ގދ. ތިނަދޫގައި ފެނަކަ އިން އިމާރާތްކުރި އިންޖީނުގޭގެ މަންޒަރުތައް އޭރުގެ އެ ކޯޕަރޭޝަނުގެ އޭރުގެ އެމްޑީ ދައްކާލަނީ.---ފައިލްފޮޓޯ/މިހާރު
26 ސެޕްޓެމްބަރ 2025 - 14:48
ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފެނަކައިގެ މާލީ ހާލަތާއި މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބްސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ.
އެ އެއްބަސްވުންތައް ހެދީ އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، އެ ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން، މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ނިންމައިގެން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް މުދަލާއި ހިދުމަތް ހޯދުމުގެ ގަވައިދު ވެސް އެކުލަވާފައި ވަނީ ހޯދާ މުދަލެއް ނުވަތަ ހިދުމަތެެއްގެ އަގު ޖީއެސްޓީ ނުހިމަނައި 225،000ރ. އަށް ވުރެ މަތިވާ ނަމަ އާއްމުކޮށް ހުޅުވައިލަން ޖެހޭ އުސޫލު، ރާއްޖޭން ބޭރުން ތަކެއްޗާއި ހިދުމަތް ހޯދާ އިރު އިސްތިސްނާވާ ގޮތަށެވެ.
މަސައްކަތާއި ހިދުމަތް ހޯދުމުގެ އެއްބަސްވުންތައް އެގޮތަށް ހެދި އިރު ރާއްޖޭން ބޭރުން ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ސަޕްލައި ކުރުމުގައި، ސަޕްލަޔަރުންނަށް ދީފައި ވަނީ އެ ކަންކަމަށް ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް ކަން ވެސް އޮޑިޓުން އެނގުނެވެ. ރިޕޯޓްގައިވާ ގޮތުން އެ ތަކެތި ގެނައި ސަޕްލަޔަރުން ފެނަކަ އަށް ތަކެތި ވިއްކާފައި ވަނީ 40 ޕަސެންޓާއި 55 ޕަސެންޓާ ދެމެދުގެ ބޮޑު ފައިދާއެއް ލައިިގެންނެވެ.
"...ތިން ވަނަ ފަރާތެއް މެދުވެރިނުކޮށް، އެ ތަކެތި ފެނަކަ ކޯޕަރޭޝަނުން ރާއްޖެ އިން ބޭރެން ގަތުމުން ގާތްގަނޑަކަށް 287،130،996 ރުފިޔާގެ ހަރަދު ކުޑަކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުނު،" އޮޑިޓް ރިޕޯޓްގައި ވެ އެވެ.
އޮޑިޓުން އެނގުނު ގޮތުގައި އެކިއެކި ބޭނުންތަކަށް، އެކި ރަށްރަށުން ތަންތަން ކުއްޔަށް ހިފުމުގައި ވެސް ފެނަކައިން އަމަލުކޮށްފައި އޮތީ އުސޫލާ ހިލާފަށެވެ. އެ ތަންތަން ކުއްޔަށް ހިފީ އެންމެ ފަރާތަކުން އަގު ހޯދައިގެން ކަމަށް ވާއިރު، އެ ތަންތަނުގެ ކުއްޔަށާއި މަރާމާތަށް ފެނަކައިން 12.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.
ފެނަކައިން އުސޫލާ ހިލާފަށް ހިންގާފައިވާ މި ނޫން ވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ހުށަަހަޅުއްވާފައިވާ އެއް ކަމަކީ އެ ކަންކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮޅެތި ވާހަކަ ދައްކާފަ ކުލަބޮކި ދިއްލާ އިރަށް ވޯޓްދޭނެ
27 September 2025
މިހާރު ނުކާންވެގެން ފެނަކައިން ޚަރަދު ނުކުރާތީ ދެއްތޮ އިންޖީނުތަށް އެކިދިމަދިމާލުން ކޮށި އަރާ ނިވޭގޮތްވެގެން މިއުޅެނީ.
އޮނަރަބްލް އަފީފު ދީދީ
27 September 2025
މިހާތަނަށް ދައުލަތުންކުރި އެންމެބޮޑު ވައްކަންތަކާއި، ފެނަކަ ކުންފުނިވެސް ހިމެނޭގޮތަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އެތައް ބިލިޔަންރުފިޔާގެ ވައްކަންކޮށްފައިވަނީ މިދެންނެވިއޮފީސްތައް ޤާއިމްކޮށްފައިވާ ކ.އަތޮޅު މާލޭގައިހުރި އޮފީސްތަކުގެ ވެރިން. އެކަމަކު މާލޭސަރުކާރު ހިންގާންތިބި މީހުނަށް މިކަންކަންހުއްޓުވޭނެ އެއްވެސްގޮތެއް މިހާތަނަށް ހޯދުނުކަމަކަށް ނުވި. އަދި މިދެންނެވިފަދަ ރަތްލާޖެހި މާމުލު ވަގުންތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވުނު.
އޮނަރަބްލް އަފީފު ދީދީ
27 September 2025
ފެނަކައިން ހިންގާ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ތަކާއި، ފެނަކައިން ވިއްކާ ކަރަންޓްގެ އަގު ކަޑައެޅުމަށާއި، ކުންފުނީގެ ސިޔާސަތުކަޑައަޅާ ކުންފުނީގެ އިންޖީނުތައްހިންގައިގެން ހިދުމަތްދޭ ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްވިއްކާ ބިލްކުރުމަށް ހުންނަ ކުންފުންޏެއްގެ އޮފީސް އެމީހުންގެ ވިޔަފާރީގެ އެއްވެސްކަމެއްނެތް އަދި ކުންފުނީގެ އިމާރާތެއް ބިމެއްވެސް އެރަށެއްގައިނެތް ކ.އަތޮޅު މާލެގައި ބަހައްޓަންޖެހޭ ސަބަބަކީ ކޮބައިތޯ؟! ފުރަތަމަ މިކަން ރަނގަޅުކުރޭ.
އޮނަރަބްލް އަފީފު ދީދީ
27 September 2025
ކުންފުންޏަށް ގެއްލުންވާ ވާހަކަ އާއި ފެނަކައިން ހިދުމަތްދޭ ރަށްރަށަށް ކަރަންޓްދެނީ ދައުލަތުން އެތައް މިލިޔަން ރުދިޔާ ސަބްސިޑައިޒް ކޮށްގެން ކަމަށް މާލޭސަރުކާރުން އަޑު ފަތުރާއިރު ކުންފުނީގެ އާމްދަނީގެ %60 ހިއްސާ ލިބޭ އައްޑޫސިޓީގެ މުޅި އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވުރެން ކ.މާލޭ އޮފީހުގައި ތިބި މުވައްޒިފުން ގިނަ. ޢަދި މުޅި އަައްޑޫސިޓީގެ އިންޖީނުގެ ހިންގަން ކުރާ ޙަރަދަށް ވުރެން މިދެންނެވި އޮފީހަށް ހިގާ ޙަރދު އެތައް ގުނައެއް އިތުރު.
ކީކޭ
27 September 2025
ލޫޓުވައިފި ، ލޫޓުވާކަށް ނެތް ލޫޓުވާލއިފި. މޑޕ އަޅެ ލަދެއްވެސް ނުގަނޭ ދޯ އެހެން މީހުނާ ދިމާލަށް ވަގަށް ގޮވަން. ދެން ހަމަ މި ސިޔާސީންގެ ބަހަށް ހެއްލޭ އާއްމު ރައްޔިތުންވެސް ވިސްނުން ހުރީ ހަމައިގަތޯ ސުވާލު އުފެދޭ. މިމީހުންގެ ފަހަތުން މާދަމާ މުޒާހަރާގަ ތިބެގެން އަނެކުންނަށް ވަގަށް ގޮވަން ތިބެދާނެ ކާންބޯން ކުރަންހުރި މަސައްކަތްތައް ދޫކޮށްލާފަވެސް. ކޮސްކަމޭ ހީވޭ!.
ގޮނުއަނގަ
27 September 2025
މިސަރުކާރުން ހުރިހާ ކަމެއްވެސް ބަލާނެ. އެނިމުނީ. ބެލިޔަސް ޝަރީޢަތަކަށް ނުފޮނުވޭނެ.
ވަންޗޫ
26 September 2025
މީހެ ހެއްވާކަމަކީ ދެން ތިކޮރަޕްޝަން ހިންގުމުގެ މޭސްތިރިން ބުނަންވީ ތީސިޔާސީ ރިޕޯޓެކޭ. އެހިސާބުން އެކަން އެނިމުނީ. މިރާއްޖޭގަ މީ ކޮރަޕްޝަން ބަލާ ގޮތަކީ! މަގޭހިތައްއަރާ މިރާއްޖޭގަ ދެން ކީއްކުރަން ބާވެއޭ އޮޑިޓް އޮފީހާ އޭސީސީއޭގެ ބޭނުމަކީ. މިތަންތަނުން މިކޮރަޕްޝަން ހުއްޓުވެނީއެއްނޫން. އަހަރެމެން ބޭނުންވަނި މީހުންކޮށްފަ ހުންނަވައްކަންތަކުން ގެއްލުނުފައިސާހޯދުން. ތިރިޕޯޓް ހަމައެކަނި ބަލަންލަން ބޭނުމެއްނޫން!
ޓަރާނާ
27 September 2025
މިރާއްޖޭގައި ސިޔާސީ ވައްކަމުގައި އޮންނަ އުޞޫލަކީ އޮޑިޓް ކުރީމާ ނިމުނީ. ދައުވާ ކުރުމުގެ ބާރު އޮންނާނީ އެހެން ރަނަކަށް. އެތަނަކުން ހިންގާނީ ވެރިޔާ ހިންގަން ބުނާ މައްސަލައެއް. ދެން ހިނގާ ސަރުކާރަކުން ބާރަށް އެވާހަކަ ގޮވާނެ. މައްސަލަ ނުހިނގާނެ. ހިނގިޔަސް ދެން ނެގޭ ސަރުކާރަކުން މާފުކުރީމާ ނިމުނީ. ކާލީމާ ހަމަ ބަރާބަރު.
އޮނަރަބްލް އަފީފު ދީދީ
26 September 2025
ފެނަކައިން ހިންގާ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ތަކާއި، ފެނަކައިން ވިއްކާ ކަރަންޓްގެ އަގު ކަޑައެޅުމަށާއި، ކުންފުނީގެ ސިޔާސަތުކަޑައަޅާ ކުންފުނީގެ އިންޖީނުތައްހިންގައިގެން ހިދުމަތްދޭ ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްވިއްކާ ބިލްކުރުމަށް ހުންނަ ކުންފުންޏެއްގެ އޮފީސް އެމީހުންގެ ވިޔަފާރީގެ އެއްވެސްކަމެއްނެތް އަދި ކުންފުނީގެ އިމާރާތެއް ބިމެއްވެސް އެރަށެއްގައިނެތް ކ.އަތޮޅު މާލެގައި ބަހައްޓަންޖެހޭ ސަބަބަކީ ކޮބައިތޯ؟! ފުރަތަމަ މިކަން ރަނގަޅުކުރޭ.
އޮނަރަބްލް އަފީފު ދީދީ
26 September 2025
ވަޒީރެއްގެ މުސާރައަށް ވުރެން ބޮޑު މުސާރައާއި އިނާޔަތް ލިބޭ އެތައް ބައިވަރު މުވައްޒިފުން ކ.މާލޭ ފެނަކަ އޮފީހުގައި ތިބި އިތު ތަނުގައި ހުރި ގޮނޑި މޭޒު ތަކަށް ވުރެން އިދާރީ މުވައްޒިފުން ގިނަ. ބޮޑު މުސާރަ ދީފައި ތިބޭ ޓެކްނިކަލަ މީހުންވެސް ތިބެނީ ކުންފުނީގެ އިންޖީނެއް އެރަށުގަައި ނެތް ކ.މާލޭގައި. އައްޑޫސިޓީ އިންޖީނަކަށް މައްސަލަ ޖެހުނީމާ ދެކޮޅު ޓިކެޓް ކަޑާލާފައި ޓެކްނިޝަން އަންނަނީ އައްޑުއަށް. މިހިރީ މާލޭސަރުކާރުން ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތް.
ޤައުމީ މަސްލަޙަތު
26 September 2025
ސައީދުގެ އިތުރުން ތިކަމުގާ ޒިންމާވާންޖެހޭ ފަރާތްތަކުގެ ތެރޭގަ ހިމެނޭނެ އޭރު ތިކަންކަން ހިނގާކަން އެނގިހުރެ އެކަމަށް ވާގިދިން ސްޓާފުން. އެޑްމިނު ކުދިންނާ، މެނޭޖަރުންނާ، އިންޖިނޭރުންނާ، ޗީފުންވެސް ހިމެނޭހެން. އެއެންމެންނަށް ފިޔަވަޅު އަޅައިގެން މެނުވީ މިޤައުމުން ކޮރަޕްޝަނެއް ނުފިލާނެ. އިބުރަތަކަށް ހަދަން ޖެހޭ. މިކަހަލަ ކަންކަމުގާ ދައުވާ ކުރެވޭނެ އުސޫލު ތަކެއް ހެދެންޖެހޭ.