ރައީސް މުއިއްޒު ތ. އަތޮޅުގެ ފެރީ ނިޒާމު ރޭ ވޭމަންޑޫގައި ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެމްބަރ 2025 - 10:04
"ތަރައްގީގެ ރާޑަރަށް" ތ. އަތޮޅު އަރުވައިދޭނެ ކަމުގެ ވައުދު އެ މަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ކަމަށާއި އާރުޓީއެލް ފެރީގެ ނިޒާމު އިއްޔެ ފެށުމަކީ އެ މަސަައްކަތުގެ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވޭމަންޑު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އަތޮޅު ތަރައްގީގެ ރާޑަރަށް އަރުވައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވަން މިހާރު ވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"މިއީ އެ ގޮތުން ކުރެވުނު މަސައްކަތެއް،" ތ. އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް އިއްޔެ ފެށިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތ. އަތޮޅު އުފެދިފައިވާ ގޮތުން އެ އަތޮޅުގެ ރަށްތަށް ހުންނަނީ ވަރަށް ދުރުދުރުގައި ކަމަށް ވާއިރު، ދަތުރުފަތުރުކުރުމުގައި ރައްޔިތުން މިހާތަަނަށް އުޅެމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ފެރީ ނިޒާމު ވެގެންދާނީ ތިބޭފުޅުންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ތ. އަތޮޅުގެ އާރުޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ލޯންޗު ވޭމަންޑޫގައި ރޭ ދަތުރަށް ތައްޔާރު ވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅުވައިލުމަށް ފަހު ދެން އޮންނާނީ އެ ނިޒާމަށް ލޯންޗުތައް އިތުރު ކުރުމެވެ. ތ. އަތޮޅުގެ ފެރީ ނިޒާމަށް ވެސް ލޯންޗުތައް އިތުރު ކުރުމުން ދުރު ދަތުރުތައް ކައިރި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ރިޔާސީ ބަޔާނުގައި މި އަހަރުގެ ފެބްރުއަރީގައި އިއުލާން ކުރިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ނިޒާމު ނިންމާނަމޭ. އަޅުގަނޑު ދެންނެވީ މި އަހަރުގެ ނިޔަލަށޭ. އެހެން ނަމަވެސް ކުޑަކުޑަ ޑިލޭއެއް އެބައާދޭ. އެހެން ނަމަވެސް [އަންނަ އަހަރުގެ] މާޗު މަހާ ހަމައަށް ދެ ތިން މަސް އިތުރުވޭ އެބަ އަޅުގަނޑުމެންނަށް އިތުރަށް ބައެއް މަސައްކަތް ކޮށްލަން،" ރައީސް ވިދާޅުވި އެވެ.
ވޭމަންޑޫގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކުރެއްވުމަށް ފަހު، ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި އެމްޓީސީސީގެ އެމްޑީ ސައުދީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވޭމަންޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ އެ ރަށުގެ މަގުތައް ހެދުމާއި ބަނދަރު އަލުން ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޓީސީސީއާ އެކު ރޭ ސޮއިކުރި އެއްބަސްވުމުގެ ދަށުން ވޭމަންޑު އަށް 25 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައި މެދުކެނޑުމެއް ނެތި ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝާފުޅު
25 September 2025
އެހެން އަތޮޅު ތަކުގައި އާރު ޓީއެލް ހިދުމަތް ދިނުމަށްޓަކައި މިހާރު އާރުޓީއެލް ހިދުމަތް ލިބޭ އަތޮޅު ތަކުގެ ރައްޔިތުންނައް ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތްތަކެއް ހޯއްދަވާ ދެއްވުން އެދެން
ކޮވެލި
25 September 2025
ފެރީގެ ނިޒާމަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން އޮތް ހުވަފެނެއް. އެމްޓީސީސީގެ ނަމުގައި ޓްރާންސްޕޯޓް އެ އޮތީ އެހެންވެ. އެހެނަސް އެކަން ކާމިޔާބު ނުވެ އޮތްވާ އެކަމަށް ޢަމަލީ ސިފަ ގެނައީ އެމްޑީޕީގެ ދެ ދައުރުގެ ވެރިކަމުން. މިއަދު ތިީ ބޮޑުތަނުން ރައްޔިތުންނަށް ފަސޭހަ ލިބޭ ޚިދްމަތެއް. އެފަދަ ވިޝަނަރީ މަސައްކަތް ކުރެވޭފަދަ ވިސްނުމެއް މިހާރަކު ނެތް.
ތޫބާ ނާޒިމް
25 September 2025
ރައީސް މުއިއްޒް ވަރެއް ނެތް. ކުދި ރައްތަކާ އެހެން ހުރިހާ ރައްތަކެއްގެ ކަންކަން ތަރައްގީ މިދަނީ ރަނގަޅު ސްޕީޑެއްގައި ކުރިޔަށް.
އަހްމަދު ސަނީހް
25 September 2025
މީ އަހަރުމެން އެތައް ދުވަސްވަންދެން ނުކުރެވިފައި އޮތް ކަމެއް ވެގެން މިދިޔައީ.
ފަތްބެ
25 September 2025
މީގެ މުހިއްމުކަމަކީ ރަށުފަތުރުވެރިކަން ފުޅާވެގެން ދާއިރު އެރަށަކައް ހާއްސަ އެއްވެސް ކަމެއް ދޫކޮއްނުލުން އެވަރިހަމަ ދިރިއުޅުމުގެ ވައްޓަފާޅިނަމަވެސް.. އެއީ އެރަށުގެ އެޑްވާންޓޭޖަކައް ބަދަލުކުރުމައް
އަފްރާސިޔާބު
25 September 2025
ރާޑަރުން އެއަތޮޅު ގެއްލިފައިވަނިކޮށް މިސަރުކާރުން ބެހެއްޓި ރާޑަރަކަށް އަދި ކިރިޔާ އެދައްކާލީ. އެކަމަކު ރިޔާސީ އިންތިޚާބުގައި ތ.އަތޮޅު ރާޑަރުގައި އޮތްހެން ހީވަނީ. ވަރަށް ބައިވަރު ވޯޓުވެސް އެއަތޮޅުން މުއިއްޒުއަށް ދިން. ދެން ގެއްލުނީ ރައީސްކަމުގެ ހުވާކުރެއްވީމާތޯ؟ ނޫނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމާތޯ؟ އެހެންވިއްޔާ ރާޑަރަށް ތިއެރީ ލޯކަލް އިންތިޚާބު ކުރިމަތިން ދައްކާލީމާދޮތަ؟ ކޮންމެެ ގޮތެއްވިޔަސް އަރައިފިކަން އެނގިއްޖެ.
ހަސަނޭެ
25 September 2025
މި ކޮމެންޓް ފްރޭމް ކޮށްލޮޔަސް އެންމެ ރަނގަޅު. ތިޔަ ފެރީ ނިޒާމު ހުރިހާ އަތޮޅަކަށް ތައާރަފްވެ، އެއް އަތޮޅުން އަނެއް އަތޮޅަށް ދެވޭގޮތްވެ، އަދި މާލެޔާވެސް ގުޅުވާލެވޭ ދުވަހަކީ، ދިވެހިންގެ ފުދުންތެރިކަން އެހެން ލެވެލްއަކަށް ދާނެ ދުވަހެއް. އަހަރެމެން އުފެއްދެވީ ވަކި ރަށްތަކެއްގަ. އުޅެ ބޮޑުވާނީވެސް އެ ތަންތަނު، ހެޔޮއަގެއްގަ ދަތުރު ފަތުރުކުރެވޭ ގޮތް ވެއްޖެނަމަ އެ ނިމުނީ.