ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ.
14 ސެޕްޓެމްބަރ 2025 - 06:04
ކުރީގެ ރައީސުންނަށް ސަރުކާރުން ދޭ ޕެންޝަންގެ އަދަދު ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލިހުގެ ބައެއް މެމްބަރުން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެސް ތާއީދު ކުރަމުން އަންނަ މި ދަނޑިވަޅުގައި "އެކްސް" ގައި ނަޝީދު ވިދާޅުވީ، "ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެނޭ" ކަމަށެވެ.
އެއާ އެކު، އެ މަނިކުފާނު ފާހަގަކުރެއްވީ ކުރީގެ ޅެންބައިތެކެވެ.
ލިބޭ މިންވަރު ނިކަން ދަނެގެން
ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރު ކޮށްގެން
މި ބޭޒާރެއް ނުވެސް ވާނެއޭ
ރައީސް މުއިއްޒު މި މަހުގެ 10 ގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެ އިސްލާހުތައް ހުށަހަޅުއްވާނެ ތާރީހެއް އެ މަނިކުފާނު އަދި ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުން އަންނަ މީހެއް ނަމަ އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަން ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދި ފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސްހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖު ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
14 September 2025
ނަޝީދަށް ވަހީދަށް މައުމޫނަށް ތި އިނާޔަތް ހައްގެއް ނޫން. އިނާޔަތް ލިބެނީ ވެެރިކަމުގެ ދައުރެއް ފުރިހަމަކުރުމުން. މިއިން އެކަކުވެސް ދައުރެއް ފުރިހަމަ ނުކުރޭ.
ޝަޖޫ
14 September 2025
މަހުޖަނުން އަތުން ޓެކްސް ނަގައިގެން ދިވެހީންގެ ހެލްތް އެންޑް ވެލްފެއަރ އަދި އުފާވެރި ސަލާންޖަހަން ނުޖެހޭ ދިރިއުޅުމެއް ހޯދަދިން ރައީސް. ހިތްހެޔޮ އޯގާތެރި ރަނގަޅު ރައީސް.
ކައުންސެލަރު....
14 September 2025
އެހެންވީމާ ދިވެހި ކޮންމެ ރައްޔިތަކުވެސް މިވީ މަހުޖަނަކަށްތާދޯ! ވައިސަރީ
ތާޢީދު
14 September 2025
ކުޑަކުރަންވީކީއެއްނޫން. އެއްކޮށް ކަނޑާލަންވީ. 65 އަހަރުވުމުން އެހެންމީހުންނަށްވެސް ލިބޭ 5 ހާސް ލިބޭނެ.
ވާނުވާ ކޮމެންޓޭ
14 September 2025
ތިދެން ތަންފުކެއް ބޮޑުވަރު. ރައީސް ކަން ކޮއްފަ ތިބޭ މީހުންނާ އާއްމުންނާ އެއްވެސް ގައުމެއްގައި އެއްގޮތް ނުވާނެ
ގެއްލުން
14 September 2025
ޢިނާޔަތުން ބައެއް ނޫން.އެކީ ކަނޑާލަން ގޮވާލަން. -އެއް ދައުރު 50،00ރ -ދެ ދައުރު 75،000ރ -ދިރިއުޅޭނެ ތަނެއް ހަމަޖައްސަން 50،000 -އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 އެއްހާ ރުފިޔާ. މާތްކަލާކޯ.މުސްކުޅިވަންދެން ގަައުމަށް ޚިދުމަތްކުރާ މީހުންނޯ؟ ރައީސުންނާއި މެންބަރުން ފަސް އަހަރުގެ ދައުރަކަށްފަހު ދައުލަތަށް ބަލަދުއަރާފައި. އަދި އެވެސް މަހުޖަނުން.ގައުމު މިއޮތީ ތިރައީސުންގެ ސަބަބުން ދަރަނިވެރިވެ ނޭވާހޮޅިއަށް އެޅިފައި
އަލީލް
14 September 2025
އިހުލާސްތެރިކަމެއް ހުރިއްޔާ ދިވެހި ރައްޔިތުންނަށް ދޭ އަސާސީ ޕެންޝަން އެކަނި ދޭން ގޮވާލަބަލަ.. ތިޔަ އުޅެނީ ނަން އެޅެން...
މާކޮސް
14 September 2025
އެވަރު ވެސް ކޮށްލަން ކެރުނީ އެމަނިކުފާނަށްތާ
ލޮއްލަ
14 September 2025
ބަލަ ޕެންޝަނަކީ ކީއްކުރާ އެއްޗެއް..؟ ކާކަށްބާ ގެރެންޓީ އޮތީ އެއުމުރަށް ދެވޭނެކަމެއް.؟ އެހެން ނޫނަސް ގެދޮރުވެރިކަމުގެ ބޭނުމަށް އޭގެން ފައިސާ ކޮޅެއް ނަގަން އުޅުނީމާ ދޫނުކިރިޔޭ.. އަދަދު މާ ކުޑައޭ އަނެކައްޗެކޭ ކިޔައިގެން ނުދިނޭ.. ބަލަ 100 ރުފިޔާ ނަގާންވިޔަސް މަގޭ ފައިސާ މަށަށް ނުނެގޭންވި ސަބަބެއް ނުވިސްނުނު. ހުސް ވވ ހުސް ... މަތީ ފަޑީގަ ޕޮލިސީ ހަދައިގެން އެތިބެނީ.
ތަންކޮޅު
14 September 2025
ރާއްޖޭގެ %90 މީހުނަކީ އޭގެ މީހުން އެހއންވެ އަބަދުވެސް ތިބެނީ ތިޔަކަހަލަ މީހުން އަދި ކުރިންމާ ގޯސް. މިހާރު ތަންކޮޅެއް ރަނގަޅު.
ގޯރުނުދޯރު.
14 September 2025
ގައުމުގެ ހާލަތަށް ބަލާފަ ކޮންމެވެސް މިންވަރެއް ދިނުމަކީ އެންމެ ރަނގަޅުގޮތް. ހާލަތު ބަދަލުވާ މިންވަރަކުން އިނާޔަތްތަކާ އެހެނިހެން ކަންކަންވެސް ވަކި އުސޫލެއްގެ ތެރެއިން ބަދަލުވާގޮތަށް ހަމަޖައްސަންވީ. އެކަމަކު މިއީ އަދުގެ ސިޔާސީ މީހުންގެ ވިސްނުން ހުރިގޮތުން ވުމަށްވުރެ ނުވުން ކައިރި ކަމެއް..
1181
14 September 2025
ކުޑައެެއް ނޫނޭ ކުރަންވީކީ!!! އެއްކޮށް ކަނޑާލަންވީ!!!
ލައިޓް
14 September 2025
މުސްކުޅި ވާނެ ކެޔޮޅުންވެސް…ބަޓްލަރުންވެސް….ދަނޑުވެރިންވެސް އަދި ޓީޗަރުންވެސް!
ބިޗުޅީ
14 September 2025
ދެން މަޖިލީހު މީހެއްކަމުގައި އުޅުނު ކަމުގެ އިނާޔަތް ހޯދައިލަންވީނު