އެޗްވަންއެންވަން އަށް ވެކްސިން ޖަހަން އޭޑީކޭގައި ކިޔޫ ހަދާފައި: ރޯގާ އާއި އެޗްވަންއެންވަންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 މާޗް 2017 - 21:23
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ހާލަތު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
މިހާރު ފެތުރިފައިވާ ރޯގާ ކޮންޓްރޯލް ނުވެ ބާރު ސްޕީޑުގައި މައްޗަށް ދާ ކަމަށް އެޗްޕީއޭ އިން ނެރޭ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް މިރޭ އެތަނުން ނެރުނު ބަޔާނުގައި ބުނީ މާލޭގައި އެޑްމިޓްކޮށްގެން ރޯގާ އަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައި ވަނީ 26 މީހުންގެ ކަމަށެވެ. އަތޮޅުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައި ވަނީ ފަސް މީހުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން އެޗްވަންއެންވަންގެ ތަފާސް ހިސާބުތައް ކޮންމެ ދުވަހަކު އާއްމުކުރަމުން އަޔަސް މިއަދު އެ ހިސާބުތަކެއް ނުނެރެ އެވެ. ހަމައެކަނި ހާމަކޮށްފައި މިވަނީ، އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދެވެ. މިއަދުގެ ނިޔަލަށް ޕޮޒިޓިވްވީ ސީދާ އަދަދު އަދި ހާމައެއް ނުކުރެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ރޯގާ ކޮންޓްރޯލްކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަލި ޖެހޭ މީހުންގެ އަދަދު ވެސް މަދުވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ. ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ވެސް މަދުވެ، ބައެއް ކްލިނިކްތައް ބަންދުކޮށްފައިވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިގޮތަށް ހާލަތު ބަދަލުވި ނަމަވެސް އާއްމު ސާފުތާހިރުކަން ދަމަހައްޓައި ރޯގާ ޖެހިފައިވާ މީހުންނާއި ކުދިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މާލޭގައި ފުރަތަމަ ރޯގާ ފެތުރެން ފެށި ދުވަސްވަރު ދުވާލަކު 1098 މީހުން ޑޮކްޓަރަށް ދައްކާފައިވީ ނަމަވެސް 24 މާޗް 2017 ގައި ޑޮކްޓަރަށް ދައްކާފައި ވަނީ 257 މީހުންނެވެ،" ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އެޗްވަންއެންވަން ފަދަ ވައިރަލް ރޯގާ ކޮންޓްރޯލްކޮށް އިތުރަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ މަސައްކަތްތައް ތަރުތީބުކުރުމަށް ތަފާތު ލެވެލްތަކެއް ކަނޑައަޅާފައިވެ އެވެ.
"ރާއްޖޭގައި މިހާރު މަސައްކަތް ކުރެވެމުންދާ ލެވެލް 3 އަކީ އެގޮތުން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެކި އެކި މުއައްސަސާތަކުން ރޯގާ ފެތުރުން މަދުކުރުމުގެ މަސައްކަތް ހިންގަން ކަނޑައަޅާފައިވާ މިންގަނޑެއް ކަމަށެވެ. އަދި އެއީ ސްކޫލް ހިންގުން ބަންދުކުރުމާ ގުޅުން އޮތް ކަމެއް ނޫނެވެ،" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
އެޗްވަންއެންވަންގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 31 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މި ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށި ނަމަވެސް އެކަމާ ދެކޮޅު ހަދައި ގިނަ ބެލެނިވެރިން ސްކޫލްތަކަށް ދަރިވަރުން ނުފޮނުވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
27 March 2017
ނޫހުކޮއި ބޯކެޔޮވަލަށް އެންމެން ޖަމާވެފާ މިއޮތީ ދެން ބަލިގިނަވާނެތާ މިވެސް ލައްކަވާހަކަ
ބީރުބަލް
27 March 2017
އެއާރޕޯޓްސް ކޮމްޕެނީގެ ޗެކިން ކައުންޓަރު ތަކުގައި ތިބޭ ކުދިންނަށް މާސްކް އަޅަން ހުއްދަ ދިނުމަށް ގޮވާލަން އެބަޖެހޭ. މިހާރު ފަތުރުވެރި ޖެހިލުންވެދާނެތީ ކައުންޓަރުގަ ތިބޭ ކުދިންނަށް އޮތީ އަންގާފަ މާސްކް އަޅައިގެން ނުވާނެކަމަށް. އެޢީވެސް މީހުންގެ ދަރިން. ކުންފުނީގެ ގުރުބާނީ ތަކެއް ނޫން. ބަލި ގިނަ ވަނީ މަރު ގިނަވަނީ އކުދިންނާ މެދު ވިސްނާލަން އެޗް ޕީ އޭ ފަދަ މުއައްސަސާއަކުން ގޮވާލަން ފެނޭ
އިދުރީސް
27 March 2017
ތެދެއް ހަދާ އެއްވެސް ސަރުކާރުގެ އިދާރާއެއް ހަމަ ނެތީބާއޭ މަގޭ ހިތަށް އަރާ! އެހެންޏާފަހެ. މިމީހުން ހީކުރާކަހަލަ އަހަރުމެން މީ ހުސް ގަމާރުންނޭ!
ދަރިވަރު
27 March 2017
ހާލަތު ރަގަޅުވާކަމަށް ވިދާލުވިއިރު މިޚަބަރަށް ކޮށްފަހުރި ކޮމެންޓް ތަކުން ޙާލަތު ވަރަށް ސާފުކޮށް އެގިގެން ހިގައްޖެ. މަމެން ނިދާފަތޭ؟
މަނިކު
27 March 2017
ކޮންތާކުބަ ރަނގަޅުވަނީ؟ މެޑަމް ޕެނަޑޯލް ބެހި ހިސާބުގަތަ؟
ސިޔާސީ
27 March 2017
ޔައުނީ އަދި ހާލަތު ބަދަލެއް ނުވެޔޭ! ސޯ ޕުލީސް ޑޯންޓް ގޯ!!!!
ގިވްއިން
27 March 2017
ކެރެންޏާމު ތަފާސް ހިސާބު ދައްކާ. ކޮންމެހެން ވާހަކަ ގިނަކުރުމުގެ ބޭނުމެއް ނެތް. ގޮތް ނިންމާނީ މައިން ބަފައިން. އަހަރުމެން ގަމާރުން ކަމުގައި ނުދެކިބަލަ.
ޝުގާ
26 March 2017
އިތުބާރެއް ނުކުރެވޭ. ސޮރީ!
އެންމެންގެ ގައުމު
26 March 2017
އެޗްޕީއޭގެ މައުލޫމާތު ކޮންމެ ދުވަހަކު ގެނެސްދީފަ އަނެއްދުވަހު އެއްވެސް ޚަބަރެއްނުވެ މީކޮން އުސޫލަކުން ކުރާކަމެއް. ބައްލަވާ ތިހުރިހާ މައުލޫމަތަކީ މީހުންގެ ފުރާނަޔާގުޅޭ އެއްޗެއްނުންތަ. ތިހެން ނަހަދާ. ގައުމު ފަޅުވެއްޖެއްޔާ ކޮންވެރިކަމެއް ކުރާނީ.
މެއް
26 March 2017
އަހަރުމެންގެ ވިސްުނުންވެސް އަންނަނީ ރަގަޅުވަމުން ވޯޓްލާންވާއިރަށް.