ވޯޓުލުމަށް ފަހު ފޭދޫ ސްކޫލުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 އޮކްޓޯބަރ 2025 - 21:37
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ކައުންސިލެއްގެ ބެލުމުގެ ދަށުން ރަށްތައް ހިންގަން ވަރަށް ކުރީއްސުރެ ހުޅުދު އާއި މީދޫން އައީ ވަކާލާތު ކުރަމުންނެވެ. އެ ރަށްތައް ބާކީވެ، ކަމެއް ނުކުރެވި ސިޓީ ކައުންސިލަށް އަބަދު އާދޭސްކުރަން ޖެހުން ނިމުމަކަށް ގެނެސްދޭން އެކި ސަރުކާރުތަކަށް ވެސް ހުށަހެޅި އެވެ. އެންމެ ފަހުން، ވަކި ކައުންސިލަތަކެއް ހަދައިދޭން ހުށަހެޅީ 2023 ގެ ރިޔާސީ ކެމްޕެއިނަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށްތަކަށް ވަޑައިގަތުމުންނެވެ.
ރައްޔިތުންގެ އެ ހުށަހެޅުމާ އެއްގޮތަށް މި ސަރުކާރުން އައްޑޫގައި މިއަދު ވަނީ ވަކިވަކި ކައުންސިލް އުފެއްދުމާ މެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ. އެކަމަކު، ހުޅުދު އާއި މީދޫގެ ނަތީޖާ އައީ އެ މީހުން އެދެމުން އައި ގޮތަށެވެ. ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ ރަށު ކައުންސިލެއް އުފައްދަން ގާނޫނީ ގޮތުން ބަސް ބުނެފި އެވެ.
އެކަމަކު، ރަށުގެ ކުރިއެރުމާ މެދު ނިންމި ނިންމުމުގައި ބައިވެރިވީ މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުގައި ތިން ރަށުން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓެވެ.
އެ ހިސާބުން އުފައްދާ ސުވާލަކީ ރައްޔިތުން އެދިގެން ނެގި މިފަދަ މުހިއްމު ވޯޓެއްގައި ވޯޓުލާން ގިނަ ބަޔަކު ނުނުކުތީ ކީއްވެ ހެއްޔެވެ؟
ސަރުކާރުން ބުނެފައިވާ ގޮތުގައި އައްޑޫގައި މި ވޯޓު ނަގަން ޖެހުނު ސަބަބުތަކެއް ހުއްޓެވެ. އެއް ކަމަކީ، ހުޅުދު އާއި މީދޫ ވަކިން އޮތުމުގެ ސަބަބުން ހަގީގީ ތަރައްގީ ނުގެނެވޭ ކަމަށް ހުށަހެޅި ކަންބޮޑުވުންތަކެވެ.
"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫ މީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނެގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫ މީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެން ޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" މި ވޯޓު ނަގަން ޖެހުނު ސަބަބާ މެދު ރައީސ މުއިއްޒު ވިދާޅުވެފައިވެ އެވެ.
ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން ދިޔަ މީހެއްގެ ނަން ޗެކް ކުރަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ތިން ރަށުން ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބެ އެވެ. އެކަމަކު އޭގެ ތެރެއިން 50 ޕަސެންޓު މީހުން ވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ވޯޓުގައި ބައިވެރިވީ އެންމެ 4،427 މީހެކެވެ.
ފޭދޫން އެކަނި ވެސް 4،355 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެ އެވެ. އަދި ހުޅުދޫން 2،874 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީދޫން ވޯޓުލުމުގެ ހައްގު ލިބެނީ 2،347 މީހަކަށެެވެ.
- ފޭދޫ - 2،436 މީހުން
- ހުޅުދޫ - 1،069 މީހުން
- މީދޫ - 1،008 މީހުން
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެ ރަށްތައް ހިންގާތާ 15 އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބަލަން ވޯޓެއް ނެގިއިރު މި ވޯޓުގައި މިހާ މަދު ބަޔަކު ބައިވެރިވި ސަބަބުތައް އެބަހުއްޓެވެ.
މިއަދު ކުރިއަށްގެންދިޔަ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ވަގުތީ ނަތީޖާ pic.twitter.com/AxP33muOee
— Elections Commission (@ElectionsMv) October 25, 2025
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދު އާއި މީދޫ ވަކިކޮށް އޮންނާތީ އެ ރަށްރަށުގެ މީހުން ވަކި ކައުންސިލެއް ބޭނުންވެގެން އެކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު އޭގެ ތެރެއަށް ފޭދޫ ލާން ޖެހުނު ސަބަބެއް ނެތް ކަމަށް މީހުން ދެކެ އެވެ. އައްޑޫ ހިތަދޫއާ ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދުރުގައި އޮތް ފޭދޫ، ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އުޅުނީ "ވަކި ބަޔަކު" ބޭނުންވެގެން ކަމަށް އެ ރަށުގައި ސިޓީއަށް ތާއީދުކުރާ މީހުން ދިޔައީ އަބަދުވެސް ގަބޫލު ކުރަމުންނެވެ.
ފޭދޫގައި ޒުވާނުންތަކެއް ވޯޓުލާން ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފޭދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ގިނަ ބަޔަކު ވޯޓުލާން ނުދިޔަ ސަބަބަކީ މި ވޯޓާ ގުޅިގެން ހޭލުންތެރިކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ. ވޯޓަށް އިއުލާނުކޮށް، އެންމެ މަދުވެގެން މަސް ދުވަސް ވެސް ރައްޔިތުން ދީފައި ނުވާ ކަމަށް ބުނެ އޭނާ ނުރުހުން ފާޅުކުރި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ސިޓީއަކަށް ތާއީދުކުރާ ބައެއް މީހުން ވޯޓުލާން މި ނާންނަނީ އެ މީހުންނަށް ހީވަނީއޭ ވަކި ކައުންސިލު އުފައްދަން ވޯޓުލާ މީހުން މަދުވީމަ، އެކަން ނުވާނެއޭ. އެހެންވީމާ އަސްލު ކުޑަ ވަގުތުކޮޅެއް ދީފައި މި ވޯޓު ނަގަނީ މީހުން ހޭލުންތެރި ވެސް ނުކޮށް،" އޭނާ ބުންޏެވެެ.
ވޯޓުގެ ނަތީޖާ ވަކިކޮޅަކަށް ބަދަލުކުރުމުގޮތުން ފައިސާ ބެހިކަމުގެ ތުހުމަތު ވެސް ބައެެއް މީހުން ކުރި އެވެ. އަދި ވޯޓުލާން ބައެއް މީހުން ނުދިޔަ ސަބަބަކީ ފައިސާ ލިބުމުން ވޯޓުލާން ދާން ބޭނުންނުވުން ކަމަށް ތުހުމަތުކުރި އެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދު ކުރައްވާ އަދި އެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ވޯޓުލާން ނުކުތް މީހުން އެހާ ބޮޑަށް މަދުވާ ސަބަބަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި އޮވެގެން ރަށުގެ ރައްޔިތުންނަށް ލިބުނު ހިދުމަތްތަކާ މެދު އާންމުން މާޔޫސްވެފައި ތިބުން ކަމަށެވެ.
"ބައެއް މީހުން އެބަ ބުނޭ ތިމަންނަ މެންނަށް ވަރިހަމައޭ ސިޓީއެއް އޮތަސް ވަކި ކައުންސިލެއް އޮތަސް. ވާ ގޮތަކީ ސިޓީއެއްގެ ގޮތުގައި އޮވެގެން ލިބުނު ހިދުމަތްތަކާ މެދު ރައްޔިތުން މި ތިބީ ވަރަށް މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރުފ
އަނެއް ކަމެއްގެ ގޮތުގައި އައިބީ ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލު އިންތިހާބުތަކާ ހިލާފަށް މިއީ ވަކި ރަށެއްގެ މެދުގައި ނެގޭ ވޯޓަކަށްވާތީ މީހުން މަދުވާ މަދުވުމެވެ. އެހެން އިންތިހާބުތަކުގައި އެހާ މީހުން ގިނަވަނީ ޕާޓީ އާއި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ވޯޓު ދިނުމަށް ދާތީ ކަމަށް އައިބީ ވިދާޅުވި އެވެ.
ފޭދޫން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ބައެއް މީހުން ބުނާ ގޮތުގައި އެ ރަށަށް ތަރައްގީ ފެށެން އޮތީ ވަކި ކައުންސިލެއް އޮވެގެންނެވެ. ރަށު ކައުންސިލާ އެކު ލިބޭ ބްލޮކް ގްރާންޓާއި އަދިވެސް ރަށަށް އާމްދަނީ ހޯދޭނެ އިތުރު ދޮރުތައް ހުޅުވާ ފޭދޫ އެހެން ހަރުފަތަކަށް ގެންދެވެން އޮތީ ރަށު ކައުންސިލާ އެކު ކަމަށް އެކަމަށް ތާއީދުކުރާ މީހުން ގަބޫލުކުރެ އެވެ.
މައި ސިޓީން ފޭދޫ ވަކިވާން ބޭނުންވާ ކަމަށް ބުނާ ސަބަބަކީ ހިތަދޫން ފޭދު އަށް ކަންކަން ނުކޮށްދޭ ކަމަށް ބުނާ ބުނުމެވެ. އެހެންވެ، އެކަމާ މެދު އެ މީހުން ވެސް ގޮތެއް ނިންމަން ބޭނުންވީ އެވެެ. ނަމަވެސް ސިޓީ ކައުންސިލުން ފޭދޫ ވަކިވި ނަމަ ދެން ވާނެ ގޮތް ސާފު ނުވާ ވަރަށް ގިނަ ބަޔަކު ވެސް ތިއްބެވެ. ހާއްސަކޮށް ތަރައްގީގެ ކަންކަމާއި ޕްރޮޖެކްޓުތަކާއި ހިދުމަތްތައް ޑުބްލިކޭޓްވެ، ބޮއްސުންލައިގެން ހިނގައިދާނެތީ އެ ބިރުވެރިކަމުގައި ސުވާލު އުފައްދާ މީހުން ވޯޓު ލުމުގެ އެންމެ ފަހު ސިކުންތުގައި ވެސް ތިއްބެވެ.
"ފޭދު އަށް ވަކި ހޮސްޕިޓަލެއް އަޅާނީތޯ ވަކި ފުލުހުންގެ މަރުކަޒެއް ނޫނީ ވަކި އިންޖީނުގެއެއްތޯ އަޅާނީ. މި ކަންކަމަށް ވާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ފޭދޫ ސިޓީ ކައުންސިލުން ވަކިކޮށްފި ނަމަ އެ ހިދުމަތްތަކަށް ވާނެ ގޮތެއް ވެސް ކެމްޕެއިން ކުރި ބަޔަކަށް ކިޔައެއް ނުދެވޭ،" މިއަދު ވޯޓު ލާން ދިޔަ މީހަކު ބުންޏެވެ.
އެކަމަކު، މަދު ބަޔަކު ނުކުމެ ނަމަވެސް މި ވޯޓުގައި އެ ރަށަކުން ބޭނުންވާ ގޮތް ހާމަކޮށްފި އެވެ. މިއާއެކު ވެސް އުފައްދާ ސުވާލަކީ، މިހާ މަދު މީހުންގެ ނިންމުމާ އެއްގޮތަށް ސަރުކާރުން ހަމަ ކުރިއަށް ދާންވީ ހެއްޔެވެ؟ ރައްޔިތުން އެދިގެން ނެގި ވޯޓެއް ނަމަ ވޯޓުލެވޭ އާބާދީގެ ބޮޑު ޕަސެންޓެއް ނުކުމެ ރައްޔިތުންގެ ބަސް ނުބުނެ ތިބީ ކީއްވެ ހެއްޔެވެ؟
ވޯޓު ލިބުމުގެ ހައްގުގެ ބޭނުން ނުހިފައި ތިބެ، އެ ހައްގުގެ ބޭނުން ހިފި މީހުންގެ ނިންމުމާ މެދު ސުވާލު އުފެއްދިޔަސް ވޯޓުލާން ނުކުތް މީހުންގެ ބަސް ގާނޫނީ ގޮތުން ވަރުގަދަ އެވެ. ކުރިއްސުރެ ސަރުކާރުތަކަށް ހުށަހަޅަމުން އައި ގޮތަށް ރަށާ މެދު ބޭނުންވާ ގޮތް އެ މީހުން ނިންމީ އެވެ. ސަރުކާރަށް ދެން ޖެހޭނީ އެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާސް
27 October 2025
ތިހިސާބު އޮތްގޮތުން ވޯޓުލާން 15 ވަރަކަށް މީހުން ނިކުމެ ވަކިވާން ވޯޓުލީނަމަވެސް އެގޮތަށް ނިމޭނީ ދޯ... 50% ނުބަލާނެދޯ..
ޓޯޕޭ
26 October 2025
މުސްތަޤްބަލުގަ އަތޮޅު ތެރޭންނާއި މާލެ، ވިލިމާލެ، އަދި ހުޅުމާލޭގަ ވެސް ވަކި ކައުންސިލް ހަދަން ބޭނުންވެ ނިންމާނެ އެގޮތަށް. ޖީބަށް ބަރު ކުރަން ތި ހުރިހާ ކަމެއް ރޭވިގެން ކުރާނެ. ޤައުމުގެ ތަރައްޤީއަށް ރަނގަޅަކަށް ކުރާ ކަންތަކެއް ނޫން ތީކީ
މުރާދު...
26 October 2025
ތިއީ ބޭކާރު ލާންނުޖެހޭ ވޯޓެއް ވީމަ. ތިޔަ ވޯޓުން ނެތެއްނު އަސްލު ގޮތެއް ނިންމިފައެއް. މެޖޯރިޓީ މީހުން ވޯޓް ލާން ނުވެސް ދެ. ވޯޓް ލާން ނިކުތް އާބާދީ %45 އަށްވެސް ނާރާ ވަކި ވަކި ރަށަށް ބެލިޔަސް. ދެން ތިޔަ ވޯޓްގެ ނަތީޖާއަށް ބަލައިގެން ގޮތެއް ނިންމަންޔާ މި ރާއްޖޭގެ ކޮންމެ ރަށެއްގެ އާބާދީއައްވެސް ގޮތް ނިންމޭނެ އެ އާބާދީއަކުން މެޖޯރިޓީ ވޯޓް ނުލާވެސް. އޭރުން އެ އަށެގަންނަނީ އަހަރެމެންގެ މުޖުތަމައުގަ ވަރަށް އެހެން ކަހަލަ ސަގާފަތެއް.
އަފީފް ރައީސް
26 October 2025
ވޯޓުލީ މީހުންގެ އަދަދު 50 އިންސައްތަ ހަމަނުވާނަމަ މިފަދަ ވޯޓުތައް ބާތިލުވާން ޖެހޭނެ. މިއަކީ މެމްބަރަކު ތަނަކަށް ހޮވަން ނެގުނު ވޯޓެއްނޫން. ފެންނަ ނުފެންނަ ވޯޓެއް 50 އިންސައްތަ މީހުންގެ ބައިވެރިވުންނެތި ވަކިކޮޅަކަށް ނިންމިގެން ނުވާނެ!
ގޮނުއަނގަ
26 October 2025
ވޯޓުލާން މީހުން ނުދިޔައީ ކޮންމެ ވޯޓުތަކީވެސް "ހަދިޔާ ބަހައިގެން" މީހުން ނެރެގެން ކުރުވާ ކަމަކަށްވާތީ މިވޯޓުގައި ހަދިޔާ ބަހާނެ ބަޔަކުމެތުމުންނާ ރަށުން ބޭރުގައި ދިރިއުޅުމަށް މަސަކަތް ކުރާމީހުންނަށް ވޯޓު ފޮށްޓާހަމައަށް ދަތުރު ކުރާނެ ވަސީލަތެއް ނެތިމުންނާ މިދަތުރަށް ޚަރަދުކޮށްދޭނެ ހަދިޔާ އޮޑިއެއްވެސް ނެތުމުން އަމިއްލައަށް ޚަރަދުކޮށްގެން ވޯޓުލާން ދާން ބޭނުން ނުވުން. ހަޤީޤަތަކީ މިއޮތީ. ވޯޓެއް ނަގާނަމަ މިޤައުމުގައި އެންމެ މުހިމު ކަމަކީ ހަދިޔާ ބެހުން.
ލޮލްރ
26 October 2025
ޙަދިޔާ ބެހި ކިތަންމެ ވަރަކަށްވެސް،
ފައިސާ
26 October 2025
ބައިވަރު ފައިސާ ބެހި އަސްލު. ތިވަރުވެސް ނުވާނެ އެހެންނޫންނަމަ.
އަފްރާސިޔާބު
26 October 2025
ވޯޓުނުލާ ގިނަމީހުންތިބީ ކީއްވެ؟ ވޯޓުނުލާ ގިނަމީހުންތިބީ އެއީ ބޭކާރު ވޯޓަކަށްވާތީ. ދެވަނަ ސަބަބަކީ ސަރުކާރުގެ ކަންތައް ހުރިގޮތުން ރައްޔިތުން ސަރުކާރަށް މެސެޖެއް ދިނުން. އިހްސާނާއި އައި.ޑީ ފޭލްވީ. ވަކިވީ މީހުންނަށް އެމީހުން ބޭނުންވީ ކަންތައް ވެއްޖެ.
ސައިނީސި
26 October 2025
ޓިލިސްޓް އިސްލާހް ކުރޭ ، މިހާރު ލިސްޓުގައި ތިބި ގިނަ މީހުނަކީ މާލޭ ރައްޔިތުން
ވޯޓް
26 October 2025
ވޯޓް ލާން ނުނިކުތީ ސިޔާސީ މީހުން ޖަހާހާ ބެރަކަށް ނަށަން ބޭނުންނުވާތީ
ތަމެންދޯ
26 October 2025
ކިތަންމެ މަދު ބަޔަކު ނިކުމެ ނަމަވެސް އެއޮތީ ވޯޓް އިން ގޮތް ނިންމާފައޭ ދެން އެއީ ބާތިލް ވޯޓަކަށް ނެހެދޭނެއޭ އެމްޑީޕީން ހީކުރި ގޮތާއި ދިމާއިދިކޮޅަށް ނަތީޖާ ނިކުތުމުން އެމްޑީޕީ އަށް އެކަން ބަލައިނުގަނެވިގެން އުޅުން އެއީ ތަމެންގެ މައްސަލަ އެކޭ އިނގޭތޭ ހުޅުދޫ އަދި މީދޫ ވޯޓްގެ ނަތީޖާ ޖެހޭނީ ގަބޫލުކުރަން ގަބޫލުނުކޮށް ދާނެ ތަނެއް ނޯންނާނެއޭ..
ޖަސްޓިން
26 October 2025
ތިކަމުން އެނގެނީ އައުބީއާ އިހުސާނު ފޭލިވެއްޖެކަން.