އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގަން އޮތް ވޯޓު ފަސްކުރުމަކީ ރާއްޖެއަށް އެތަނާމެދު ދައުވާކުރަން ލިބޭ އިތުރު ފުރުސަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގައި ފޯޅަވެއްސާ ގުޅޭ މައްސަލައިގެ ބިލަށް ނަގަން އޮތް ވޯޓު ވަނީ ފަސްކޮށްފަ އެވެ. އެއާއެކު، އިނގިރޭސިވިލާތުން މޮރިޝަސްއަށް ފޯޅަވަހި ދިނުމާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލު އަތުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ކުރީގެ ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްްލިގެންނުދާ ކަމަށެވެ. 

ނަޝީދު ވިދާޅުވީ ފޯޅަވެއްސަށް ރާއްޖޭން ކުރާ ދައުވާ މާވަރުގަދަ ކަމަށެވެ. އެއީ ފޯޅަވެއްސާއި ރާއްޖެއާ ދެމެދު ތާރީހު ބޮޑު ގުޅުމެއް އޮވެ، ދިވެހި ބަސް ފޯޅަވަހީގެ އިހުގެ މަހާނަގާތަކުން ފެނިފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި 16 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ލިޔުންތަކުގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި ވާއިރު، ރާއްޖެ އާއި އެ ތަނާ ދެމެދު ޖިއޮގްރަފީގެ ގޮތުން އޮތް ގާތްކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. 

"އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއަށް ދޫކޮށްލަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަކީ ނަސީބެއް،" ނަޝީދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ. 

ނަޝީދު މިހެން ވިދާޅުވިއިރު ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލު ކުރިޔަސް، އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. 

އިނގިރޭސިވިލާތުގެ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އެ ވާހަކަ ތަކުރާރު ކުރެއްވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭގޮތުން ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ފޮނުވި ސިޓީ އާއި އެކަމާ ގުޅޭ މުއާމަލާތްތަކެއް ހިނގާފައިވާކަން ހާމަކުރައްވަމުންނެވެ. 

ރައީސް މުއިއްޒު ވަނީ އިނގިރޭސި ވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވިކަން 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވައިފަ އެވެ. 

އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ރައީސް ވަނީ ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި، އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. އަދި އެކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށާއި އެކަން އެހެން ދިމާވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މައްސަލާގައި މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެ ބައި އަލުން ހޯދަން މަސައްކަތްކުރުމަށް ވައުދުވެ ވަޑައިގެންފަ އެވެ. 

މޮރިޝަސްއިން ޗާގޯސް ހޯދުމުގެ މަސައްކަތުގައި  އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށާއި އެތަނުގައި އޮންނަ ޖެހޭނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ.  އެއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވާތީ، އިނގިރޭސިވިލާތުން އެތައް އަހަރެއް ވަންދެން މިކަމުގައި ގޮތް ދޫނުކޮށް އޮތުމަށްފަހު ވިސްނުން ބަދަލުކުރީ އދ.ގެ އާންމު މަޖިލީހުގައި ވެސް މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހުގަ އެވެ. 

އޭގެ ފަހުން މޮރިޝަސް އިން ވަނީ ޗާގޯސްގައި އޮންނަން ޖެހޭނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އައިސީޖޭ އިން ނެރުނު ލަފަޔަށް ބިނާކޮށް، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަހައްދުން ފުށުއަރާ ބައިގެ އިން ވަކިކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ. 

އެ ޓްރައިބިއުނަލްގައި ރާއްޖޭން އިޖުރާއީ މައްސަލައެއް ނަގައި ބުނަމުން ދިޔައީ ޗާގޯސްއަކީ އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް ތަނަކަށް ވާއިރު، އިމުގެ މައްސަލައިގައި ދައުވާކުރުމުގެ ބާރު މޮރިޝަސްއަށް ނޯންނާނެ ކަމަށެވެ.  އެކަމަކު އިޓްލޮސް އިން ރާއްޖޭގެ އެ ހުށަހެޅުން ގަބޫލު ނުކޮށް މައްސަލަ ބަލައި ނިންމީ ނިންމީ އައިސީޖޭގެ ލަފަޔަށް ބުރަވެ އެވެ. އަދި ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު ކޮންމެ ގައުމަކަށް 200 މޭލު ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރު ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯ މީޓަރު ލިބޭ ގޮތަށެވެ.