ބަޖެޓް ކޮމިޓީގެ ބައެއް މެމްބަރުން މިއަދު މަޝްވަރާއެއްގައި: މުސާރަތައް ބޮޑުކުރާނަމަ ފިސްކަލް ހަރަދުތައް ހިފަހައްޓަން އުނދަގޫ ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ --- މިހާރު ފޮޓޯ/ނިޝާން އަލީ
13 ނޮވެމްބަރ 2025 - 12:13
ޕޭ ހާމަނައިޒޭޝަން ސިޔާސަތާ އެކު ވެސް މުސާރަތައް އެތައް ގުނައެއް ބޮޑުވެފައި ވާއިރު، މިހާރު އެކަމަށް ކުރާ ހޭދަ އިތުރަށް ބޮޑުވާ ނަމަ ފިސްކަލް ހަރަދު ނުހިފެހެއްޓޭ މިންވަރަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ދިރާސާކުރާ ކޮމިޓީގައި، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ މުސާރައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ބޮޑުވަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ބަޖެޓްގެ ނިސްބަތުން ބޮޑު އަދަދެއް މުސާރައަށް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިނިސްޓަރު ޒަމީރާއި ފިނޭންސް މިނިސްޓްރީގެ ބައެއް މުވައްޒަފުން --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭނާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، ޕެންޝަނަށް ދައްކަންޖެހޭ އަދަދާ އެކު އެ އަދަދު 17 ބިލިއަން ރުފިޔާއަށް އިތުރުވާ ކަމަށެވެ. އެހެންވެ، އެއީ ބަޖެޓުގެ ޖުމްލަ އަދަދުގެ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަންދާޒާ މިކުރެވޭ މުސާރައަށް ކުރެވޭ ހޭދަ މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުވަމުންދާ ނަމަ އަޅުގަނޑުމެންނަށް ފިސްކަލީ ހަރަދު ހިފެހެއްޓުމުގައި، ހަމަ ނުހިފެހެއްޓޭ ލެވެލްއަށް ދިއުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.
ސާއިދު ވިދާޅުވި ކަސްޓަމްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެން އިދާރާތަކުން ވެސް މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް ފާހަގަ ކުރާއިރު، އެ އިދާރާތަކުގެ މިހާރު ވެސް އެންމެ ބޮޑު ހަރަދެއް ދަނީ މުވައްޒަފުންނަށް ކަމަށެވެ. އަދި އެފަދަ މުއައްސަސާތަކުގައި އެހެން ގާނޫނީ ޒިންމާތައް އަދާކުރުމަށް ބަޖެޓު ކުޑަވަނީ ވެސް މުވައްޒަފުންނަށް ކަނޑައަޅަންޖެހޭ ބަޖެޓު އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި މެންބަރުން ސުވާލު ކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
"ފާއިތުވި އަހަރުތަކަށް ބަލާއިރު، ފާއިތުވި 15 އަހަރު ބަޖެޓު ފޮތްތަކުން ވެސް ފެންނާނެ އަދިވެސް އެ މައުލޫމާތު އެބަހުރި ބަޖެޓް ފޮތުގައި ވަރަށް ބޮޑުތަނުން މުވައްޒަފުންގެ އަދަދު އެބަ އިތުރުވަމުން އާދޭ. މީގެ ނަތީޖާއަކަށް ވަނީ އިގްތިސާދީ ދާއިރާތަކަށް ކުރަން ހުންނަ ހަރަދު ހަނިވަމުން އައުން،" އޭނާ ވިދާޅުވި އެވެ.
ދައުލަތުން ޕީއެސްއައިޕީ އާއި މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވާ ސަބަބަކީ ވެސް މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވަމުން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާ އެކު ކަސްޓަމްސްއަށް އާ މުވައްޒަފުން ނަގަން ފުރުސަތުތައް ދީފައިވާ ކަމަށެވެ. އަންނަ އަހަރު ބައެއް އިދާރާތަކާ ވާހަކަ ދައްކައިގެން ޕާފޯމަންސް ބަޖެޓްތަކެއް ހެދުމަށް ވިސްނަމުންދާ ކަމަށް ވެސް ސާއިދު ވިދާޅުވި އެވެ.
"މިހާރު އަންދާޒާ މިކުރެވޭ މުސާރައަށް ކުރެވޭ ހޭދަ މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުވަމުންދާ ނަމަ އަޅުގަނޑުމެންނަށް ފިސްކަލީ ހަރަދު ހިފެހެއްޓުމުގައި ހަމަ ނުހިފެހެއްޓޭ ލެވެލްއަށް ދިއުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.
"ފިސްކަލް އެފެއާޒް ޑިމާޓްމެންޓަށް މިއީ ބަޖެޓު ހެދުމުގައި މިއީ ދިމާވި އެންމެ ބޮޑު ގޮންޖެހުން. އެކަމަށް ރިއާޔަތްކޮށް އަޅުގަނޑުމެންނަށް ފެނޭ ބަޖެޓް ވަރަށް ބޮޑަށް މެނޭޖްކޮށްގެން ކޮންޓްރޯލް ކޮށްގެން ގެންދަން ޖެހޭ އަހަރަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17.1 ބިލިއަން ދޭން ބަޖެޓުގައި ހިމަނައިފައިވެ އެވެ. އެއީ މިއަހަރަށް ވުރެ ގާތްގަނޑަކަށް 7،000 މުވައްޒަފުން އިތުރު އަދަދެކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޕޭ ހާމަނައިޒް ކުރުމަށް ވެސް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. ދަރަނި އަދާކުރުމަށް 29 ޕަސެންޓް ހޭދަ ކުރާއިރު ޖުމްލަ ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯބު
14 November 2025
އިންތިހާ ބޮޑު މުސާރާގައި ލާފަ ތިބި ބޭކާރު ސިޔާސީ މަގާމު ތަކުގައި ތިބި މީހުންގެ ވާހަކަ ނުބުނީ ކީއްވެގެން. މުސާރަ އެއްބަޔަކަށް ބޮޑުކޮށްދީފައި އަނެއް ބަޔަކަށް ބޮޑުކޮށް ނުދިނުމަކީ ބޭއިންސާފެއް. ނުކުރަންޏާ އެއްބައަކައްވެސް ނުކުރޭ.
މޫސާ މޫސާ
14 November 2025
ހަޤީޤީ ކަންބޮވުމުގެ ވާހަކަ ކީއްވެތޯ މިބޭފުޅުން ތިހާ ފަރިތަކޮށް ނުދައްކަނީ ހުރިހާބުރައެއް ސިވިލް މުވައްޒަފުންނަށް އުޱެއް ބުޱެއް ވަކިނުވާ މީހުންނަށް ފައިސާ ގޯނި އަދިވެސް މިބުނާ ޖަމާތުގެ މީހުންމަދުވަނީކީނޫން ދުވަހުން ދުވަހައް ވަނީ އިތުރު އަހަރުމެން އަތުން ވޯޓް ހޯދަންވެގެން ބުނީ މަތި ތިރި ސަރުކާރެއްކަމަށް ވާނީ އެހެނެއްނޫން މިވަނީ ދޯ. އާދޭހާއެކު ދަންނަވަން ސިވިލް މީހުންގެ މުސާރަ ހިއްލެންއޮތް އެންމެމައްޗަކަށް ހިއްލާދިނުން. ޝުކުރިއްޔާ
ބަނގުރޫޓު
13 November 2025
ނުހިފެހެއްޓިދާނެޢޭ؟ ކަނޑައެޅިގެން މެންދުރުގެ އިރުހާ ސާފު ކަމެއްގަ ވެސް ވެދާނެ އޭ ތި ކިޔަނީ؟ ޢަންނަ އަހަރު މިރާއްޖެ ބަނގުރޫޓުވާނެ.
ބަލަންވެއްޖެއްނު
13 November 2025
ކަމަށް އެކަށީގެންވާ ޢިލްމީ ޤާބިލުކަމާއި ފަންނީހުނަރު ހުރި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ސިވިލްސާވިސްއާއި މިނިވަންމުއައްސަސާތަކުން ކުރަންހަމަޖެހިފައިވާ މަސައްކަތްތަކާއި އެ ތަންތަނަށް ލިބިހުރި އިންސާނީ އަދި އެހެނިހެން ރިސޯސްތަކުގެ އެސެސްމަންޓެއްހެދުން ކިހިނެއްބާވާނީ؟ އެކަށީގެންވާވަރަށްވުރެ އިތުރަށް ރިސޯސްހުރި ތަންތަނުން އެވަރުނެތް ތަންތަނަށް ރިސޯސް ބަދަލުކޮށްފިއްޔާ ރިސޯސް އިސްރާފުނުވެ ހަމަޖެހޭނެޔޭ ބުނެވޭނީ.
ފިނޭންސް އަކީ ހަލާކު
13 November 2025
ކޮރަޕްޓުވާން ވެގެން ސަރުކާރަށް މަގުފަހިކޮށްދެނީ ތިޔަ މިނިސްޓްރީ. ނޫންނަމަ ސަސްޓެއިނަބަލް މޮޑެލް އަށް ދާންވީ. އެކްސްޕެޓުން ލިބޭ ފައިސާ އެކަމަށް ވަކި ޕަސެެންޓެއް ޚަރަދުކޮށްފައި ބާކީ ސްޓާޓަޕް އަށް ފަންޑު ކުރެވިދާނެ. ޓެލްކޯތަކުން ވައްދާފައިސާގެ ބޮޑުބައެއް ޓެކްނޮލޮޖީ ސެކްޓަރ އަށް ޚަރަދު ކުރެވިދާނެ. މިގޮތަށް ބަލާއިރު ކޭމް އިން ފައިސާ ހޯދައިދޭއިރު ބަޖެޓަކީ 2މިލިއަން. އެކަމު ބޭރު ކުންފުންޏަކަށް ކަޓެއް ނަގަންވެއްޖެ ނަމަ ބޮޑުފައިސާ ހުއްދަ ދެވޭ ފިނޭންސަށް.
ހޮޓްކިންގ
13 November 2025
ހަމަ ސިވިލްސާވިސް މީހުންގެ މުސާރަ ތަންކޮޅެއްވެސް މަތިކޮށްލާވާހަކަ ދައްކާލާއިރަށް ފިސްކަލް ޚަރަދޭ އަނެއް އެއްޗެކޭ ކިޔަންފެށީ. އަޅެ 6000 ރުފިޔާގެ މުސާރަދީގެން ތިގެންގުޅެނީ ސިވިލްސާވިސްއަކީ މިގައުމުގައި 3 ވަނަ ދަރަޖައިގެ އަޅުންތޯ؟
ހޫހޫއ
13 November 2025
ބަލަ ތިޔަތަންތާނގައި އުޅޭ މުވައްޒަފުން ދައްކާ ޓެކްސް ފައިސާއޭ އަނބުރާ ތިދެނީވެސް، ދެންވެސް މުވައްޒަފުން ޓެކްސް ދެއްކީމާ އަނެއްކާވެސް އެލާރިގަނޑު އަނުބރާ ލިބޭނެ. މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް މުވައްޒަފުން ގިނަކޮށްފައި ސިިޔާސީ މަޤާމުތައް އުވާލަބަލަ ނިކަން ކެރިގެން ކެރެންޏާ. ދެން މިކޮމެންޓް ނުޖަހާ ތިބޭ
ވާރުވާރޭ
13 November 2025
ރަގަޅަށް ބަލާފައިތޯ ތި ބުނަނީ؟ އާންމުރައްޔިތުން އަތުން ޓެކުހުގެ ގޮތުގަ ލިބެނީ ކިހާއެއްޗެއްތޯއާއި ޓޫރިޒަމާގުޅޭ ޓެކުސްތަކަށާއި އެހެންވެސް ރާއްޖޭން ބޭރުން ވަންނަ އެއްޗަކުން ޓެކުހުގެ ގޮތުގަ ނުވަތަ ކުލީގެ ގޮތުގަ ސަރުކާރަށް ލިބެނީ ކިހާއެއްޗެއްތޯ ބަލާލަލައިފިއްޔާ ފެންނާނީ ކޮންކަހަލަ މަންޒަރެއްބާ.
ދޯފފ
13 November 2025
ކަލޭމެން ވީޏު 2 މީހުންނާ ފަޅި ލައިގެން ފިނޭންސް މިނިސްޓްރީ ހިންގަން. ނަމަނަމަ ސިޔާސީ މަޤާމްތައް މަދު ނުކުރާތި. ޕަކާސް
ޑރ ވާންޗޯ
13 November 2025
ގިނަދާއިރާތަކުގަ ތިބި ހަތަރެސްފައިން އެއްވެސްކަމެއްނުކުރާ ބަލަދުއަރާތީ ބޮޑުގޮނޑީގަ ބައިތިއްބާފަތިބި އެބައުޅޭ މަދުވެގެން %20 މީހުން. އެއީ ހަމައެކަނި މުސާރަނަގަން ތިބޭބައެއް. ދާއިރާތަކުން ކުރާމަސައްކަތާ އެމަސައްކަތް ތަކަށް މުސާރަދޭ މީހުންގެ އޮޑިޓެއްހަދައިފިއްޔާ ބަޔަކު ދެލޯބޮޑުވާނެ. ހާއްސަކޮށް ފެނަކަ.
ސަފީގު
13 November 2025
ރަނގަޅު ވާހަކައެއް ސާއިދު ވިދާޅުވީ. އޭނާ ދައްކަވާ ވާހަކަ އަޑުއައްސަވާ ސަރުކާރެއް ވައްތަރު ނުޖަހާ އެކަމަކު. ބަޖެޓުގައި މުސާރަ ބޮޑު ކުރުމުގެ އިތުރުން، އެތަކެއް އިތުރު މުވައްޒަފުން ނަގަން އޮތީ ޖަހާފައި.