ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމު ހޯއްދެވި ޒަހްރާން މަމްދާނީ އާއި އަނބިކަނބަލުން ރަމާ ދުވާޖީ އިއްޔެ ވޯޓުލާން ވަޑައިގަތުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: އޭއެފްޕީ
05 ނޮވެމްބަރ 2025 - 08:02
ޝިއައީ މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމު ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ އެސެމްބްލީމެންބަރެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ.
މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަމްދާނީ ޓިކެޓް ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ކުއޯމޯ ބަލިކުރެއްވުމަށް ފަހުގަ އެވެ. އެހެންވެ ކުއޯމޯ މި އިންތިހާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ދެން ވާދަކުރެއްވީ ގާޑިއަން އެންޖެލްސްގެ ބާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އެވެ.
ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމު ހޯއްދެވި ޒަހްރާން މަމްދާނީ. -- ފޮޓޯ: އޭއެފްޕީ
ރައީސް ޓްރަމްޕު ވަނީ އިންތިހާބުގެ ވޯޓު ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މަމްދާނީއަށް ވޯޓު ނުދިނުމަށާއި އޭނާ އިންތިހާބުކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން ނިއު ޔޯކަށް ކޮންމެހެން ދޭންޖެހޭ ފައިސާއެއްގެ ތެރެއިން މަދު މިންވަރެއް ނޫނީ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ އިތުރުން ޓްރަމްޕަށް ތާއީދުކުރާ މަހުޖަނުންނާއި ސިޔާސީ އެތައް ބަޔަކު މަމްދާނީއާ ދެކޮޅަށް މަސައްކަތްކުރި ނަމަވެސް ޒުވާނުންގެ މެދުގައި މަމްދާނީއަށް އޮތް ބޮޑު ތާއީދާ އެކު އޭނާއަށް އިންތިހާބުގެ ކުރިން ވެސް ޔަގީންކަން ބޮޑެވެ.
ކުއީންސްގެ ސްޓޭޓް އެސެމްބްލީގެ މެމްބަރުކަމުން ނިއު ޔޯކްގެ މޭޔަރުކަމާ ހިސާބަށް މަމްދާނީ ވަޑައިގަތީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ހޯއްދެވި އާދަޔާ ހިލާފް ބޮޑު މަގުބޫލުކަމާ އެކުގަ އެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރައްވާ މަމްދާނީއާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުރުން އެމެރިކާގެ އެންމެ ބޮޑެތި މަހުޖަނުން ވެސް އެކި ގޮތްގޮތަށް ކެމްޕެއިން ކޮށްފައިވެ އެވެ.
މަމްދާނީގެ ކެމްޕެއިން ހާއްސަކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ. ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިރުސައި 2.0
06 November 2025
މިނިވަންކަމާއި ކޮންމެ މީހަަކަށްވެސް ފުރުސަތުއޮތްކަން ތިޔަ ފެނުނީ، ވެރިމީހާގެ ދީނެއްވެސް ނޫން، ޕާޓީއެއްވެސް ނޫން،، ހިޖުރަކުރި މީހެއްގެ ދަރިއަކަށް އެންމެ ވަރުގަދަ އެއް ސިޓީގެ މޭޔަރުންކަމަށް އިންތިޚާބުވީ. އެހެންވީމަ އެމެރިކާ ތަފާތޭ ބުނަނީ. ހަމަ ހަގީގަތުގަވެސް ލޭންޑް އޮފް އޮޕޮޗިއުނިޓީ އަކީ ވަން އެންޑް އޮންލީ The United States of America (USA)
ގަމާރު
05 November 2025
ޝީޢީ މުސްލިމެއް. ރާއްޖޭގައި ނަމަ ޝަރުތު ވެސް ހަމަ ނުވާނެ ވާދަ ކުރާކަށް. އެކަމަކު އެމެރިކާގައި ވާދަކޮށް ނަސާރާއިނާއި ޔަހޫދީނާއި ދެކޮޅަށް ވާދަކޮށް ހޮވޭ. ހުރިހާ ހައްގަކާއި މިިނިވަންކަމެއް ލިބިފައިވޭ. އެކަމަކު އެމެރިކާއާއި އިޒްރޭލް އެޕާތައީޑް. އިސްލާމީ އެއްވެސް ގައުމެއް އެޕާތައީޑެއް ނޫން
ފަހަން
05 November 2025
ރާއްޖޭގަ ޖިންސީ ފުރައްސާރައިގަ ތުހުމަތުވީ މީހާ ޔޫކޭއަށް ހޮލިޑޭއަކަށް ފޮނުވާލާފަ އަނބުރާ ގެނައީ ކެމްޕޭނަށް. އަދިވެސް ދިވެހިންނަކަށް ނޭގޭތަ މި ކުޅޭ ކުޅިވަރެއް. ކުލައަކަށް ނުބަލާ ރަނގަޅާ ނުބަޔަށް ބަލާބަލަ.
ޢަލީ ބަލީ
05 November 2025
މި މެސެޖް މަމްދާނީ އަށް ނުލިބޭނެތި ދެރައީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރޭހަށް ނުކުމެވަޑަިގަތުމަށް މަމްދާނީ އަށް ދަންނަވަން
މީރާ
05 November 2025
އިންޑިޔަ ދަރިކޮޅު ގެ މީހެއް! މަންމަ އަކީ މަޝްހޫރު މީރާ ނައިރް
ދަލޭކަ ދައިތަ
05 November 2025
ކޮންމެވެސް މީހަކު އަހަރެމެންގެ ރައީސަށްވެސް އަންގަބަލަ. މަމްދާނީގެ ވައުދުތަކުގެ ތެރޭގައި އެބޯތޭ އެއޮއްފަދަ ބޮޑު ނިއުޔޯކުގެ ކުލި ކޮންޓްރޯލް ކުރާ ވާހަކަ.
އެންމެން ހެޕީ
05 November 2025
މަރުހަބާ މަމްދާނީ
ފެންވަރު
05 November 2025
ޑިމޮކްރަސީއާއި، ދީނީ މިނިވަންކަމާއި، ހައްގުތަކޭ ކިޔައިގެން އެހެން މީހުންނަށް ފިލާވަޅު ނަގައިދޭން އުޅޭ، އަދި މި ޓެގްތައް ބޭނުންކޮށްގެން އެހެން ގައުމުތަކަށް އަހުވަދައްކާ މީހުންގެ ފެންވަރު މި ފަލީހަތްވަނީ. ސުންނީ/ޝިޔަޢީ ވިޔަސް މުސްލިމް ކިޔައިފިއްޔާ ޓްރަމްޕްމެން، އެމެރިކާ/ޔޫރަޕަށް ކެތެއް ނުވާނެ. ޓްރަމްޕް އެ އަންގަނީ ބަޖެޓްވެސް ނުދޭނަމޭ. ފެނޭތަ މި މީސްމީހުންގެ ފެންވަރު
މާކޮސް
05 November 2025
ޓެރެންޓޫ ކަހަލަ މީހުން ބަސްކިޔާ ހިސާބަށްގޮސް އެގަވްމުތަކުގެ ވެރިކަމަށް އައުމަކީ އެފަދަ ގަވްމުތަކުން އަޅުވެތި ކޮށްގެން ގެންގުޅެމުންދާ ގަވްމު ތަކުގެ ރައްޔަތުންނަށް ލައްވާ ނަސީބެކެވެ އެކަމުގެ ހެއްކަކީ އިއްޔެގެ ބޮޑުއިނގިރޭސިން މިއަދުގެ ދުނިޔޭގައި އެމެރިކާނުންގެ ފައިފުއްސެއް ފަދައެވެ
އަލީބެ
05 November 2025
އެމެރިކާ ކިތައްމެ ސަކަރާތަސް އެހެންތާކަށް އުފަންް މީހަކަށްވެސް ސިޔާސީ ދާއިރާގަ ކުރިމަގު އޮވޭ. މަމްދާނީއަށް މަރުހަބާ.
ޛޯގު
05 November 2025
މިތާކު ނޯވޭ މީމާވަރުފަދަ މިނިވަންކަމާއި އުސްތިގުލާލެއް އޮންނަ ގައުމެއް
ސދޗސދޗ
08 November 2025
އެމެރިކާ އަކީ އެކިތަންތަނުން މީހުން އައިސް އުފެދިފައި އޮންނަ ގައުމަކަށް ވާތީ އެހެން އެވަނީ..... އެކަން އެނގޭތަ
ޖަސްޓޫ
05 November 2025
ޓުރަންޕު ދެން ފިއްތާލައިގެންހުންނާށެވެ. ރައްޔިތުން ބަސްބުނެފިއެވެ.