މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ރާއްޖެއަށް ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލާގައި މަޖިލީހުން ދިން ލަފާ ރައީސް ތަންފީޒު ކުރައްވާތީ އެކަމަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައި --- ފޮޓޯ/މަޖިލިސް
29 އޮކްޓޯބަރ 2025 - 13:37
ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ) ހުށަހެޅި ރިކޮމެންޑޭޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަންފީޒުކުރަން ފަށްޓަވާފައިވާތީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.
ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނެގި ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައިވާ ގޮތަށް ރައީސް އަމަލު ކުރެއްވުމަކީ މަޖިލީހުގެ އިހްތިރާމާއި ބާރުވެރިކަމަށް ރައީސް އިހްތިރާމް ކުރެއްވުން ކަމަށެވެ.
"މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފައި ފޮނުވި 241 ކޮމިޓީގެ ރިޕޯޓްގެ ކަންތައްތައް ތަންފީޒުވަމުންދާ ތަން އަޅުގަނޑުމެންނަށް މިއޮތީ ފެނިފައި. އެ ރިޕޯޓްގައި އޮންނާނެ ސިއްރު ޗެޕްޓާއެއް. ޗެޕްޓާ ހައެއް. ނިންމުން ހައެއް. އަޅުގަނޑުމެން ފޮނުވީ ސީދާ ރައީސުލްޖުމްހޫރިއްޔާއަަށް. ރައީސުލްޖުމްހޫރިއްޔާ މިއަދު މިވަނީ ކަސްޓަމްސްގެ، ރައީސުލްޖުމްހޫރިއްޔާއަށް ވަކި ކުރެއްވެން އޮތް ބޭފުޅުން ގާނޫނާ އެއްގޮތަށް ވަކިކުރައްވާފައި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އޮތް ވަރަށް އުފާވެރި ހަބަރެކެެވެ. މަޖިލީހުގެ ކޮމިޓީތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތައް ރައީސް ތަންފީޒު ކުރައްވާނެކަން މިހާރު އެނގޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން، 2020 ގަ އެވެ. އަދި އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 2024 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިމް
02 November 2025
ލަނޑައެޅިގެން ދޮގު ތުހުމަތުތަކެއް އަޅުވައި ކަސްޓަމްސް ހުރިހާ މުވައްޒަފުން މިވަނީ ފްރޭމްކޮށްފަ. މީވަރަށް ނާތަހުޒީބު އަމަލެއް. ހުރިހާތަނެއްގަވެސް ވަގުން އުޅޭނެ. އޭގެ މާނައަކީ މުޅިމުއައްސަސާ ވަގުންނަށް ވުމެއްނޫން. މިވީހާތާކަށް ދައްކާފަ ހުރި ވާހަކަތަކުގަ ބުރަދަނެއް ވާހަކަތައް.
އަންސާމްް
30 October 2025
ރައީސް މުއިއްޒަކީ އިންސާފަށް ލޯބިކުރައްވާ ލީޑަރެއް. އެފަދަ ލީޑަރެއް އަހަރެމެންނަށް ލިބުން އެއީ އަހަރެމެންގެ ނަސީބު.
މިޔޯލަ
29 October 2025
ފެނަކަ ކޯޕަރޭޝަނުގެ ކޮރަޕްޝަނު ބަލާ ކޮމިޓީން ނާޒިމު ތަނާޒުލު ވާންޖެހޭ ކަމުގައި އަހުރެން ދެކެން. ސަބަބަކީ، އެހުރިހާކަމެއް ވެގެން ދިޔައިރުވެސް އަދި މިއަދުވެސް އެތާނގެ ސީޓީއޯގެ މަޤާމުގައި ހުންނެވީ ކޮއްކޯފުޅު ކަމުގައިވުން.