ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް (ކ) އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު މަޖިލީހުގެ ޖަލްސާގައި ވާހަަކަ ދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
05 ނޮވެމްބަރ 2025 - 15:42
ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ އެންދެރި އާއި ރަތް މުރަކަ ނަގައި، އެއިން ގަހަނާ ހަދަން ފުރުސަތު ދިނުމަށާއި އެހެން ބައެއް ގައުމުތަކުގައި ކުރާ ގޮތަށް ދާ އަޅައިގެން މަސްވެރިކަން ކުރަން ވެސް ފުރުސަތު އޮންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިޔާލުފާޅުކޮށްފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ނުނަގާ ބަހައްޓާފައި ހުރި ބާވަތްތައް ކަމަށްވާ އެންދެރި އާއި ރަތް މުރަކައިން ގަހަނާ އުފައްދައިގެން އެހެން ގައުމުތަކުގައި ނަފާ ހޯދަމުން އަންނަ ކަމަށެވެ.
ނަސީރު ވިދާޅުވީ ރަތްމުރަކައިގެ ވަރަށް ކުޑަ އެތިކޮޅެއް ބޭނުންކޮށްގެން ހަދާ ގަހަނާ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު އަގުގައި ވިއްކަމުން އަންނަ ކަމަށެވެ.
"އަށާރަ ކެރެޓް ރަންކޮޅަކާއި 10 ގްރާމް ރެޑްކޮރަލް ކޮޅެއް [ރަތް މުރަކަކޮޅެއް] ބޭނުންކޮށްލައިގެން 20،000 ޑޮލަރަށް ފަށުފުލެއް އެބަ ވިއްކާ ދުނިޔޭގެ ބާޒާރުގައި. ކީއްވެގެންތޯ އަޅުގަނޑުމެން މިހެން ތިބެންވީ؟' އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ރަތްމުރަކައިގެ އުފެއްދުންތައް ވިއްކަން ހުރި އެންމެ ފަހު ދުވަސްވަރު ޗައިނާ މީހަކު އޭގެ އުފެއްދުންތަކެއް ގަނެގެން ގެންގޮސް ބޮޑު ނަފާއެއް ހޯދި ކަމަށް ބުނާ ވާހަކައެއް، އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.
"އެހެންވީމާ ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް މިކަހަލަ ފުރުސަތުތައް އެބަހުރި. އަދި. މަސައްކަތް ނެތް އަންހެންވެރިންނަށް މިކަހަލަ ފުރުސަތުތައް އެބަހުރި. އެކިއެކި މިންގަނޑުގައި ހުރިހާ ފުރުސަތުތަކެއް އެބަހުރި،" ނަސީރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އެންމެން ރިސޯޓް މުވައްޒަފުންނަށްވެ، އުފެއްދުންތެރިކަން ދޫކޮށްލައިގެން ތިބެންވީތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ހަމަ އެ ބަހުސްގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކުގެ މަސްވެރިން ދާ އަޅައިގެން މަސް ނަގަމުން ގެންދާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ގައުމުކަމަށްވާ ޖަޕާނުން ވެސް ދާ އަޅާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަށައިގެން ދާ އަޅަމުން އެ ދަނީ ވަށައިގެން ތިބި ހުރިހާ ގައުމުތަކުން ވެސް، މަހެއް ހުހެއް ނުވޭ،" ފަޒީލް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަަހައްދު މިހާ ބޮޑުކޮށް އޮތް އިރު މަސްވެރިކަން ޑައިވާސިފައިިކުރަން ޖެހޭ ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އައްބާސްގެ ގަރާރާ ދެކޮޅު ހެއްދެވި އެވެ. އަދި އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި 44 މެންބަރަކު ވޯޓު ދެއްވީ ގަރާރު ބަލައިނުގަތުމަށެވެ. ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރުންނާއި އައްބާސް ހިމެނޭ ގޮތުން އެންމެ ނުވަ މެންބަރުންނެވެ.
ހާއްސަ ހުއްދައަކާ އެކު ކަށިމިޔަރުގެ މަސްވެރިކަން ކުރަން މިދިޔަ މަހުގެ 31 ގައި ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ސަރުކާރުން އެ ދުވަހު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، އެ މަސްވެރިކަމަށް ހުއްދަ ދޭނީ އަހަރަކު 40 އުޅަނދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުސޫފުލް
07 November 2025
މިއިން ކޮންމެ ކަމެއްވެސް ކުރެވިދާނެ - މައްސަލައަކީ އިޔާދަކުރަނިވި ކަނޑުގެ ކޮންމެ ވަޞީލަތަކީވެސް ތަބީއީ ގޮތުން ނެގޭނެ މިންވަރަށް ހަމަޖެހިފައިވާ ވަޞީލަތެއް، އެކަން ކަން ބަލަހައްޓާ އިދާރާއަށް ރާވާ ހިންގާ ބެލެހެއްޓޭނަމަ ( ގަވާއިދެއް ހަދާ އަދިި މެނޭޖްމަންޓް ޕްލޭންެއްވެސް ހަދާ، އަދި އޭގައި ވާ ކަންކަން ތަންފީޒު ކުުރުމުގެ ޤާބިލްކަން ހުންނަނަމަ) ކުރަންވީ - މިކަހަކަ ވާހަދ ދެއުޅިއެއް ނުވާގޮތަށް ދެއްކުން ކަމަކު ނުދޭ!
ރަތްމުރަކަ
06 November 2025
މަޖިލީސް މެންބަރުން އެބަޖެހޭ ގާނޫނު ކިޔަން. ހަމަ ހިޔާލެއް އަންނައިރަކަން ނުޖެހޭ އަންގަފަޅާ އެވާހަަކަ ދައްކާކަށް.. މިހެންވަންޔާ ގާނޫނުގެ ބޭނުމެއްނެތެއްނު އިރުއިރު ކޮޅާބަދަލުކުރަންޔާ!!
ކަކުނިބޯ
07 November 2025
މަޖްލިސް މެމްބަރުން ހިތަށް އަންނަ ހިޔާލު ހުށައަޅަން އޮތްތަނެއްއެއީ ޤާނޫނާ ހިލާފުވާހަކަ ދެއްކޭތަނެއްއެއީ އިސްލާމްދީނާ ފުށުނާރާގޮތަށް . ޢެމީހުންނަށް ކިޔޭނެ ކިޔާނެ ނުވެސް ހުއްޓުވޭނެ
ޓޯޕީ
05 November 2025
ބަރާބަރުކަމެއް!
ރޯނު އެދުރުން
05 November 2025
މީ މިގަައުމު ގެ އިގްތިސާދު ހަލާކު ކޮށް ވަގުތީ ކުޑަ ފައިދާ އަކަށް ވަކާލާތު ކުރާ ރޯނު އެދުރުން. އެއްވެސް ކަމެއްގެ އާޖުފާޖެއް ނޭގޭ ގަމާރުން ތަކެއްމީ!!
ވަރަށްވަރަށްރަގަޅު
05 November 2025
ދާ އެޅެންޖެހޭ. މަސްވެރިން ލައްވާ ނުޖެހޭ ކޮންމެހެން ބުރަ މަސައްކަތް ކުރުވާކަށް. ފަސޭހައިން ބޭނުން ޖެހޭ..ވިކެނީ ޕޯލްލައިން ވެގެނެއް ނޫން.
ބާ ދާ
06 November 2025
ބުރޯ ދާއަޅައިގެން ނުލިބޭނެ މިހާވަރު ލިބޭވަރުވެސް
ރާވެރިބެ
05 November 2025
މާ މޮޅު ގޮތެއް އެބައޮތް. ރާއްޖޭގެ ހުރިހާ ކަޑުތަކުގެ އަޑި އެއްކޮށް ކަހާލައިގެން ނަގަންވީ ނުން؟ ހާދަ އެއްޗިއްސެއް އަތުޖެހޭނެއޭ!
ލޮއްލަ
05 November 2025
ރާއްޖެ ވަށައިގެން ބޭރު ގައުމުތަކުގެ ބޯޓުތަކުން ދާ އަޅައިގެން މަސްވެރިކަން ކުރަނީ އެޔޮއްގެން. އެކަމު ދިވެހިންނަށް މާނާ ކަމެއް… ހަހަހަހަ
ސަސި.
05 November 2025
ތިޔަ ހުރިހާ ކަމެއްވެސް ވާނެ ކުރަން، މިކަހަލަ މީހުން ލައިގެން މި 5 ލައްކަ ހަމަ ކުރަން ޖެހޭނީ
ހުސެން ހިތަޑު
05 November 2025
މިވެރިން ހޮވީ އަޅެ ބުއްދިސަލާމަތުން ތިބި ބަޔަކުތަ؟
ރާއްޖެ
05 November 2025
ހަމަ ރަގަޅަށް އެ ވާހަކަ ދެއްކީ. ތިމާވެއްޓޭ ދުނިޔެ ހޫނުވަނީ އޭ މަސް ނެތިދަނީ އޭ ބުނެ ބޮޑެތި ބާރުގަދަ ގައުމުތަކުން ކުދި ގައުމުތަށް އޮބަހައްޓަން ދައްކާ ބަހަނާ. އެހެން ހުރިހާ ގައުމުން ދާ އަޅައިގެން މަސްބާނަނީ. އެމީހުން ބުުނާ ގޮތަކަށް ބުނާ ރޭޓަކުން އަހަރެމެން މަސްބާނާ އިރު އަދިވެސް މިއުޅެނީ އީޔޫއަށް މިތަނުން މަސް އެކްޕޯޓް ނުކުރެވިގެން. ހުއްދަ އެއް ނެތް. ކޮބާ ވަކި އަހަރެމެންނަށް ވީ މޮޅެއް؟
މޮޅު ވާހަކަ
06 November 2025
އެކަން ކޮށްގެންވެސް ވާނެ މޮޅެއްނެއް.. ދުނިޔޭގެ އާޖުފާޖު ނޭންގި ހަމަ އަންގަ ތަޅަނީއޭ..