ޅ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ޅ. ކުރެންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ: ޅޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު ކުރެންދޫއަށް ދިނުމުގެ މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
27 އޮކްޓޯބަރ 2025 - 14:23
އިންޑިއާގެ ޓާޓާ ކުންފުންޏަށް ރިސޯޓެއް ތަރައްގީކުރުމަށް ދީފައި އޮތް ޅ. ޅޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު އެ ރަށް ޅ. ކުރެންދޫއަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާއާ އެކު ހައުސިން ޔުނިޓް އިމާރާތްކުރަން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލު ކުރުމުން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އަދި އެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ އާބިޓްރޭޝަނުން ބޭރުން ފަހުން މައްސަލަ ފަހުން ހައްލުކުރި އެވެ. އަދި އެ ކުންފުންޏަށް ކުރިން ވެސް ދިން ތަންތަން އަލުން ދޭން އެއްބަސްވި އެވެ.
އޭރު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ހުރި ބިމުގައި ސޯޝަލް ހައުސިންގެ ފްލެޓް އިމާރާތް ކުރުމުން އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް، ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން 30 ލަގްޒަރީ ވިލާގެ ރިސޯޓެއް ހެދުމަށް ޅޮއްސަލަފުށި އެ ކުންފުންޏަށް ދިނެވެ.
ޅ. އަތޮޅުގެ ތިން ރަށަކަށް މިހާރު ރައީސް ކުރައްވާ ދަތުރުފުޅުގައި ކުރެންދޫއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ބިމުގެ ދަތިކަން އެ ކުރެންދޫއަށް ބޮޑުވެފައިވާތީ ޅޮއްސަލަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރުގެ ބަޔަކަށް އެ ރަށް ދިނުމަށް އެއްބަސްވުން ހަދާފައި އޮތް ނަމަވެސް އެއްބަސްވުމާއި ގަވާއިދުތައް ބަލައިގެން ދައުލަތަށް ގެއްލުން ނުވާ ގޮތަށް އެ ރަށް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ޅ. ކުރެންދޫ ކައުންސިލްގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
އެ ރަށް ހަވާލުކޮށްފައިވާ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާ ގެންދާ ކަމަށާއި އަދި އެ ކުންފުނިން ލޮއްސަލަފުށީގައި ކުރަމުން އައި މަސައްކަތްތަކަށް ގެއްލުން ނުވާ ގޮތަށް، އެހެން ރަށެއް ދީގެން ވިޔަސް، އެ ރަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެގްރީމަންޓުގެ ޓާމްސްތަކާއި ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން އެ ރަށް ދައުލަތަށް ގެއްލުން ނުވާ ގޮތަށް ނަގާ ތި ބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އެކަމަކު ނުއެއް ނިމޭ. ދެ ފަރާތަށް ގެއްލުން ނުވާ ގޮތަށް އަދި އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތާ ގުޅުވައިގެން އެ ދޭންޖެހޭ ބަދަލު އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ދޭންޖެހުން ކަމަށް ވިޔަސް، އެ ތަފްސީލުތައް ނިމުނުހާ އަވަހަށް މި މައްސަލަ ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވާނެ އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ އެކަން ކާމިޔާބު ވާނެ ކަމަށް. ހަމަ ޔަގީނުން ވެސް މި ރަށުގެ ބިމުގެ ޖާގައަކީ އެންމެ ބޮޑު އެއް މައްސަލަ. އިތުރަށް ޖާގައެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ނަމަވެސް އެކަމަކީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ ރަށާ ގާތްގަނޑަކަށް 350 މީޓަރު ދުރުގައި އޮތް ޅޮއްސަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޅިކޮށީގެ މުޙައްމަދު ޔަޢުޤޫބު
28 October 2025
09 މާރިޗު 2024 ގައި ވެސް ހަމަ ޑރ.މުއިއްޒު ތިޔަ ވައުދު ކުރެންދޫގައިވި. އަނެއްކާ 27 އޮކްޓޯބަރ 2025 ގައި ވަޢުދު އާކުރެއްވީ. 1 އަހަރަކާއި 7 މަހާއި 15 ދުވަސްވީ އިރު ވެސް ހަމަ އެއްވައުދެއް ތިޔަ ތަކުރާރުކުރައްވަނީ.
ސަހަރޯއޭ
28 October 2025
ވެރިކަމަށް އަންނަންވެގެން އެންމެ ބާރަށް ދެއްކިވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ. ހުޅުމާލޭގައި މިދިޔަވެރިކަމުގައި އަޅާ ނިންމާފައިހުރި ފުލެޓްތައް ބަހަންވެސް 3 އަހަރު. މިވަރުގެ މީހަކަށް ކޮންކަމެއް ކޮށްދެވޭނީ؟؟ މަހިތަށް އަރާ ސަހަރޯއޭ. މިއޮތީވާ ވެރިކަމެކޭ
ދސ
28 October 2025
އަނގަ އޮތީމާ ބުނެލި އެއްޗެއް
ާއަލިމޯޑު
28 October 2025
އަރަބިއްޔާހުރި ބިމުގަ އަދި ގާކޮށިހުރި ބިމުގަ ޖުމްލަ 268 ފްލެޓް އިންޑިޔާގެ ޓާޓާކުންފުނިން އެކުންފުނީގެ ހަރަދުގަ އެޅީމަ ދިވެހި ސަރުކާރުން އެފްލެޓްތަކަށް އެމީހުން ބުނިއަގެއް ދައްކާފަ އަދި އެފްލެޓްތައް އެޅީތީއެކަމުގެ ބަދަލެއްގެގޮތުގައި ލަގްޒަރީ ފްލެޓްތަކެއް އަޅައިގެން ވިއްކުމަށްޓަކާ މާލޭގެ މަޖީދީމަގުގައިހުރި ކުރީގެ އޯޑިއޯން ހުރި ބިމާއިމާލޭގެ ސޯސަންމަގުގައި ކުރީގެ ނާދީހުރި ބިންދިނީ އެމްޑީޕީގެ މަޝްހޫރު ފްލެޓް ދޮންބެގެވެރިކަމުގަ. އަދި ޅޮއްސަލަފުށިވެސް.
ދޮންތަރި
27 October 2025
350 މީޓަރު ދުރުގައި އޮތީ ކަނޑު، ޅޮސްއަލަފުށި އޮންނަނީ 2900 މީޓަރު ދުރުގައި
ރަހާމް
27 October 2025
އެހެންވިއްޔާ ނައިފަރަށް ފެލިވަރު ދޭންޖެހޭ..ގެއްލުން ނުވާގޮތައް.އިންސާފުން ކަންކަން ކޮށްބަލަ..މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފަޅުރަށެއްދީ..ރައީސް ބޭނުންވާ ރަށަކަށް އެކަނި ދެވިގެން ނުވާނެ.
ދެންވަޖިދުވެއަވަހަށް
28 October 2025
ނައިފަރުމީހުން ބޭނުންވަނީ ހުސްއަނގަ ތަޅަން. ތަރައްގީއެއްނޫން. ބަލާބަލަ އެތިބި ކުދިކުދިރަށްރަށް ތަރައްގީވެފަ އޮތްވަރު. ދެންވެސް ރަށު ތަރައްގީ އަށް ފިތުނަވެރިކަން ދޫކޮށްގެން ރަށް ތަރައްގީ ކުރެވޭނީ.
ޛސނސ
28 October 2025
ނައިފަރު މީހުން ބޭނުންވަނީ ނައިފަރަށް ހުރިހާކަމެއްވެސް ވާން..އެއަރޕޯޓުވެސް ރަށު ބުޑުގަ ނާޅާ ނުވި..މާފިލާފުށީގަ އަޅަންކީ ތަނެއް
ކަތްދައްތަ
27 October 2025
09 މާރިޗު 2024 ގައި ހަމަ މިރައީސް ކުރެންދުއަށް ވަޑައިގެން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަަމަށް ވިދާޅުވި އެއްކަމަކީ ޅޮސްއަލަފުށި ކުރެއްދުއަށް ހޯދަ ދިނުން. ސަބަބަކީ އެވަގުތަށް ކުރެންދުއަށް އޮތް އެންމެ މުހިންމު ކަމަކީ މިރަށް ހޯދުން ކަަމަށްވާތީކަމަށް ވިދާޅުވެ. މިއީ 2025 ގެ އޮކްޓޯބަރ 27 ވަނަ ދުވަސް. ރައީސް އިސްކަމެއް ދެއްވި ކަމެއް، އަހަރަކާއި ހަތްމަހާއި 15 ދުވަސްވީއިރު ނުވެ އޮތުމަކީ "އިސްކަމެއް" ދިނުމުގެ މައުނަ އޮޅޭ ސަބަބެއް.
ޒިމް.
27 October 2025
ކޮއްކޯ ތީއާރަށެއް.. ބޭބެމެން ކިޔަނީ ޅޮސްއަލަފުށި އެއީ ޅޮސް ގަހާއި އަލަގަސް ވަރަށް ހެދިފައި އޮތްރަށެއް..
ސޫތުކުޅި
27 October 2025
ސަރުކާރުގައި ރެޖިސްޓަރީ ކޮށްފައިނީ ޅޮއްސަލަފުށި. ބަޔަކު މީހުން ގޮތަކަށް ކިޔަސް އެއީ ޅޮއްސަލަފުށި.
ޑަކު
27 October 2025
އަނެއްކާ ތިއުޅެނީ އަނެއްދަންތުރަޖެހޭން.