ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބައްލަވާލައްވަނީ: މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިއުލާންކޮށްފައިވާ އިރު، ފްލެޓާއި ގޯއްޗަށް އަންނަ ޖެނުއަރީގައި ހުޅުވާލާނެ. -- ފޮޓޯ | މިހާރު
17 ނޮވެމްބަރ 2025 - 11:47
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ދަށުން 7،500 ފްލެޓް ދޫކުރާށެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. މި ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގޯތި ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރެއިން، އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ދޫކުރާނެ އެވެ.
މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،000 ގޯތި ކަނޑައަޅާފައިވެ އެވެ.
އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވެނީ ވެސް މާލޭގައި މެދުނުކެނޑި އުޅޭތާ 15 އަހަރުވުމުންނެވެ.
ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2000 ފްލެޓުގެ ތެރެއިން 800 ފްލެޓް ކަނޑައަޅާފައި ވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އެހެންވެ، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައިވާ ގޮތުން އޭގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދޭ ކަމަށާއި އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވާ ކަމަށެވެ.
އެކަމަކު ސަރުކާރުން ކަނޑައަޅާފައިވާ އާ ސިޔާސަތުތަކާ އެކު ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ހަގީގަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމަކު ނުދޭ
18 November 2025
ކުރިންވެސް އަލަތު ކައިވެނި ފްލެޓް އޭކިޔާފަ އެތައް ރައްޔިތުންނަކަށް ޕްލެޓް ލިބުނުކަމަށް ލިސްޓް ނެރިފައި މިއަދާ ހަމައަށްވެސް އެފްލެޓް ތަކަށް ވީގޮތެއް ނޭގޭ. އަދި ޑރ. މުއިއްޒު މީގެ ކުރިން ކިތަންމެ ފަހަރަކު ވިދާޅުވެފައިވޭ އެމީހުނަށްވެސް މިސަރުކާރުން ގޮތެއް ހޯދައި ދެއްވާނެކަމަށް، އެކަމަކު މިފެނުނީ އަނެއްކާވެސް އެމީހުންގެ ހައްގުތަށް ހަނދާން ނައްތާލާފައި، އެފަދަ އެހެން މަސްރޫއެއް ފެށިތަން. ވަރަށް ހިތާމަ ހުރި.
ނޭފަތުކުރި
17 November 2025
ކޮމެންޓު ތައް ކިޔާލީމަ ހިތަށް އެބަ އަރާ ގިނަމީހުން ގެ ވިސްނުމާއި ބުއްދި ހުރީ ނޭފަތު ކުރީގަހެން، ބަލަ ކުދިންނޭ އެއްފަސް ކުރެވިގެން ނޫނީ ތަރައްގީގެ ފޮނި މީރު ކަމެއް ނެތެވެ. ޖަޒީރާ ދިރިއުޅުމަކީ ރިޓަޔަރ ވުމަށް ފަހު އުޅެން އޮތް މާހައުލެވެ، 100 މީހުން ހަމަ ނުވާ ރަށެއްގައި، ސްކޫލާއި، ހޮސްޕިޓަލްގެ ހިދުމަތް އަހަރެމެން އުންމީދުކުރާ މިންވަރަށް ދޭނީ ކިހިނެއް ހެއްޔެވެ. ފެން އޮތްތާކަށް މަސްދުވާނޭ ބުނާފަދައިން ތަރައްގީ ދާނީ އާބާދީ ފަހަތުން.. ސުކުރިއްޔާ ރައީސް
ރިއެކްޓު ރައީސް
17 November 2025
މި ނޫނީ ރައްޔިތުންގެ ހައްގުތަކަށް މަސައްކަތްކުރާ ވެރިއެއް އަދި ނުދެކެން، ދުރާލާ ރައްޔިތުންނަށް ކަން ކަން ހާމަކަން ބޮޑުގޮތެއްގައި ފުލެޓާއި ބިން ދިނުމަށް ހުޅުވާލީ ހައްގު ވެރިންނަށް ސައްހަ މައުލޫމާތު ހޯދައިގެން ކުރިމަތި ލުމަށް ފުރުސަތު ދިނުމަށް
ސުނާރު
17 November 2025
ބޯއިކޮޓް ރަސްމާލެ. ގުރޭޓާ މާލެއޭރިއާއިން ބުރިޖުން ގުޅޭ ސަރަހައްދުން ތި 15000 އަށްވުރެ ގިނައިން ގޯއްޗާފުލެޓު މާލޭ މީހުންނާއި ރާއްޖެތެރޭން ހިޖްރަކޮށް 15 އަހަރުވެފަތިބި އެންމެނަށް ދެވޭ ވަރަށް . ތިލަފުށި ގުޅިފަޅު އަދި އުތުރު ތިލަފަޅު ހިއްކީމާ ދެވޭނެ. މީގާވެސް މިއޮތީ ރާއްޖެތެރޭ މީހުން ބާކީ ކޮއްފަ. މާލޭ އެލީޓުންގެ ލަފާގެ މަތިން އިބޫވެސް ފުރަތަމަ ރައުންޑުގަ ރާއްޖެތެރޭ މީހުން ބާކީ ކުރީ 2 ވަނަ ބުރުން ނުހޮވެދާނެތީ 2 ވަނަބުރުގަ ރާއްޖެތެރޭ މީހުން ހިމެނީ
ޖުހާހ
17 November 2025
މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުން ހުއްޓާލާފަ ދިން ގޯތިތައްވެސް އަތުލާފަ އެތަންތާ ފްލެޓްއެޅިއްޔާ މާ ރަނގަޅުވާނެ.
ކެމްޕެއިން
17 November 2025
ފެބްރުއަރީގަ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް މީހުން ގުނބޯ ހައްދަނަ ކެމްޕޭނު ތެރޭގަ ކިޔާ ނަގާނެ އަވާމެންދުރެއް މިހޯދާލީ. ޖަނަވަރީ މަހަކީ ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ފޯރިނަގާފަ އެންމެން ކެމްޕެއިންކުރާނރ ދުވަސްވަރު. ޢެދުވަސްވަރު ފޯމުތައް ފުރަން ނިކަމެތި މީހުންތައް ތަންތަނަށް ދުވާއިރު އޭގެ ނާޖާއިޒު ފައިދާ ސިޔާސީމީހުން ނަގަންވެގެން ޖެނުއަރީ 4 މިކަނޑައެޅީ. އެހެންނޫންނަމަ މިހާރުވެސް ހަމަ ފޯމްލާން ފުރުސަތު ނުހުޅުވާންވީ ސަބަބެއްނެތް.
އަހުމަދު ނާނީ
17 November 2025
ނުދޭނަން ކައުސިލް ތަކެއް.
ވަތަނީ
17 November 2025
މާލެ އާއި މާ ދުރުގައި އޮތް ފަޅެއް ހިއްކައިގެން ގޯތި ދޫކުރާއިރުވެސް މާލެ އުފަން މީހުންނަށް ވަކި ޚާއްސަ ގޮތެއް ހެދުމަކީ ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ މިލްކުވެރިކަން ބަޔާންކޮށްފައިވާ ގޮތާއި މެދު ހައިރާންވާން ޖެހޭ ކަމެއް! އަތޮޅު ތަކުގެ މީހުންގެ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމަށް ރިފަރެންޑަމަކަށް ދާން އެބަޖެހޭ!
5555
17 November 2025
ހާދަ ކުރު މުއްދަތެއް ތި ދެއްވަނީ، މިހާރު ގާނޫނީ ކަންކަން ހުންނަގޮތުން ލިޔުމާ އޭތި މީތި ހޯދަންވެސް ނޮޓޮރައިޒްޑް ލިޔުނތައް ހޯދަންޖެހެނީ. ތިއަށްވުރެ ތަންކޮޅެއް މުއްދަތު އިތުރު ކޮށްލުން ރަނގަޅުވާނެ
ފފފފ
17 November 2025
މުއްދަތު މިހާ ކުޑަކޮށް ހުޅުވާލުމަކީ ރަނގަޅު ގޮތެއް ނޫން.
ލަކީ
17 November 2025
ޙެހެ އަދި އެއްވެސް ފުލެޓެއް ނާޅާ ކޮންތާކު ހުރި ފުލެޓްތަކަކަށް ކުރިމަތިލަނީ މީދެން ބޮޑުވަރު ތިގޮތަށް ހަމަ ޑީބީއެމް ކިޔާ ބޭންކުވެސް ރަސްމިއްޔާތެއްބާއްވާފަ ހުޅުވި މިހާރު 8 މަސްވީ އަދިވެސްހުރީ ބަންދުކޮއްފަ މުޅިން އޮޅުވާލުން މި އޮންނަނީ