ކަސްޓަމްސްގެ އިމާރާތް.-- ފޮޓޯ: މިހާރު
13 ސެޕްޓެމްބަރ 2025 - 14:44
ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެއާ ހައުސްގައި އޭޕްރީލް 27، 2018 އަދި އެ އަހަރުގެ ޖޫން 4 ވަނަ ދުވަހު ރާއްޖެ އައި ބޯޓުން ގެނައި 1،060 ފޮށި ސިނގިރޭޓު ބޮންޑުކުރުމަށް ފަހު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 20.7 މިލިއަން ރުފިޔާ ނުދައްކައި އަދި ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާ ހައުސް އިން ބޭރުކުރި މައްސަލައިގައި ކަސްޓަމްސް އިން އެސްޖީއެމް އަށް ދައުވާކުރީ މިދިޔަ ޖުލައި މަހު އެވެ.
ކަސްޓަމްސްގެ ދައުވާގައި ވަނީ އެ ބޮންޑެޑް ވެއާ ފާސްކުރުމަށް ކަސްޓަމްސް އިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު 29 ގައި އެ ތަން ފާސްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ މުދާ ނެތް ކަމަށާއި މ. ނިއު ސަނީވޭގައި ހަދާފައިވާ އެތަނުގައި ހުރީ މީހުން ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށް ވެސް ބުންޏެވެ.
އޭގެ ފަހުން، ސިނގިރޭޓު ފޮށިތަކަށް ޑިއުޓީ ދެއްކުމަށް ފެބްރުއަރީ 4، 2025 ގައި ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން، އޭޕްރީލް 27، 2018 އަދި ޖޫން 4، 2018 ގައި، އެސްޖީއެމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާ ހައުސް އަށް އެމެރިކަން ލެޖެންޑުގެ 430 ކޭސް، އަފްޒަލް މޮލްސެސްގެ ބްރޭންޑުގެ 250 ކޭސް ޕައިޕް ޓޮބޭކޯ ގެނެސްފައިވާ ކަމަށެވެ. މި މުދާ އޭޕްރީލް 5، 2018 ގައި މާލޭ ކޮމާޝަލް ހާބަރުން ނެރެފައިވާކަން އެނގެން އޮންނަ ކަމަށާއި އެ ތަކެތި ބޮންޑެޑް ވެއާ ހައުސް އަށް ގެންގޮސް އެންމެ ފަހުން އެ ތަނުން އެއްޗެއް ނެރުނުކަން، ލިޔުންތަކުން އެނގެން އޮންނަނީ ސެޕްޓެމްބަރު 20، 2018 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ގެނައި މުދަލުގެ ޑިއުޓީ ދައްކަން ކަސްޓަމްސް އިން އެންގުމުން ސެޕްޓެމްބަރި 20، 2018 ގައި ކަސްޓަމްސް އަށް ޗެކެއް ހުށަހެޅި ކަމަށާއި އެކަމަކު އެ މަހުގެ 25 ވަނަ ދުވަހު ވަނީ ކުންފުނީގެ އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ ހިސާބުން ވަނީ ކަސްޓަމްސް އިން އެ ކުންފުންޏަށް ހިދުމަތް ދިނުން މެދުކަނޑާލައިފަ އެވެ.
ބޮންޑެޑް ވެއާ ހައުސް ހެދި ތަނުގައި އެތަން ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި ކަމަށާއި ކޯޓު އަމުރެއް ހޯދައިގެން އެތަނަށް ވަނީ އެ ހިސާބުން ކަމަށް ކަސްޓަމްސްގެ ދައުވާގައިވެ އެވެ. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފަ އެވެ.
އެހެންވެ، ސިވިލް ކޯޓަށް ހުށަހަޅައި ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ފަރާތުގެ ބަހެއް ދައުވާއާ ގުޅޭ ގޮތުން ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިތްރޯނު
14 September 2025
މުޅި ރާއްޖޭގައި ވަގު ސިގިރެޓް، ސްމަގްލް ކޮށްގެން އުޅޭ ސިގިރެޓް، ފުލުހުންނަކަށް ވާއެއް ނުވާއެއް ނޭނގޭ،
އ އަހްމަދު
14 September 2025
މީހުންދިރިއުޅޭގެއެއްގަ ބޮންޑެޑްވެއާހައުސްއެއް ހެދީވެސް ތިޔަޖަރީމާހިންގަންނޫންބާ އަހަރުމެން ބޮންޑެޑް ވެއާހައުސް ކިޔާތަންތަނަކީ ކަސްޓަމްސްއާ މުދަލުގެވެރިފަރާތް ހާޒިރުގަނޫނީ ނުހުޅުވޭތަންތަން އެބާވަތުގެތަންތަން ދޭތެރެ ދޭތެރެއިން ޗެކްކުރެވެންޖެހޭނެ ދެން ޣައިރުހާޒިރުގައި ހުކުމްކޮށް ޣައިރުހާޒިރުގައި ފައިސާދެއްކުންނޫންގޮތެއް ތިކަމުގައެބައޮތްބާ؟
އިސްމާލި
14 September 2025
ސިނިރޭޓެއް ނެތް، ވެއަރހައުސް އެއް ނެތް، ކުންފުންޏެއް ނެތް، ޒިންމާ ވާނެ މީހކު ނެތް. ހާސް ނުވޭ. އަހަރެމެން ރައްޔިތުން މި ތިބީ ތިޔަ 20 މިލިއަން ރުފިޔާވެސް ބޮލުގަ އަޅަން ތައްޔާރަށް. މިކަން ރައީސްގެ އިރުޝާދުފުޅުގެ ދަށުން ވިލަރެސް ކުރަން ސިޔާސީ މަގާމެއް ހަދައި މީހަކު ވައްދައި. އަދި ކުރިއަށް ދާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް މީޑިއާ މީހަކުވެސް ވައްދާ!
ރާވެރިބެ
14 September 2025
ތި ފައިސާއެއް ނުދައްކާނެ! ޖެހޭނީ އެމީހުންގެ ހުރިހާ މުދަލާ އިމާރާތްތަށް ނަގާފަ ވިއްކާލަން.
އަހްމަދުު
14 September 2025
27 އެޕްރީލް 2018ގައި ރަޖިސްޓަރީ ކުރި ބޮންޑެޑް ވެއަރ ހައުސް އަކަށް ، 5އޭޕްރިލް 2018ގައި އެތަކެތި ގެންގޮސް ވެއްދީ ކިހިނެއްބާ؟
ކުރުދޮށި
14 September 2025
ދެންވާނެގޮތް ވަރަށް ސާފު. ތި ނުދައްކައިގެން އަނެއްކާ ކޯޓަށް ދިޔައިމާ ކުރާނެ ހުކުމް މިލިޔެލަނީ. ދެން ފަހެއް މި ކޯޓުންބެލިބެލުމުގައި އެސްޖެއެމް ޕލސ. ގެނަމުގައި އެއްވެސް ރައުސުލްމާލެއް މުދަލެއް ފެންނަށް ނެތުމުގެ ސަބަބުން ތިޔަ ފައިސާ ނަގާދވޭކަންނެތެވެ. ހެނެއްކަމަކު ދައުވާކުރާ ފަރާތައް ބޭނުމީޔާ ތިޔަކުންފުނީގެ ބޯޑުގެ ވަކިވަކި މެންބަރުން ނަށް ދައުވާކުރުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވާލަމެވެ. ވަގުން ކުންފިނި ހަދައިގެން ވިޔަފާރި ކުރަނީ މިބޭނުމުގައެވެ.
ޢަރުތަ
13 September 2025
"އެތަން ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފަ އެވެ". 29 ޑިސެމްބަރު 2024 އޭގެފަހުން އަނެއްކާ 4 ފެބްރުއަރީ 2024، ކިހިނެއްތަ މިވަނީ!؟
ވަންޗޫ
13 September 2025
ތިޔަހެން ސިވިލް ކޯޓުން ކުރާހުކުމުގެ ނޯވެ އެއްވެސް ބާރެއް. އެމީހަކު ހިތައްއެރިއްޔާ ލާރިދައްކަންވީ އެބުނާ މުއްދަތެއްގަ. ގެއްލުން ލިބޭމީހާ ވަކީލަކު ނަގައިގެން ވަކީލަށް އަދި ބުނިވަރަކަށް ލާރިދީގެން އެތައް އަހަރަކު ކޯޓުގަ ގަނަތެޅިގެން ހުކުމަކާ ހަމައަށް މިދެވެނި. ދެ އެމީހަކު އެމީހަކު އެލާރި ނުދައްކައިފިއްޔާ ދެވޭނެ ގާނޫނީ އަދަބެއްވެސް ނޯވެ، އަނެއްކަވެސް އަދަބެއް މިލިބެނީ ހުކުމްތަންފީޒުކުރަން ހަރަދުގަނޑެއް ކޮށްގެން ކޯޓުގަ ތެޅެން މިޖެހެނީ އަނިޔާލިބޭމިހާ!
ބަބްސް
14 September 2025
މިތާގައި މިއޮންނަނީ ސަދޫމުގެ ޤާނޫނު ކަމެއް ނުދެނެހުރިންތަ. ވިޔަފާރިވެރިން ލާރި މިހާރު ހޯދަނީ ގޭންގްތަށް މެދުވެރިކޮށް. ލޯޔަރަށް ދޭންޖެހޭ އަދަދުގެ ބައިކުޅަމައިން ޗަލުވާލެވޭ އޭގެ އިތުރު %100 ކާމިޔާބު. ޖެހުނުތަނަކުން ހޯދައިގެންވެސް ލާރިކޮޅު ދައްކާ.
ދެރަސޮރު
13 September 2025
އަދި މުޅިން ރަނގަޅެއްނޫން 20މިލިޔަނަކީ ހަމައެކަނި އޭގެ ޑިއުޓީ އަށް ވާވަރު, ދެން ކޮބާ ވަގަށް ބޭރު ކުރުމުން ވީ ޖުރިމަނާ ނޫނީ ވައްކަން
ކޮރަލް
13 September 2025
ފައިސާ ނުދައްކާ ނަމަ އެބައެއްގެ ނަމުގަ ހުރި އެސެޓް ވިއްކާ ފަ ސަރުކާރަށް އެފައިސާ ނުނެގޭނެ ނަމަ 20 އިން ހުކުމް ކުރިއަސް ފައިދާ އެއް ނެތެވެ. އެއީ ހަމަ ނަންބަރެކެވެ.