ދަރިވަރަކު ފިލާވަޅެއް ހަދާތަން ދައްކައިދޭ އިލަސްޓްރޭޝަނެއް: ރާއްޖޭގައި އަގަށް އެސައިންމަންޓް ހަދައިދޭ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުނަސް އަދިވެސް އެ މައްސަލަ ބޮޑު. -- ފޮޓޯ: ޕެކްސެލް
14 ސެޕްޓެމްބަރ 2025 - 12:53
އަގަށް އެސައިންމަންޓް ހަދައިދޭ ސްރީ ލަންކާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާ ޑީޕޯޓްކޮށްފައިވާ ކަމަށާއި އެކަމަކު އެ މީހާ އަދިވެސް އެކަން ނުހުއްޓާ ކުރިއަށް ގެންދާތީ އެކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
އެހެން މީހުން ލައްވައި ނުވަތަ އަގު ދީގެން އެސައިންމަންޓް ހެއްދުވުމަކީ ގާނޫނީ ކުށެކެވެ. ފައިސާ އަށް އެސައިންމަންޓް ހައްދައިދޭ ކަމަށް ބުނާ އިޝްތިހާރުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަބަދު ވެސް ދައުރުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްކިޔުއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ފިޒާނާ ވިދާޅުވީ އަގަށް އެސައިންމަންޓް ހަދައިދިނުން ހުއްޓުވޭނެ ގޮތެއް އަދި ނެތް ކަަމަށާއި އެކަމަކު އެކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެސައިންމަންޓް ހަދައިދޭން އިޝްތިހާރުކޮށް ޕޭޖުތައް ހިންގާ ލަންކާ މީހެއްގެ މައްސަލަ ޕޮލިހަށް ހުށަހެޅުމުން ޑީޕޯޓްކޮށްފައި ވިޔަސް އޭނާގެ ނަމްބަރުން ޓެލެގްރާމާއި ވައިބާގެ އިތުރުން ވަޓްސްއެޕާއި ފޭސްބުކްގައި ޕޭޖުތައް ހަދައިގެން އެކަން އިޝްތިހާރުކޮށް އަދިވެސް އެކަން ކުރިއަށް ގެންދާ ކަމަށެވެ.
"މިިދިޔަ އަހަރު މިނިސްޓްރީން ހުށަހެޅި މައްސަލައަކަށް ފުލުހުން އެބަ އޮތް ޖަވާބު ދެއްވާފައި. އޭނާ އަކީ ލަންކާގެ ޓީޗަރެއް އޭރު އޭނާ ކިޔަވައިދެމުން ދިޔައީ ވެސް މިކޮޅުގައި [ރާއްޖޭގައި]. މިހާރު އޭނާ ވަނީ ޑީޕޯޓުކޮށްލާފައި. އެކަމަކު އޭނަގެ ނަމްބަރާއި އެފްބީ ޕޭޖެއް ބްލޮކެއް ނުކުރެވޭ. އެ ހުއްޓުވޭނެ ގޮތެއް ނެތިގެން މި އުޅެނީ. އެއް ޕޭޖު ހުއްޓުވާއިރަށް އަނެއް ޕޭޖު ހަދާ. އޭނާގެ ނަމްބަރު ނުވަތަ އެފްބީ ޕޭޖު ބްލޮކެއް ނުކުރެވޭ. އެއްވެސް ގޮތެއް ނެތް އޭނަ ނަމްބަރު ވެސް އަދި އެފްބީ ޕޭޖު ވެސް ބްލޮކް ކުރެވޭނެ،"" ފިޒާނާ ވިދާޅުވި އެވެ.
އެމްކިޔުއޭގެ ސީއީއޯ، ފިޒާނާ ރަޝީދު މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ބައްދަލުކުރައްވަނީ-- ފޮޓޯ: މިހާރު
"އެއީ ސެންސިޓިވް ކޮންޓެންޓް ނޫންވީމާ ނޫނީ އެކަހަލަ ކޮންޓެންޓެއް ނޫންވީމާ ނީނދޭ ކަންނޭގެ ބްލޮކް ކުރެވޭނެ އެއްވެސް ގޮތެއް. އެހެންވެ ވަރަށް ބައިވަރު ޕޭޖުތައް އެބަ އުޅޭ މިހާރު. ހުއްޓުވޭނެ ގޮތެއް ނެތިގެން އަދިވެސް މި އުޅެނީ. އެއް ޕޭޖު ހުއްޓުވާއިރަށް އަނެއް ޕޭޖު އެބަ އާދޭ."
ފިޒާނާ ވިދާޅުވީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އެސައިންމަންޓަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުސޫލަށް ބަދަލު ގެނައުމުން އެސައިންމަންޓް ވިއްކުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ފައިސާ އަށް އެސައިންމަންޓް ހަދައިދޭ ކަމަށް ބުނެ އިޝްތިހާރު ޖަހައިފައި ހުރި ބައެއް މީހުންނަށް ގުޅައިގެން އެއްކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އާންމުކޮށް އެސައިންމަންޓެއް ހަދައިދޭ އަގު އުޅެނީ 2،000ރ. އިން މަތީގަ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
އެފަދަ އަމަލުތަކަށް ފާރަވެރިވުމަށް ތައުލީމުދޭ މަރުކަޒުތަކުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޖޫރިމަނާގެ އިތުރުން ވެސް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދަރިވަރަކަށް ނުވަތަ އެފަދަ ކަންކަން ކޮށްދޭ މީހަކަށް ވެސް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
16 September 2025
މޮޅެތި ގާނޫނާ އެއްޗެހި ހަދާނެ. އޭގަ އޮންނަ ގޮތައް ތިމާމެނަށްވެސް އަމަލު ނުކުރެވޭ!. ކުށެެް ކުރީމަ ދޭން އޮންނަ އަދަބު ނުދީ ޑީޕޯޓު ކުރުމަކީ މާ މޮޅުނކަމެއް ކަމަށް ހަދައި ޑީޕޯޓު ކުރީމަ ވާގޮތް. ކުޑަމިނުން އަގަށް އެސައިންމަންޓް ހަދާ ދަރިވަރަށް ފިޔަވަޅު އަޅާ ނަމަވެސް ކޮންމެސް ވަރެއް ވާނެ. ނޫނީ، ޓެސްޓު ހަދާހެން އެސައިންމަންޓު ވެސް ހެދޭނީ ކްލާހުގައި ތިބެގެން ކަމަށް ހަދަންވީނު!؟
އުނބުށޭމު
16 September 2025
ސިވިލް ސާރވިސް ފެށިގެން އައިއިރު ކުރިން ދެމުންއައި ދިގުމުއްދަތު އެލަވަންސާއި ސެޓިފިކެޓްއެލަވަންސް އުވާލީ މަގާމުތަކުގެ ޝަރުޠުތައް މުއްދަތަށާއި ސެޓިފިކެޓްގެ ފެންވަރަށް ކަނޑައެޅުމަށްފަހުގައެވެ. އެއަށްފަހު އަނެއްކާވެސް އެކިތަނުން އެކިގޮތަށް ސެޓިފިކެޓަށް އެލަވަންސް ދޭން ފެށުމަކީވެސް މިފަދަ ގޮތްގޮތަށް ސެޓިފިކެޓް ހޯދަން ގިނަމީހުން މަސައްކަތްކުރާ އެއް ސަބަބެވެ.
ދެންއެކަމިވާ
15 September 2025
މައްސަލައަކީ އަސްލު އޮތޯރިޓީ އެއްނުން. މައްސަލައަކީ ކިޔަވައިގެން ހުއްޓަސް ކަމެއް ކުރުމުގެ ގާބިލުކަން ނެތް މީހުން ތިޔަ ތަނުގެ ވެރިންނަށް ލާން ޖެހުން. ހީވަނީ ބޭބެ އެޗީޑީސީން ކަނޑާލީ ގޮތަށް ވަޒީފާއިން ވަކިކޮށްފައި ބިރުން އުޅޭހެން.
ގުއިއްޒު
15 September 2025
ތިކަން ނުހުއްޓުވެންޏާ ކޮންމެ އެސައިންމަންޓެއް އެގްޒަމިނަރގެ ކުރިމަތީގަ ޑިފެންޑް ކުރާ ގޮތަށް ހަމަޖައްސަބަލަ. ޢޭރުން ތިކަން ނިމިދާނެ.
ޙުރޭ
15 September 2025
ތިވަރުގެ ކުޑަކަމެއް ހައްލުކުރަން ނޭގުމަކީ ކޮލިފިކޭޝަން އޮތޯރިޓީގެ ވެރިންގެ ކޮލިޓީއެއް ނެތްކަން ދޭހަވާ ކަމެއް! ތިކަހަލަ ކަންތައް ހުއްޓުވޭނީ ދަގަނޑުން ދަގަނޑު ކަނޑާ އުސޫލުން (މިއީ ހިންޓެއް).
އަފްރާސިޔާބު
14 September 2025
އެކަމަކު އެފްބީގައި އަދި އެހެން ސޯސަލް ޕްލެޓްފޯމް ތަކުގައި ގައުމު ދަވާލާ މީހެކޭ ހަމަ ލިޔާއިރަށް އެބަހުއްޓުވާދޯ. ބްލޮކްވެސް ކޮށްލެވޭދޯ. އެއީކާކުކަންވެސް ބެލޭދޯ.
މުޑަހަންޖާ
14 September 2025
މިސްރުގައި ޕިރަމިޑު ބިނާކުރި ޒަމާނުގައި ބަޔަކު ތިފަދަ ވާހަކައެއް ދެއްކުމަކުން އަހަރެމެން ހައިރާނެއްނުވޭ. އެހެންނަމަވެސް މިފަދަ ޒަމާނެއްގައި ތިކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ ދައްކާނަމަ ގާނޫނަށް އިސްލާހުގެނެސް ތިޔަ އޮތޯރިޓީ އުވާލުމާއިގެން އަވަސްވެގަންނަންޖެހޭ.
ސަރގް
14 September 2025
ޢެގްޒާމުން %50 ހޯދަން މަޖުބޫރު ކޮއްބަލަ މިހާރު ޕްރައިވެޓްކޮލެޖްތަކުން ގައުމީ ޔުނިވަރސިޓީއަށް ގޮންޖަހާލަނީ ފައިސާއަށްޓަކައި އެސައިންމެންޓް ހަދައި އެގުޒާމަށް ހާޒިރުވީމާ ފާސްވީ
ގޮހޮޑާ
16 September 2025
މިހާރު އޮންނަނީ އެގްޒާމުން %50 ހޯދަން ޖެހޭގޮތަށް. ނުހޯދަންޏާ ފާހެއް ނުވާނެ ކިތަންމެމަތިން އެހެން ކޮމްޕޯނެންޓް ތަކުން މާކްސް ހޯދިޔަސް. އެއްވެސް ކޮލެޖަކުން އެ ނޫން ގޮތަކަށް ކުދިން ފާސްކޮށްދެންޏާ އެއީ މައްސަލައެއް
ކޮންކަމެއްތަ ހުއްޓުވެނީ
14 September 2025
މީޑިއާ ބިލް މަޖްލީހަށް ވައްދައިގެން އުޅޭ މީހުން މީގެން ފިލާވަޅެއް ހޯދާ. ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން އުޅެގެން އަތަށް ގޮވާނީ.
ފެއިލްޑް ނޭޝަން
14 September 2025
މުއައްސަސާތަކުގެ އުރައްޕަތެއް ހުރިއްޔާ، ސީދާ ސޯޝަލް މީޑިއާގެ ޚިދުމަތްދޭ ކުންފުނިތަކާ މުޢާމަލާތްކޮށްގެންވެސް ތިކަން ކުރެވޭނެ. އަދި ލަންކާ ސަރުކާރުެ އެހީގައި ތިމީހާ އަށް އަދަބުވެސް ދެވިދާނެ. ރާއްޖޭ އަބަދުވެސް އޮްނާނީ މިހާލަތުގަ. ތިގޮތަށް އެސައިންމަންޓަ ހަދާ ދަރިވަރުން ކޯހުން ބްލެކްލިސްޓްކޮށް ބޭރުކޮށްބަލަ. އޭރުން ދެން އެހެން ދަރިވަރުންނަށް ނަމޫނާއަކަށްވާނީ. ތީ ޤައުމީ މައްސަލައެއް. ފޭކް ފާސްތަށް ހިފައިގެން ނުކުމެ މުސާރަބޮޑުވަޒީފާގައި. އިނގޭކަމެއްނެތް