މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ: އެ މައްސަލަ ޕީޖީއަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
17 ނޮވެމްބަރ 2025 - 16:33
ބިޑު ކުރުމެއް ނެތި ސަރުކާރުން 2.7 ބިލިއަން ރުފި ރުފިޔާގެ ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރި މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އެމްޑީޕީން އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނީ، ހާމަ ކަމެއް ނެތި އަދި ވާދަވެރި ބީލަމަށް ނުގޮސް ކެބިނެޓުން ބޭނުންވާ ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ދިނުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމުގެ އަމަލުތަކެއް ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ އެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ ޕީޖީއަށް ހުށަހެޅިއިރު، އެ ޕާޓީން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެ ޕާޓީން އެ ކޮމިޝަންގައި އޭރު އެދުނީ ލިބިދާނެ ގެއްލުމަކުން ދައުލަތް ސަލާމަތް ކުރުމަށާއި ކޮރަޕްޝަންގެ އެ އަމަލުތައް އަވަހަށް ހުއްޓުވަން ލިބޭ ގާނޫނީ ބާރުގެ ދަށުން އެ އެގްރީމަންޓްތަކަށް އަމަލުކުރުން ފަސްކުރަން އޭސީސީގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.
ނަމަވެސް، އެ މައްސަލަ އިއްޔެ ޕީޖީއަށް ހުށަހެޅީ އޭސީސީގެ ތަހުގީގު ކުރިއަށް ނުދާތީ ކަމަށް ބުނެ އެވެ.
އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން މި މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ 53 ކުންފުންޏަކާއެކު އެގްރިމެންޓުތަކެއްގައި ސޮއިކޮށްފަ އެވެ. އެ ދުވަހު 206 ޕްރޮޖެކްޓު ހިންގަން ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބޭފުޅުންގެ ކުންފުނިތައް ވެސް ހިމެނެ އެވެ.
އެމްޑީޕީގެ ސިޓީގައިވަނީ މި ސަރުކާރު ވެރިކަމަށް އައިއިރު އޮތީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވާލާފައި އޮތް މާލިއްޔަތު ގަވާއިދަކަށް ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމަށް އެ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެމްޑީޕީގެ ސިޓީގައިވަނީ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކުން ކެބިނެޓުން ނުވަތަ ކެބިނެޓްގެ ކޮމެޓީއަކުން ކަނޑައަޅާ ކޮންމެ މަޝްރޫއަކީ އެ ކޮމިޓީން ބޭނުންވާ ކޮންމެ ފަރާތަކަށް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ހަވާލު ކުރެވޭނެ މަޝްރޫއެއް ކަމަށެވެ.
ނަމަވެސް އެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑުވެ، ރާއްޖޭގެ މާލީ ނިޒާމާ މެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ސިޓީގައިވެ އެވެ. އަދި އޭގެ ސަބަބުން ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށް ސިިޓީގައިވެ އެވެ.
އެގޮތުން ޕްރޮޖެކްޓްތައް ދުރާލާ އިއުލާން ނުކުރުމާއި ސަރުކާރާ ގުޅުންހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން ފަރާތްތަކާ ޕްރޮޖެކްޓްތައް ހަވާލު ނުކުރުމާއި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ ކުންފުނިތަކަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ކުންފުނިތަކުގެ ފަންނީ ގާބިލްކަމާއި ތަޖްރިބާއަށް ނުބެލުމާއި އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދިނުމާއި އަދި ޕްރޮޖެކްޓް ހަވާލު ކުރުމުގައި އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމް ކޮށްފައި ނެތް ކަމަށް ވެސް ސިޓީގައިވެ އެވެ.
ތަރައްގީއާ ގުޅޭ 206 މަޝްރޫއެއްގައި ސަރުކާރުން ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާ އެކު ސޮއިކޮށް ރެކޯޑެއް ގާއިމް ކޮށްފައިވާއިރު، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި އަމަލީ މަސައްކަތް މި މަހުގެ 6 އިން ފެށިގެން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ 206 މަޝްރޫއު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅި ކަމަށެވެ.
"އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ޕްރޮޖެކްޓުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
18 November 2025
އެމްޑީޕީ މުޅިންވެސް ދިނީ ވަލުދޮރުން މިހާރު މި ކިޔަނީ ކީކޭޭތަ؟
އައްބެ
18 November 2025
ބަލަ ތިބޭފުޅުން ގެނައި ޕާޓީނިޒާމުން ރައްޔިތުން ވޯޓުދީގެން ހޮވި ސަރުކާރަކާއި މަޖިލީހަކުން ޤާނޫނު ބަދަލުކުރުމަކީ ޤާނޫނާ ޚިލާފުކަމަކަށްވާނެ ހަމައަކީ ކޮބާތޯ؟
ބަޗަޗލ
17 November 2025
މިއުޅެނީ ފާފުއަތޮޅުގޮތަށް ކުޅިވަރުކުޅެންތަ. ހެޔޮއެދޭ ބައެއްވެސްނޫން. ހާދައަސަރެއްކުރެޔޭދޯ
ާދުރުމި
17 November 2025
މި ހުރިހާ ނުބައެއް ހެދި މީހުން މޑޕ އަކީ .2008 ގައި ބިޑު ނުކޮށް ފެރީ ނިޒާމް ހަދާށެ ކިޔާފަ ކިތައް ސަތޭކަ ފަޅުރަށް ބަހާލި. ޓާޓާއަށް މާލޭގެ އެންމެ މުހިންމު ބިންތަކާއި ފަޅުރަށްތައް ދިން . ހަމަ ބިޑަކަށް ނުގޮސް ޖމރ އަށް އެއރޕޯޓް ދިނީ ދޮލަނގަށް ލާފަ
ޝުކްރަން
17 November 2025
ރަނގަޅު. ތަހުޒީބު އިދިކޮޅު ޕާޓިއަކުން ކުރަން ޖެހޭ ކަމެެއްތީ
ﷲުޙީ
17 November 2025
ސަސަން ކުނަފުނި މީ އުދައްޔަކާ ފަކީރާޔެއްބޭނުން ކޮއްގެން 6 ބިދޭސިން ލާގެން މަސައްކަތް ކުރާ ކުންފުންޔެއް އެކަމު އެމީހުންނައްވެސް ލިބުނު 10 މިލިޔަން ރުފިޔާގެ ޕުރޮޖެކުޓު މީ އިްނސާފެއްތޯ . ނޫނީ ރާއްޖޭ ގާ ދެންނެތީ ތޯ ގާބިލުބަޔަކު