އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް: ފީފާގެ ހުއްދަ ނެތި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އޭނާގެ ފަރާތުން ދިފާއުއެއް ނެގިޔަސް، އެ މައްސަލަ ބެލޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
12 ނޮވެމްބަރ 2025 - 16:00
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް އޭނާގެ ފަރާތުން ބުންޏަސް، އެ މައްސަލަ ބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެފްއޭމްއެމް އަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ވަކީލުން ބުނިގޮތުގައި ދާދި ފަހުން ބަންގްލަދޭޝްގައި ވެސް އެފަދަ ކަމެއް ދިމާވުމުން، އެ ގައުމުގެ އިދާރާތަކުން އެކަން ބަލާފައެއް ނުވެ އެވެ. އެހެން ގައުމުތަކުން އަމަލުކުރާ އުސޫލުތަކަށް ރާއްޖެއިން ވެސް ބަލަން ޖެހޭނެ ކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް ބައްސާމްގެ މައްސަލާގައި ދައުލަތުން އަމަލުކުރީ އެފަދަ އުސޫލުތަކަށް ބެލުމެއް ނެތި އަދި އެފްއޭއެމްގެ ރައީސްކަން ވަކި މީހަކަށް ހޯދައި ދިނުމަށްޓަކައި ކަމަށް ވެސް ވަކީލުން ބުންޏެވެ.
ބައްސާމް ކްރިމިނަލް އަޑުއެހުމަށް ކޯޓަށް ވަންނަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ބައްސާމް ވެސް ބުނީ އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށް އެ އިދާރާ އިން އަންގާފައި އޮންނަ ކަމަށް ބައްސާމް ބުންޏެވެ. އަދި އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށް ވެސް ބައްސާމް ބުންޏެވެ.
ރައްދުގައި ދައުލަތުން ބުނީ ފީފާއިން ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވެފައި އަދި އެ ފައިސާ ދިނީ ވަކި ބޭނުމެއްގައި ކަމަށް ވާތީ އެ ފައިސާއަށް ހިނާޔާތްތެރިވުމުގެ މައްސަލަ ފުލުހުންނަށް ބެލޭނެ ކަމަށެވެ. އަދި ފީފާއަށް ބާރު ލިބިގެން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކަމަށާއި ނަމަވެސް ޖިނާއީ ކަންކަން ހިންގާ ނަމަ ދިވެހި ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ފީފާގެ މެމްބަރަކަށް ރާއްޖެ ވުމަކީ ރާއްޖޭގެ ގާނޫނު އެފްއޭއެމްގެ މައްޗަށް ނުހިނގާނެ އުސޫލެއް ނޫން ކަމަށާއި އެފަދަ މުއާހަދާއެއް ވެސް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ފީފާގެ އުސޫލުތައް ރާއްޖޭގެ ގާނޫނަށް ވުރެ އިސް ނުވާނެ ކަމަށެވެ. އަދި ފީފާއިން މިހާތަނަށް ވެސް ރާއްޖެއާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ ފީފާއަށް ލިބިގެންވާ ފިޔަވަޅު އެޅުމުގެ ހައްގު ފީފާއިން ދޫކޮށްލީ ކަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ނުބެލޭނެ ކަމަށް ބައްސާމްގެ ފަރާތުން ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
ބައްސާމްގެ ވަކީލުން ބުނި ގޮތުގައި، އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވެ އެވެ. އަދި އިސްތިއުނާފް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދޭ ކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ފަހު، މަތީ ކޯޓަކުން އެންގުމެއް އަންގައިފި ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.
އެ މައްސަލާގައި ކޯޓުން ކުޑަ ހަރުކަށި ކަމެއް ގެންގުޅޭ ކަމަށާއި ނަމަވެސް އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލުން އަމަލުކުރަން ބައްސާމްގެ ވަކީލުން އެދުނެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނާނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާކަން އިއުލާން ކުރެއްވުމަށްފަހު އެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
ބައްސާމް މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 10،000 ޑޮލަރު (154،000 އަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
14 November 2025
ވައްކަންކޮށްފަމިކިޔަނީ މައްސަލަބެލޭނީ ފީފާގެހުއްދަހޯދައިގެންނޭތަ؟ ފީފާއިންފައިސާދިނީ އަމިއްލަބޭނުންތަކަށްބޭނުންކުރަންތަ؟ ރާއްޖޭގެފުޓުބޯޅައިގެކަންކަމުގާބޭނުންކުރަންދިންފައިސާއަށް ހިޔާނާތްތެރިވެގެންދޯމިއުޅެނީ، ދެންމިސާލަކަށް މިމައްސަލަބެލުމުގެހުއްދައަށް އެދެފިނަމަ ފީފާއިންހުއްދަނުދީބުނާނެތަ ބައްސާމުދޫކޮށްލާށޭ؟؟ ނުބުނާނެދޯ ހެހެ ދެންކޮންވާހަކައެއް، ބައްސާމުގެ މައްސަލަބެލުމުގާ ހާއްސަހަރުކަށިކަމަކާ ހާއްސައަދަބެއްދޭންޖެހޭ، ޒުވާނުންގެހައްގަށްއަރައިގަތީމަ
ބަޑިތަކުރު
13 November 2025
ކުށެއްކުރިތޯ ނުވަތަ ނޫންތޯ ބެލުމުގެ ބަދަލުގައި ޤާނޫނުތަކާއި އުސޫލުތައް ހަދައިގެން މިބަލަނީ ކޮންމެސް އިޖްރާޢަތެއްގެ ދަށުން ބޯދަމައިގަނެވޭތޯއެވެ. ވަކީލުންގެ ޖީބުފުރުމާއި ކުށްވެރިންނަށް މޮޅުވުން ނޫންކަމެއް މިހަދާ އިޖްރާޢަތުގެ ގާނޫނުތަކާއި އުސޫލުންތަކުން ވޭބާވައެވެ. މިނޫންގޮތަކަށް އަދުލް އިންސާފު ގާއިމުކުރެވޭދުވަހެއް ފެންނާނީ ކޮންދުވަހުން ބާވައެވެ.
ގަބުކޮ
13 November 2025
ނިއު ވިކްޓްރީ ސަސްޕެންޑްކޮށް ފުޓްބޯޅަ ހަލާކު ކުރި އިރު އެނގޭތަ ކަލެއަށް މީގެ ލޮޓި އަންނާނެ ކަމެއް؟ ސާފުކޮށް މި ބުނަނީ މީ އެކަން ކަމުގެ ބަދަލު. ނިއު އާއި ކުޅުމަކީ ފުޓްބޯޅައިގައި އަލިފާނާ ކުޅުން. ރާއްޖޭގެ އެންމެ ވަރުގަދަ ސަޕޯޓަރުންގެ ކްލަބު.
މަކަރިއްޔާ
13 November 2025
މިކަލޭގެ ލަދުހަޔާތެއްވެސް ނުހުންނަނީތަ.. އަދި ބުނެފިޔޭ ފީފާގެ ހުއްދަ ނެތި މައްސަލަ ނުބެލޭނެޔޭ.. މިކަލޭގެ ކޮށްފަ ހުރި ހުރިހާ ޖަރީމާތަކެއް ބަލާ އެކަން ކަމުން ހޯދާފަ ހުރި ހުރިހާ މުދަލެއް ސަރުކާެރަށް ނަގަން ގޮވާލަން.
ފީފާގެރަތްކާޑު
13 November 2025
އިންފަންޓީނޯ އިހަކަށްދުވަހު އެދިއައީ ރާއްޖެއައިސްފައި. އޭނާއަށްވެސް އެނގިއްޖެ ބައްސާމުގެ ޖަރީމާތައް، ގާޒީއަށްވެސް އެނގޭ ފީފާގެ ރައީސްއާއި ސެކެޓްރީ ޖެނެރަލްއައިސްއުޅެފައި ދިޔަކަން، އަދި އެފްއޭއެމް މިހާރު ރަގަޅުކަމާއި، އެހީތެރިކަން ކުރިއަށްވުރެ ބޮޑަށް ދޭނަމޭވެސްބުނެފައި އެދިއައީ. އަދި ގޮސްފައި އަތޮޅު މުބާރާތައް 4 މިލިއަންރުފިޔާވެސް ދީފި. ބައްސާމު ހީކުރީ މަހްލޫފްކަމަށްތަ ހުރިހާ އެންމެންއަކީ. މަހްލޫފަށް ބޭރުދަތުރަކާއި ޑޮލަރު ކޮޅެއްދިނީ އިނީ ކެޓީފަ
ރާވެރިބެ
13 November 2025
ބައްސާމް ޖަލަށްލީމަ ވެސް އެއްޗެއް ނުވިސްނުނުތާ! މަހީކުރީ ކުޑަކޮށް އިސްލާހުވާނެ ކަމަށް. ބަލާބަލަ ދިފާއުގަ ބުނި މޮޅު އެއްޗެއް! ފީފާގެ ހުއްދަނެތި މައްސަލަ ނުބެލޭނެޔޭ! ބަލަ މިއުޅެނީ ދަނޑުމަތީ ފައުލްކޮށްގެންނޫނޭ. ގާނޫނީ ބޮޑު ކުށެއްގެ ތުހުމަތޭ! ބުނިނަމަ އެމެރިކާގެ ވައިޓްހައުސްގެ ހުއްދަބޭނުންވާނޭ ތިމަންނަގެ މައްސަލަ ބަލަން!
ގާރީސް
13 November 2025
މީނަގެ ވަކީލު ލަދެއްނުގަނޭތަ ތިވަރުގެ ޙިޔާނާތެރިޔަކު ދިފާއު ކުރަން. ގިޔާމައްދުވަހުން ސުވާލު ކުރާނެ ކަމާމެދު ބިރެއް ނުގަނޭތަ؟
ދެރަ
12 November 2025
ޢެޕާޓްމަންޓާ މުދާތައް ވިއްކާފަ ނަމަވެސް ކަޓުވާލި ބައި ހަމަކޮށްދީބަލަ
ފީބޯބަންސްބޭ
12 November 2025
ފީފާއޭ ދަންނަ ގޮލައެއް ނޫނޯ އަދި ތިމަނއނާ މެންނާ ބެހޭ ވެސް ގޮލައެއް ނޫނޯ ފީފާ އިން ބުނީ… ފީފާއޭ ކިޔައިގެން ބިރުދައްކަން ތިޔަ ތެޅި އަރުވަނީ.. ފީފާގަ ތިބެގެން ވަކި ކިޔެއްތަ ވަނީ؟؟ ސަސްޕެންޑު ކުރިޔަސް އޯކޭ ވަގުންނަށް ޝަރީއަތްކޮށް ހުކުމް ކުރަން ރައްޔިތުން ބޭނުންވަނީ..
ފުޓް ގެ ބޯޅަ
12 November 2025
ބައްސާމުގެ ވަކީލަށް ވެދުމާއި ތަހުނިޔާ އަށްފަހު ބުނަމެވެ. ދިވެހި ކުޅިވަރަށް ޚަރަދު ކުރަން ހުރި ފައިސާ ފެންފޮދަކާ ނުލައި ކާލީމާ އެ މަސައްސަލަ ބެލުމަކީ ދިވެހީންނަށް ނުކުރެވޭނެ ކަމަކޭ ބުނެގެން ހޯދާ އުޖޫރަ ހަލާލެއްނުވާނެ. ތިޔަ ލިބޭ އުޖޫރައަކީ ޒުވާނުން ކުޅެން ބޯޅަ ގަންނަން ހުރި ފައިސާ.
ވަގުންގެދިފާއީވަކީލު
13 November 2025
ލޯޔަރު ޝާހު އަދި ޝާއިރުއަށް ސަލާމް، ދުނިޔޭގައި ފައިސާ ހޯދަން މަސައްކަތްކުރަން ވާނެ، އެނގިހުރެ 2 މިލިއަނެއްހާ ޑޮލަރު ކާލައިގެން 6 ރޫމުގެ ދެ ޕެންޓްހައުސްގައި އުޅެންދިމާކުރި މީހަކު ސަލާމްކުރަން ތިވަރުގެ ދޮގު ނުހަދާ.