ޕީޕީއެމްގެ ރައީސް މައުމޫން: އެމަނިކުފާނު ވަނީ ސިޔާސީ ބޭނުންތަކަށް ޝަރުއީ ނިޒާމު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ..---ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
31 މާޗް 2017 - 12:31
ސިޔާސީ ބޭނުމަށްޓަކައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުންތަކަށް ޝަރުއީ ނިޒާމު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އެހެންވެ އެކަން ވަގުތުން ހުއްޓަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Using the judiciary for political purposes is illegal and unconstitutional. It must stop immediately!
— Maumoon Abdul Gayoom (@maumoonagayoom) March 31, 2017
މައުމޫން މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ރޭ ވަނީ އަމުރުކޮށްފަ އެވެ. އެ ގޮތުން ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ.
މައުމޫން ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ.
ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު، ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށް، އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިމް
16 October 2018
ތަބާނުވާމީހުން ކޮން ބޭކާޜޫ ވަހަކައެއް އަސްލު މި ދައްކަނީ
ވަސް
01 April 2017
ޑިމޮކްރެސީ އައުމުގެ ކުރިންވެސް މިހާލު. ވެރިމީހާ ބޭނުންވީމާ "ރައްޔިތުމީހާ" އޮތީ ޖަލުގަ.
ޢަލީ
01 April 2017
30 އަހަރު ވެރިކަންކުރި ރައީސެއްގެ ހައިސިއްޔަތުން ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކަށް ތަބާވާން ދަސްކުރަން ވެއްޖެ. ދިވެހީންނަށް ނަމޫނާ ދައްކަންވެއްޖެ. 30 އަހަރުގެ ކަހަނބު ދުވެލި ދިވެހިން ބޭނުމެއްނޫން.
ނެއި
31 March 2017
ޝަރުއީ ދާއިރާއެއް ނޫން ރަގަޅު ކުރަންވީ، ޕާޓީތަކުގެ ވެރިންނާ ރައީސުން ރަގަޅު ކުރަންވީ.
ހަމީދު
31 March 2017
ބުރޯ މޮޔަވަނީ ސަރުކާރަށް ނުފޫޒު ނުފޯރުވޭތީ. އިންސާނެއްގެ ހިތެށް ނުފުރޭނެ.
ހައްޤު ބަސް
31 March 2017
"ތެދުބަސް " ތި ވިދާޅުވީ މީހެއްގެ މައްޗަށް "ހައްޤުނޫން ދައުވާއެއް ކުރުމުގައި" ޕީޖީގެ ނުވަތަ ޕީޖީގެ ވަކީލުގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށް ތޯއެވެ؟ބަލަ ޖުޑިޝަލް ސިސްޓަމުގައި ޕީޖީ އާއި އޭޖީ އާއި ވަކީލުން ނަކީ އަދުލުއިންސާފު ޤާއިމު ކުރުމުގައި ފަނޑިޔާރަށް އެހީތެރިވާ ބައެކެވެ. އެބޭފުޅުން ނަކީ ފަނޑިޔާރުނަށް އޮޅުވާލަން ޖެހޭ ބައެއް ނޫނެވެ. ވަކާލާތު ކުރައްވަން ޖެހޭނީ ވެސް ހައްޤުގެ މަގުގައެވެ.އަމިއްލަ ޟަމީރަށް ޚިޔާނާތްތެރިވެ، ދައުވާތަށް ހަދަހަދާގެން ޤާނޫނު ތަކުގެ މާނަ "އެކޮޅު ކޮޅުން"ނަގައިގެން މީހުންގެ ހައްޤުތަށް ނިގުޅާގަނެ އަދި މީހުނަށް ނުހައްޤުން އަދަބު ދޭން އުޅުމަކީ އެއްވެސް ފަރާތަކަށް ހުއްދަ ކަމެއް ނޫނެވެ.އަދި ކިއެއްތޯ އެއީ އަދުލު އިންސާފާ ޚިލާފު ކަމެކެވެ.ވީމާ އަދުލު އިންސާފު ޤާއިމު ކުރުމުގައި ޕީޖީ އާއި ވަކީލުން ނާއި ޕޮލިހުންގެ ޒިންމާ ވެސް ކުޑައެއް ނޫނެވެ.އަދުލު އިންސާފު ޤާއިމު ކުރުމަކީ ހަމައެކަނި "ފަނޑިޔާރުގެ ކަމެކޭ" ބުނުނެވޭ ހުއްޓެވެ.
މެންޓަލް ކޭސް
31 March 2017
ނުފޫޒު ފޯރުވަން ދަސްކޮށްދިނީ ކޮންބޭފުޅެއްތޯ؟ ބޮޑުސޯބު އެނބުރޭ ގޮތައް ކުޑަސޯބުވެސް އެނބުރޭނީ، މިހާރު ތި ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް
ޥަރުދާ
31 March 2017
އެންމެންގެ ލޯބި ގެއްލި އިހްތިރާމް ކުޑަވެ ސިޔާސީ ބޯޅަޔަކަށް ވެއްޖެ.
ހަބޭސް
31 March 2017
ކޮބާ؟ ކޮބާ؟ ހުކުރަށް ފަހު ހޮނިހިރު އަންނާނެ ؟ ވިސްނާ ވިސްނާ ؟
އުމަރު
31 March 2017
ޝަރުއީ ނިޒާމަށް ނުފޫޒް ފޯރުވޭގޮތަށް ޝަރުއީ ނިޒާމު ގާއިމުކުރީ ކޮންބައެއްތޯ؟ އަދި ޝަރުއީ ނިޒާމުގައި މަސައްކަތްކުރާ މީހުންގެ މައްޗަށް ނުފޫޒް ފޯރުވާ މީހުން ބުނާހާގޮތެއް އެމީހުން ހަދަންޖެހޭތޯ؟ އެމީހުންނަށް ކޮން މަޖްބޫރެއްތޯ އޮތީ؟ އެމީހުން ޤާނޫނާ ހިލާފަތް ކަންތަށްނުކޮށް ވަޒީފާދޫކޮށްފައި ދާންވީނޫންތޯ؟