްޖާ އަށް އަދި އައިސީޔޫ ގައި އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
"މެޝިންގެ އެހީގައި ފަރުވާ ދެމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެޗް1އެން1 ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރު ވަމުން ދާއިރު މިއަދު ވެސް ވަނީ މާބަނޑު މީހަކު މަރުވެފަ އެވެ. ނަވާވީސް އަހަރުގެ އެ އަންހެން މީހާއާ ބެހޭ މައުލޫމާތެއް އައިޖީއެމްއެޗުން ނުދެ އެވެ.
މިިދިޔަ ހުކުރު ދުވަހާ ހަމަ އަށް އެޗް1އެން1 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 185 ގައި ހުރި އިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ.
މި ރޯގާތައް ކޮންޓްރޯލް ނުވެ ފެތުރެމުން ދިޔަ ނަމަވެސް ސްކޫލްތައް މިއަދު ވަނީ ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 March 2017
އަވަސް ޝިފާޢަކަށް އެދެން.