އޭބީއޭގެ އަހަރީ އާއްމުބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ބީއެމްއެލް
17 ސެޕްޓެމްބަރ 2025 - 20:44
އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައި އެ ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެެމްއެލް) ހޮވައިފި އެވެ.
އޭބީއޭގެ ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، އެ ދާއިރާގެ މުހިންމު މައްސަލަތަކާއި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ ކުރިމަގާ މެދު މަޝްވަރާކުރާނެ އެވެ.
ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި އެކަން އިއުލާންކުރީ ބޫޓާނުގައި ހޯމަދުވަހު ފަށައި އަންގާރަ ދުުވަހު ނިންމައިލި 41 ވަނަ އޭބީއޭ ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގައި އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އައްޔަންކުރި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލް އަށް ލިބުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު ޝަރަފެެކެވެ.
"މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ދުނިޔެއަށް ދައްކާލައި، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް. އޭޝިއާގެ ބޭންކިން ކޮމިއުނިޓީއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ ޕްލެޓްފޯމް ގާއިމްކޮށްދޭން ބީއެމްއެލް މި އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ބޫޓާނުގައި ބޭއްވި އޭބީއޭ ކޮންފަރެންސްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ:ބީއެމްއެލް
މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. އެ ބޭންކުން ވަނީ 2018 ވަނަ އަހަރުގެ އޭބީއޭ ކޮންފަރެންސް ވެސް ކާމިޔާބުކަމާ އެކު ރާއްޖޭގައި ބާއްވައިފަ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި އެ ކޮންފަރެންސް ބާއްވަން ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ދޭހަވަނީ އޭޝިއާގެ ބޭންކިން ދާއިރާގައި އެ ބޭންކްގެ ނުފޫޒާއި ލީޑަޝިޕް ހަރުދަނާ ވަމުން އަންނަ ކަމެވެ.
އަންނަ އަހަރު ބާއްވާ އެ ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއާ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ އެ ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާއަށް މުހިންމު މައުލޫތަކާ ގުޅޭ މަޝްވަރާތަކާއި ވޯކްޝޮޕްތަކާއި ނެޓްވޯކިން ސެޝަންތައް ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy