ނާޒިމާއި ސަލީމް އެމްޕީއެލްގެ ބަނދަރުގެ ހާލަތު މިއަދު އޮޅުންފިލުއްވަނީ.---ފޮޓޯ: އެމްޕީއެލް
17 ނޮވެމްބަރ 2025 - 16:27
އެމްޕީއެލްގެ ބަނދަރުގެ ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް) އެ ތަނަށް ވަޑައިގެންފި އެވެ.
މި ޒިޔާރާތުގައި ދެ ބޭފުޅުން ވެސް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރެއްވި އެވެ.
އެމްޕީއެލްގެ ބަނދަރުގެ ހާލަތާއި ދިމާވާ ދަތިތައް ރިޝްވާން ހިއްސާ ކުރެއްވި އެވެ.
މި ޒިޔާރާތާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ ބަނދަރުގެ ހާލަތު ވަޒަންކޮށް، ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ކަމަށެވެ. ފަހަކަށް އައިސް ފެންމަތިވާ ކަންތައްތަކަށް ބަލާއިރު، ވިޔަފާރި ބަނދަރުގައި ހުރި ގިނަ މައްސަލަތައް ފާހަގަކުރެވޭތީ، އެ ކަންކަން ހައްލުކުރަން ހާލަތު ދެނެގަތުން މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބޭނުމަކީ އަސްލު ހާލަތު އަޅުގަނޑުމެން ދެނެގަތުން. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވާއިރު ހާލަތު އަޅުގަނޑުމެން ދެނެގަނެ ކަންކަން ހައްލު ކުރެވޭތޯ މި އުޅެނީ،" 241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
ސަލީމާއި ނާޒިމް، ބަނދަރަށް ކުރި ޒިޔާރާތުގެ ތެރެއިން: އެތަނަށް ވަޑައިގެންނެވީ ހާލަތު ބައްލަވަން ކަމަށް ނާޒިމް ވިދާޅުވި.---ފޮޓޯ: އެމްޕީއެލް
ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމަށް ބަނދަރުގައި ޖާގަ ހުރިކަން ކަށަވަރުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ވެސް ޒިޔާރާތުގެ އެއް ބޭނުން ކަން ނާޒިމް ފާހަގަކުރެއްވި އެވެ.
ސްކޭނަރު ބެހެއްޓުމަށްޓަކައި ކަސްޓަމްސްއިން މަސައްކަތް ފެށި އިރު، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ބަޖެޓު ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެއްވައިފަ އެވެ. އެ ސިސްޓަމް ގާއިމް ކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ކަސްޓަމްސް އަދި އެމްޕީއެލް އިން ވެސް ވަނީ ބުނެފަ އެވެ.
މި ފަހުން ކަސްޓަމްސްގެ އެކި މައްސަލަތައް ފާހަގަކޮށް 241 ކޮމިޓީން ތަހުގީގެއް ކޮށް، ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ. ކަސްޓަމްސް އިން އަމަލުކުރާ ގޮތުން ބަނދަރުތަކުގެ ސަލާމަތީ ބައެއް ކަންކަން ބޮއްސުންލާފައިވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ކޮމިޓީން މިހާރު ވެސް ގެންދަނީ ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލަ ތަހުގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ވެސް ބަނދަރުގައި ހުރި ދޯހަޅި ކަންކަން ދެނެގަތުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާނ ދޮގޭ
19 November 2025
އެޓޯލްސް މިނިސްޓްރީން ތެރެއިން ވަރަށް ނަޒާހަތްތެރިކޮށް ކަން ކުރެއްވި ދެ ބޭފުޅުން
ނޫސަންގު
18 November 2025
ތިކަމަށް އެންމެ ޝަރުތު ހަމަވާ ދެ ބޭފުޅުން. މަރުޙަބަާ
އެދުމެކެ
18 November 2025
ތިޔަ ކުންފުނީގެ ކަންތައް ގަނޑު މިހާރު =މިލިޓަރީ ހުކޫމަތަކަށްށްވުރެން ބޮޑު. ތިޔަތަނުގެ މުވައްޒަފުން އުޅޭނެ ތަނެއްަގައި އުޅެ، ކުރާނެ ކަމެއްކޮށް ނިމިގެން މަސައްކަތެއް ކުރެވެނީ. އިންތިހާއަށް ކަންކަން ލަސްކުރުމާއި ދެގުނަ މަސައްކަތު ޙަރަދު ކުރުވާ އެބަ. ތަރުކާރީ ގެންނަ ބޯޓުފަހަރަށް ވަގުތުން އެޓެންޑު ނުވާތީ ތަރުކާރީކޮޅު މިހުންނަނީ ބާޒާރަށް އަންނައިރު ހަލާކުވެފައި. ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ޒިންމާ އުފުލަން ޖެހެނީ ކަސްޓަމަރު. ކުންފުނި ޒިންމާކުރުވާ
އ އަހްމަދު
17 November 2025
ތިޔައީ ކުރިން އެޓޯލްސް މިނިސްޓްރީ ހިންގިދެމީހުން ތިކަމަށް ވަރައްގާބިލްވާނެ
ސުހާނާ
17 November 2025
ނާޒިމް އެޓޮލްސް މިނިސްޓްރީއަކު ނޫޅޭ. ތަންދޮރު ނޭނގުނަސް އަނގަތަޅާތި.
ކޮރަޕްޓް ހާއްޔެއް
17 November 2025
ތިޔަ ތަނެއްގަ އޮންނަ އާރްޓީޖީތައް ހަލާކުވެފަ ކަމަށް ކޮންމެ ދުވަހަކު ބުނާނެ. ކޮންޓެއިނަރެއް ތިރިވާކަމަކަށް ނުވޭ އަތަށް އެއްޗެއް ލައި ނުދޭ ބަޔަކަށް. ހުޅުމާލެ އަށް ފޮނުވަން ބުނެފިނަމަ އެރެއެއްގެ 10 ގެ ކުރީން ގެންގޮސް ނުދޭނެ. މުދާ ކްލިއަރ ކުރާން ނޯޓުކޮށްފި ނަމަ ކުރެވެން ހުރި ހުރިހާ ޖެއްސުމެއް ކުރުމާ ވަގުތު ދިގުލައި ބްރޭކް ގަޑިތަކާ ޑިއުޓީ ބަދަލުވުމާ އެންމެ ފަހުން ކްލިއަރ ނުކުރެވި ރޭގަނޑު 10 ޖެހުމާއެކު ކެންސަލް ކުރާން ހިފާ ހުރިހާ އޮފިސަރުން ފިލާނެ.
ޣަމީސް
17 November 2025
ބަރާބަރު ވާހަކަޔެއް. ރަނގަޅުކުރަން އެއްވެސް ސަރުކާރަކުން ނޫޅޭ. ކޮރަޕްޝަންގެ ހާއްޔެއް!
ސަަސި
17 November 2025
ތިޔަ 2 ބޭކަަލުންނަަށްވުރެ ތިކަމަށް ގާބިލް އެހެން ބަޔަކު ނުލިބޭނެ
ބަޓަރުފުޅި
17 November 2025
ހުރިހާ ކުންފުނިތަށް ހިންގަން ހަވާލުކުރަންވީ މަޖްލިހަށް.
އެޓޮލްސް ފުލަގް
17 November 2025
ވަރާށް ރަނގަޅަށް ހާލަތު ދަސްކުރެއްވޭނެ ދެބޭފުޅުން
ވަކަފޫޅު
17 November 2025
އެޓޮލްސް މިނިސްޓްރީއިން ފެށިގެން އެކުގައި ގައުމުގެ ހިމާޔާތުގައި އުޅުއްވި ދެބޭފުޅުން. ހާލަތު ބެލުމަށް އެކަށޭނެ އެންމެ ފަންނީ އަދި އެންމެ ތަޖްރިބާކާރު ދެބޭފުޅުން ކަމުގައި ދެކެން
4445
17 November 2025
ހާދަ އެކްޓިވް ޒިންމާދާރު ކުދިން ކޮޅެއް. ގައުމު ދެކެ ލޯބިވާކަން އެބަ ހާމަކޮށްދޭ.