18 އޮކްޓޯބަރ 2025 - 07:49
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ، ފެންނަ ނުފެންނަ ވޯޓާ ގުޅޭ ބަހުސެއް މާދަމާ ރޭ "މިހާރު" އިން ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓާ ގުޅޭގޮތުން "މިހާރު" އިން ބަހުސެއް ބާއްވަން ނިންމާފައިވާއިރު، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުންނެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި އިމާދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) އަދި ހުޅުމީދޫ އެއް ކައުންސިލެއްގެ ގޮތުގައި އޮތް އިރު އެ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދެވެ.
މާދަމާ ރޭގެ 8:30 އިން 10:30 އަށް ބާއްވާ އެ ބަހުސްގެ މޮޑެރޭޓަރަކީ ކުރީގެ ޓީވީ ޕްރެޒެންޓަރު ހަސަން ޒިޔާއު އެވެ. މީރުމާ ހޯލުގައި ބާއްވާ ބަހުސަށް "މިހާރު" އިން ދައުވަތު ދޭ އާންމުންނަށް ވެސް ބައިވެރިވޭނެ އެވެ. އަދި އާއްމުންގެ ތެރެއިން މި ވޯޓާ ގުޅިގެން ނަގާ ބައެއް ސުވާލުތަކަށް ވެސް ހިޔާލު ބަދަލުކުރެވޭނެ އެވެ.
"އައްޑޫ ބަހުސް" ގެ ނަމުގައި ބާއްވާ މި ބަހުސްގެ ޕެނަލިސްޓުން އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވާނެ އެވެ. އޭގެ ތެރޭގައި ގެއްލުންތަކާއި ފައިދާގެ ވާހަކަތައް ހިމެނޭނެ އެެވެ.
މި ބަހުސް އެސްއެސްޓީވީ އާއި ސަން ޕްލޭއިން ލައިވްކޮށް ދައްކާނެ އެވެ. އަދި "މިހާރު" ގެ ފޭސްބުކާއި އެކްސް އިން ވެސް ލައިވްކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ 12 ގައި އިސްލާހު ކުރައްވައިފަ އެވެ.
ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު ވަނީ އުނިކުރައްވައިފަ އެވެ. އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލުވަތަނީ
20 October 2025
ޑިވައިޑް އެންޑް ރޫލް. މިއީ މިބޭފުޅާ ބޭނުންކުރާ ފަލްސަފާއަކީ. ތަންކޮޅެއް ގާތުން ބަލާލީމަ ހުރިހާ ކަމެއްގައިވެސް ފެންނާނެ
ޢަބްދުލް އަޒީޒް
19 October 2025
މިބަހުސަށް ޢާޒިމާ ޝުކޫރު ނާރުވައްޗޭ...އެހެންމިބުނީ ، ޚިޔާލު ހޯދުމަށް ބާއްވާ ކޮންމެ ބަހުސަކަށް އަރުވަނީ ޢާޒިމާ ޝުކޫރު..... ޖީއެމްއާރުގެ މަސްއަލާގައި ދިވެހި ރައްޔިތުންގެ އަތުން 350 މިލިއަން ޑޮލަރު އަތުލާފައި ޖީއެމްއާރު އަށް ދީފައިވާ މީހެކެވެ..... އެފައިސާ އަކީ ، ޢާޒިމާ ޝުކޫރު އަާއި ޑރ.ވަހީދު ޖީއެމްއާރު އަށް ދޭންޖެހޭ އެއްޗެކެވެ.............
ރަށެއްގެދަށުގައޭ
19 October 2025
މިހާރު އެބަކިޔާ ރަށެއް އެހެންރަށެއްގެ ދަށުގައި އޮތީ ހަމައެކަނި ތިމަންނަމެންގެ ރަށޭ. ބަލަ އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި ހިތަދޫވެސް ހިމެނޭހެން ހުރިހާ ރަށެއް އޮތީ. ދެން މެޖޯރިޓީ ނެތްވާހަކަ ދައްކާއިރު، ކައުންސިލަށް ގެންދާ ހުރިހާކަމެއް ކޮށްދެޔޭ. މެޖޯރިޓީ ނެތިގެން ވަކިވާނަމަ، މަޖިލީހުގައިވެސް މެޖޯރިޓީނެތް. ދެން ގައުމުން ވަކިވާންވީނު. އަދި މޭޔަރުކަމަށް ހިތަދޫނޫން މީހަކަށް ނާދެވޭނަމަ ގައުމުގެ ރައީސުކަން އޮތީހީވެސް އެހެން. ތާއީދަކީ ހޯދީމަ ލިބޭއެއްޗެއް
ތެފައާސާ.
19 October 2025
އޭ ކަޑައޭ ލިވަރޕޫލް މެންޔޫ މެޗު އޮންނަ ގަޑީގައޭ ބަހުސް ތި ބާއްވަނީ ދެން ކިހިނެތް ހަދާނީ؟
ކައްކާ
18 October 2025
އައްޑޫގެ ކަންކަމާ އެންމެބޮޑަށް ވިސްނާމީހަކީ އަފީފުދީދީ. އޭނާ ތިބަހުސްގައި ބައިވެރިނުކުރިކަމީ ބަޔަކު ވަރަށް ދެރަކޮށް ކޮށްގެންއުޅޭ ކަމެއް.
އެބަގެ
19 October 2025
އޭނާއަކީ އެކިޔާކަހަލަ ރޯނުއެދުރެއް. ވާހަކަދައްކާނީ. އެއްވެސްކަމެއްގައި ބައިވެރިވާކަށް ނުކެރޭނެ. ފިލާއޮންނާނީ.
ުޒުވާން މުސްކުޅިއާ
18 October 2025
ކ.މާލޭ އަތޮޅުން ވަކިކުރިއިރު އެރަށު ރައްޔިތުންގެ ބަހެއް ނުހޯދާ. އެކަމަކު އައްޑޫއާ ޖެހުނީމަ ބޮޑެތި ގޭސް އަނބުރަނީ. މިހާރު އައްޑޫމީހުން ސިނގިރެޓު ވައްކަމާއި ކޮރަޕުސަންގެ ވާހަކައިގެ ބަދަލުގަ މިކަމަކަށް ޑައިވާޓުވެގެން ތިބުމާއިއެކު ސަރުކާރަށް ވައްކަމުގެ ޕުރެސާ ކުޑަވެފައޮތީ.
މައިކަލް އިންޖެކުސަން
18 October 2025
ބަޖެޓު ތާށިވެގެންއުޅޭއިރު މިކަހަލަ ކަންކަމަށް ހަރަދުކުރުން މިވަގުތަކަށް މަޑުޖައްސާލުން މުހިންމު.
ސޮބީހާ
18 October 2025
އަޅުގަނޑަކީ އަައްޑޫއަށް ނިސްބަތްނުވާ އަދި އައްޑޫގަައި ދިރިނޫޅޭމީހެއްކަމުން ތި ކަމުގަ އަޅުގަނޑު މި ހުރީ ހަނު,
އޮނަރަބްލް އަފީފު ދީދީ
18 October 2025
މާލޭސަރުކާރުން ބޭނުން ވެގެން ނަގާން އުޅޭ "އައްޑޫ ރެފަރެންޑަމް ވޯޓްގައި ސަރުކާރު ސްޓޭންޑެއް ނެތްކަމަށް" މާލޭސަރުކާރު ވެރިޔާ ވިދާޅުވިޔަސް އެބޭޅާގެ ވަޒީރުންނާއި ޕީއެންސީ ޕާލަމެންޓް މެންބަރުން އައްޑޫސިޓީ ފޭދޫ އަވަށުގައި ވޯޓް ހޯދަން ކުރި ކެމްޕޭނުގެ ކަންތައް ދިޔަގޮތުން "ވޯޓް ލުމުގެ ކުރިން ވޯޓުން ބަލިވާނެ ކަން" އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވިގެން ހިގައްޖެ. ފޭދޫ މީހުން ވަޒީރުންގެ މޫނުމަތީގައި "ވަކިވާން ބޭނުން ނޫންކަމަށް" ފާޅުގައި ބުނެފި.
ފަރުޚާން
19 October 2025
އޮނަރޭ ތިޔަގޮތަށް ފިލައި އިނދެގެން މޮޅު ކޮމެންޓްތައް ނުކޮށް ހަށިފޮޅާލައިފައި ނުކުމެ މިކަހަލަ އައްޑޫއާއި ގުޅޭ މުހިންމު ބަހުސްތަކުގައި ބައިވެރިވެ ތަންކޮޅެއް އެކްޓިވް ވެބަލަ! އޭރުން ކޮންމެވެސް ކަހަލަ ނަތީޖާއެއްވެސް ނެރެވިދާނެ ދޯ؟ ތިޔަހެން މަރުތަޅޭ މުގައްދަސޭ ކިޔަކިޔަ ހިތުގައި ފިތުނަތައް އަންދަން އިންނަތާ 15 ވަރަކަށް އަހަރުވީ.. ވީކަމެއް ހަރާމް!
ލަހައްޓިސ
18 October 2025
ހިތަދޫ މީހުން ބޭނުމެއްނުވޭ މަރަދޫ، ފޭދޫ އަިދ ހުޅުދޫ/މީދޫ ވަކިވާކަށް. ހިތަދޫގެ ނުރުހުމުގައި ވަކިވެގެން ފިއްޔާ ކޯޓަށް ދާނަން އަދި އަލުން އިއާދަކުރާނަން :ޕ