ރައީސް މުއިއްުޒު މިއަދު ފުލިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު، ބޭއްވި ބައްދަލުވުމުގައި ކައުންސިލް ރައީސް އިމްތިޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 19:07
ވ. ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒުގެ ވާހަކަ ކުރިއަށް ގެންދެވުމުގެ ކުރިން އެންމެ ފުރަތަމަ އެ ނުކުތާ ފާހަގަ ކުރެއްވުމަށް ފަހު، ކުރިއަށް ވަޑައިގަތް މައިގަނޑު ސަބަބަކީ އެއީ ތާރީހީ ކަމަކަށް ވާތީ އެވެ.
ޕްރޮޖެކްޓުތަކުގެ ވާހަކަތަކަށް ވުރެ ކުރިން އޭނާ ފާހަގަކުރެއްވި ކަމަކީ ރާއްޖެ އަށް 2008 ގައި ޑިމޮކްރެސީ ތައާރަފުވި ފަހުން، އިންތިހާބެއްގެ ކެމްޕެއިނެއްގެ ބޭރުން ފުލިދު އަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމެވެ.
"ދިވެހިރާއްޖޭގައި މިނިވަން، ދެފުށް ފެންނަ އިންތިހާބުތަކަށް ހުޅުވިގެން ދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބެއްގެ ކެމްޕެއިނަށް ނޫން ގޮތަކަށް ރައްޔިތުން އިންތިހާބު ކުރައްވާފައިވާ ރައީސަކު ވ. ފުލިދު އަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު،" އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލް ރައީސް އިމްތިޔާޒު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަތަރު އަތޮޅެއްގެ 31 ރަށަކަށް ރައީސް މުއިއްޒު މިއަދު މެންދުރު ފެއްޓެވި ދަތުރުފުޅުގައި ހަވީރު ފުލިދު އަށް ވަޑައިގަތުން ހާއްސަވި ސަބަބަކީ އެއީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއިރު އެ ރަށަށް ފުރަތަމަ ފަހަރަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވަން ނިންމެވި އެވެ.
އޭގެ ތެރޭގައި ހުރިހާ ސަރުކާރެއްގައި އެދެމުން އައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއި އޭޓީއެމްގެ ހިދުމަތް ފެށުމާއި ޑޮލަރު އޭޓީއެމްއެއް އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ބަހައްޓަން ނިންމިކަން ކައުންސިލްގެ ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މުޅިން ކަހަލަ ގޮތަކަށް ޓޫރިޒަމަށް ބަރޯސާވެފައިވާ ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ވަރަށް އުފާވެރި ޚަބަރެކެވެ.
އާބާދީ މަދު ފުލިދޫގައި މިއަދު ވަނީ އާ ސިއްހީ މަރުކަޒެއްގެ ބިންގާ ވެސް އަޅައިފަ އެވެ. އަދި އެ ރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްުޒު މިއަދު ފެލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އަދި ރައީސްގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ ބަހެއް، ރައްޔިތުންގެ ބަހެއް ލިބުނުހާ އަވަހަކަށަް ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެކަން ދަންނަވާފައިވޭ،" އިމްތިޔާޒު ވިދާޅުވި އެވެ.
"އެހެންވީމާ މި ދެންނެވި ހުރިހާ ސަބަބުތަކަށްޓަކައި މިއަދަކީ ވ. ފުލިދު އަށް ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން."
ފުލިދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.
ފުލިދޫން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރު ވެފައިވާ ކަމަށާއި ރައްޔިތުން ބޭނުންވާ ނަމަ ބަނދަރުގެ މަސައްކަތް ކުރާއިރު އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޮޒީޝާ
21 September 2025
ކޮން ކެމްޕެއިންގެ ބޭރަކުންނޭ ކިޔާކަށްތަ............................. މުއިއްޒު މިހާރު އެރަށްތަކަށް އެދަނީ ލޯކަލްް ކައުންސިލް އިންތިހާބަށް ފައްކާކުރަންކަން ޔަޤީން..... ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންނޫޅޭ
ހޮޓްކިންގ
20 September 2025
ތީދެއް 4 އަތޮޅަށް ބިލަތްއަޅައި ބޮޑުމާލޫދު ކިޔާވަރުގެ ކަމެއް ފުލިދޫމީހުނަށް ވެފަތިއޮތީ. ފުލިދޫމީހުން އަދިވެސް އުޅެނީ ފައިދޮށަށް ދޮންވެލިލީ ޒަމާނުގަތޯ ސުވާލަކީ؟
ނަޓްސް
20 September 2025
ކަލޯ، ކެމްޕެއިނަކަށް އައިއްޔާ އެގޭނެތަ؟
ަޗފެވަެދަ
20 September 2025
ކައުންސިލް އިންތިހާބަށް ކަނޑަޖަހަނީ! މިވަރު ނޭނގުން ކައުންސިލެއް އޮތީމަ ރަށަށް ކޮންތަރައްޤީ އެއް ލިބޭނީ!
ޚެމްޕޭން
20 September 2025
ދައުލަތުހެ ހަރަދުގައި ޕާޓީ އަށް ކެމްޕޭން އެލުރަނީ
ކޯންޗެއްތޯތިކިޔަނީ
20 September 2025
ހިނިތޯ އަންނަންވީ. ކުރިމަތީ މިއޮތީ މާސިންގާ ކަނޑުތޯ ނޫނީ ކައުންސިލް އިންތިޚާބުތޯ؟
ނާޑުވާ
20 September 2025
ކެމްޕެއިނުގެ ބޭރުން ތިޔަ ސިފަކުރަނީ ކިހިނެތް ތޯ? ކައުންސިލް އިންތިޚާބްގެ ކެމްޕައިން ފަށައިގެން އުޅޭކަން ކައުންސިލް ރައީސްއަށް ނޭނގިއޮތުމަކީ ދެރަކަމެއް.
މެޑެލްދީ
20 September 2025
ކައުންސިލް އިންތިހާބުގެ ވާހަކަ މިރަށައް ޒިޔާރަތް ކުރިއިރު ޕާޓީމީހުންނާ އެކު ދެއްކި ކުރިމަތިލާން ތިބިމީހުންނާ ބައްދަލުކުރި. ރަށުކައުންސިލްގެ ކެންޕޭނަށް އާވައުދުވި. ތިޔަޜަށައް ޒިޔާރތް ކުރީ ކައުންސިލް އިންތިހާބަށް ކާރިވެފާވަނިކޮށޮ މިފަހުން ފަށާފައިވާ ދަތުރުގެ ސިލްސިލާގެ ތެރެއިން. ދެންމަށައް ނޭގުނު.
ބުރާން
20 September 2025
ކައުންސިލްތައް އުވާލާފައި ކަތީބުން އައްޔަން ކުރަން މިރެއަށް ފަހު މަތާއީދު. ޚެމްޕެއިނަކަށް ދިޔައިރުވެސް ތި ކައުންސިލް ރައީސް އެހާގަމާރު
ވޮޗްމޭން
19 September 2025
ކޮންމެ ރަށަކަށް ދާއިރު ފަހަތުގައި އެ ހަރުކުރާ ބެނާ ޕްރިންޓް ކުރަން ކިހާ ފައިސާއެއް ހަރަދުވޭތޯ؟ އޭތި އަލުން ބޭނުންކުރެވޭނެ ގޮތަށް ތާރީހު އަދި ރަށުގެ ނަން ނެތި ޕްރިންޓް ކުރެވިދާނެތޯ؟ ތާރީހު އަދި ރަށުގެ ނަން ވަކިިން ޕްރިންޓް ކޮށް ޖަހާނީ.