މީރާ. ފުރަތަމަ ނުވަ މަހު ޓެކުހުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވޭ -- ފޮޓޯ: މިހާރު
11 އޮކްޓޯބަރ 2025 - 12:19
މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނުވަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 18 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އެހާ ބޮޑަށް އިތުރުވީ، ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުންނެވެ.
މި އަހަރުގެ މިހާތަނަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 869 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ ނުވަ މަހު ގްރީން ޓެކްސް އިން ލިބުނީ 808 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް މި އަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 887 މިލިއަން ރުފިޔާގަ އެވެ.
ޓީޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ވަންނަނީ ޓީޖީއެސްޓީންނެވެ. އެއީ ދައުލަތަށް ވަންނަ ޓެކުހުގެ 32 ޕަސެންޓެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޓެކްސް އާއި އެހެން ފީތަކާ އެކު ދައުލަތަށް ތިން ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 31 ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތަށް ވަންނަ ޓެކްސްގެ 79 ޕަސެންޓް ލިބެނީ ޑޮލަރުންނެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހު ޑޮލަރުން 851 މިލިއަން މީރާއަށް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމީން ހަމީދު
12 October 2025
އިދިކޮޅަށް ހަޖަމެއް ނުވާނެ މިކަހަލަ ކަންކަން ވަންޔާ. މީ ރަނގަޅު ފާލެއް. ދެން ދައުލަތުގެ ކަންކަން ދާނީ ރަނގަޅަށް. ކަންކަން ހިގާނެ.
އަސްލަމް ވަހީދު
12 October 2025
އުފާވެރި ހަބަރެއް. ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ގައުމުގެ އިގްތިސާދު މިދަނީ ރަނގަޅު ވަމުން.
އަބްޑޫޅް +
12 October 2025
ޙޫމް. ރިޝްވަތުގެ ބައި ކަނޑާ ބާކީ ދޯ؟
ޔޫސުފް
11 October 2025
ދެރައީ ރަށްރަށުގެ ތަރައްގީއަށް ބިންގާއެޅުން ނޫން ކަމެއްް ނުހިނގާތީ. އެޅުނު ބިންގަލައްވުރެ ސަރުކާރުގެ ބޮޑުން ބޭރުގެ ގައުމުތަކަށް ކުރި ދަތުރު މާ ގިނަ. ބިންގާތައް ހުރީ މިހާރު ރެނދުލާފަ.
ގުރުކީ
11 October 2025
ޓީޖީއެސްޓީ އަކީ ޓޫރިޒަމުން ވަންނަ ފައިސާއަށް ވީ ހިނދު 8.2 ބިލިޔަން އެއިނީ ދައުލަތަށް ވަދެފަ،އަދި ޤައުމުގެ މައިތަނބަކީ ޓޫރިޒަމް އަށް ވީ ހިނދު ދައުލަތުން ޓޫރިޒަމްގެ ލޮބުވެތި މަސައްކަތް ތެރިންގެ ޙައްޤުގައި މިހާތަނަށް ކޮށްދެވުނު ކަމެއް ވިދާޅުވެބައްލަވާ؟؟؟ވަންނާނެ ބޯހިޔާ ވަހި ކަމެއް ނެތް ކިތަށް މަސައްކަތް ތެރިންތޯ ޤައުމަށްޓަކައި އެޤުރުބާން ވަނީ؟؟ޓީޖީއެސްޓީ ބޮޑު ކޮށްގެން ސަރުކާރަށް ފައިސާ ވައްދާފަ ކަޅުޖީބު ފުރުންނޫން ކަމެއް ކުރެވިފައި ވޭތޯ،
ޚިކި
11 October 2025
ޑިޕާޗަރ ޓެކްސްއަކީ އެންމެ ގިނައިން އެއަރލައިންތަކުން މަކަރުހަދާ އެއްޓެކްސް. ބަލާލަން މުހިއްމު
މުދިމު
11 October 2025
ކޮބާ ހުރިހާ ލާރި އެއް...
ނާޑުވާ
11 October 2025
މި ސަރުކާރުން ޓެކްސް ބޮޑެއް ނުކުރާނެ އަދި އާ ޓެކުހެއް ތަޢާރަފެއްވެސް ނުކުރާނެ. ޓެކްސް ބޭސް ފުޅާކުރާނީ އެއީ އިތުރު ރިސޯރޓު ހުޅުވައިގެން. ތެދެއް ހެދެން އޮއްވަވެސް ދޮގެއް ނޫނީ ނުހަދާ ވެރިޔެއް މި ނޫނީ ނުދެކެން.
ރާވެރިބެ
11 October 2025
ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހެޔޮގޮތުގަ ޚަރަދު ކުރާނަމަ 5ލައްކަ ދިވެހިން އުފަލުގަ ހަމަޖެހިގެން އުޅެވޭނެ ވަރަށް ސަރުކާރަށް އާންމުދަނީގެ ގޮތުގަ ފައިސާ ވަދޭ. މައްސަލައަކީ އިސްރާފާ އަދި "ޚަރަދުކުރާ ގޮތް"! މިކަން އަސްލާހު ނުކޮށް ކިތަންމެ ބިލިއަނެއް ލިބުނަސް އޮންނާނީ ދަރަނިވެފަ. މީ ވަރަށް ދެރަކަމެއް. އެކަމަކު ސިޔާސީ ނިޒާމް އޮތްގޮތުން މިކަމުން ސަލާމަތެއް ނެތް. މަގޭ ލަފަޔަކީ ދައުލަތުގެ ބަޖެޓްގެ %20 ގެއްލެނީ ކޮރަޕްޝަނަށް ކަމަށް.