ރައީސް މުއިއްޒު އިއްޔެ ހަވީރު މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 00:01
ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ބޭހާއި އެހެން ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެތަންތަނަށް ހެލްތު މިނިސްޓްރީއާ ސީދާ މުއާމަލާތު ކުރެވޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގައި މިހާރު އޮންނަ ފަށަލަތައް ގިނަ ކަމުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ސަރުކާރުގެ ބޭސް ކުންފުންޏެއް އުފެއްދެވި އެއް ސަބަބަކީ ބޭސް ފޯރުކޮށްދިނުމުގެ ލުއިތަކާއި ދެން ވެސް ހުރި އުނދަގޫ ކަންކަން ހައްލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމަށް ގެންނަވާ ބަދަލާ އެކު ހެލްތު ސެންޓަރުތަކަށް ކުރިއަށް އޮތް ތަނުގައި ސީދާ ހެލްތު މިނިސްޓްރީ ނުވަތަ ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކޮށްގެން ކަންކަން ހައްލު ކުރެވޭނެ އެވެ.
މާމިގިލީގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ކޮންމެ ހެލްތު ސެންޓަރެއް ސީދާ ބޭހުގެ ކަންތަކުގައި ވިޔަސް އަދި އެސްޓީއޯއާ ވިޔަސް އަދި އެހެން ކަމެއްގައި ފިނޭންސާ ވިޔަސް ސީދާ މުއާމަލާތް ކުރެވޭ ނިޒާމެއް ގާއިމް ކުރުމުގެ ކަންތައް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
"އެއީ، ވަރަށް ގިނަ ކަންކަން ހަމަޖައްސަން ޖެހޭ ކަމެއް، ސޮފްޓްވެއާ ވައިސް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި. މުވައްޒަފުން ޓްރޭން ކުރުމަށް ކުރަން ޖެހޭ ކަންކަން އެބަހުރި. ކޮންމެ ރަށެއްގައި ދޭން ޖެހޭ ޓްރޭނިންތަކެއް އެބަހުރި. ހެލްތު ސެންޓަރުގައި ހުންނަން ޖެހޭ ކަމާބެހޭ މުވައްޒަފަކު ޓްރޭންކުރެވިފައި. ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީގައި ވެސް. އެހެންވީމަ މިހެން ހުރި ކަންކަން ނިންމަން ޖެހޭ."
ރައީސް ވިދާޅުވި ގޮތުގައި އެހެން ހުރި ކަންކަން މި އަހަރުގެ ތެރޭގައި ނިމޭނެ އެވެ. އާ ބަޖެޓު އަންނަ އަހަރު ފާސްވެ، ތަންފީޒުވާން ފަށަންވާއިރަށް އެކަންކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މާމިގިލީގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ޖެނުއަރީގައި ފެށޭވަރަށް އިރާދަކުރެއްވިޔާ މިކަން ނިމޭނެ. މިކަމުގެ ނަތީޖާއަކީ އާ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއް، ހޮސްޕިޓަލްތަކެއް ވަކި މުއައްސަސާތަކެއްގެ ގޮތަށް ޑައިރެކްޓްލީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ މުއާމަލާތު ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިއީ، ރައީސް ވިދާޅުވި ގޮތުގައި، ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިއެރުން ލިބޭނެ އަދި ފަސޭހަތަކެއް ލިބޭނެ ބަދަލަކަށް ވާނެ އެވެ. އެންމެ ބޮޑު ބަދަލަކީ ހިދުމަތް ހޯދަން އޮންނަ ފަށަލަތައް އުނިވެގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާމިގިލީގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ރަށުގެ އާންމުންނާއި ސަރުކާރުގެ ބައެއް ވެރިން---ފޮޓޯ: ރައީސް އޮފީސް
"އޭގެ ސަބަބުން ބޭސް ހޯދުމުގައި ވެސް ފަސޭހަވާނެ. ވަޒީފާތައް ހޯދުމުގައި ވެސް ފަސޭހަވާނެ. އެހެން ހިދުމަތްތައް އެޕްރޫވް ކުރުމުގައި ވެސް ލުއިވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ސަރުކާރުގެ ބޭސް ކުންފުނި ރައީސް އުފެއްދެވީ ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހު އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
07 October 2025
އައި.ޖީ.އެމް.އެޗް ގަ ހަލާކުވެފަ އިން ލިފްޓް ހަދައިދީބަލަ، ބަލިމީހާ ގޮވައިގެން ލެބޯޓްރީ އަށް ނޫނީ ފުރަތަމަ ފަންގިލާ އަށް އަރަން ހަރުކުރި ލިފްޓް ހަލާކުވެފަ އިންނަތާ މިހާރު ކިހާދުވަހެއް....، ބަޖެޓް ނެތިގެން ނުހެދިފަޔޯ،
ވޯލް
07 October 2025
"ރައީސް ވިދާޅުވި ގޮތުގައި އެހެން ހުރި ކަންކަން މި އަހަރުގެ ތެރޭގައި ނިމޭނެ އެވެ. އާ ބަޖެޓު އަންނަ އަހަރު ފާސްވެ، ތަންފީޒުވާން ފަށަންވާއިރަށް އެކަންކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ" ބާކީ އޮތީ ދެމަހާ ބައިވަރު ކޮން ކަމަޖަހޭ ބުއްދިއެއް ހުރިމީހަކުތޯ ތިޔަ ކަންކަން މިބާކީ އޮތް ދުވަސްތަކުގައިވާނެ ކަމަށް ޤާބޫލު ކުރާނި.
ނަންވާނީ
07 October 2025
ތިއީ ފަށަލަތައް ގިނަވެގެން މަދުވެގެން ނުކުެވިގެން އުޅޭ ކަމެއްނޫން. ހަގީގަތަކީ ކިތަންމެ ވަރަކަށް ގެރިއަކު ކިރުފެލިއަސް ނެތް އެއްޗެއް ނުނިކުންނާނެތާ. ހުރިހާ ފަށަލައެއް ކަޑާލިޔަސް ނެތް އެއްޗެއް ނުދެވޭނެ. މެޑިކަލް ކޮންސިއުމަބަލް ކޯޑް ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން ހޮސްޕިޓަލްތަކަށާއި ހެލްތް ސެންޓަރުތަކަށް ނުދެވިގެން މިއުޅެނީ އެތާގަ ތިބި ބަޔަކުގެ ޖީބައް ލިބޭއެއްޗެއް ކުދާވެދާނެތީ.
ްައައްލ ބެެއްޔާ
07 October 2025
ތީހަމަ ހުސް ވާހަކަ. ތިގޮތަށް ކިތައް ތާރީހު ރައްޔިތުންނަށް ދީފި. މިދިޔަ ޖެނުއަރީމަހު ރ ހުޅުދުއްފާރުގައި ހުރެ ޔަގީންކަން ދިން މި އަހަރު ސެޕްޓެމްބަރ ގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ސޯލާހަރުކޮށް ނިންމާނަމޭ. މީ އޮކްޓޯބަރ. ޢަދި އަހަރުމެން ރަަށު އެއްވެސް ސުކޫލަކު އޭސީ އެއްނެތް. ބޭސް ވެސް ފުރަތަމަ ޔޫރަޕުން. ދެން ކުންފުނި. މިހާރު ސޮފްޓްވެއަރ އާއި މީހުން ޓްރެއިން ކުރުން. ތި ހުރިހާކަމެއް ކުރިއިރު މިހުރިހާ ދުވަހު ލިބިލިބި ހުރި ބޭސް މިހާރު ނުލިބޭ
އައްލާބޭގެ ކާފަ
07 October 2025
ޒާތީ ވުމަކީ ވާނުވާ ވަރަށް ފަސޭހައިން އޮޅޭ ކަމެކެވެ. އައްލާ ބެއްޔާއަށްވެސް އަދި އައްލާ ބެއްޔާގެ ކޮމެންޓަށް ލައިކްކުރާ މީހުނަށްވެސް ވެގެން ތި އުޅެނީ އެހެނެވެ. އަހަރެމެން އަޑުއެހީ ސެޕްޓެމްބަރުގައި މަސައްކަތް ފަށައި، 2026 ގެ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމާ ވާހަކަ ބުނި އަޑެވެ. މަސައްކަތް ފެށުމަކީ އޭސީ ބަހައްޓަން ބްރަކެޓް އަޅުވަންފެށުން ކަމަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. ވަށައިގެން ހިނގާ ލާމެހިފައިވާ އެތައް މަސައްކަތެއް ހުންނާނެއެވެ.
ހޯދާ ބަލާ
07 October 2025
އައްލާ ބެއްޔާ ބުނީ ތެދެއް. ރައީސް ވިދާޅުވީ ސެޕްޓެމްބަރ ނިންމާ ވާހަކަ. 22 ޖެނުއަރީ 2025 ގައި މިހާރު ނޫހުގެ ސުރުހީގައި އޮތީ " އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަނީ " އެ ލިޔުން މިހާރުވެސް މިހާރު ވެބްސައިޓުން ފެންނާނެ. މިހާރު ތިހެން އޮޅުވައެއް ނުލެވޭނެ. މިހާރު ނިއުސް ލިންކް މިއޮތީ.ލިންކް https://mihaaru.com/news/142080
ގުއިއްޒު
07 October 2025
ފުއްޓަރުން ނެރެއް ކަނޑައިދެވިދާނެ. އެނޫން ކަމެއް ކުރާކަށް ނޭނގޭނެ.
ޢެޑްމުންޑޯ
07 October 2025
ވަރަށް ރަގަޅު ކަމެއް ، ސިއްޙީމަރުކަޒްތަށް ހިނގުމަށް ފަސޭހަވެ ޚިދްމަތް ރަގަޅުވެގެންދާނެ ، ނަމަވެސް ހިތާމައަކީ ކޮންމެވެސް ނަމެއްކިޔާ ސިޔާސީ މީހުންނަށް ވަޒީފާ ދޭނެތީ ، އޭރުން ޚިދްމަތްތަށް ރަގަޅުވުމުގެ ބަދަލުގައި ސިޔާސީ ކުޅިގަނޑު ކުރިއަށް ދާނީ
ދިވެހިންގެ ރާއްޖެ
07 October 2025
ފަށަލަ މަދު ކުރި ވަރަކަށް ވައްކަން ކުރަން ފަސޭހަވާނެ.
ސަތޭކަ
07 October 2025
ވަރަށް މުހިއްމު ވަރަށް ރަނގަޅު ބަދަލެއް. މިވަރު ކޮށްލަންވެސް ކިތަން ވެރިކަން ނިމިގެން މި ދިޔައީ!؟