ބީބީސީގެ ޑިރެކްޓަ ޖެނެރަލް ޓިމް ޑޭވީ: ބީބީސީއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފައި. -- ފޮޓޯ: އޭޕީ
10 ނޮވެމްބަރ 2025 - 06:21
އެމެރިކާގެ ކެޕިޓޮލް އިމާރާތަށް 2021 ވަނަ އަހަރު އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގައި ގެއްލުން ދިން ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެއްގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ޑޮކިއުމެންޓްރީއެއްގައި ހިމެނި މައްސަލަ ބޮޑުވެ ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީ އިސްތިއުފާ ދެއްވައިފި އެވެ.
ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ ޖެނުއަރީ 6، 2021 ގައި ޓްރަމްޕް ދެއްވި ތަގުރީރެކެވެ. ޓްރަމްޕުގެ ވާހަކަތައް އޮޅޭ ގޮތަށް އެޑިޓްކޮށްފައިވާ މައްސަލަ ހާމަވެ އަމާޒުވި ފާޑުކިޔުންތަކާ އެކު އިއްޔެ ވަނީ ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
ޑޭވީ އިސްތިއުފާ ދެއްވަމުން ވިދާޅުވީ މިކަމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަންގަވާ ކަމަށާއި ބީބީސީ ހިންގުމުގައި އިސް ވެރިއެއްގެ ގޮތުން، މިދިޔަ ފަސް އަހަރު ކުރި މަސައްކަތަށް ފަހު އިސްތިއުފާ ދެއްވަނީ ޒިންމާ އުފުލަންޖެހޭ ކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ އަމިއްލަ ނިންމުމެއްގެ ގޮތުގައި ކަމަށެވެ.
"މި ހަލަބޮލި ދަނޑިވަޅުގައި މި މަގާމު އަދާކުރުމުގައި ހުރި ޒާތީ އަދި ޕްރޮފެޝަނަލް ގޮންޖެހުންތަކާ މެދު ވިސްނަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. އަދި ތަން ހިންގުން ބަދަލުކުރުމުގެ ޕްލޭންތައް ތަންފީޒުކުރުމަށް އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ދެކޭތީ އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގަ އެވެ.
ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެ އެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފަ އެވެ.
ނިއުސް ހެޑް ޓާނެސް ވިދާޅުވި ގޮތުގައި ޓްރަމްޕުގެ ސްޕީޗް މައްސަލަ އަކީ ބީބީސީއާ ގުޅޭ ގޮތުން މި ފަހުން އުފެދުނު މައްސަލަތަކުގެ ތެރެއިން އިސްތިއުފާއާ ހިސާބަށް އޭނާ ގެންދިޔަ މައްސަލަ އެވެ.
"ބީބީސީގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ ސީއީއޯގެ ހައިސިއްޔަތުން އެންމެ ފަހުން ޒިންމާ ނަގަންޖެހޭނީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.
ޔޫކޭގެ ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް މިނިސްޓަރު ލީސާ ނަންޑީ ވިދާޅުވީ ބީބީސީން ވަކި އަތަކަށް ޖެހިގެން މައުލޫމާތު ފެތުރުމާ ގުޅޭ ގޮތުން އޮތީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަމަލުކުރަމުންދާ ގޮތާ މެދު "އިޒްރޭލާ ދެކޮޅު ފިކުރު" ގެންގުޅޭ ކަމަށް ބުނެ ވެސް ބީބީސީއަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެންޑަސަން ކޫޕާ
10 November 2025
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަމަލުކުރަމުންދާ ގޮތާ މެދު "އިޒްރޭލާ ދެކޮޅު ފިކުރު" ގެންގުޅޭ ކަމަށް ބުނެ ވެސް ބީބީސީއަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ވަﷲ ޢައުލަމް.
ނަން.
10 November 2025
ބީބީސީގެ އިންޓަނޭޝަނަލް ހަބަރުތަކާ ބެހޭ އެންމެ ބޮޑަށް ތިބެނީ ޒަޔަނިސްޓުން. ސީދާ ނަތަންޔާހޫއަށް ތާއީދުކޮށް އެތައްބައިވަރު ވާހަކަ ދައްކާ މީހުން. ދެން ތިކަންވާނެގޮތް ވިސްނާލާ.