ކަސްޓަމްސް ޑެޕިއުޓީ ކޮމިޝަނާކަމުން ވަކިކުރި މަހްމޫދު ރިޔާޒް: އޭނާ ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގު ކުރައްވާފައި --- ފޮޓޯ/ކަސްޓަމްސް
30 އޮކްޓޯބަރ 2025 - 14:41
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި އިއްޔެ ކަސްޓަމްސް އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ކަސްޓަމްސްއަށް 33 އަހަރު ހިދުމަތް ކުރެއްވި މަހުމޫދު އިއްޔެ މަގާމުން ވަކި ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރާ ކަމަށް މަހުމޫދު ރިޔާޒުގެ މެސެޖުގައިވެ އެވެ.
"މި ގްރޫޕުން ނިކުތުމަށް އަޅުގަނޑު ގަސްދު ކުރާތީ މި ފުރުސަތުގައި އަޅުގަނޑަށް އިތުބާރުކޮށް، ހިތްހެޔޮކަމާ އެކު ދެއްވި ތާއީދަށް ޝުކުރު އަދާކުރަން."
މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން --- މަހުމޫދު ރިޔާޒު
މަހުމޫދު ރިޔާޒު ވިދާޅުވީ އެފަދަ ދަނޑިވަޅެއްގައި ޝައްކުތަކެއް އުފެދިދާނެ ކަމަށާއި އެކަމަކު ވެސް އޭނާގެ ނަޒާހާތްތެރި ކަމަށް އިތުބާރު ކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދެމިހުރީ އަޅުގަނޑު ގަބޫލުކުރާ ހަމަތަކާ އެއްގޮތަށް. އަދި ދެމި ހުންނާނީ ވެސް އެގޮތުގައި." ކަސްޓަމްސްގައި މަސައްކަތްކުރާ އެންމެންނަށް ކާމިޔާބަށް އެދެމުން މަހުމޫދު ހިއްސާކުރެއްވި މެސެޖުގައިވެ އެވެ.
ރައީސަށް ކަސްޓަމްސްގެ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މަގާމުން ކަސްޓަމްސްގެ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން އިއްޔެ ވަކިކުރީ މަހުމޫދު ރިޔާޒުގެ އިތުރުން އަބްދުﷲ ވަހީދެވެ.
ރައީސް މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވާ ގޮތުން އެ ބޭފުޅުން ވަކި ކުރެއްވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ކަސްޓަމްސް އަށް ނޭނގި ބޮންޑެޑް ވެއާހައުސް އިން ނެރުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ފޮނުވި ރިޕޯޓްގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުން ވަނީ ކަސްޓަމްސްގެ އެތެރޭގައި އޮތް އިހުމާލުތަކާއި ކޮރަޕްޝަނުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ފޫވެއްޓުމުގެ އިތުރުން އެ އިދާރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ދަށްވަމުންދާކަން ފާހަގަކޮށްފަ އެވެ.
އެފަދަ ބޮޑު ތުހުމަތެއްގައި ދެ ބޭފުޅަކު ވަކި ކުރެއްވިއިރު ކަސްޓަމްސްގައި މަސައްކަތްކުރާ ގިނަ ބަޔަކާއި ކަސްޓަމްސްގެ ކުރީގެ ބައެއް އިސްވެރިން ދަނީ އެ މައްސަލާގައި މަހުމޫދު ރިޔާޒުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
ކުރީގެ ސަރުކާރުގެ ކަަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްއަކަށް ހުންނެވި އަބްދުﷲ ޝަރީފް ވިދާޅުވީ މަހުމޫދު މަގާމުން ވަކިކުރި ޚަބަރާ އެކު، ހުންނެވީ ޝޮކެއްގައި ކަމަށެވެ. އަދި މަހުމޫދު ރިޔާޒާ އެކު 30 ވަރަކަށް އަހަރު މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވައި، ޝަރީފް ވިދާޅުވީ މަހުމޫދު ރިޔާޒަކީ ތެދުވެރި އަދި ޕްރޮފެޝަނަލް ބޭފުޅެއް ކަމަށެވެ.
"ރިޔާޒަކީ ހަމައެެކަނި އެކުގައި މަސައްކަތްކުރި މީހެއް ނޫން. އޭނާއަކީ ނަޒާހާތްތެރިކަމުގައި ރޯލް މޮޑެލްއެެއް. އޭނާގެ 33 އަހަރުގެ ކެރިއަރުގައި ކަސްޓަމްސް ސާވިސް ވަރުގަދަ ކުރުމާއި މީހުންގެ އިހުތިރާމް ހޯދުމަށް ކުރި މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި،" ޝަރީފްގެ ޕޯސްޓްގައިވެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދުނަސް، މަހުމޫދަކީ އެފަދަ ރިކޯޑެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އިންސާފުވެރި މަރުހަލާއެއްގެ ތެރެއިން ނުވަތަ އޭނާއަށް ޖަވާބުދާރީވުމަށް ފުރުސަތެއް ވެސް ނުދީ މަގާމުން ވަކިކުރުމުން ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"މި އަވަސް ފިޔަވަޅަކީ، ރިޔާޒު އެހާ ގިނަ އަހަރުގެ މަސައްކަތުން ހޯދި އަބުރަށް ގެއްލުން ލިބި، އަޅުގަނޑުމެންގެ މުއައްސަސާތަކަށް ކުރާ އިތުބާރު ދަށް ވެދާނެ ކަމެއް."
ކަސްޓަމްސްގައި މަސައްކަތްކުރާ އިތުރު ބައެއް އޮފިސަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި މަހުމޫދު ރިޔާޒުގެ ދިފާއުގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން އެތަނުގައި މަސައްކަތްކުރި މުއްދަތުގައި ޝަރީފާ ގުޅޭ އެފަދަ އެއްވެސް ވާހަކަތަކެއް ނީވޭ ކަމަށާއި އެފަދަ ވާހަކައެއް ގަބޫލުކުރަން ދަތި ކަމަށް ބައެއް އޮފިސަރުން ބުނެފައިވެ އެވެ.
"އުމުރު ދުވަހުގެ ހިދުމަތަށް ފަހު މިގޮތަށް ކަންތައް ކުރުމަކީ އެއްވެސް މީހަކަށް ކުރަންވާ ވަރު ކަމެއް ނޫން. ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އެކަން ކުރަންވާނީ އިންސާފުވެރި ގޮތަކަށް."
މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވާ ގޮތުގައި އެ މައްސަލާގައި މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މަގާމުން ވަކިކުރީ ރިޕޯޓުގައި ހިމެނޭ "ސިއްރު ބައިތަކަށް" ރިއާޔަތްކޮށެވެ. އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އެކުލަވާލި ރިޕޯޓު އާންމުކުރި ނަމަވެސް "ސިއްރު ބައެއް" ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. އަދި އެ ވާހަކަތައް ހިއްސާކުރީ ރައީސް މުއިއްޒާ އެކަންޏެވެ.
"ރައީސާ ހިއްސާކުރި ސިއްރު ބައިގައި ހިމެނޭނެ މި ބޭފުޅުން ކުރެއްވި ކަންތައްތަކާއި އެ ބޭފުޅުންގެ ނަންތައް ވެސް. ގޯސްކޮށް ކުރި ހުރިހާ ކަމެއް ރައީސަށް ފެނިވަޑައިގަންނަވާނެ އެ ލިޔުމުން. ތަހުގީގު ތަފުސީލް ހިމެނޭނެ،" 241 ކޮމިޓީގެ އިސް މެމްބަރަކު ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޫދު
02 November 2025
ފްރޭމް ފްރޭމް ފްރޭމް ފްރޭމް
ކޮކީ
01 November 2025
އެއްވެސްމީހަކު މިހާތަނަށް ކޮރަޕްޓް ވެފައެއްނެތް ދަށުންދަމާކުޅެނީ އެވެސް އޭގެވައްތަރެއްކަމަށް ދިރާސާތަކުން ދައްކަނީ
އަހަންމާ.
01 November 2025
ކޮއްކޯ މަހަމޫދޫ،ތި ގޮތަށް އަދީބުވެސް ހަމަ ވިދާޅުވޭ، ބުނަލަންއޮތީ.." ދެ އަރ އިސް ނޯ ސޮމޯކު ވިތައުޑު ފަޔަރ.."
ކައްދަ މޫސަ
31 October 2025
ކޮރަޕްޓު ނުވިއްޔާ ވީތޯ؟ ތިމާގެ އިހުމާލުން ބޮޑެތި ވައްކަން ހިނގީމާ ޒިންމާ ނެގުމެއް ނޯވޭތޯ؟ ވައްކަން ނުވަތަ ކޮރަޕްޝަން ހިނގަނީ އެކަމުގައި ތަނުގެ ބޮޑުން ބައިވެރިވާތީ ނޫނީ އެކަން ނޭނގޭ ކަމަށް ބޮޑުން ހަދާތީ ނުވަތަ އެމީހުންގެ އިހުމާލުން. މަހުމޫދު ކޮރަޕްޝަންއެއް ނުހިންގަމޭ ބުނާއިރު، ރަނގަޅަށް ޒިންމާ އަދާކުރި ނަމަ އެ ވައްކަން ހިނގީސް ތޯ ސުވާލުކޮށްލަން އެބަޖެހޭ.
ާއާއިޝާ
30 October 2025
ކަސްޓަމުސްގަ 28 އަހަރު އުޅެ ރިޓަޔާ ވެފަ ހުރި މީހެއް އަޅުގަނޑަކީ. ދުވަހަކު ވެސް މަޙްމޫދު ރިޔާޒުއާ ބެހޭގޮތުން ކުޑަވެސް އެބާވަތުގެ ވާހަކައެއް އަޑެއްނާހަން. ޥަރަށް އަހުލާގު ރަނގަޅު މީހެއް އެއީ. ވަރަށް ދެރަވެއްޖެ. މައްސަލަ ތަހުގީގުވެސްނުކޮށް ކަނޑާލުން ކިހާބޮޑު އަނިޔާއެއް؟ ޢަދި އެހާ ހުތުރު ނަމެއް އަޅުވާފަ.
ޑުބްލިކޭޓް
30 October 2025
ކަސްޓަމްސް ގެ މުވައްޒަފުން ހާ ކޮރަޕްޓް ބަޔަކު މި ރާއްޖެގަ ނުއުޅޭ!
ކަތްދަެްތަ
31 October 2025
ތެދެެއް. އަދި މީހުންނާ ކޮމިއުނިކޭޓް ކުރާން ނޭނގޭނެ. މައުލޫމާތެއް ސާފުކޮށްލަން ގުޅާލަބަލަ. ޕޮހިހާ ޖެހިފަ ދެން އެންމެ ކަރަޕްޓް ތަން. މަައްސަލައަކީ ކަސްޓަމްސްގެ މުވައްޒަފުން ޖަވާބުދާރީ ކުރެވެން ނެތުން. ގާނޫނޫން ނުދޭ ބާރު ގަވާއިދެއް ހަދައިގެން ހޯދައިގެން.
ޱރ އަޙުލާޤު
30 October 2025
މަހުމޫދު އަދިފުރުސަތު އެބައޮތް ސާބިތުކޮށްދީ ދިވެިރައްޔިތުންށް މަހުމޫދު ތިޔައީ ނަޒާހައްތެރި ބޭފުޅެއްކަން އެކަން ނުކުރެވޭނަމަ މުޅިއާއިލާގެ އެންމެނަށް މަހުމޫދުގެ ސަބަބުން ފުންހިތާމައެއް ތިޔަދެނީ އެކަން ހަނދާންކުރާތި.
ކަސްޓަމްސް
30 October 2025
ކަސްޓަމްސް އޮފިސަރުން ރަސްމީ ޔުނީފޯމުގައި ސަކްސަރީ އެޕާޓްމަންޓްތައް ގަންނަން ދެެވެނީ ސަޒާހަތްތެރި ކަމުންތާ.
ގެދޮރޭ
30 October 2025
މީ ހަމަ އަސްލުވެސް ނަޒާޙައްތެރި ބޭފުޅަކަށް ވެދާނެ. ޔަގީނުންވެސް ފެންނަމުންދާ ކަންތަކާ ފެނުނު ކަންތަކާ މެދު ވިސްނާލާއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވުރެން ނަޒާޙަތްތެރިކަން ކުޑައެއް ނުވާނެ. ވީޔާ ވާނީ ބޮޑު. ނޫނީ 100 އިންސަތަ ދެވޭވަރުގެ ބޭފުޅަކަށް.
ގަމާރޭ
30 October 2025
ކާކުތަ މިގައުމުގާ ކަރޮޕްޓީ؟؟