އަލަށް އައްޔަން ކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު
08 ނޮވެމްބަރ 2025 - 21:46
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގަ އެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެ އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވުމުން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ބެލީ އެވެ. އެހެންވެ، ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު، ނިންމީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވާށެވެ.
ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވެސް އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ވިދާޅުވެފައި ވަނީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ކުރެއްވި އަބްދުﷲ ޝަރީފާއި މިހާރު ވެސް ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.
ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.
ނަމަވެސް އަބްދުﷲ ވަހީދުގެ ބައިވެރިވުން އޮތް ކަމަށް "ޔަގީން ކުރެވޭތީ" އެ މައްސަލަ ކޮމިޓީން އިތުރަށް ނުބަލާ ކަމަށް 241 ކޮމިޓީގެ އިސް މެމްބަރަކު މިއަދު ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒު ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަންކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.
ކަސްޓަމްސް ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ކޮމިޝަނުން އައްޔަން ކުރެއްވުމާއި މަގާމުން ވަކިކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ރައީސަށް ފޮނުވި ސިއްރު ސިޓީއާ ހަވާލާދީ، އެ މަނިކުފާނު ވަނީ އެ ކޮމިޓީން ބެލި ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރަކަށް ވެސް އެ އިދާރާގެ ގާނޫނުގެ ތެރެއިން މައްސަލަ ބަލައި، ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ތިން އޮފިސަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްލޯ ވަހީދު
08 November 2025
ޔޭ… ކުޑަ ހޯޕްއެއް ލިބިއްޖެ.. ވެއިޓިން ފޯ މައި ޓާން.. ހިހި
ނުވާނެއޭ
08 November 2025
މަޖްލީހުގެ 241 ކޮމެޓީ އަކީ އެއީ ވަޒީފާ ދޭން ރައްޔިތުން އުފައްދާފައިވާ ތަނެއް ނޫނޭ އެއީ އަދި ޝަރުއީ ކޯޓެއް ވެސް ނޫނޭ 241 ކޮމެޓީގެ ލެޖިޓިމެސީ އެއް ނުހުންނާނެއޭ މިފަދަ ކަންކަން ނިންމުމުގެ ބާރެއް ނޯންނާނެއޭ..
ދޮހޮއްތުބެ
08 November 2025
މަޖިލީހަކީ ވަރައް ސިޔާސީ ތަނެއް އެއީ ތަހުގީގީ އިދާރާއެއް ނޫން … ރަނގަޅު ނިންމުމެއްތީ …
ބޯޑް މެމްބަރު
09 November 2025
ނިންމުން ރަގަޅު ނަމަވެސް ރައްޔިތުންގެ ކުރިމަތީ މަހްމޫދު ރިޔާޒުގެ އަގު ވެއްޓިއްޖެ، ދެން ގިނަ ރައްޔިތުން ގަބޫލެއް ނުކުރާނެ މަހުމޫދު ރިޔާޒުގެ ކުށެއްނެތްކަމަށް، ގިނަ ދިވެހިން ގަބޫލުކުރާނީ ސިޔާސީ ގޮތުން މަސައްކަތްކޮށް އަލުން ވަޒީފާ ހޯދިކަމަށް، މަހުމޫދު ރިޔާޒު އެއްގޮތަކަށްވެސް ވަޒީފާއަށް ދެން އަބުރާ އިއާދަވާނެ ކަމެއްނެތް، މިހާރު މަޖިލީހާއި ރައީސް އެއްބަސްވީ ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް، ދައުވާކޮށް ބަދަލު ހޯދަންވީ،
ޓިނުއަލިބެ
08 November 2025
މިއީ އެމްޑީޕީގެ ވެރިކަމުގަ އައްޔަނުކުރެވުނު ސިޔާސީ މަގާމެއްގަ ހުންނެވި ބޭފުޅެއް. ޕީއެންސީ ވެރިކަމުގަ ވަކިނުކުރެއްވި ބޭފުޅެއް. މިހާރު މިލިބުނު ފުރުސަތުގެ ބޭނުން ހިފައި މަގާމުގަ ދެމިހުންނަން ނުވިސްނަވައި އަވަހަށް ރިޓަޔަރ ކުރައްވަން ވިސްނެވުން އެދެން. ދަނޑިން ތަޅާތަނެއްގަ ހުންނަވާ ކަމަށް ވަންޏާ ތިކި ބުރާނެ އިނގޭތޯ. އޭރުން ކަން ނުކުރެއްވިއަސް ދުވާނީ ހަމަ ނުބައިވަސް.
ޙޖގހޖ
08 November 2025
ކަސްޓަމްސް ގެ ގާނޫނު ބުނާ ގޮތުން ދެން މަގާމެއް ނުދެވޭނެ..މަޖްލިސް މެމްބަރުން ނޭގޭތަ
ސަދަސދަ
09 November 2025
އެތާ އެބައުޅޭތަ ވާނުވާ އެގޭ ބަޔަކު
ސަސި
08 November 2025
އެވަރު ބަލާފައެއްނޫންތަ ވަކި ކުރަނީ؟ ދެން ހަމަ ކަމެއް ކޮއްލީއޭދޯ
ފައިސާ
08 November 2025
ބަދަލު ވެސް ދޭން ޖެހޭނެ...
ޕައުޕާ
08 November 2025
ވަކިމީހެއްގެ ތަހުގީގު ހާދައަވަހޭ ނިންމާލިލެއް. މީތޯ އެބުނާ ސެލެކްޓިވް ޖަސްޓިސްއަކީ؟
އުދުހޭ
08 November 2025
ފިއުލްސަޕްލައިގެ އެމްޑީ ބުނިގޮތަށް ސިޔާސީ މީހުން މިއޮތީ ވަދެފަ.
ތަމެންދޯ
08 November 2025
ރިޔާޒުގެ މަގާމް އިޔާދަ ކުރެވޭނީ ސްޕްރީމް ކޯޓުގެ ހުކުމެއް އޮވެގެންނޭ އެނޫން އެއްގޮތެއް ވެސް އޮވެގެން ނުވާނެއޭ އޭނާގެ މަގާމް އިއާދަ ކުރެވޭނެ ގޮތެއް ސަރުކާރަށް މީހަކު ނުލިބިގެން ނޫނޭ މިއުޅެނީ ސަރުކާރުގެ މަތި ފަޑިއަށް އަންނާނެ މީހުން ބައިވަރޭ މީގައި ވަރަށް ބޮޑު ގޯހެއް އުޅޭތީވެ މަޖްލީސް މީގެ ތެރެއަށް ބޭނިގަންނާން ޖެހޭނީ މަޖްލީސް މިހާރު ތިޔާ ދަނީ ހައްދުން ނެއްޓިގެންނޭ ހައްދަށް ވުރެން މަތިންނޭ ހައްދުންމައްޗޭ ތަމެން ތިޔާ ދަނީ އިނގޭތޭ