ފަސްޓް ލޭޑީ ސާޖިދާ، ދުޅަހެޔޮ ދިރިއުޅުން- އުފާވެރި މުޖުތަމައު ކެމްޕެއިން ކ. ގުރައިދޫގައި މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ނޮވެމްބަރ 2025 - 20:10
ތޫނު ސިކުނޑިތަކަކާއި މުރާލި އަތްތަކެއް އުފެދޭނީ ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް މީހުން އަހުލުވެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު" މި ނަމުގައި ކުރިއަށް ގެންދާ ޕްރިވެންޓިވް ހެލްތުކެއާގެ ގައުމީ ކެމްޕެއިން ރަސްމީކޮށް ފަށަން ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމުގެ ތަޅުދަނޑި ކަމަށެވެ. ގައުމެއް ބިނާކުރުމުގައި ޕްރިވެންޓިވް ހެލްތުކެއާ އަށް އިސްކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
"ގައުމެއް ބިނާކުރުމުގައި އެ ގައުމެއްގެ ސިއްހަތަށް މި ފަަދައިން އިސްކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ތޫނު ސިކުނޑިތަކެއް، މުރާލި އަތްތަކެއް، ހީވާގި ކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަހުލުވެރިވެފައިވާ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ހިތްފަސޭހަކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ދުޅަހެޔޮ ދިރިއުޅުން- އުފާވެރި މުޖުތަމައު ކެމްޕެއިން އިފުތިތާހު ކުރުމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ކެއިންބުއިމުގައި ރަނގަޅު އާދަތައް ގެންގުޅެން އިސްލާމްދީން ވެސް ބާރު އަޅަ އެވެ. ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށް ކަމަށާއި ރޫހާނީ ސިއްހަތާއި ޖިސްމާނީ ސިއްހަތު އަދި ނަފްސާނީ ސިއްހަތުގެ މައްޗަށް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު" ކެމްޕެއިނަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކުގެ ސަބަބުން ޖެހޭ ގައިންގަޔަނަށް ނާރާ ބަލިތައް ރާއްޖޭގައި އާއްމުވަމުންދާ ބަލިތަކުން މީހުން ރައްކާތެރިކޮށް، ރަނގަޅު އާދަތަކަށް އަހުލުވެރިކުރަން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
ދުޅަހެޔޮ ދިރިއުޅުން- އުފާވެރި މުޖުތަމައު ކެމްޕެއިން އިފުތިތާހު ކޮށްދެއްވުމަށް ފަސްޓް ލޭޑީ ސާޖިދާ މިއަދު ކ. ގުރައިދު އަށް ވަޑައިގެން ބައެއް ބޭފުޅުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ދާއިރާއިން މީހުން ހޭލުންތެރިކުރަން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ކެމްޕެއިންގެ ދަށުން އެވޯޑެއް ދޭން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ރަށަކަށް ދޭ "ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު، ރަށު އެވޯޑް" އާއި އެންމެ ރަނގަޅަށް މަސައްކަތްކުރާ ސްކޫލަކަށް ދޭ "ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު. އުފާވެރި ދިރިއުޅުން ސްކޫލް އެވޯޑް" އަދި އެންމެ ރަނގަޅަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ދޭ "ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު ޖަމިއްޔާ އެވޯޑް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިންޓޭ
09 November 2025
މުރާލި އަތްތަކެއް ބިނާ ކުރެވޭނީ ސަރުކާރުން ސިޔާސީ ވަޒީފާތައް ދިނުން ހުއްޓާލައިގެން އެކަސީގެންވާ އަދަދުތަކައްތޯ މިޔަދު ސަރުކާރުގެ ކުންފުނިތަކާ ސާރުކާރުގެ ތެރޭގައި ވަނީ މިޔަދު މިގައުމައި ޒުވާން ޖީލެއް އޮތްއިރު އެޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ސިޔާސީ މީހުން ހިފާތަން ކޮންމެ އިންތިހާބަކަދިމާކޮށް މި ފެނިގެންމިދަނީ
ހަމީޒު މޫސާ
09 November 2025
މުރާލި އަތްތަކެއްގެ ވާހަކަ ނުދައްކަވާށެވެ. ސަރުކާރަށް 34 އަހަރު ޚިދުމަތްކުރި އެޑްމިން އޮފިސަރަށް 11000ރ އެވެ. މިއަދު މެންދުރުވަތް އެސްޖީއަށް 35000ރ މިވައްރު ތަންފުކެއްބޮޑެވެ.
ލ.އަތޮޅު
09 November 2025
މޮޅު ބަހެއް ބުނެވުނީމަ ނިމުނީ ދޯ.. ކޮންމެ ތަނަކަށް އަރާ
އިބިރަހިމާ
09 November 2025
މީހުން މުރާލި ވާނީ އެއްވެސް ޒިންމާއެއް ނެތް ހަމަ އެކަނި ސޯޝަލް މީޑިއާގަ ކޮމެންޓު ކުރަން ވިހި ތިރީސް ހާސް ރުފިޔާ ލިބޭ މަގާމުތައް ގިނަކުރި ވަރަކަށް.
އިބްރާހިމް ނައީމް
09 November 2025
އެންމެ ހިންގުންތެރި ފަސްޓް ލޭޑީ
އަންދުރޯސް
08 November 2025
މުރާލިކަމަކީ ގަދަފަދަ ބާރެކެވެ.
ރޯނު އެދުރުބެ
08 November 2025
ކަމަނާ ހިނގަތޭ މުޅިރަށުގާ މުރާލިމީހުން ހޯދަން.