މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ؛ ޓީމު މޮޅަށް ކުޅުނު ނަމަވެސް ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭކަން އޭނާ ހާމަކުރި.-- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2025 - 06:23
ފަހު ވަގުތު ގެބްރިއެލް މާޓިނެއްލީ ކާމިޔާބުކޮށްދިން ގޯލާ އެކު މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރު ކުރި މެޗުގައި އާސެނަލަށް މޮޅު ނުވެވުމުން ދެރަވާ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ކައުންޓާ އެޓޭކެއްގައި އާލިން ހާލަންޑް މެޗުގެ ނުވަ ވަނަ މިނިޓުގައި ކާމިޔާބު ކުރި ގޯލުން ސިޓީ މޮޅުވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާޓިނެއްލީ އާސެނަލަށް އެއްވަރު ކޮށްދިން ގޯލު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގަ އެވެ.
މި މެޗުގެ ކުރިން މި ސީޒަނުގައި މިހާތަނަށް އާސެނަލް ކޮޅަށް އޯޕަން ޕްލޭގައި ގޯލެއް ވަދެފައެއް ނުވެ އެވެ.
މާޓިނެއްލީ އާސެނަލަށް އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
"ވަރަށް ދެރަވެއްޖެ މޮޅު ނުވެވުމުން. އަހަރެންނަށް ހީވަނީ މިދިޔަ އަހަރު އަހަރެމެން އެމީހުން [މެންޗެސްޓާ ސިޓީ 5-1 އިން] ބަލިކުރި މެޗަށް ވުރެ މޮޅަށް މި މެޗުގައި ކުޅުނުހެން،" މެޗަށް ފަހު އާޓެޓާ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ޓީމުގެ ކުޅުމާ މެދު އަހަރެން ފަހުރުވެރިވޭ، އަހަރެމެން މުޅި މެޗު ޑޮމިނޭޓް ކުރީ. އެކަމަކު ނަތީޖާއާ މެދު އަހަރެން ވަރަށް ބޮޑަށް ދެރަވޭ."
ފުރަތަމަ ހާފުގަައި ނޮނީ މަޑުއެކޭގެ ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ވަނީ ދިފާއު ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ބުކަޔޯ ސަކާ އާއި އެބެރޭޗީ އެޒީ ކުޅެން އެރުވި އިރު، އޭގެ ތެރެއިން އެޒީ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.
ގާޑީއޯލާ، ސިޓީގެ ފޯވާޑް ހާލަންޑާ އެކު.--ފޮޓޯ: އޭއެފްޕީ
ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީގެ ޑިފެންސް ވަރުގަދަ ކުރަން ދެ ވަނަ ހާފުގައި ހާލަންޑާއި ފިލް ފޮޑެން ބާލުވައިފަ އެވެ. ނަމަވެސް އެޒީގެ ޕާހަކުން މާޓިނެއްލީ ވަނީ ފަހު ވަގުތު ސިޓީގެ ޑިފެންސް ފޫލަޅުވާލައި އާސެނަލަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.
"މިއީ އަހަރެމެން އަބަދު ކުޅޭ ގޮތެއް ނޫން، އެކަމަކު އިދިކޮޅު ޓީމުމާ މޮޅުވީމަ އަހަރެމެން ވަރަށް ބޮޑަށް ޑިފެންސަށް ފައިބައިގެން ކައުންޓާ އެޓޭކް ކުރަން ޖެހުނީ،" ގާޑިއޯލާ ބުންޏެވެ.
މިއާ އެކު އާސެނަލަށް މިވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓާއެކު އެއް ވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ފަރަގު ކުޑަކުރަން އޮތް ފުރުސަތު ނަގާލައިފަ އެވެ. އާސެނަލް ދެ ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް ބޯންމަތަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އޮތީ ލިވަޕޫލަށް ވުރެ އަށް ޕޮއިންޓް މަދުން، ހަތް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހައްމަދާ.
22 September 2025
ބްރޯ ހަމުދުކޮށްބަލަ 1 ޕޮއިންޓްވެސް ލިބުނީތީ، ތަޅާތިރި ނުކޮއްލިކަން ނަސީބެއްނުން
އަހައްމަދާ. ގެ ބަފާ
22 September 2025
މެޗުގެ ސްޓެެޓް ކަލޭ ނުދެކެން ދޯ.ބަސް ޕާކްކޮށްގެން ސިޓީ ހޭވި ހަޑި ކަލޭ ނުބަލަން ދޯ.