މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ
11 ސެޕްޓެމްބަރ 2025 - 14:34
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
މޭވާ އާއި ތަރުކާރީ އަގުހެޔޮކޮށް ލިބޭނެކަން ކަށަވަރުކުރަން އެސްޓީއޯއާ ގުޅިގެން ކުރާ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާ އެކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭވާ އާއި ތަރުކާރީ ލިބޭނީ އަގު ހެޔޮކޮށް ކަމަށެވެ.
"އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން [އަގު ހެޔޮކޮށް] ލިބެން ހުންނާނެ ކަން އެސްޓީއޯ އިން ޔަގީން ކުރަން ޖެހޭނެ [ތާރީހު]، އެހެންވީމާ އެއީ މީގެ އަމާޒަކީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު އެ ތާރީހުގެ ކުރިން ވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ އެސްޓީއޯއިން އެ ބާވަތެއް ގެންނާނެ އެވެ.
އަސާސީ ބާވަތްތަކުގެ ލިސްޓަށް 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅު ބިސް ހިމެނުމުން އެ ބާވަތްތަކުގެ އަގުތައް ހެޔޮވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ ރޯދަމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓަން އެސްޓީއޯއިން ތަކެތި އެތެރެކުރި އިރު އެ ކުންފުނިން މުދާ ރައްކާކުރީ ވަގުތީ އިންތިޒާމެއްގައި ކަމަށެވެ. ނަމަވެސް އެ ބާވަތްތައް ދާއިމީކޮށް އެތެރެކޮށް ވިއްކުމަށް މިހާރު ރަނގަޅު އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެސްޓީއޯގެ މިއަދުގެ މީޑިއާ ބްރީފިންގައި އެސްޓީއޯގެ އެމްޑީ ޝިމާދު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: އެސްޓީއޯ
"އަޅުގަނޑުމެން މިހާރު ވާނީ އިންޑަސްޓްރިއަލް ވިލެޖްގައި، ބްރިޖް އެ އަޅާ ސަރަހައްދުގައި ޒަމާނީ ދެ ގުދަން ގާއިމްކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އިއުލާން ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު އިއްޔެ ނިންމާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީގެ މައިގަނޑު ބާވަތްތައް އެތެރެކޮށް ވިއްކަން ނިންމީ، ބާޒާރުގައި ހާއްސަކޮށް މޭވާގެ ބައެއް ބާވަތްތަކުގެ އަގުތައް އެތައް ގުނައަކުން މަތިވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ...
13 September 2025
މިކޮމެންޓުުތައް ކިޔާފައި ސަރުކާރަށާއި ރައީސްއަށް ވެސް މިހާރު ވ. ބޮޑު އެއްޗެއްވިސްނެންވެއްޖެ ދޯ؟ ރައްޔިތުންގެ ވިސްނުން ވ. ބޮޑަށް އުއްމީދު ކުރި ވަރުގެ (ހެޔޮ) ވެރިކަމެއް، މިކަހަލަ ރޯނު އެދުރުން ލައިގެން ނުކުރެވޭނެކަން.. ފާއިތު ވީއަހަރެއްހާދުވަހު މުޅިންހެން ޅަ އެއްޗެހި ތިޔަ އަޅުއްވަނީ. ވިސްނަވާ .. ސޮއްސާލާފިއްޔާ ރަހަކުރަން ދެން ވ. އުނދަގޫވާނެ.
ގުދުގުދާބެއްޔާ
12 September 2025
އަނެއްކާ ޑޮލަރ 15.42ރ ލިބެނީތަ؟ އަގުހެޔޮވާން! ކޮބައިތަ އެސްޓީއޯ އިން ގެނައި ކާށި ސިޕްމަންޓް
ކާށި ޝިޕްމެންޓު
13 September 2025
މީހަކަށް ލިބެނީ ޕެކު ކޮށްފައި 3 ކާށި..
މަހާ
12 September 2025
ހާޑުވެއަރ ސާމާނުވެސް މިހާރު ހުރީ އަތް ނުފޯރާ ހިސާބުގަ ރައީސް ހެޔޮނުވާނެ ެ ވިޔަފާރި އަށްވެސް ވަދެގެން ރައްޔިތުންނަށް އިސްކުރެއް ނަމަވެސް ހެޔޮކޮށްދީބަލަ
މަޖަން
11 September 2025
އަގައްބަލައިގެން ވިޔަފާރިކުރާނަމަ ދާންވީ ރެޑުވެޭވުއަށް ކިތައްމެމީހުން ރުޅިއަޔަސް އަގުހަމައެތަނުގައި ހެޔޮ ހުރިހާ އެއްޗެއްވެސް
އުސްމާނުބެ
11 September 2025
އެއްޗެހި އަގުބޮޑުވާ ގޮތް ބަލަން ކޮމިޓީއެއް ހަދަން ފެން ނަނީ ވީ އެންމެ އަވަހައް އޭރުން ތިކަން ހައްލުވާނީ ހެހެހެހެހެހެ
އާދޭސް ކޮއްފައިބުނަން
11 September 2025
އާދޭސްކޮއްފައި މިބުނަނީ މި ގިލަންވެރިކަމާއި މުސީބާތުން ސަލާމަތްވާންއޮތީ ސައީދު ފެއަށްކެހިގެން. އެކަންކޮއްލަދީ !
ދަނބުރުއް
11 September 2025
އޮށް ހުންނަ ގުދުރަތީ ލުނބޯ ގެނެސްދެއްޗޭ. އޮއް ނުހުންނަ ގޮތަށް ޖެނެޓިކަލީ މޮޑިފައި ކޮށްފަ ހުންނަ ދަރިމައި ނުވާ އެއްޗިހި ކައިކައި ރައްޔިތުން މިތިބަ ހަލާކުވަނީ.
ބަބްސް
11 September 2025
މިކަހަލަ ދަނޑިވަޅެއްގައި ކުރަން ހަމަ އެންމެ ރަނގަޅު ކަމެއް.
ހަހަހިހިހެހެހޭ
11 September 2025
ސާބަހޭ. ތިކަން ވާނެ.
އަފްރާސިޔާބު
11 September 2025
ސައީދުމެންނަށް ވާވަރުގެ ކަންތަކާ ވާހަކަ ދައްކަބަލަ. ތިއިން އެއްވެސް ކަމެއް ނުވާނޭ ކަމީ އިރު ފެންނަ ފަދައިން އެނގި ކަށަވަރުވާ ކަމެއް.
ބޯގޯސްބެ
11 September 2025
ކަލެއަށް މާބޮޑަށް އެނގެނީ.