ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މިއަދުން ފެށިގެން ރާއްޖޭގައި މަނާވާނެ.
ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް ރަށެއްގައި މިއަދު ބޭއްވި ހިނގާލުމެއްގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފައިނު ހެލްތު ސެންޓަރު
01 ނޮވެމްބަރ 2025 - 00:00
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އެހެންވެ، މިއަދުން ފެށިގެން އެ އުސޫލަށް އަމަކުރަން މަޖުބޫރުވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ނަމަވެސް، މީގެ ހަ މަސް ދުވަސް ކުރިން ތަސްދީގުކުރި ޖެނެރޭޝަނަލް ބޭންގެ އިސްލާހުގައިވާ ގޮތުން 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް ދުންފަތުގެ އެއްވެސް ބާވަތެއް އެ ކުއްޖާ އަށް ވިއްކުމަކީ މަނާކަމެކެވެ.
ޖެނެރޭޝަނަލް ބޭން އަށް ރާއްޖެ އިން އަމަލުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މި އަހަރުގެ މޭ 31 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމަށް ފަހު، ތަސްދީގާ ގުޅޭ ލިޔުމާ އެކު އެ މަނިކުފާނު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: ރައީސް އޮފީސް
އެ ބިލް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މުޖުތަމައުގައި ހުރި މި ކަހަލަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަސްޓަމްސް އިން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.
ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްޒަތު
01 November 2025
ޤާނޫނު ހިގަންވާނީ އެންމެންގެ މައްޗަށް އެއްވަރަކަށް ވަކިބަޔަކު ޤާނޫނުން ކުއްވެރިވެ އަނެއްބަޔަކު ޤާނޫނުން ސަލާމަތްވާގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއްނޫން އަދި ޤާނޫނުނު ދަންނަ ކަމެއްވެސްނޫން އެހެންކަމުން މިކަމަކީ ކާމިޔާބުވުމަށްވުރެ ނުވުން ގާތް ކަމެއް! ދެންބަލަމާހިގާ ވާގޮތެއް އަޅުގަނޑުވެސް އެދެނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ޖީލެއް ބިނާވެގެންދިއުން. ނުވަތަ ޤައުމަކަށްވެގެން ދިއުން.
ރަމަ
01 November 2025
މަސްތުވާ ތަކެތިވެސް ރާއްޖެ އެތެރެކުރުންމަނާ އެކަމަކު އެތެރެވާތީތާ އެވެސް ބޭނުންކުރަނީ! ގައިމުވެސް މަދެއްނުވޭ! މިކަންވެސްހަމަދާނީ މިމަގުން. ފޫނެތް ބާލިދިއަކަށް ކިތަންމެ ގިނައިން ފެން އެޅިޔަސް އެޔަކު ފެނެއް ހަރެއްނުލާނެ މީގަ އޮތް ގޮތަކީ އެމީހަކު އަމިއްލައަށް މިކަމުން ދުރުވެގަތުން ޤާނޫނަކުން މަނާކުރިޔަސް ރައްޔިތުން ބަލައި ނުގަންނަ ޤާނޫނެއް އޮތުމުގެ މާބޮޑު ބޭނުމެއްނެތް މިކަންވެސްދެން ދާނީ ސިޔާސީ ކަމަކަށް ބަދަލުވެގެން.
ސަލީމްހ
01 November 2025
ތަންފީޒުނުކުރެވޭ ޤާނޫނުތައް ތަޢާރުފުކުރުމުން ފައިދާއެއްނުވޭ
އުދުހޭ
01 November 2025
ހިޔާލީފޮލާ ހޫނުކޮށް ފަރިއްކުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ.
ރާއްޖެ
01 November 2025
ތިހާ އިޙްލާސްތެރިއްޔާ ސިގިރެޓާއި ދުންފަތް އެތެރެކުރުން މަނާކޮށްބަލަ..
ޑރ ވާންޗޯ
01 November 2025
ތިޔަށްވުރެ ވަނދުކަރައެއް ފެޅޭނީމަދުބަޔަކަށް. ސިގިރޭޓްބޯ %99 ކުދިންނަކީ އެކިއެކި ގްރޫޕް ގްރޫޕަށް ބޮޑެތިމީހުނާއެކު ސިނގިރޭޓުބޯކުދިން.
އަބްޑޫޅް +
01 November 2025
"ޖެނެރޭޝަނަލް ބޭން" ގެ މާނައަކީ ކޮބައިތް، މާލޭ ދިވެހި ބަހުން.
ރަދުންގެ ދަރި
01 November 2025
ރީތި ފޭރާމާއި އަގުބޮޑު ލަގްޒަރީ ދިރިއުޅުން އުޅެމުންދިޔަ ސްޕޮއިލް ކިޑްސް އަށްވެސް ހެޔޮބަދާލެއް އަންނާނެ ކަމަށް ބެލެވޭ ޖެނެރޭޝަން ބޭން އެއް މީ، އެއީ އެކުދިންނަށް ވެސް އެހާ ފަސޭހައެއް ނުވާނެ ސިނގިރޭޓް ވޭޕްގެ ހޯދުން. ނިންމުން ރަނގަޅޭ ބުނެވޭނީ
ދަލޭކަ ދައިތަ
01 November 2025
ޑްރަގް މިހާ އާންމުތަނެއްގައި، ކިލޯ ކިލޯއިން އެވިއްކާ ގެންގުޅޭ އޭގެއިން މުއްސަނދި ދިރިއުޅުން އުޅޭބަޔަކު ތިބޭއިރު މި އުމުރު ފުރާގެ ކުދިން މިހެން އަޅާލާ ހެޑިންއަކުން ސަލާމަތްވާނެބާ އެމީހުންގެ ވަކިދަށުން. މީ ކުށްކުރާ މީހުންނަށް މައާފު ދިނުމުގައި ކުރީގަ އޮންނަގައުމެއް. ކޮންމެ 5އަހަރަކަށް އެމީހުން އިންތިޒާރުކުރޭ.
ޝުކުރުގެ ބަހެއް
01 November 2025
މީގެ އަހަރުތަކެއް ފަހުން ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް އުފަލާއި އެކު ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ނިންމެވުމަށް ޝުކުރުވެރި ވާނެއެވެ. އެއީ އެކުދިންގެ މައިންބަފައިން ނާއި ބޭބެ އިން ވަނީ މި ވަބާގައި ޖެހި ސަލާމަތް ނުވެވިގެން އުޅުނު މަންޒަރުތައް ތަޖުރިބާ ކުރަންވާފައެވެ. ޝުކުރިއްޔާ ރައީސް ވަރަށް ޕޮޒިޓިވް ކޮން މި ދެކެނީ