މާލޭގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް. ފޮޓޯ:ނިޝާން އަލީ/މިހާރު
19 ސެޕްޓެމްބަރ 2025 - 15:01
ދިވެހިން އާއްމުކޮށް ބޭނުންކުރާ މޭވާގެ ތެރޭގައި ހިމެނޭ އާފަލާއި އޮރެންޖްގެ އަގު ރާއްޖޭގައި އިންތިހާއަށް ބޮޑުވުމަށް ފަހު ވަރަށް ބޮޑަށް އަގުހެޔޮ ވެއްޖެ އެވެ.
ބާޒާރުގައި އޮރެންޖު ކިލޯއެއްގެ އަގު 80ރ. ގައި ހުރުމަށް ފަހު މިހާރު ހުރީ 33ރ. އަށެވެ. ރަތް އާފަލު ކިލޯއެއްގެ އަގު ކުރިން 80ރ. އަށް އެރި ނަމަވެސް މިހާރު ވަނީ އޭގެ އަގު ވެސް 44ރ. އަށް ވެއްޓިފަ އެވެ.
ބާޒާރުގައި އޮރެންޖާއި ރަތް އާފަލު ކިލޯއެއް މި އަގަށް ލިބެން ހުރި އިރު ކުދި ފިހާރަތަކުން އޮރެންޖެއް ވަކިން ވިއްކާ އަގު ވެސް މިހާރު ހުރީ އާންމުކޮށް 3.50ރ. އަށެވެ.
އޮރެންޖާއި ރަތް އާފަލުގެ އަގު ހެޔޮ ވިޔަސް ފެހި އާފަލުގެ އަގު އަދި ހެވެއް ނުވެ އެވެ. ފެހި އާފަލު ކިލޯއެއް މިހާރު ވެސް ހުރީ 63ރ. އަށެެވެ. ބައެއް ވިޔަފާރިވެރިން ބުނިގޮތުގައި ފެހި އާފަލުގެ އަގަށް އަދި ބަދަލު ނާންނަނީ އާ ސްޓޮކް އަދި ރާއްޖެ އަށް ނާންނާތީ އެވެ.
ރާއްޖޭގެ އާންމު ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯ އިން ވަނީ އެ ބާވަތުގެ ބޮޑު ސްޓޮކެއް ރާއްޖެ ގެނެސް ވިއްކަން ފަށައިފަ އެވެ. އޭގެ ސަބަބުން ވެސް އަގުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 23 ބާވަތެއް ދާއިމީކޮށް ގެންނަން އެސްޓީއޯ އިން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅު ބިހެވެ. އެސްޓީއޯ އިން ވަނީ އެއީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް ލައިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެ ބަދަލާ އެކު، ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށެވެ.
އިއްޔެ ޕޮޑްކާސްޓް ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާފަލާއި އޮރެންޖު ދާއިމީކޮށް އެސްޓީއޯ އިން ގެންނަން ނިންމުމަކީ ރައްޔިތުން ކުރާ ވިޔަފާރި އަށް ވަނުން ނޫން ކަމަށާއި ބޭނުމަކީ ހެޔޮއަގުގައި އެ ބާވަތްތައް އެންމެންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންގެ ރައްޔިތުންނަށް އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގެއްލުންތަކެއް ވާކަށް. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހުރިހާ ހިދުމަތެއް ލިބެން. އޭގެ ސަބަބުން ކޮމްޕެޓިޝަން އުފެދިގެން ދާނެ،" ރައީސް އިއްޔެ ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ މީހުންނަށް ބީއެމްއެލް މެދުވެރިވެގެން ޑޮލަރު ދޫކުރުމުގެ "ދީލަތި" ފުރުސަތެއް މިއިން ދުވަހަކު ވެސް ނުދޭ ވަރަށް އަންނަނީ ދެމުންނެވެ.
ބީއެމްއެލް އިން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ 12 މަސް ދުވަހު ޓީޓީ ހެދުމަށް އެ ބޭންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު އެކަނި ވެސް ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ އަރާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އާފަލާއި އޮރެންޖް ހިމެނޭ ގޮތުން މޭވާ އާއި ތަރުކާރީގެ އަގު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިފައިވާ ކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިމަހުގެ ތިން ވަނަ ދުވަހު ނެރުނު އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް އިން ދެއްކި އެވެ.
އެ ރިޕޯޓް ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު އަގުތައް ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ.
20 September 2025
ރައްޔިތުންނަށް އަތްފޯރާފަށަށް ކާތަކެތި ގެނައުމަކީ ސަރުކާރުތަކަށް ލާޒިމުކަމެއް، އެއީ ކުދި ވިޔަފާރި ފުޑާލުމެއް ނޫން..ޕާޓީ ތަކުގެ މީހުން އެހެން ކިޔަނީ ރައްޔިތުން ހާލުގައި ޖައްސަން ބޭނުން ވާތި.
އަލި
20 September 2025
އަގު ބޮޑުކުރީ ސިޔާސީ ބޭނުމުގައި ކަމަށް ލަފާކުރެވޭ. ފުނޑެނީ ރައްޔިތުން. މީ ކޮންކަހަލަ ޑިމޮކްރަސީއެއް؟!
ރައްޔިތެއް
20 September 2025
ހުރިހާ އެއްޗެއް ކާބޯތަކެއްޗަށް ދަންދެން އިމްޕޯޓްކުރާ ގައުމެއްގައި ހަމައެކަނި އާފަލާއި އޮރެންޖް ވޭތުވެ ދިޔަ ދެތިން މަސްދުވަހު އަގުހުރިވަރަށް ވުރެ އަގު ދަށްވުމުން ބަޔަކު މާ ބޮޑުކަމަކަށް ހަދައިގެން އުޅޭތީ ބުނަމެވެ! ތިޔަ ކިޔާ އާފަލާއި އޮރެންޖް ފިޔަވާ ކުޑަކުދިންގެ ކާނާއާއި، ހަނޑު ހަކުރު ފުށް ފިޔަވާ ކާން ބޭނުންކުރާ އެއްޗިއްސާއި، ކިރު، ބުއިންތައް، ރީތިވާ ސާމާނު އަދި މެޓާޗޮކްލެޓަށް ފަންދެން ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު އެވްރެޖް ތިރީސް ސާޅީސް ޕަސެންޓް ބޮޑުވީ ވާހަކަ ނުދައްކަނީ ކީއްވެ ބާއެވެ. އަދި އެސްޓީއޯއަށް އެކަނި މި ހުރިހާ އެއްޗެއް އިމްޕޯޓްކުރެވި ދާނެ ބާއެވެ.
ބުރާރު
20 September 2025
މަ ބުނީ ކުއްލިއަކަށް ތި އަގުހެޔޮވީ ވިޔަފާރި ވެރިންނަށް ޑޮލަރު، އެމެރިކާގެ ރައީސް ދިނީތަ. ނޫނީ މި މީހުން ގޭގައި ޑޮލަރު ޗާޕުކުރަން ފެށީތަ.
ރާއްޖެ މަންޖެ
20 September 2025
އެމީޙުން ހީކުރީ ވެރިކަން ނިމެންދެން މިހެން ހިފާޓާލެވޭނެ ކަމަށް،
ތަމްހީދު ގާސިމް
20 September 2025
އެޕަލް އައިފޯނު އަގުބޮޑުވެގެން ނޫޅޭ. އާފަލެއް ދެތިން ރުފިޔާ ބޮޑުވެގެން ހަޅޭއް ލަވާއިރު އަތުގަ އޮންނަނީ އެޕަލް އައިފޯނު ޕުރޯ މެކްސް. ކިހިނެއްތޯ ދެން ހަދާނީ؟
ރާއްޖެ މަންޖެ
20 September 2025
ބަލަގަ އެއްމެނެއް އެޕަލް އައިފޯނެއް ނުގެންގުޅޭ
ހުސަ
20 September 2025
އަޅުގަނޑު ކުރިންވެސް މީގެކުރިން ދުވަހަކުވެސް ތަކެތި އަގުބޮޑުވެފައިވާތީ ކޮމެންޓެއް ކުރިން! ގަސްތުގައި ވިޔަފާރިވެރިން ކުރާކަމެކޭ ތަކެތި އަގުބޮޑު ކުރުން! ސަރުކާރުން މިކަންކަން ބަލާ ރެގިއުލޭޓްކޮށް ހަދަން ފަށާ ދުވަހަކުން އަގުކުޑަވާނެޔޭ! އަދި އެސްޓީއޯއަށް ޑޮލަރު ފޯރުކޮށްދީގެން ގެނައުމުން އަގުކުޑަވާނެޔޭ! އެކަން ސަރުކާރުން ބަލާ އަމަލުކުރަން ފެށީމާ މިދަނީ އަގު ދަށްވަމުން! ވިޔަފާރިވެރިން ގަސްތުގައި ކުރާކަމެކޭ މިއީ!
އެސްޓީއޯ
20 September 2025
ކިތަންމެ އަގުހެޔޮވިޔަސް އެސްޓީއޯއިން ނުހުއްޓާތި
އަފްރާސިޔާބު
20 September 2025
ތިޔަހެން ބުނުމެއް ރަނގަޅެއްނޫން. އަގު ހެޔޮވިވަރަކަށް ސަރުކާރުގެ ކޮންޓްރޯލް އޮންނާނީ. ދޫކޮށްލީމާ އިކޮނޮމީއަށް ރަނގަޅުވާނީ. އިކޮނޮމީއަށް ރަގަޅުވާވަރަކަށް މީހުން އަތުން ފައިސާ ހުސްވާނީ. ފައިސާ ހުސްވިވަރަކަށް މީހުން ކޮންޓްރޯލް ކުރެވޭނީ.
ގާރޫނު2
19 September 2025
ވިޔަފާރިވެރިން ދައްކާ ވާހަކައިގެ ތެދުވެރިކަން މި ފެންނަނީ. ކުރިން ބުނީ ޑޮލަރު އަގުބޮޑުވެގެންނޭ 10 ރުފިޔާއަށް އާފަލެއް ވިއްކަން ޖެހުނީ. އެސްޓީއޯއިން އަގުހެޔޮކޮށް އާފަލު ވިއްކަން ފެށީ އެއަގު ހެޔޮކުރީ. ޑޮލަރު ހުރީ ހަމަ އެލިބޭ ރޭޓުގައި. ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތޭރޭ ނަފްރަތު އުފައްދާފަ، މިމީހުން 10 ރުފިޔާއަށް އަގު ބޮޑުކޮއްފަ އޭގެ ފައިދާ ނަގަން ވިސްނީ.
ރައީސް ޔާމީން
19 September 2025
މި ގައުމުގަ ހުރިހާވެސް ހަލާކަކީ ވިޔަފާރި ވެރިން ގައުމު ބަނޑުދަށު ލައިގެން އުޅެން އުޅޭ އުޅުން. ޑޮލަރު އަގު އުފުލަނީވެސް ހަމަ އެމީހުން. ބޭންކުން ކިތަންމެ ވަރަކަށް ޑޮލަރު ދިނަސް އެއްޗެހި އަގު ހެވެއް ނުވޭ. މިކަން ހައްލު ކުރެވޭނީ އަސާސީ ހުރިހާ މުދަލެއް އެސްޓީއޯއިން ރައްޔިތުންނަށް ފޯރުކޮއްދޭން ފެށީމަ. ވިޔަފާރިތައް ފުޑެންޏާ ފުޑެންވީ. ހުއްބުލް ވަތަން
އަފްރާސިޔާބު
19 September 2025
މިހާރު ސަރުކާރުން ކުރަންވީ ޖަމަކީ މި ހޮޓާ ހިންގާ މީހުން މި ވިއްކާ ތަކެތި އަގު ހެޔޮވާނެ ފޯމިއުލާއެއް ނެރުން. ކުރިން 20 ރުފިޔާއަށް 4 ރޮއްޓާއި މަސްރިހައެއް ލިބޭ. އެކަމަކު މިހާރު ލިބެނީ 70 ރުފިޔާއަށް.
ީާަމެެނެެޖަަރ
19 September 2025
ސަޅި. ދެން ހުރި މޭވާ ތައް ވެެސް انشاءالله އަގު ހެޔޮ ވާނެ