ރަީސް މުއިއްްޒާއި ނައިބު ރައީސް ހުސައިން އަދި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ޕީއެންސީގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ބައެއް އިސްވެރިންނާ އެކު.---ފައިލް ފޮޓޯ: މިހާރު
17 ނޮވެމްބަރ 2025 - 19:38
ޕީއެންސީގެ ސަރުކާރަށް މި އަހަރު ދެ އަހަރުވީ އިރު އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުން ކަމަށް އެ ޕާޓީގެ ޗެެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމަށް ދެއްވި ހާއްސަަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިގުތިސާދު އޮތީ "ހޯދާ ބަލާ ބަޔަަކަށް ވެސް ނުފެންނަހާ އަޑީގައި" ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި އެކިއެކި މަސައްކަތްތަަކަށް [ކުންފުނިތަކަށް] ދޭންޖެހޭ ފައިސާގެ ތެރެއިން ނުވަ ބިލިއަން ރުފިޔާ ނުދީ އޮތުމަކީ އޭގެ ހެއްއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވި އެވެ. އެ ކަމަކު އެ ފައިސާ ވެސް މި ސަރުކާރުން އޭގެ ހައްގުވެރިންނަށް ދެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"[ރައީސް މުއިއްޒުގެ ސަރުކާރުގެ] ކާމިޔާބީއެއްގެ ގޮތުގައި އެއް ކަމެއް ސިފަކުރާ ކަމަށް ވަންޏާ އަޅުގަނޑު ހަމަ ސިފަކުރާނީ ދިވެހިރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވި އެޅުވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިހުގެ ރައީސް އަބްދުއްރަހީމް ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަން ފެށުމާ އެކު، ވާދަވެރިން ބުނަމުން އައީ ރާއްޖެ ބަނގުރޫޓު ނުވެ ހިފަހައްޓާލެވޭނީ ގިނަ ވެގެން ހައެއްކަ މަހަށް ކަމަށެވެ.
"އެކަމަކު ނުވި ނޫންތޯ؟ ދެ އަހަރު ވެގެން މި ދިޔައީ، ފައިސާ ޗާޕެއް ނުކުރައްވާ، ދަރަނި ނުދެއްްކިގެން ގައުމު ޑިފޯލްޓަކަށް ނުދޭ. ހަމަ ދައްކަން ޖެހޭ ދަރަންޏެއް ދައްކަން ޖެހޭ ވަގުތުގައި ދައްކަވަމުން އެ ގެންދަވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަރުކާރާ ކުރީގެ ސަރުކާރުތަކާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ ޕީއެސްއެމުން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ހަމަހަމަކަމާއި ހަމަޖެހުން ގެނައުން ކަމަށެވެ. ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާ އެކުގައި ތަރައްގީގެ މަގުގައި ކުރިއަށް ދިއުން އެއީ އެހެން ސަރުކާރުތަކާ މި ސަރުކާރާ ދެމެދު ހުރި އެންމެ ބޮޑު ތަފާތުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ސިޔާސީ ޕާަޓީއަކުން ވެސް ކުރަން ބޭނުންވާ ސިޔާސީ ކޮންމެ މަސައްކަތެއް ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަމަށާއި ސިޔާސީ މަޝްރަހުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ.
ނަމަވެސް އެ ބަޔަކަށް ހަރަކާތް ހިންގޭނީ އެބަޔަކަށް ތާއީދު އޮންނަ ވަރަކުން ކަމަށާއި މީހުން މަދުވުން އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެންވާ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ރާއްޖޭގައި އަޅުގަނޑު ދަންނަވާނީ މިހާރު މި އޮތީ ސިޔާސީ ހަމަޖެހުން ގާއިމްކުރެވިފައޭ. ސިޔާސީ ހަމަޖެހުން ގާއިމްވެފައި މި އޮތީ ދުވަހަކު ވެސް ސިޔާސީ ހަމަޖެހުން ގާއިމް ނުވާ މިންވަރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ކުރަން އުޅޭ މަސައްކަތަކަށް ސަރުކާރުން ހުރަސް އަޅާތީ ނުކުރެވިގެން އުޅެން މިހާރު ނުޖެހޭނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުން ބޭނުން ރަށަކަށް ބޭނުން އިރަކު ވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުގެ މިނިވަންކަން މިހާރު އެބަ އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
23 November 2025
މި ލިޔުން ތަކުރާރު ކޮށް ކިޔާލައިފިން. އިގްތިޞާދު ހަމަޔަކަށް އަޅުވާލެވުނު ކަމަށް ލިޔެފައޮތްހެން ހީވާތީ ޔަގީން ކޮށްލަންވެގެނެވެ. އަދިވެސް ހީވަނީ މި އޮވެވެނީ ހުވަފެނެއްގައި ހެން.
ރާވެރިބެ
19 November 2025
ބާޒާރުގަ ޑޮލަރުގެ އަގު ހުރީ -/20ރ އާގާތުގަ. އިގްތިސާދު ހަމަ މަގަށް އެޅިއްޖެ ކަމަށް ބުންޏަސް ކިހިނެތް ގަބޫލް ކުރެވޭނީ؟ ދައުލަތުގެ ބޭރުގެ ދަރަނި އަދިވެސް ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ދެމެހެއްޓެނިވި މިންވަރަށްވުރެ މާމަތީ. އެންމެ ގިނަ ދަރަނި ދޫކުރި ދެގައުމު ޗައިނާއާއި އިންޑިއާއިން ދަރަނި ރޯލްއޯވަރ ކޮށްދޭތީ ގައުމު ނުދެރިޔަސް އެޔަކަށް ނުބުނެވޭނެ އިގްތިސާދު ހަމަޔަކަށް އެޅުވުނީއޭ. ޚަރަދު ކުޑަކުރަން އެކަށީގެންވާ ކަމެއް ނުކުރޭ. ހުސް ހުވަފެން!
މުއްމާކަލޯ
19 November 2025
ޕްރޮފެސަރު އެބުނީ އެބޭޅާގެ އިގުތިސޯދު ވާހަކަ. އާނފަހެ ޕްރޮޖެކްޓްސްތައްލިބި އާއިލާގެ އެތައްޖީލެއް އަތުންފައިން މަސައްކަތެއްނުކޮށް ތިބެވޭނެގޮތްހެދިފަ އެއޮތީ. ވަﷲއައުލަމް
އަންދަލޫސިޔާ
18 November 2025
16.90 ރ އަށް ހުރި ޑޮލަރު 20.15 ރ އަށް އެރުމަކީ ދިވެހި ރުފިޔާގެ އަގު %19 އަށް ވެއްޓުން!
އެޑްމުންޑޯ
18 November 2025
އިގްތިސާދު ހަމައަކަށް އެޅިއްޖެތޯ ؟؟؟؟
ސިޔާސީރިޔާސީ
18 November 2025
ކުރިންވެސް އިޤްތިޞޯދު އޮތީހަމާގައި، ހަމައިގެ ނެތްކަމަށް ބުނަމުންއައީ އެއީ ސިޔާސީ ބޭނުމަށާއި، ސިޔާސީ މަންފާނެގުމަށް ރައްޔިތުންނަށް ދައްކަމުންއައި ހުއްޖަތެއް،
ޗައިނާ
18 November 2025
ކޮމްމެ ފަހަރުކުވެސް އިގްތިސޯދު ހަމަޔަކަ އަޅުވާއިރައް އެމްޑީޕީ އަރާފަ ބޮޑެތި ގޯސްތަކެއް ހަދާ. ކޮމްމެ ފަހަރަކުވެސް ހަދަނީ މިހެން
ހަގީގަތް
18 November 2025
ކޮވިޑަށްފަހު މާލީ އިދާރާތަކުން ނެރުނު ރިޕޯޓުތައް އެހެރީ ފެންނަން. ރާއްޖެއަކީ ކޮވިޑުގެ ކުރިން އޮތް ހާލަތަށް އެންމެ އަވަހަށް ރުޖޫއަވި މަދު ގައުމުތަކުގެ ތެރެއިން ގައުމެއް. އެހާލަތަކީ ނުފެންނަހާ އަޑީގައި އޮތް ހާލަތެއްނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ އޭގެ ކުރީސަރުކާރުން. ސަބަބަކީ ކޮވިޑާއި ކުރިމަތިލިއިރު އޭރުއޮތް ސަރުކާރަށް އެއްޗެއް އަޑިއަށް ފަތްތާލަން މާގިނަ ދުވަހެއް ލިބިފައި ނުވުން. އަމިއްލަ މޮޅު ވާހަކަދެއްކުމަކީ ބާސާކެނޑުން
ޢަރުތަ
17 November 2025
މިމީހުން މިއުޅެނީ އަބަދުވެސް ރައްޔިތުން މޮޔަ ހައްދައިގެން ޅޮސް އުނދޯއްޔަށް ލައިގެން ވެރިކަމުގެ ބާރު މުށުތެރެއަށް ލައިގެން ތާއަބަދު އެގޮތަށް ތިބެވޭނެކަމުގެ ފޮނި އުއްމީދުގަ، ހަމަ އެހެން އެކަން ވެދާނެބާ!
ޢަރުތަ
17 November 2025
އެކޮނޮމިކްސް ވެސް ހަމަ ފެންފަދަ ޕްރޮފެސަރެއް. ހައްގު ވެރިންނަށް ފައިސާ ދޭންޖެހޭނީ ވެރިކަމާ ހަވާލުވާ ބައެކޭ، ކިހިނެއް ވެގެން ތިޔާ އުޅެނީ، އެވަރުވެސް ނޭގިތަ ވެރިކަމަށް އެރީ، ކޮންޒާތެއްގެ ވާހަކަ އެއްތޯ ޕްރޮފެސަރު ތިޔަ ދައްކަވަނީ.