މާލޭގައި ކުރިން ހިންގި އެސްއެމްއީ ހަބްގެ ސްޓޯލަކުން ބަޔަކު ވިޔަފާރި ކުރަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
25 ނޮވެމްބަރ 2025 - 06:44
އިންސާފުވެރި އިގްތިސާދެއް އާލާކޮށް ދެމެހެއްޓުމަކީ ވިއަވަތި މުޖުތަމައުއެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އަހަރުން އަހަރަށް ކުރިއަރަމުން އަންނަ ކަމީ އެކަމާ މެދު އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.
ނަމަވެސް ގައުމުގެ ތަނަވަސްކަން ބެހެމުންދާ ގޮތާ މެދު ސުވާލު އުފައްދާނެ ކިތަންމެ ދިވެހިންނެއް ތިބޭނެ އެވެ. ޔަގީނެވެ. ފެންނާން އޮތް ރާއްޖޭގެ އިގުތިސާދުގެ އަދަދުތަކުން މި ހަގީގަތް ހާމަވެ، ދެނީ އިންޒާރުގެ ސިގްނަލެކެވެ. ރާއްޖޭގެ އިގުތިސާދީ ހަމަހަމަކަން ގާއިމް ކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ގިނަ ދިވެހި ރައްޔިތުންނެއް ޝާމިލްވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދަފަރާ ކުރުމަށާއި އެ ފަރާތްތަކުގެ މަސްލަހަތު ކުރިއެރުވުމަށް 2013 ވަނަ އަހަރު ވަނީ ގާނޫނެއް ފާސްކޮށް، ތަންފީޒު ކުރަން ފަށައިފަ އެވެ. މި ގާނޫނީ އޮނިގަނޑުގައި ލުއި ލޯނާއި ވިޔަފާރީގެ އެހީތެރިކަމާއި ވިޔަފާރި ކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި އެ ފަރާތްތަކަށް ވިޔަފާރި ފަހިވާނެ ހާއްސަ ކަންކަން ކަށަވަރު ކޮށްދީފައި ވެ އެވެ. މި ގާނޫނު ވުޖޫދުވެ، ތަންފީޒު ކުރަމުން އަންނަތާ މިވީ 12 އަހަރުގެ މާޒީއަށް ބެލުމުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަނަރޫފަކަން ފާހަގަވެ އެވެ. ރާއްޖޭގެ އިގުތިސާދުގެ ފޮނިމީރުކަމުން މި ފަރާތްތައް މަހްރޫމްވެފައި ވާ ކަން ފާހަގަވެ އެވެ.
ތަފާސްހިސާބުން މި ކަމަށް ހެކިދެ އެވެ. އެހެންކަމުން ގައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ފަށަން ޖެހެ އެވެ. ރާއްޖޭގެ އިގުތިސާދު ދުޅަހެޔޮ ތަރުތީބަކަށް ގެންނައުމަށެވެ. ދައުލަތާއި އަމިއްލަ ފަރާތްތަކާ އެކުއެކީގައި ކުރެވޭ މަސައްކަތެއް ގޮތުގަ އެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި އިންޖީނަކީ ޓޫރިޒަމެވެ. މި ސިނާއަތުގައި ހަރަކާތްތެރި ވަނީ މުޅިންހެން ބޮޑެތި ވިޔަފާރިތަކެވެ. ޓޫރިޒަމްގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިންނަށް ބެލިކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. ފޮރިން އިންވެސްޓްމަންޓްތަކަށް ބަލާ ނަމަ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 70 ޕަސެންޓު ކޮންޓްރޯލް ކުރަނީ 100 ޕަސެންޓު ފޮރިން އިންވެސްޓަރުން ކަމުގައި ތަފާސްހިސާބުން ދައްކަ އެވެ. އެހެންކަމުން، ގައުމުގެ އެންމެ ބޮޑު ސިނާއަތާއި ގައުމުގެ އިގުތިސާދު އޮތީ މުޅިންހެން ބޮޑެތި ވިޔަފާރިވެރިންނަށް ބަރޯސާވެފަ އެވެ.
މާލޭގައި ކުރިން ހިންގި އެސްއެމްއީ ހަބްގެ ސްޓޯލަކުން ހިދުމަތް ދޭން ތައްޔާރު ވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން 2019 ވަނަ އަހަރު އާންމު ކޮށްފައިވާ ސާވޭ އިން ރާއްޖޭގެ އިގުތިސާދު އެތުރިފައިވާ ގޮތުގެ ވަރަށް ސާފު މަންޒަރެއް ފެންނަން އެބައޮތެވެ. މި ސާވޭ އިން އެނގޭ ގޮތުގައި، ރާއްޖޭގައި ޖުމްލަ 40,164 ކުދި އަދި މެދު ވިޔަފާރި ހިމެނޭއިރު، މިއީ ރާއްޖޭގެ ޖުމްލަ ވިޔަފާރިތަކުގެ 94 ޕަސެންޓު ވިޔަފާރި އެވެ. މިއީ އެ އަހަރަށް ބަލާ ނަމަ ރާއްޖޭގައި ހުރި ޖުމްލަ 181,144 ވަޒީފާގެ ތެރެއިން 26 ޕަސެންޓު ވަޒީފާތަކެވެ. ނަމަވެސް މި 94 ޕަސެންޓު ވިޔަފާރިން ރާއްޖޭގެ އިގުތިސާދަށް ވެލިއު ފޯރުކޮށްދެނީ އެންމެ 5.4 ޕަސެންޓު ކަމުގައި މި ސާވޭ އިން ހާމަވެ އެވެ.
ބަޔާންކުރި ރާއްޖޭގެ ކުދި އަދި މެދު ވިޔަފާރިތަކުގެ ތަފާސްހިސާބުތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާ ބަލާ ނަމަ ވަރަށް ފަހަތުގައި އޮތް ނިސްބަތެކެވެ. އަޅުގަނޑުމެންނަށް ވުރެ މާ ބޮޑެތި، ނުފޫޒު ގަދަ، ބިލިއަން ޑޮލަރުގެ ގިނަ ވިޔަފާރިތައް އެކުލެވޭ ހުޅަނގުގެ ގައުމުތަކުގައި ވެސް، ކުދި އަދި މެދުފަންތީގެ ވަޒީތާތަކުގެ ހިއްސާއަކީ ގާތްގަނޑަކަށް 65 ޕަސެންޓެވެ. އިގުތިސާދަށް މި ވިޔަފާރިތަކުން އެވްރެޖްކޮށް 53.3 ޕަސެންޓު ވެލިއު ފޯރުކޮށްދޭ ކަމުގައި ޔޫރަޕިއަން ކޮމިޝަނުން 2024 ވަނަ އަހަރު ކޮށްފައިވާ ދިރާސާ އިން ދައްކަ އެވެ.
ހުޅަނގުގެ ގައުމުތަކުގެ މި އިގުތިސާދީ މަންޒަރުން އެނގި ފާޅުވާ ކަމަކީ އިގުތިސާދީ ފުދުންތެރިކަމާ ގައުމުގެ މުއްސަނދިކަމުގައި ގިނަ ބަޔަކު ބައިވެރި ކުރުން އެއީ ހަގީގަތުގައި ވެސް ކުރެވޭނެ ކަމެއް ކަމެވެ. ގައުމެއްގެ އިގުތިސާދީ މުއްސަނދިކަމަކީ އެންމެހާ ރައްޔިތުންގެ ހައްގަކަށް ވާއިރު، އެ ހައްގުތައް އާންމުންނަށް ހަމަހަމަގޮތެއްގައި ހޯދައި ދެވޭނެ ކަމެވެ. ދެމެހެއްޓެނިވި އަސާސްގެ އިމުގެ ތެރޭގައި އިގުތިސާދު ރާވާ ހިންގޭނެ ކަމެވެ. އިގުތިސާދީ އަދާލަތު ދެމެހެއްޓުމަށް މަސައްކަތްތައް ކުރެވި، އޭގެ މީރު ރަހަ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ތަސްވީރުން ދައްކައިދޭ އަނެއް ހަގީގަތަކީ މި ވިޔަފާރިތައް އޮތީ ގައުމުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމާއި މާ ބޮޑު ގުޅުމެއް ނެތް، ސިނާއަތެއްގެ ގޮތުގައި ކަމެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2019 ވަނަ އަހަރު ކުރި ސާވޭ އިން ދައްކާ ގޮތުގައި ކުދި އަދި މެދު ވިޔަފާރިތަކުން ޓޫރިޒަމާއި ސީދާ ގުޅުން އޮތް ކުރަނީ އެންމެ 15 ޕަސެންޓު ވިޔަފާރިތަކެވެ.
ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އެންމެ ރަނގަޅު ހައްލަކީ ނިޒާމީ ގޮތުން ހައްލު ހޯދަން މަސައްކަތް ކުޅައުމެވެ. ވަށާޖެހޭ ހައްލެކެވެ. އިކޯސިސްޓަމް ވިސްނުމަކުންނެވެ. މިގޮތުން، ކުދި އަދި މެދުފަންތީގެ ގާނޫނުގައި ވަރަށް ފުރިހަމަ އަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް ދައުލަތުގެ މުއައްސަސާތަކުން ގުޅި ލާމެހިފައިވާ ގޮތުގައި ތައާރަފްކޮށް، ތަންފީޒު ކުރަންޖެހެ އެވެ. މި ވިޔަފާރިތަކަށް ވަމުންދާ ގޮތް ދެނެގަތުމަށާއި އެ މައުލޫމާތުތައް އާންމު ކުރުމަށާއި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިރާސީ އިންތިޒާމެއް ބައިނަލްއަގުވާމީ މިންގަނޑުގެ ތެރޭގައި ރާއްޖޭގައި އެކަށައަޅަން ޖެހެ އެވެ.
ކުދި އަދި މެދު ވިޔަފާރިތަކުގެ އަސްލު ރޫފަ ދެނެގަތުމަށް ކަރުދާސް ކުންފުނިތައް އުފައްދަފައި ހުރުމަށް ވުރެ، މިހާރު ރާއްޖޭގައި ގާއިމް ކުރެވިފައިވާ ވަންގަވް ޑިޖިޓަލް ވިއުގަ ތެރެއިން، ނުހިނގާ ހުންނަ ކުދި އަދި މެދު ވިޔަފާރިތައް ފަސޭހަގޮތުގައި އުވާލެވޭނެ އިންތިޒާމް ރާވަންޖެހެ އެވެ. ދައުލަތާ ހަވާލުވެފައިވާ މި ސިނާއަތުގެ ބެލެނިވެރިކަން ފުރިހަމަ ގޮތުގައި ބަލަހައްޓަން ޖެހެ އެވެ.
ކުދި އަދި މެދު ވިޔަފާރިތަކަށް ހާއްސަކޮށް ޓެކްނޮލޮޖީ އާއި ޒަމާނީ ފަންނުވެރިކަމާއި ފަންނީ ހިޔާލާތު އިތުރުކުރުމަށް މި ސިނާއަތަށް އަމާޒުކޮށް، ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެ އިންތިޒާމް އެކުލަވާލަން ޖެހެ އެވެ. ރާއްޖޭގައި މިފަދަ ވިޔަފާރިތަކަށް ދެވޭ ލޯނުތައް އަދިވެސް ބޮޑު ތަނުން އިތުރުކޮށް، ރަނގަޅު ގަވަނެންސް ނިޒާމެއްގެ ތެރެއިން، މިފަދަ ލުއި ލޯނުތައް ފޯރުކޮށްދޭނެ ވެއްޓެއް ހޯދައި ދޭން ޖެހެ އެވެ.
މި ކަންކަން ރަނގަޅަށް ކުރެވޭ ނަމަ ރާއްޖޭގައި ހުރި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި ޑައިވިން ސެންޓަރުތަކާއި ޓްރެއިނިން ސެންޓަރުތަކުން ފެށިގެން ގޮސް ރަށެއްގަ ދިރިއުޅޭ ބޭބެ އަޅާ ރުކުރާ ކޮޅަކީ ވެސް އިޖާދުކޮށް، ބްރޭންޑްކޮށް، އެކްސްޕޯޓް ކުރެވޭނެ ވިޔަފާރިތަކެވެ. ހަގީގަތުގައި ވެސް އިގުތިސާދު ސިންދަފާތު ވާނީ އޭރުންނެވެ.
ޓޫރިޒަމް ސިނާއަތުގައި ކުދި އަދި މެދު ވިޔަފާރިތަކުގެ ހިއްސާ އިތުރުކުރުމަށް އިސްތިރާޖީ ގިނަ ކަންކަމަށް އިސްކަން ދޭން ޖެހެ އެވެ. މިގޮތުން ޓޫރިޒަމް ސަޕްލައި ޗެއިންގައި އެ ފަރާތްތައް ބައިވެރިކުރުން އިތުރުކުރަން ޖެހެ އެވެ. މި ކަމަށް އެ ވިޔަފާރިތަކުގެ ގާބިލްކަން އިތުރު ކުރަންޖެހެ އެވެ. އިގުތިސާދު އެކުލެވި، ހިނގަމުންދާ ގޮތުގައި ކުދި އަދި މެދު ވިޔަފާރިތަކަށް ހުރި "ސްޓްރަކްޗަރަލް" ހިރާސްތައް ނައްތާލުމުގެ މަސައްކަތް ކުރަން ޖެހެ އެވެ.
ގައުމުތަކުގައި އެކަށައަޅާފައި އޮންނަ ޓެކުހުން ވަކި އިސްތިސްނާ ލިބޭ ފަދަ "ޕޮލިސީ އިންސްޓްރޫމަންޓް" އެއް ގާއިމު ކުރުމަކީ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިން މިފަދަ ވިޔަފާރިތަކަށް ދޭނެ އަހައްމިއްޔަތު އިތުރުވާނެ ކަމެއް ކަމަށް އަޅުގަޑަށް ގަބޫލު ކުރެވެ އެވެ. މިކަމަކީ ކުދި އަދި މެދު ވިޔަފާރިތައް ތަރައްގީ ކުރުމަށް އެފަދަ ވިޔަފާރިވެރިން އިސްނަގައިގެން ކަމަށް އަޅުގަޑު ގަބޫލު ކުރެވެ އެވެ.
މީގެ އިތުރުން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓުގެ ވަކި ކޯޓާއެއް މިފަދަ ވިޔަފާރިތަކަށް ހާއްސަ ކުރަންޖެހެ އެވެ. މިފަދަ ވިޔަފާރިތަކަށް ފޯރުކޮށްދޭ ލުއި ލޯނުގެ އިތުރުން، މި ވިޔަފާރިތަކުގެ އިޖާދީ ގާބިލްކަން އިތުރުކުރުމަށް، އިޖާދީ ވައުޗާ ފަދަ އިނާޔަތްތައް ތައާރަފު ކުރަންޖެހެ އެވެ.
ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ޒަމާނީ، އާލާތްތަކާއި ވަސީލަތާއި ޓެކްނޮލޮޖީ އަތްފޯރާފަށުގައި ފޯރުކޮށްދޭން ޖެހެ އެވެ. ޑިޖިޓަލް ދާއިރާގެ އުފެއްދުންތައް އާލާކުރަން އެ ސިނާއަތް ތަރައްގީކޮށް ބަވަނަވެފައިވާ ދުނިޔޭގެ މާކެޓްތަކުން ފުރުސަތު ހޯދައި ދޭން ޖެހެ އެވެ. ބޭރުގެ އިންވެސްޓްމަންޓްތަކާއި ފްރީ ޓްރޭޑް އެގްރީމެންޓްތައް އެކުލަވާލުމުގައި މިފަދަ ފަންނީ ދިވެހި އުފެއްދުންތަކަށް، ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ.
މި ކަންކަން ރަނގަޅަށް ކުރެވޭ ނަމަ ރާއްޖޭގައި ހުރި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި ޑައިވިން ސެންޓަރުތަކާއި ޓްރެއިނިން ސެންޓަރުތަކުން ފެށިގެން ގޮސް ރަށެއްގަ ދިރިއުޅޭ ބޭބެ އަޅާ ރުކުރާ ކޮޅަކީ ވެސް އިޖާދުކޮށް، ބްރޭންޑްކޮށް، އެކްސްޕޯޓް ކުރެވޭނެ ވިޔަފާރިތަކެވެ. ހަގީގަތުގައި ވެސް އިގުތިސާދު ސިންދަފާތު ވާނީ އޭރުންނެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުޅަހެޔޮކަން އިތުރުނުވާ ހިނދަކު، ކިތަންމެ އުމްރާނީ ތަރައްގީއެއް ގެނައި ކަމުގައި ވިޔަސް، އަދި ގައުމީ އުފެއްދުންތެރިކަން ކިތަންމެ ކުރި އެރިޔަސް، ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސާދީ މައްސަލަތަކަށް ދުޅަހެޔޮކަމެއް ލިބޭނެ ކަމީ މުސްތަހީލު ކަމެކެވެ. މި ކަން ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކަށް ނަޒަރު ހިންގުމުން ދަލީލު ކޮށްދެ އެވެ.
އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަތޮޅު
27 November 2025
ކޮންބަޔަކު ވިޔަފާރިކުރާވާަހަކައެއްތަ މިދައްކަނީ. ވިޔަފާރި ކުރަނީ ދިވެހިމީހާ. އެތާގަ އުޅޭނީ ބިދޭސީން. އެމީހުން ދެއްކިއެއްޗެއް ވެރިމީހާއަށް ލިބޭނީ. އެއްއަހަރުކުރިއަށް އެމީހުންއަތުން ފައިސާ ނަގައިން ދާނީ ރާބޯ ޖުވާކުޅެން ރާއްޖއިން ބޭޜަށް. ހުސްކޮށްލާފަ އަންނާނެ ދެމަހެއްނުވާނެ. އަނެއްކާ އަނެއްއަހަރުގެ ލާރި ނަގާނެ. ދެން ކޮންގޮތަކުން އެމީހުންގެ އަތްދަށުން ސަލާމަތްވާނީ. އެމީހުންގެ ބަޔޯމެޓްރިކް ނެގިޔަސް ނުނެގިޔަސް ވަރިހަމައެއްނު
ހުޝްނީ
25 November 2025
މި ރާއްޖެ ހަލާކުވެ ދިޔައީ ބޭރު މީހުން މި ޤައުމަށް ނުކަތާ ވަރަށް އެތެރެކޮށް، އެމީސްމީހުން ފިލައިގެން ވިޔަފާރި ތަކުގަ އުޅޭތީ. ދިވެހިން ޖެހޭ އެހެން ޤައުމުތަކުގަ ކަންކަން ކުރާ މޮޅު ގޮތް ދަސްކުރަން. ޥެރިން ޒިންމާކުރުވަން
ރަންއިލޮށި
26 November 2025
ބޭރު މީހުން ގިނަވެގެން މައްސަލައެއް ނެތް. މައްސަލައަކަށް ވަނީ އެމީހުން މޮނީޓަރ ނުކުރެވުން. އެމީހުން ވަގަށް އުޅެވޭގޮތްވުން. އެމީހުން ދިވެހިންގެ ނިވަލުގައި ތިބެ ވިޔަފާރިކުރެވުން.
ހަމްޒާ ވިޔަފާރިވެރިއެއް
25 November 2025
ފުރަތަމަ އަހަރުމެންޖެހޭ ކުދި އަދި މެދު ވިޔަފާރިތަކަކީ މުހިއްމު ބައެއްކަމަށް ސަރުކާރުން ދެކެން. ލިޔުމުގަ ބުނެފަ ވާގޮތަށް ކުދި ވިޔަފާރި ތަކަށް އެހީވާ ވިޔަފާރިތަކަށް ސަރުކާރުން އަޅެއް ޓެކުސް ކްރެޑިޓް ދޭން ފަށާބަލަ. އޭރުން މަ ޤަބޫލު ކުރާނަން ސަރުކާރު އާދައިގެ މީހާ ދެކެ ވިސްނާކަން
ރިޒްވީ
25 November 2025
އަހަރުމެން އަހަރުމެންގެ ޤައުމަށް އިހްލާސްތެރިވެ، ތެދުވެރިވެއްޖެ ނަމަ އެންމެން ތިބޭނީ އުފަލުން. ލިޔުންތެރިޔާ ބުނެފަވާ ގޮތުގަ ރާބެވެސް ރާ އަޅައިގެން ފުދިފަ. ނަމަވެސް ކަންވާ ގޮތަކީ ސިޔާސީ ވެރިން ވަށާލަނީ ރަގަޅު ކަމަށް ހެދިގެން އުޅޭ ފިނިފެންމާ ސައީދުމެން. ކަމަކަށް ކަމެއް ކުރަނީ މޮޅެތި ވާހަކަ ދައްކާފަ.
ބަޖިޔަ
25 November 2025
ބޭރުމީހުންނަށް ކެރޭ މަަސައްކަތްކުރަން. ވައްކަންކުރިއަސް ތެދުވެރިޔަސް ތިބޭނީ އެމީހުން. އަހަރެމެން އަބަދު އުޅޭނީ ޗުއްޓީގަ. ސަލާމުގަ. މާބޮޑަށް އާއިލާވެގެން. އެކަމަކު އާއިލާއާވެސް އަޅާނުލާނެ. ދިވެހިންގެ ކަންނެތްކަމުން ބިދޭސީން އަތްގަދަކުރަނީ. އެމީހުންގެ އަމިއްލަނަމަކުނޫން ވިޔަފާރިކުރަނީކީ. ދެން މިހަދާގޮތަކީ، އަހަރުދުވެހުގެ ފައިސާނަގައިގެން ބޭރަށްގޮސް ހެއްދެވިހާ ނުބައިކަމެއްކުރާނީ. .. ނޯންނާނެ. .... ނިދިން ހޭލަބަލަ
އެމްސް
25 November 2025
އެއްވެސް ޤައުމެއްގަ، ޢާއްމު ވިޔަފާރިތައްތެރެއަކަަށް ބޭރުމީހުންނަކަށް ނުވަދެވެއެވެ! އެހެނަސް ރާއްޖޭގަ، ލޯކަލް މާރުކޭޓްގެ ގޮޅިތަކާއި/ކަންނެލި އޮޑިފަހަރާއި/ރަށްރަށުގަވެސް އެކިއެކި މަސައްކަތުގްރޫޕް ހަދައިގެން އެއްވެސް އިމެއްނެތި ބިދޭސީން އުތުރިއަރަނީއެވެ! މިކަންކަން ހުއްޓުވަން ކިތަންމެ ޤާނޫނެއް އޮތަސް، ކަމާއިބެހޭ ހުރިހާ އެންމެން އަބަދު އޭސީދަަށުގަ ތިބެގެން ބެލީމަ ގޮޅި އަދި އޮޑިވެސް ދިވެއްސެއްގެ ނަންމަތީގަ އޮތްތަނަށްވުރެ ބޮޑުމަންޒަރެއް ނުފެންނާނެއެވެ!
ސަލީމު އިދުރީސް
25 November 2025
ކީންކުރަން ކުދިވިއަފާރި ކުރަންވީ؟ ދައުލަތުގެ ޔުނީފޯމެއް ލެވޭނެ މަގެއް ހޯދައިގެން ޔުނީފޯމު އަޅައިގެން ތިބެ ދައުލަތް ލޫޓުވީމަ މާގިނަ ފައިސާލިބޭ
ޖާބިރު
25 November 2025
ކޮންމެމީހަކުވެސް މޮޅު ރިޕޯޓެއްލިޔާނެ. އެކަމަކު އޭނަ އަތަކުންފަޔަކުން މަސައްކަތެއްނުކުރާނެ. ވާނުވާވެސް ރިޕޯޓުން އެނގޭނެ. ސަޅިބައިސާކެނޑުމުގަ ރޭގަނޑުހަތަރުދަމު ހޭދަކުރާނީ. އޭނަވެސް ގެންގުޅޭނީ ފަރަންޖީން. ދިވެއްސަކު ގެންގުޅެންޏާ މުސާރަކޮޅުވެސް ނުދޭނެ އަނެއްމަހު ހުސްވާއިރުވެސް. ބޭރުމީހާ ހުންނާނެތީއޭ ކިޔާފަ ގެންގުޅޭނީ. ތިކިޔާ ސިޔާމުމެން\ މުސާރަދޭނީ އަނެއްމަސްހުސްވާއިރު. ސަރވިސްޗާޖުގެ ބޮޑުބައި އޭނަގެ އަންބޮނޑިއަށް ލާނީ. ތިޔައީ މިސާލުޖަހާކަހަލަ މީހެއްތަ
އެމްސް
25 November 2025
މޮޅު ރިޕޯޓެއް، އެހެނަސް ދެރަކަމެކެވެ!
ޑރ ވާންޗޯ
25 November 2025
ދިވެހިންގެ ކުދިވިޔަފާރިތަކަށް އޮތިއްޔާއޮތް ޖެއްސުމެއްކޮށްފަ ބަންގާޅީން ކުރާނެވިޔަފާރިއެއް ކުރާނެތަނަކު ކުރަން ދޫކޮށްލާފަ ތިޔަކިޔަނީ ރައިވަރެއް ނޫނީ އަރަތެއްތޯ؟.
އަމޭރު
25 November 2025
މިއުޅޭނީ މައުލޫމާތު ނެތިގެނެއްނޫން. މަވެސް ގައުމަށް ޣައްދާރުވީމާ ވާގޮތް. ރިސޯޓުހަދަން ރަށްނަގާފަ ފަރަންޖީންނަށް ވިއްކާލީމާ، އެވިއްކާލެވުނީ އިގުތިސޯދުންބައެއް. މަގޭނަމުގަ ވިޔަފާރި ރަޖިސްޓަރީ ކޮށްފަ ފަރަންޖީ މީހާލައްވާ ހިންގީމާވެސް އެހެންވާނީ. އެހެންވިޔަފާރިތައްވެސް ވަނީ އެހެން. މައުލޫމާތު އެބަހުރި. ކަންނެތްކަމުން ފުޅައަޅާފަތިބީމާ ވާނީ އެހެން. ހުރިހާ ސިނާއަތަކަށްވެސްވާނީ ހަމައެހެން. ފެންނަނީވެސް އެހެން. ލަދުގަނޭބާ، ދިވެހިންނަށްވީތީ