މަހުމޫދު ރިޔާޒު
08 ނޮވެމްބަރ 2025 - 23:55
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމާ ގުޅިގެން އޭނާގެ ވަޒީފާ މިރޭ އިޔާދަކޮށްފި އެވެ.
އެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
ހީނާ ވިދާޅުވީ، މަހުމޫދު ރިޔާޒާ ގުޅޭ މައްސަލަތައް 241 ކޮމިޓީން އިތުރަށް ތަހުގީގު ކުރިއިރު، އެ މައްސަލަތަކުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޓީން ނިންމައި، ވަޒީފާ އިޔާދަ ކޮށްދިނުމަށް ކޮމިޓީން ރައީސަށް އަރުވާފައިވާ ލަފައާ އެއްގޮތަށް ވަޒީފާ މިރޭ އިޔާދަ ކުރައްވާފައިވާ ކަމަށެވެ.
ކަސްޓަމްސް ގާނޫނުގައިވާ ގޮތުން އެ އިދާރާ އަށް ޑެޕިއުޓީ ކޮމިޝަނަރުން އައްުަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްުޔާ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަށް ވުރެ މަތީ ރޭންކެއްގައި ހުރި ކަސްޓަމްސްގެ މުވައްޒަފަކަށްވުން ހިމެނެ އެވެ. ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެ އިސްލާހު ގެނައީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒު ވެސް އަމިއްލަ ދިފާއުއަށް ނުކުމެވަޑައިގެންނެވިއިރު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވެސް ފާޅުގައި ބުނަމުން އައީ އެއީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި މިދިޔަ މަހުގެ 29 ގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
އެ ސަބަބުތަކާ ހެދި، ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ އަލުން ބަލައިދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 241 ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.
އެހެންވެ، އެ ކޮމިޓީގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު އެއްވެ، އިތުރަށް އެ މައްސަލަ ބެލުމަށް ފަހު ނިންމީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލާގައި މަހުމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ ނިންމުމާ އެކު، އޭނާގެ މަގާމު އަލުން އިޔާދަ ކޮށްދެއްވަން ރައީސް މުއިއްޒަށް ލަފާއަރުވަން އެ ދުވަހު ކޮމިޓީން ފާސްކުރި އެވެ.
ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރެއްވި އަބްދުﷲ ވަހީދު (ކ) އަދި މަހުމޫދު ރިޔާޒު: މީގެ ތެރެއިން މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސް މުއިއްޒު ރޭގައި ވަނީ އިޔާދަ ކުރައްވާފައި.
ނަމަވެސް އަބްދުﷲ ވަހީދުގެ ބައިވެރިވުން އޮތް ކަމަށް "ޔަގީން ކުރެވޭތީ" އެ މައްސަލަ ކޮމިޓީން އިތުރަށް ނުބަލާ ކަމަށް 241 ކޮމިޓީގެ އިސް މެމްބަރަކު މިއަދު ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒު ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ރައީސަށް ފޮނުވި ސިއްރު ސިޓީއާ ހަވާލާދީ، އެ މަނިކުފާނު ވަނީ އެ ކޮމިޓީން ބެލި ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރަކަށް ވެސް އެ އިދާރާގެ ގާނޫނުގެ ތެރެއިން މައްސަލަ ބަލައި، ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ތިން އޮފިސަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްގަށް ނަސްރު ލިބުނު ދުވަސް.
09 November 2025
ކޯނީ ރިޕޯރޓް ގެ ފެންވަރު ދެން ބައްލަވާލައްވާ.
ސިލިކާ
09 November 2025
މިހިނގައިގެން އުޅޭ ކަންތައްގަނޑުގަ ސީޖީ ފެށިގެން ޓޮޕް މޭނޭޖްމަންޓް އިސްތިއުފާ ދޭން ޖެހޭ. ގޯހޯމް !
241 ޖޯކު
09 November 2025
މަޖިލިސްގެ ފެންވަރު، 241 ކޮމެޓީގެ މުޅި ރިޕޯޓް ބާތިލްކޮށް . 241 ކޮމެޓީގެ މެމްބަރުން ބަދަލުކުރަންޖެހޭ. ޜައީސަށް ދޮގު މައުލޫމާތު ދިންކަމަށް އިއުތިރާފްވާ ހިސާބުން ރައީސް އެބަޖެހޭ .އެމް.ޑީޕީ ގބ އަދ ހނނނ ހޯކްސް ދެކެ އައި ރުޅީގައި ބަޔަކަށް މިދިން އަނިޔާ ބަލަން.241 ކޮމެޓީގެ މައްސަލަ ބަލަން ނުޖެހޭތޯ.
މުހައްމަދ
09 November 2025
މަރުހަބާ
އޮނަރަބްލް އަފީފު ދީދީ
09 November 2025
މުއައްސަސާގައި އުޅޭތާ 29 އަހަރު ފަހުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް މުއައްސަސާގެ ބައެއްމީހުނާއި ގުޅިގެން ރާއްޖޭގެ 2 ވިޔަފާރިވެރިއަކު ހިންގި ޖަރީމާގައި އޭނާވެސް ބައިވެރިވާކަމުގެ ތުހުމަތަށް "ސަރުކާރު ޒިންމާދާރުކޮށް ޤާނޫނުހެދުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމަޓީން މަޤާމުން ވަކިކުރި" މަހުމޫދު ރިޔާޒު އިޙްލާސްތެރިކަމާއި އަމާނާތް ތެރިކަމާއިއެކު ކުރި މަސައްކަތުގެ އަގު ލިބިއްޖެކަމަށް ދެކެން.
އަބުރުކޮބާ
09 November 2025
241 ކޮމެޓީއިން މާންޑޭ ކިބައިން މާފަށް އެދި ނޫސް ބަޔާނެއް ނެރެންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
09 November 2025
އެހެން ކަމުން މިކަމުގައި "ބަދަލު ހޯދުމާއި އަބުރު ގެއްލިއްޖެ ކަމަށް" ބުނެ އެއްވެސް ފަރާތެއް ކުށްވެެރި ކުރަން އުޅުމަށް ވުރެން އެމީހުން ކުރިކަމެއް އެމީހުނަށް ދޫކޮށްލާފައި 29 އަހަރު ދުވަހުވެސް މަސައްކަތުގައި ދެމިހުންނެވި ގޮތަށް ކުރިއަށް ދިއުން ރަނގަޅު ކަމަށް ދެކެން. މަޙުމޫދަކީ މިހާރު ރާއްޖޭގެ މަސައްކަތުގެ ދާއިރާއިން މަދުން ނޫނީ ނުފެންނަ ފަދަ ނަޒާހަތް ތެރި މީހެއްކަން ވަރަށް ގިނަ ދިވެހިން ޤަބޫލު ކޮށްފި. އެއީ ވަރަށް ބޮޑު ޝަރަފެއް އިގޭތޯ.
އަޅޭދެން
09 November 2025
ސުވާލަކީ ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަމޭ ބުނާއިރު ގޯސްކަންކަން ހިނގާކަން އެނގޭހޭ؟ އެކަމާމެދު އެއްވެސް ފިޔަވަޅެއް އެޅިންހޭ؟ އެނގިހުރެ ނާޅާނަމަ އެއީ މައްސަލައެއް. ނޭނގޭނަމަ އެއީވެސް މައްސަލައެއް. އެއީވެސް އިހުމާލު.
މުލޭ
09 November 2025
ތިޔަހެން ވެއްޖެއްޔާ އިހުމާލުނުވާ އެކަކުވެސް ނުހުންނާނެ. އެންމެން ވަކިކުރަން ޖެހޭނީ.
ހަސަންދ
09 November 2025
ކަސްޓަމްސް ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭއިރު އެކަން ވެރިންނަށް ނޭގުމަކީ މައްސަލައެއް. އެފަދަ ފަރާތްތައް ޒިންމާކުރުވެން ޖެހޭނެ.
ބަކުރުު
09 November 2025
241ކޮމިޓީން ރައީސަށް ދިނީ ނުލަފާދޯ؟
ސޯޅަ
09 November 2025
ބޭނުންވީމަ ހެކި ހުންނާނެ. ބޭނުން ނުވީމަ ހެކި ނުހުންނާނެ. އެކަހަލަ ތަނެއްމިއީ. ‘ޝޯ މީ ދަ މޭން، އައި ވިލް ޝޯ ޔޫ ދަ ކްރައިމް’ (ސީކްރެޓް ސާރވިސް)
ގޮނުއަނގަ
09 November 2025
ތިޔަކަހަލަ މަޤާމްތަކުން ތަޙްޤީޤީ މަރުހަލާގައި ވަޒީފާ ވަކިކުރުމުގެ ބަދަލުގައި ނާޞިރުގެ ސިޔާސަތު ގެންގުޅުން ރަނގަޅުވާނީ. އެހުރިތަނުން އެހެން ދާއިރާއަކަށް ބަދަލުކޮށްލާފަ ތަޙްޤީޤު ކުރައވާނީ. ކަމެއް ކަށަވަރުކަމާއެކު އަތުލައި ގަނެވިއްޖެ ނަމަ ވަގުތުން ވަޒީފާ ވަކިކުރަންވީ. ފައިސާގެ މައްސަލައެއް ނަމަ ނާޞިރުގެ ސިޔާސަތަކަށް ބަލާފަ ހުރިކަމަށް ފެންނަނީ ދެން ދައުލަތުގެ ވަޒީފާއެއް އެމީހަކަށް ހަރާމުން ހަރާމް.