މަހުމޫދު ރިޔާޒް: އެއްވެސް ގޯސް ކަމެއްގައި ބައިވެރި ނުވާ ކަމަށް ﷲ ގަންދީ ހުވާކުރެއްވި.
09 ނޮވެމްބަރ 2025 - 11:27
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިޔާދަ ކުރެއްވުމާ އެކު، އޭނާ އަލުން އޮފީހަށް ނުކުންނަވަން މިއަދު ފައްޓަވައިފި އެވެ.
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރައްވަން ރައީސް މުއިއްޒު ރޭ ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މަނިކުފާނަށް އެ ގޮތަށް ލަފާއަރުވަން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވުމުންނެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ރައީސްގެ އެ ނިންމެވުމާ އެކު، މަހްމޫދު ރިޔާޒު މިހާރު އޮފީހަށް ނުކުންނަވަން ފަށްޓަވާފައިވާ ކަމަށެވެ.
ކަސްޓަމްސް ގާނޫނުގައިވާ ގޮތުން އެ އިދާރާ އަށް ޑެޕިއުޓީ ކޮމިޝަނަރުން އައްނުކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަށް ވުރެ މަތީ ރޭންކެއްގައި ހުރި ކަސްޓަމްސްގެ މުވައްޒަފަކަށްވުން ހިމެނެ އެވެ. ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެ އިސްލާހު ގެނައީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒު ވެސް އަމިއްލަ ދިފާއުއަށް ނުކުމެވަޑައިގެންނެވިއިރު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވެސް ފާޅުގައި ބުނަމުން އައީ އެއީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި މިދިޔަ މަހުގެ 29 ގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
އެ ސަބަބުތަކާ ހެދި، ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ އަލުން ބަލައިދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 241 ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.
އެހެންވެ، އެ ކޮމިޓީގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު އެއްވެ، އިތުރަށް އެ މައްސަލަ ބެލުމަށް ފަހު ނިންމީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލާގައި މަހުމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ ނިންމުމާ އެކު، އޭނާގެ މަގާމު އަލުން އިޔާދަ ކޮށްދެއްވަން ރައީސް މުއިއްޒަށް ލަފާއަރުވަން އެ ދުވަހު ކޮމިޓީން ފާސްކުރި އެވެ.
ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.
ނަމަވެސް އަބްދުﷲ ވަހީދުގެ "ބައިވެރިވުން" އެ މައްސަލަތަކުގައި އޮތް ކަން ޔަގީން ކުރެވޭނީ 241 ކޮމިޓީން އިތުރަށް ބަލާނެ ކަމެއް ނެތް ކަމަށް އެ ކޮމިޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ރައީސަށް ފޮނުވި ސިއްރު ސިޓީއާ ހަވާލާދީ، އެ މަނިކުފާނު ވަނީ އެ ކޮމިޓީން ބެލި ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރަކަށް ވެސް އެ އިދާރާގެ ގާނޫނުގެ ތެރެއިން މައްސަލަ ބަލައި، ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ތިން އޮފިސަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
10 November 2025
އަހަރެން ނަމަ ނުނިކުތީމުސް
ޢަރުތަ
09 November 2025
މިވެސް އަބުރު ކަތިލުން ނޫންބާ! ކާކު ޒިންމާވަނީ، އަހަރުތަކެއް ފަހުން ވާހަކައާ ރާގު ބަދަލުވެ، ވަގު ސިނގިރޭޓޭ ރިޔާޒުއޭ ހޯކްސްއޭ ކިޔައިގެން މަޖަލަކަށް ހަދައިގެން ބަހުން ތަޅާނެކަން ހަމަ ޔަގީން، މީ ދިވެހިން.
މަޖްލީސްް1
09 November 2025
ތިޔަ މަޖްލިސް ގެ ފެންވަރު ތާދޯ ؟؟؟ ހާދަހާ ދެރައޭ…. ދެރަކަމުގެ ކޮޅެެއްވެސް ފަލީހަތްވެސް ކޮއްލެވޭނެތާ މަޖްލިސް އަށާ ރައީސް އަށް !!!
ޕައްލާ
09 November 2025
ރަނގަޅު މީހުން ކޮންމެ ސަރުކާރަކަށް ވެސް ބޭނުންވާނެ. ރަނގަޅުކަމަށް ހެދިގެން އުޅޭމީހުން ގެ ނުރައްކާ އެންމެ ބޮޑުވާނީ. އެއީ އަސްލު ވަގުންނަކީ. ދޮގުވާހަކަތައް ސިޔާސީ މީހުންގެ ކައިރީ ދައްކާގެން އެތައްބަޔަކަށް އަނިޔާ ދިނުމުގަ ކާމިޔާބު ހޯދާފަ އެބަހުރި ކޮންމެ ސަރުކާރެއްގަވެސް
މުޑަނު
09 November 2025
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަށް ވުރެ މަތީ ރޭންކެއްގައި ހުރި ކަސްޓަމްސްގެ މުވައްޒަފަކަށްވުން ހިމެނެ އެވެ. އަލުން ވަޒީފާ ދިން އިރު މި ޝަރުތު ހަމަވާނެބާ، ؟ ނޫނީ ކުރިން ވަޒީފާއިން ވަކިކުރުން އެއީ ނުވާކަމަކަށް ހެދީބާ،
އ އަހްމަދު
09 November 2025
މިގޮތައް ހަގީގަތެއްނެތިމީހުންގެއަބުރުކަތިލީމަ އެކަމުގެޒިންމާ ނަގަނީކޮންފަރާތަކުންތޯ
ޢަރުތަ
09 November 2025
ވަޒީފާއިން ވަކިކޮށް ވަޒީފާ ހަމަ ޖެއްސި މީހާ.
ރުވޭދާ ރަމީޒް
09 November 2025
ވަކި ސިޔާސީ ފިކުރަކަށް ނުބަލާ ހަގީގަތް ބަލާ އެކްޝަން ސަރުކާރުން މި ނެގީ. ރަނގަޅު ފެށުމެއް މިއީ
ސޯޅަ
09 November 2025
ދެން އަޑުއިވޭނީ ޝަރަފުވެރިކޮށް ރިޓަޔާރ ކުރި ވާހަކަ.
ެައަލީ
09 November 2025
އެތަނުގެ މިހާ މަތީ މީހެއްވީމަ ނުބާ ކަންތައްތައް ހުއްޓުވަން ޖެހޭނެ ނޫންތޯ؟
ހަސަންރަހާ
09 November 2025
ވެލްކަމް ބެކް، މަހްމޫދު.ބޭ....