ކުރިން ފްލެޓަށް ޝަރުތު ހަމަވި މީހުން ވެސް އަލުން މާލޭ ސަރަހައްދުން ދޫކުރާ ފްލެޓަށް ފޯމު ލާންޖެހޭ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ނޮވެމްބަރ 2025 - 14:05
ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް އަންނަ ޖެނުއަރީގައި މި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އަލުން ކުރިމަތިލާން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ އެކު ގިނަ ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ. އެ ސްކީމަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 ގައި ކުރިމަތިލާން ހުޅުވާލާނެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެންމެ ފަހުން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވެސް ޖެހޭނީ އަލުން ހުޅުވާލާ ފްލެޓަށް ކުރިމަތިލާން ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ މި ސްކީމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ޕޮއިންޓު ދޭ އުސޫލު ވެސް ކުރިން ފްލެޓް ދޫކުރި އުސޫލާ ތަފާތުވާތީ އެވެ.
"މި ސްކީމަށް ވަކިން އެޕްލައި ކުރަން ޖެހޭ ގޮތަށް [ހުޅުވާލާނީ]. ސަބަބަކީ މި ސްކީމުގައި ޝަރުތު އަދި ޕޮއިންޓް ދޭ އުސޫލު ތަފާތުވުން،" އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސަރުކާރުން ޝަރުތުތައް ކަނޑައަޅާފައި ވަނީ އެންމެ ހައްގުވެރިންނަށް ފްލެޓް ކަށަވަރުވާނެ ކަން ޔަގީންކުރެވޭ ގޮތަށެވެ.
މި ސަރުކާރުން އާންމުކުރި ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ. އެ އުސޫލުގައި ވަނީ 15 އަހަރު މެދުނުކެނޑި ދިރިއުޅުނު ކަމަށް ނިންމާނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފަ އެވެ.
އެ އުސޫލާ އެކު މާލޭގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު މީހުންނަށް ވެސް ފްލެޓަށް ޝަރުތު ހަމަނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ މި ބުރުގައި އެންމެ ބޮޑު ވިސްނުމަކީ ދިގު މުއްދަތެއްގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
ޕޮއިންޓު ދިނުމުގެ އުސޫލުގައިވާ ގޮތުން އެކި ކަންކަމަށް ރިއާޔަތްކުރާ ގޮތަށް އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓެވެ.
ފްލެޓާއި ގޯއްޗަށް ޕޮއިންޓް ދިނުމުގައި ބަލަނީ މާލޭގައި އުޅުނު މުއްދަތާއި އާމްދަނީ ލިބޭ މިންވަރާއި ދަރިން ތިބޭ މިންވަރާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ތިބޭ އަދަދާއި ސިއްހީ ހާލަތެއްގެ ސަބަބުން ދަރިން ނުލިބޭ ނަމަ ޕޮއިންޓު ލިބޭނެ މިންވަރާއި އެޕްލިކެންޓުގެ ނަމުގައި ބިމެއް ނެތުން ފަދަ ކަންކަމަށެވެ.
މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް އަދި 15،000 ގޯތި ދޫކުރާ މި މަޝްރޫއުއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 އަކުން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.
މި މަޝްރޫއުގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އާ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާޑު
19 November 2025
ކުރިން ފްލެޓް ލިބޭނަކަމަށް ބުނިއިރު މަންމަ ދުނިޔޭގަ ހުރި. މިހާރު އެޕޮއިންޓް ވެސް މަދުވީ. ކުރީ ލިސްޓް ބާތިލް ކުރެވިގެން ނުވާނެ. އަހަރުމެންގެ ހައްގު ނިގުޅައިގަންނަނީ ތި
ޙުސޭން
19 November 2025
އަހަރެމެންނަށް ފްލެޓް ދޭނެ ކަމަށް ނިންމާފަ ތިހެން ނެހެދޭނެ. އަހަރެމެންގެ ހައްގު ނިގުޅައިގެންފަ ދެން ހޮވިބަލަ ނިކަން. ޢަލުން ފޯމްލާކަށް ނުޖެހޭނެ. މުޒާހަރާއަށް މިގޮތަށް ހެދި އެންމެން ނިކުންނަންވީ
ޢަލީބެ
19 November 2025
ގޯތިވެސް ދޭން ނިންމި އެންމެނަށް ދެނީ. ފުލެޓުވެސް ޝަރުތު ހަމަވި އެންމެނަށް ދޭންވާނެ. ދައުލަތުން ފުލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފަ ޝަރުތު ކެންސަލް ނުކުރެވޭނެ.
މުފީދު މުހައްމަދު
19 November 2025
ފްލެޓް އެއްމަނަށް. އެއްމެން ހަމަ ކުރިމަތިލާންވީ. އެއްމެނަށް މީގެ ފައިދާ ލިބިގެން ދާނެ ހަމަ ޔަގީނުންވެސް.
ނޫހް އިބްރާހިމް
19 November 2025
މީ ރަނގަޅު ގޮތް. މިހެން މިކަން ކޮށްގެން ހައްގުވެރިން ކަނޑައަޅޭނީ
ހަސަންދި
19 November 2025
ރައީސް ވިދާޅުވެފައި ވަނީ، ކުރިން ލިޔުން ލިބުނު ފަރާތް ތަކަށް ފްލެޓް ލިބޭނެ ކަމަށް. އެއްވެސް ފަރާތަކުން އެމީހުންގެ ވާހަކަ އެއް ނުދައްކާ. އަނެއްކާ އެ މީހުން ވެސް އަލުން ފޯމް ފުރަންޛެހޭނެބާ؟
ހާބެ
19 November 2025
ތީ އެއްވެސް އިންސާފެއް ނޫން. އެއްވެސް ދަރުކާރަކުން ފްލެޓް ލިބޭނެކަމަށް ޔަގީން ކަން ދީފަ ދެން އަންނަ ސަރުކާރަކުން އެބާތިލް ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫން.
ޒޯން
19 November 2025
މާލެ ނޫން ގޮތެއް!
ޖުލައި2021
19 November 2025
ދައުލަތުން ގެޒެޓްކުރާ ލިޔުންތަކަކީ މީ އެއްވެސް އަގެއް ހުރިއެއްޗެއްނޫނޭދޯ މިބުނަނީ. އެތަށްމަސއްކަތެްކޮށްގެން ހުށައަޅާފަ ބަލއިގަނެފަ ހުރި ފޯމްތަކެއް އަލުން ބަލުން ލާން ނުބުނެވޭ، އެހަންނޫނީ ދައުލަތް މިވަނީ ކުޅޭކުޅެ އެއްޗަކަށް، ރައްޔިތުން ހަމަ ފަހަރކު ފޯމެއ ފުރަ ފުރާ ތިބެންވީ. ޑިޖިޓަލް ވުމުގެ މާނައެއް ނެތެއްނު.
ހަސަންރަހާ
19 November 2025
ގާނޫނީ ސަރުކާރެއް ހިންގުމުގެ ތެރެއިން ހިންގި ގެދޮރުވެރިޔާ ސްކީމުން ފުލެޓް ދޭނެ ކަމަށް ބުނެ ލިބުނު މީހުންގެ ލިސްޓު ގެޒެޓްތްކޮށްފައި އޮތް ކަމެއްގާ، ފަހުން ސަރުކާރާ ހަވާލުވާ ބަޔަކު އެކަމެއް ނުކުރާން ނިންމައިފި ނަމަ، ކުރީގެ ލިސްޓު ބާތިލު ކުރީ ކަމަށް އަންގާ އިއުލާނު ކޮށް ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް ދެކެމެވެ. އެހާ ނޫން ގޮތަކަށް ކަންކަން ނުކުރައްވާށެވެ. މަޖިލީހުގަ އާއި އެކިއެކި ޕޯޑިއަމް ތަކުގާ ފޯރިއާއެކު އަޑަށް ބާރުލާފައި އެވާހަކަ ގޮވާށެވެ.